2009-01-02

ނ.ވެލިދޫ 2008


ފާއިތުވި 2008 ވަނަ އަހަރަކީވެސް ފާހަގަކުރެވޭފަދަ ގިނަ ހާދިސާތަކެއް ވެލިދޫގައި ހިނގާފައިވާ އަހަރެކެވެ. ތިރީގައި މިފާހަގަކޮށްލަނީ އޭގެތެރެއިން ބައެއް ކަންތަކެވެ.


5 މާޗް 2008 : މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރަމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހަކު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން ކަމަށް ތުހުމަތުކުރެވޭ 28 ޕެކެޓާއެކު ހައްޔަރުކުރިއެވެ. އެމީހަކީ ވެލިދޫ ޑޭޒީމާގޭ މުޙައްމަދު ނަޖުލާހު 21 އެވެ. 

8 މެއި 2008 : ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް ކޮށްދެއްވާނޭކަމަށް ވިދާޅުވެ، އެކަންތައްތަކަށް އެއްވެސް އަމަލީ ސިފައެއް ނުގެންނަވާ އަތޮޅުވެރިޔާ އަބްދުﷲ ޚަލީލު ވަޑައިގަތުމުން، ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ، އޭނާ ރަށުން ބޭލިއެވެ. 

10 ޖުލައި 2008 : ސާފް ޗެމްޕިއަންޝިޕްގެ ތަށި ވެލިދޫއަށް ގެނައެވެ. އެވަގުތު ބަނދަރުމައްޗަށް އެއްވެފައިތިބި އާންމުންގެތެރޭގައި ތަށި އެރުވުމަށް ތާއީދުކުރި ބަޔަކާ ތަށި އެރުވުމަށް ދެކޮޅު ހެދި ބަޔަކުގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގިއެވެ. މިހަމަނުޖެހުމުގެ ތެރޭގައި ތަށީގައި، "ބަނގްލަދޭޝް 2003" ޖަހާފައި ތަތްކޮށްފައިއިން ޕްލޭޓްކޮޅެއް ބިންމައްޗަށް ވެއްޓުނެވެ. 

14 ޖުލައި 2008 : މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައި، އެ މާރާމާރީ ކޮންޓްރޯލް ކުރަން ދިޔަ ތިން ފުލުހަކަށް ހަމަލަދިނަ މީހަކު ހައްޔަރުކުރިއެވެ. މިމައްސަލައިގާ ފުލުހުން ހައްޔަރުކުރީ ވެލިދޫ މޭވާގޭ ހަސަން ޒަރީރު 26 އެވެ. 

8 އޮގަސްޓް 2008 : މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފަސް ޕެކެޓާއެކު ވެލިދޫން ހައްޔަރުކުރިއެވެ. އެދެމީހުންނަކީ، ވެލިދޫ ބަނަފްސާގޭ މުޙައްމަދު ޙުސައިންފުޅު 28، އާއި ދިލްބަހާރުގޭ އަހުމަދު އިބްރާހީމް 26 އެވެ. 

11 އޯގަސްޓް 2008 : މެއި މަސް ނިމުމުގެ ކުރިން ވެލިދޫ ބިމުން ގޯތި ދެއްވާނޭކަން ރަށުއޮފީހުން އާންމުކޮށްފައި، އެކަން ނުކޮށް ގިނަދުވަސްތަކެއްވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން، ބަޔަކު އޮފީސް ދޮށަށް ޖަމާވެ، އޮފީސް ބަންދުކޮށްނުދީ ހިފެހެއްޓިއެވެ. މި ހިސޯރުކުރުން ހަފުތާއަކަށް ދިގުދެމިގެން ދިޔައެވެ.   

26 އޮގަސްޓް 2008 : ވެލިދޫގެ އިއްޒަތްތެރިއެއް ކަމަށްވާ އިރަމާގޭ ހުސައިން އަބްދުއްރަހުމާން (ޒާހުސޭނު)، މާލޭ އައިޖީއެމް ހޮސްޕިޓަލުގައި ނިޔާވިއެވެ.

28 އޮގަސްޓް 2008 : ސްލިޕްވޭ ސަރަހައްދަށް އެހެލާފައިހުރި ދޯންޏަކުން ވަގަށް ނެގި ގިނަ އަދަދެއްގެ ތަކެތި، ވެލިދޫ ޕޮލިސް ސްޓޭޝަނުން ހޯދިއެވެ. 

30 އޮގަސްޓް 2008 : މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ވެލިދޫން ދެމީހަކު ހައްޔަރުކުރިއެވެ. އެދެމީހުންނަކީ، ވެލިދޫ މޭގަ ހުސައިން އަފުރާހު 23 އާއި، މާލޭ މ.ފެއަލޯން އަހުމަދު ސިޔާދު 22 އެވެ. 

7 ސެޕްޓެމްބަރު 2008 : ރަސްމީ ފުޓްބޯޅަދަނޑުގެ ފަސްގަނޑު ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް ފެށުނެވެ.


22 ސެޕްޓެމްބަރ 2008 : ވެލާނާގޭގައި އިމާރާތްކުރަމުންދިޔަ 4 ބުރީގެ އިމާރާތުގެ 4 ވަނަ ބުރީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ވެއްޓި ވަރަށްބޮޑަށް އަނިޔާވިއެވެ. 

1 އޮކްޓޯބަރު 2008 : ވެލިދޫ ކޯޓްގެ މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި، އެލްޕާސޯ މުޙައްމަދު ޙަލީމް އެ މަގާމުން އިސްތިއުފާ ދެއްވިއެވެ. 

2 އޮކްޓޯބަރު 2008 : މިހާރުގެ ރައީސް، އޭރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި)، ކެމްޕޭން ދަތުރުފުޅުގައި ވެލިދޫއަށް ވަޑައިގެންނެވިއެވެ. 

18 ޑިސެމްބަރު 2008 : ކޯޓްގައި ގާޒީއެއްނެތި ގިނަދުވަސްތަކެއްވެފައިވަނިކޮށް، ދެންތިބި ދެމުއައްޒަފަކު ޗުއްޓީ ނެގުމުން ކޯޓްގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ކޯޓް ކައިރިއަށް ބަޔަކު އެއްވެ އަޑުއުފުލިއެވެ.

No comments:

Post a Comment

Your comment is awaiting moderation!