2009-01-23

ނ.އަތޮޅަކީ ހުސްނޫނެއް ނޫން...


ދިވެހި ބަހުގައި "ހުސްނޫނު" ބޭނުންކުރެވެނީ ބައެއް ބަސްތައް ކިޔުމުގައި އަޑަށް ގެންނަންޖެހޭ ބަދަލެއްގެ ގޮތުންނެވެ. އެބަދަލު އެގޮތަށް ނުގެނެސްފިނަމަ ބައެއް ބަސްތަކުން ދޭހަކުރަން ބޭނުންވާ މާނައާމެދު އޮޅުން އުފެދި ދާނެއެވެ. މިސާލަކަށް ދަންނަވާނަމަ، ބަނޑު، ކަނޑު، ގޮނޑި، ބޮނޑި ފަދަ ބަސްބަހެވެ. މިބަސްތަކުގައި ހިމެނޭ ހުސްނޫނު ބޭނުން ނުކުރިނަމަވެސް ބަހުގެ އަޑަށް އަންނަ ބަދަލު ފިޔަވާ އިތުރު ތަފާތެއް ނެތެވެ. އެފަދަ ބަހަކުން އިތުރު މާނައެއް ދޭހައެއް ނުވެއެވެ. މިފަދަ ޙާލަތެއްގައި ހުސްނޫނަކީ މާބޮޑު ބޭނުމެއް ނެތް އެއްޗެކޭ ބުނެވިދާނެއެވެ. 

ސަރުކާރުގެ ވެރިންގެ ނަޒަރުގައި، ނ.އަތޮޅަކީ، އަތޮޅުތަކުގެތެރެއިން "ހުސްނޫނު" އެވެ. މާނައަކީ ރާއްޖޭގެ 20 އަތޮޅު ފުރިހަމަ ވަނީ 4 ވަނައަށް އޮންނަ ނ.އަތޮޅުވެސް ހިމަނައިގެންނެވެ. އެހެންނަމަވެސް އެއީކީ މާ މުހިންމުކަމެއް ދޭންވީ އަތޮޅެއް ނޫނެވެ. މިއީ މިގައުމު ދެކެފައިވާ ވެރިންގެ ވިސްނުން ކަމަށް ދަންނަވަން ޖެހެނީ ސަބަބުތައް ހުރެގެންނެވެ. 

މީހުންދިރިއުޅޭ 13 ރަށުގެ މައްޗަށް އެކުލެވޭ ނ.އަތޮޅާމެދު ކުރީގެ ސަރުކާރުން ދީފައިވަނީ ވަރަށްވެސް ކުޑަ ސަމާލުކަމެކެވެ. އަތޮޅުގެ ތަރައްގީއަށްޓަކައި ރައްޔިތުންކުރި އާދޭސްތަކަށް ދީފައިވަނީ ބީރު ކަންފަތެކެވެ. ބީރު މީހާއަށްވެސް ބާރަށް ބުނީމާ އަޑުއިވޭ ފަދައިން، ބައެއް ކަންތައްތައް ވެފައިވަނީ ރޯ ދަރިއަށް ކިރު ލިބޭ ފަދައިންނެވެ. އެއްވެސް ކަމަކަށް ދާއިމީ ހައްލެއް ނެތެވެ. ދާއިމީ ހަމަޖެހުމެއް ނެތެވެ. ރައްޔިތުންނަށް ކުރިއެރުމެއްނެތެވެ. 

ތިރީސް އަހަރުގެ ހިތި ތަޖުރިބާއަށްފަހު، ގިނަ ދިވެހިންނެކޭ އެއްފަދައިން ނ.އަތޮޅުގެ ގިނަބަޔަކުވެސް ވޯޓް ދިނީ "ބަދަލަކަށް" ށެވެ. "ވަޠަންއެދޭ ގޮތަށް" ށެވެ. ބަދަލު ފެންނަމުން އެބަދެއެވެ. ވެރި މީހާއާއި އިސްވެރިން ތަފާތެވެ. ސިޔާސަތުތަކަށާއި އުސޫލުތަކަށްވެސް ބަދަލު އަންނަމުން އެބަ ދެއެވެ. އެބަދަލު ނުފެންނަނީ އަޅުގަނޑުމެންގެ އަތޮޅުންނެވެ. ނ.އަތޮޅުންނެވެ. 

އަދުގެ ސަރުކާރުގެ އިސްވެރިންގެ ދަތުރުތައް ރާއްޖޭގެ އުތުރަށާއި ދެކުނަށް ގިނަގިނައިން ކުރައްވައެވެ. އެއަތޮޅުތަކުގެ ރައްޔިތުންނަށް ތަފާތު އުންމީދުތައް ދެއްވައެވެ. އެހެންނަމަވެސް ނ.އަތޮޅު އޮތީ ހުސްނޫނެއްގެ ގޮތުގައެވެ. ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން، 3 މަސްވާއިރު ސަރުކާރުގެ އިސްވެރިޔަކު ނ.އަތޮޅަށް ވަޑައިގެންނެވިއްޔާ ވަޑައިގެންނެވީ ކެބިނެޓް ސެކްރެޓަރީއެވެ. އަތޮޅުގައި ތަފާތު މައްސަލަތައް ފުނިޖެހިފައި އޮތްއިރު މިނިސްޓަރެއް، ސްޓޭޓް މިނިސްޓަރެއްވެސް ވަޑައި ނުގަންނަވައެވެ. ރައްޔިތުންގެ ހާލު ނުބައްލަވައެވެ. 

ނ.އަތޮޅާއި އެހެން ބައެއް އަތޮޅުތަކާހުރި ތަފާތަކީ، އެ އަތޮޅުތަކުގައި އެއާޕޯޓް އޮވެފައި އަޅުގަނޑުމެންގެ އަތޮޅުގައި އެއާޕޯޓް ނެތުން ކަމަށް ވެދާނެއެވެ. އެހެނަސް މިއީކީ އިންސާފެއް ނޫނެވެ. ވަޠަން އެދުނީ މިގޮތެއް ނޫނެވެ. ވަޠަން އެދުނީ؛ އަތޮޅުތަކުގެ މެދުގައިހުރި ތަފާތުތައް ނައްތާލުމަށެވެ. ތަރައްގީއާއި ތަހުޒީބުގެ ފުރުސަތުތައް ހަމަހަމަ ގޮތެއްގައި މުޅި ރައްޔިތުންނަށް ލިބި ދިނުމަށެވެ. ރައްޔިތުން ތިބި ހާލު ވެރިންގެ ލޮލުން ދެކިލުމަށެވެ. ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމަށެވެ. މިކަންތައް ނުވާނަމަ، ވެރިންގެ ނަމާއި ސިފަ ބަދަލުވުމަކުން ރައްޔިތުންނަށްކުރި ރާހަތެއް ނެތެވެ. ލިބުނު ހަމަޖެހުމެއް ނެތެވެ. 

ނ.އަތޮޅަކީ ހުސްނޫނެއް ނޫނެއް ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންނަށް ދަންނަވަން އޮތީ ހުސްނޫނަކީވެސް ހަމައެކަނި ހުސްތަން ފުރާ އެއްޗެއް ނޫނެވެ. ހުސްނޫނުގެ މުހިންމުކަން ބޮޑުވާ ކިތަންމެ ފަހަރެއްވެސް އާދެއެވެ. ބައެއް ބަސްތައް ބޭނުންކުރުމުގައި ހުސްނޫނު ނުހިމަނައިފިނަމަ، ދޭހަވާ މާނަ ބަދަލުވެއެވެ. ބުނަން ބޭނުންވަނީ ކީކޭކަން އޮޅިދެއެވެ. އެފަދަ ބައެއް ބަސްބަހަކީ، ހަނދު، ކަނޑި، ދަނބު، ވަނދު ފަދަ ބަސްބަހެވެ. މިފަދަ ބަސްތަކުގެ މެދުގައި އޮންނަ ހުސްނޫނު ފާޅުނުކޮށް ބަސްބޭނުންކޮށްފިނަމަ ދޭހަވާނީ އެހެން މާނައެކެވެ.

No comments:

Post a Comment

Your comment is awaiting moderation!