2009-02-06

ވެލިދޫއަށް ސްލިޕްވޭއެއް މުހިންމުތަ؟


މި މަހުގެ 2 ވަނަ ދުވަހު ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވެލިދޫގެ ރައްޔިތުންނަށް މިހާރު އެންމެ މުހިންމު ވެފައިވަނީ ސްލިޕްވޭއެއް ކަމަށް ވިދާޅުވިއެވެ. މިވާހަކަފުޅު މިމޭރުމުން ރައީސް ވިދާޅުވީ މިސާލެއްގެ ގޮތުންނެވެ. ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކާއި އުންމީދުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން ހާމަކޮށްދެއްވުމުގެ ގޮތުންނެވެ. 
މިފަދަ ނިޔަތެއްގައި ރައީސް ކުރެއްވިކަމެއްގައި ވެލިދޫ އަށް ސްލިޕްވޭ އެއް މުހިންމު ވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށް ވެލިދޫގެ ބައެއް ރައްޔިތުން ބުނެއެވެ. އެފަދަ ފަރާތްތަކުން މިހެންބުނާ އެންމެބޮޑު ސަބަބަކީ މިހާރުވެސް ވެލިދޫގައި ސްލިޕްވޭ އެއް އޮތުމެވެ. ސްލިޕްވޭގެ ޚިދުމަތް އޮޑިވެރިންނަށް ލިބެމުން ދިޔުމެވެ. 


"ވެލިދޫއަށް އެންމެ މުހިންމީ ސްލިޕްވޭއެކޭ ރައީސް ވިދާޅުވީމާ، އެއިން އެ އެނގެނީ ރައީސަށް ވެލިދޫ އެނގިވަޑައިނުގަންނަވާވަރު. ވެލިދޫ ރައްޔިތުން ބޭނުންވަނީ ބަނދަރު މަރާމާތު ކުރަން، ބޭންކް ގާއިމްކުރަން، ނަރުދަމާ ނިޒާމްގެ މަސައްކަތް ފެށުމަށް. ކޮން ސްލިޕްވޭއެއް، މިހާރުވެސް އެއްޗިސް އެހެލާ ބާލާ ސްލިޕްވޭއެއް އެހެރީއެއްނު" ރައީސްގެ ވާހަކަފުޅާ ހިތްހަމަނުޖެހިހުރެ ވެލިދޫ ރައްޔިތަކު ބުންޏެވެ. 

ސްލިޕްވޭ އަކީ ވެލިދޫ ރައްޔިތުންނަށް މައްސަލައެއް ނޫންކަމަށް ބައެއް މީހުން ބުނިނަމަވެސް، އެއީ މައްސަލައެއް ކަމަށްބުނެ ރައީސް ނަޝީދުގެ ވާހަކަފުޅަށް ތާއީދުކުރާ މީހުންވެސް ވެލިދޫގައި އެބަ ތިއްބެވެ. އެފަދަ ފަރާތްތަކުން ބުނާގޮތުގައި ވެލިދޫ ސްލިޕްވޭ އަކީ އެކަށޭނަ ޚިދުމަތް ދިނުމަށް ނުކުޅެދޭ ތަނެކެވެ. އަދި އެތަނުގައި އިސްލާހުކުރުމަށް ވެލިދޫ އޮފީހުން އަންގާފައިވާ ބައެއް ކަންތައްތައް އަދިވެސް ފުރިހަމަ ނުކޮށް ވާކަމަށް އެފަދަ ފަރާތްތަކުން ހާމަކުރެއެވެ. އޭގެތެރޭގައި ސްލިޕްވޭއަށް އެހެލާ އޮޑިދޯނިފަހަރުގެ ފަޅުވެރިންނަށް ފާޚާނާކޮށް ފެންވެރޭނޭ ފަސޭހަ އުސޫލެއް ހަމަޖެހިފައި ނެތުން ހިމެނެއެވެ. 

މީގެ އިތުރުން ވެލިދޫއަށް އެހެލާ އޮޑިދޯނިފަހަރަށް މިހާރު އޮތް ސްލިޕްވޭ ކުޑަވެފައިވާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.
"ސަފާރީ ބޯޓް ފަހަރު އާންމުގޮތެއްގައި މި އެހެލަނީ އެއް ދުވަސްވަރެއްގައި، އެދުވަސްވަރު ސްލިޕްވޭއިން ޖާގައެއް ލިބުން އެހާ އުނދަގޫ. އަނެއްކާ އެތާނގެ ޚިދުމަތްތައްވެސް ފުރިހަމައެއް ނޫން. ސްލިޕްވޭގެ ފެންވަރު ރަނގަޅުނުކުރާނަމަ، އެހެން ސްލިޕްވޭއެއް ވެލިދޫއަށް ހަމަ މުހިންމު. ރައީސް ހަމަ އެ ވިދާޅުވީ ރަނގަޅަށް" ފުޅާދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ވެލިދޫ ރައްޔިތަކު ބުންޏެވެ. 

ވެލިދޫއަށް އެންމެ މުހިންމީ ސްލިޕްވޭއެއްތޯ؟ ބަނދަރެއްތޯ؟ ބޭންކެއްތޯ؟ ނަރުދަމާ ނިޒާމެއްތޯ ނިންމާނީ ރައްޔިތުންނެވެ. ވެލިދޫ ރައްޔިތުންގެ އަޑު އިވޭ ފަށަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ވަގުތު މިވަނީ ކުޑަތަންވެފައެވެ. ރައްޔިތުންގެ އެދުމާއި އުންމީދުތައް ދަންނަވާށެވެ. އޭރުން ވެލިދޫ ރައްޔިތުން ބޭނުންވާ އެންމެ މުހިންމު ކަންކަމަކީ ކޮބައިކަން ސީދާ ރައީސަށްވެސް އެނގިވަޑައިގަންނަވާނެއެވެ.

No comments:

Post a Comment

Your comment is awaiting moderation!