2008-11-05

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް



ކުރިއަށް އޮތް ފަސްއަހަރަށް ރާއްޖޭގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އަލްފާޟިލް މުޙައްމަދު ނަޝީދަށް 

ވެދުމާއި ސަލާމް މި އަރިސްކުރަނީ މަރުޙަބާގެ ގުލްދަސްތާ ވެދުންކުރަމުންނެވެ. 

މަނިކުފާނެވެ. ރިޔާސީ އިންތިޚާބުގައި މައުމޫން ބަލިކުރައްވައި މަނިކުފާނު ހޯއްދެވި ކާމިޔާބަކީ ދިވެހި އެތައް ރައްޔިތުންނެއްގެ ބުރަމަސައްކަތުގެ ނަތީޖާއެވެ. މައުމޫންގެ ދިގު ވެރިކަން ދެކެ ފޫހިވެފައި ތިބި މީހުންގެ މަސައްކަތެވެ. މައުމޫންގެ ސަރުކާރުން އަނިޔާއާއި ހިތްދަތިކަން ލިބިފައިތިބި މީހުންގެ ހިތްވަރެވެ. އާވެރިޔަކު ދުށުމަށް މަސައްކަތްކުރި މީހުންގެ އުންމީދެވެ. ބަދަލަށްޓަކައި އަޑުއުފުލި އެންމެންގެ ބަދަލެވެ. ﷲ ގެ ހަޟުރަތުގައި ދުޢާ ދެންނެވި އެތައް އަޅުންނެއްގެ ދުޢާ އިޖާބަކުރެއްވުމެވެ. 


ތިރީސް އަހަރަށް ދިގުދެމިގެންދިޔަ، މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަސައްކަތް ކުރީ އެންމެހާ ދިވެހިންނެވެ. މުޅި ދިވެހި ރައްޔިތުންނެވެ. އޭގެތެރޭގައި ހުރިހާ ޕާޓީއަކަށް ނިސްބަތްވާ މެންބަރުންވެސް ހިމެނެއެވެ. އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ދިވެހިރައްޔިތުންވެސް ހިމެނެއެވެ. 


ކުރިއަށް އޮތީވެސް މުހިންމު މަސައްކަތެކެވެ. ރައްޔިތުންގެ ކުރިމަތީގައި ވެފައިވާ ވައުދުތައް ފުއްދެވުމުގެ މަސައްކަތެވެ. އެމަސައްކަތްތައް ރައްޔިތުންނަށްޓަކައި ކޮށްދެވޭނީ އެތެރޭގެ ހަމަޖެހުމާއެކުއެވެ. ބަހުސާއި މަޝްވަރާގެތެރެއިން ވެރިންގެ ޚިޔާލާއި ފިކުރު އެއްގޮތް ކުރެވިގެންނެވެ. ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގާއިމް ކުރެވިގެންނެވެ. މިފަދަ މުހިންމު ގުޅުންތަކެއް ރައްޔިތުންގެ މެދުގައި އުފެދޭ ހުށީ ވެރިން ދައްކަވާ ނަމޫނާއިންނެވެ. 


ރައްޔިތުންގެތެރެއިން ގިނަބަޔަކު ދިރިއުޅެނީ ހާސްކަމުގައިކަން ޚުދު މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. އެއީ އަޅުގަނޑުމެންގެ މުޖްތަމަޢުގެ ކަންކަން ހުރި ގޮތުގެ ސަބަބުން އުފެދިފައިވާ ހާސްކަމެވެ. ރައްޔިތުންގެތެރެއިން ގިނަބަޔަކު މަނިކުފާނަށް ވޯޓުދިނީ، އެހާސްކަން އިތުރަށް ތަހަންމަލުކުރަން ބޭނުން ނުވާތީއެވެ. ހަމަޖެހޭ އުފާވެރި މުސްތަގުބަލެއް ބޭނުންވާތީއެވެ. މިދެންނެވިފަދަ އުންމީދީ ރައްޔިތުންގެ އުންމީދުތަކަށް ހުރަސް އެޅޭފަދަ ކުޑަވެސް އަޑެއް އިވުމަކީ އެރައްޔިތުން ނާއުންމީދުވާނެ ކަމެކެވެ. މަނިކުފާނާއި މަނިކުފާނުގެ ސަރުކާރާ މެދު އިތުބާރު ކުޑަވާނެ ކަމެކެވެ. 


މިވާހަކަ މިފަދައިން މިދެންނެވީ، މަނިކުފާނުގެ ސަރުކާރު އެކުލަވައިލެއްވުމުގައާއި ސަރުކާރު ހިންގެވުމުގައި ރައްޔިތުންގެ އެދުމާއި އިޙްސާސާއި ޝުޢޫރުތަކަށް އިޙްތިރާމް ކުރެއްވުން އަދައިގެންނެވެ. ވަކި ބަޔަކަށް، ވަކި ޕާޓީއަކަށް އިސްކަން ދެއްވުމުގެ ބަދަލުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން ނިޔާ ކަނޑައެޅުއްވުމަށް ހަނދުމަކޮށް އެރުވުމަށެވެ. މިވާހަކަ މިގޮތަށް ދެންނެވުމުގައި އަޅުގަނޑުގެ މާބޮޑު ހައިސިއްޔަތެއް ނެތެވެ. ހަމަ އެކަނި ހައިސިއްޔަތަކީ، ދިވެހި ގައުމަށް ހަމަޖެހުމާއި ކުރިއެރުމާއި ފާގަތިކަމަށް އަބަދުވެސް އެދޭ، ދިވެހި ރައްޔިތަކަށް ވުމުގެ ހައިސިއްޔަތެވެ.

No comments:

Post a Comment

Your comment is awaiting moderation!