2008-06-27

ސަރުކާރާއި ވެރިންގެ މުސާރަތައް ބޮޑުވާއިރު، ޕްރައިވެޓް ސެކްޓަރގެ މުސާރަތައް އެއްވަރެއްގައި ހިފެހެއްޓިފައި


މިހާރު އިވޭ އެންމެ އާންމުއަޑަކީ ތަކެތީގެ އަގުއުފުލޭ އަޑެވެ. ޚިދުމަތުގެ އަގު އުފުލޭ އަޑާއި ކާބޯތަކެތީގެ އަގު އުފުލޭ އަޑެވެ. އާންމު ދިރިއުޅުމަށްޓަކައި، އާންމުން ކުރަންޖެހިފައިވާ ހޭދަ މިއަދު މިވަނީ ބޮޑު ވެފައެވެ. ނުތަނަވަސްކަން މިވަނީ އިތުރުވެފައެވެ. މިހެންކަމާއެކު، އެންމެންގެވެސް ކަންބޮޑުވުމަކަށް ވެފައިވަނީ ލިބޭ ފައިސާ އިތުރުކުރާނެގޮތަކާ މެދުއެވެ.

ޚިދުމަތް ދެއްވާފަރާތްތަކުން ޚިދުމަތުގެ އަގުބޮޑުކުރެއެވެ. ވިޔަފާރި ކުރައްވާ ފަރާތްތަކުން އެމީހުން ވިއްކާތަކެތީގެ އަގުބޮޑުކުރެއެވެ. މުސާރަ ބޮޑުކުރެވޭ ހިސާބުގައި ތިއްބެވި ބޭފުޅުން، އެބޭފުޅުންގެ މުސާރަ އަމިއްލަފުޅަށް ބޮޑުކުރައްވައެވެ. ގޮތެއް ނެތީ މެދު ފަންތިއާއި ދަށު ފަންތީގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށެވެ. ސަރުކާރު މުވައްޒަފުންނަށްވުރެވެސް ބޮޑަށް ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.


ސަރުކާރު މުވައްޒަފުންގެ މުސާރަ މިއަހަރުގެ ޖެނުއަރީމަހު ބޮޑުކުރިއިރު 20 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގެ އަދަދަކަށް ބޮޑުކުރިއެވެ. އެހެންކަމާއެކު، ސަރުކާރުގައި އުޅޭ މަސައްކަތު މީހަކަށް ލިބުނު 1600ރ. ގެ ބަދަލުގައި މުސާރައިގެ 60 ޕަސެންޓަށްވާ 960ރ. ބޮޑުކުރުމުން  މަހަކު 2560ރ. ލިބެ އެވެ. 2170ރ. ލިބުނު ސެކްރެޓަރީ ފެންވަރު މީހެއްގެ މުސާރަ އަށް، މުސާރައިގެ 57 ޕަސެންޓަށް ވާ 1236.9ރ. ބޮޑުކުރުމުން 3406.9ރ. ލިބެއެވެ. 3180ރ ލިބުނު އެސިސްޓެންޓް ޑިރެކްޓަރުންގެ މުސާރައަށް 40 ޕަސެންޓަށްވާ، 1272ރ ބޮޑުކުރުމުން މަހަކު 4452ރ އެވެ. 6610ރ. ލިބޭ އެގްޒެކްޓިވް ޑިރެކްޓަރުންގެ މުސާރައިގެ 20 ޕަސެންޓަށްވާ 1322ރ. ބޮޑުކުރުމުން 7932ރ. ލިބެ އެވެ.

މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މުސާރަ މިއަހަރުގެ ފެބްރުއަރީ މަހު 60 ޕަސެންޓް ބޮޑު ކުރެއްވި އެވެ. މިނިސްޓަރުންގެ ނައިބުންގެ މުސާރަ 28 ޕަސެންޓް ބޮޑު ކުރެއްވިއެވެ. މިނިސްޓަރެއްގެ މުސާރަ ބޮޑުކުރައްވައިފައި ވަނީ 26500ރ އިން 42500ރ. އަށެވެ. ސްޓޭޓް މިނިސްޓަރެއް މުސާރަ ބޮޑުކުރައްވައިފައި ވަނީ 20000ރ. އިން 32000ރ. އަށެވެ. މިނިސްޓަރުންގެ ނައިބުންގެ މުސާރަ 16000ރ އިން 20500ރ. އަށް ބޮޑުކުރެއްވި އެވެ.


މިބަދަލުކުރުމުގައިވެސް އެއް މިންގަނޑަކުން އަމަލުކުރައްވާފައެއް ނުވެއެވެ. އެގްޒެކްޓިވް ޑިރެކްޓަރުންގެ މުސާރަ 20 ޕަސެންޓް ބޮޑުކުރެއްވިއިރު، ނައިބުންގެ މުސާރަ 28 ޕަސެންޓް ބޮޑުކުރައްވައި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ މުސާރަ 60 ޕަސެންޓް ބޮޑުކުރެއްވީ އެވެ. ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މުސާރަބޮޑުކުރެއްވީވެސް ތަފާތުކުރުން ބޮޑު މިންގަނޑަކުންނެވެ. ގްރޭޑްތަކުގެ ނިސްބަތުން މުސާރައަށް ބަދަލު ގެންނެވިއިރު، އެއްބަޔަކަށް 35 ޕަސެންޓް ބޮޑުވިއިރު، އަނެއްބަޔަކަށް 37 ޕަސެންޓް ބޮޑުވިއެވެ. އަދި އަނެއްބަޔަކަށް 40 ޕަސެންޓްވެސް ބޮޑުވިއެވެ. ދާދި މިދާކަށްދުވަހު މިފެނުނީ މުދައްރިސުންގެ މުސާރައާއި އެލަވަންސާމެދު ހިތްހަމަ ނުޖެހިގެން އެމީހުންގެ ޝުއޫރު ފާޅުކުރާތީއެވެ. ގަވަރުމަންޓް ސެކްޓަރގައި މުވައްޒަފުންގެ މުސާރަތައް ކަނޑައަޅުއްވާއިރު ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ތަފާތު މައްސަލަތައް ދިމާވެފައި އެބަހުއްޓެވެ. އެއްބަޔަކަށް މުސާރަ ބޮޑުކުރުމުން، އަނެއްބަޔަކު އެކަމަށް ޑިމާންޑްކުރުމުން ކުރިން ބޮޑުކޮށްދިން މީހުންނަށްވުރެ ބޮޑު މުސާރައެއް ފަހުން ބޮޑުކޮށްދޭ މީހުންނަށް ބޮޑުކޮށްދެއެވެ. އޭރު އޮންނަނީ ކުރިން ބޮޑުކޮށްދިން މީހުންނަށް ބޮޑުކޮށްދޭންޖެހިފައެވެ. މިކަމަށް ނިމުމެއް ނެތެވެ. މިކަން ހިނގަމުންދާގޮތް އެންމެ ވައްތަރީ ''ރާމާމަކުނުގެ ބޯކިބާ ބެހުމާ'' އެވެ.

އަތޮޅުވެރިންނަށް ދެއްވާ މުސާރަ ކުޑަކަމުގެ ވާހަކަ ކުރީގެ އެޓޮލްސް މިނިސްޓަރު މުހަންމަދު ވަހީދުއްދީން ދެއްކެވިއެވެ. މުސާރަ ބޮޑުކުރައްވާނޭ ކަމުގެ ޚަބަރުވެސް ދެއްވިއެވެ. އެހެންނަމަވެސް، އެޓޮލްސް މިނިސްޓަރުކަން ދޫކުރައްވާ އެބޭފުޅާ ޔޫތު މިނިސްޓަރަކަށް ވެވަޑައިގެންނެވިއިރުވެސް، އަތޮޅުވެރިންގެ މުސާރައިގެ ކަންތައް އޮތީ ހަމަނުޖެހިއެވެ. އެކަން އެގޮތަށްވެފައިވާތީ ވަހީދުއްދީން ވަނީ އަތޮޅުވެރިންގެ އަރިހުން މާފަށްވެސް އެދިވަޑައިގެންފައެވެ. އެންމެފަހުން އަތޮޅުވެރިންގެ މުސާރަ 35000ރ އަށް ބޮޑުކޮށްފައި ވަނީ ފާއިތުވި މެއި މަހުގެތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެބޭފުޅުންގެ މުސާރައާއި އިނާޔަތް ވަނީ މި ހިނގާ ޖޫން މަހު ބޮޑު ކުރައްވާފައެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މަހު 62500ރ ލިބެއެވެ.

މީގެ އިތުރުން ސިވިލްސާވިސް ކޮމިޝަނަށާއި ހިއުމަންރައިޓްސް ކޮމިޝަންގެ މެންބަރުންނަށް އެކަށޭނަ މުސާރައާއި އެލަވަންސް ހަމަޖެއްސެވުމާއި އޮޑިޓަރ ޖެނެރަލަށް މުސާރައާއި އެލަވަންސްގެ ގޮތުގައި 100000ރ ހަމަޖެއްސުމާއި ގާޒީންނާއި މެޖިސްޓްރޭޓުންގެ މުސާރަ 13 ޕަސެންޓާއި 50 ޕަސެންޓަށް ބޮޑުކުރައްވައިފިއެވެ.

މިބަދަލުތަކާ އެކުއެކީގަހެން ތަކެތީގެ އަގާއި ޚިދުމަތުގެ އަގު އުފުލެންފެށިއެވެ. ވާނީވެސް އެހެންނެވެ. އެއްބަޔަކު އާމްދަނީ ހޯދަނީ އޮފީސް މޭޒު ދޮށުގައި އިނދެގެން ވަޒީފާ އަދާކޮށްގެން ކަމަށްވިޔަސް އަނެއްބަޔަކު އާމްދަނީ ހޯދަނީ އެމީހުންކުރާ މަސައްކަތްތަކުން އަގު ހޯދައިގެންނެވެ. އަނެއްބަޔަކު ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތަކީ ވިޔަފާރި ކުރުމެވެ. އާންމު އެތައްބަޔެއްގެ މުސާރަތައް އުފުލޭ އަޑާއެކު، ތަކެތީ އަގު ބޮޑުވުމަކީ މިހާރު އާންމުވެފައިވާ އުސޫލެކެވެ. މި އުސޫލުން ކަންކުރެވުނު ނަމަވެސް މުސާރަ ބަދަލުވުމެއްނެތި ގިނަބަޔަކު ވަޒީފާ އަދާކުރަމުންދާ ދާއިރާ އަކީ ޕްރައިވެޓް ސެކްޓަރ އެވެ.

އަމިއްލަ މީހުން ކައިރީ ވަޒީފާ އަދާކުރާ ފަރާތްތަކަށް، ސަރުކާރު މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތަކެއް ނާދެއެވެ. އެބައިމީހުންގެ މުސާރަ ބޮޑުވާއިރު، ބޮޑެއްވެސް ނުވެއެވެ. އެހެންނަމަވެސް، އެކަންކަމާ ގުޅިގެން ތަކެތީގެ އަގަށާއި ޚިދުމަތުގެ އަގަށް އަންނަ ބަދަލުގެ އަސަރު އެމީހުންނާއި އެމީހުންގެ އާއިލާއަށްވެސް ފޯރައެވެ.

އެހެންނަމަވެސް، އަނެއްކާވެސް އިވެނީ ސިވިލްސާވިސް މުވައްޒަފުންގެ މުސާރަބޮޑުކުރުމަށްޓަކައި ސިވިލްސާވިސް ކޮމިޝަނުން މިނިސްޓަރ އޮފް ފިނޭންސާ މަޝްވަރާ ކުރައްވާ ވާހަކައެވެ.

މިފަދައިން ކަންތައްތައްވަމުން ދާއިރު، ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އުފާވެރި ޚަބަރެއް ނެތެވެ. ވަޒީފާއާބެހޭ ގާނޫނު ތަސްދީގުކުރެއްވިއިރު، ޕްރައިވެޓް ސެކްޓަރ ގައި މަސައްކަތްކުރާ އެންމެ ގިނަ މުވައްޒަފުން ހިމެނޭ ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އޮތީ އިސްތިސްނާ ކޮށްފައެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ޓީޗަރުން އެބައިމީހުންގެ އަޑުއުފުލައި ޝުއޫރު ފާޅުކުރައްވައިފި އެވެ. މުސާރަ ބޮޑު ކޮށްނުދޭނަމަ، ކިޔަވައިދިނުމަށް ސްކޫލްތަކަށް ނުގޮސް ތިބުމުގެ ޚިޔާލުވެސް ފާޅުކުރައްވައިފިއެވެ. މިޚަބަރުތަކާއެކު، ޓީޗަރުންގެ މުސާރަ ބޮޑުކުރައްވާނޭކަމުގެ ސިގްނަލްތައްވެސް ފެންނަންފަށައިފިއެވެ.

ޕްރައިވެޓް ސެކްޓަރ ގައި ވަޒީފާ އަދާކުރައްވާ ފަރާތްތަކުން، މަދަނީ ބަސްނޭހުމަކަށް ގޮސްފިނަމަ ކިތަންމެ ދާއިރާއެއްގެ ކިތަންމެ މަސައްކަތެއް ހުއްޓޭނެއެވެ. ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މީހުން އެމީހުންގެ މަސައްކަތުން އަތްވީއްލައިގެން އެންމެދުވަހެއް ހޭދަކުރިޔަސް ޓޫރިސްޓުންނަށް ޚިދުމަތްދިނުން ހުއްޓުމަކަށް އަންނާނެއެވެ. އެފަދަ ހުއްޓުމެއް ރާއްޖޭގެ ޓޫރިޒަމަށް އައުން ވާނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ޖެހޭ ނުހަނު ބޮޑު ލައްގަނޑަކަށެވެ. އެދާއިރާއަށް ލިބޭނެ ނުހަނުބޮޑު ގެއްލުމަކަށެވެ. އެވާހަކަ މުޅި ދުނިޔޭގެ މީޑިއާގައި އާންމުވާނެއެވެ.

އެފަދަ ހާލަތަކަށް ކަންތައް ދިޔުމަކީ ސަރުކާރުންވެސް، އަމިއްލަ ވިޔަފާރިވެރިންވެސް އަދި ދިވެހި ރައްޔިތުންވެސް އެދޭނެ ކަމެއް ނޫނެވެ. ވީއިރު މިފަދަ ކަންތައްތަކަށް ފުރުސަތު ނުލިބޭނޭ ފަދައިން އަމަލުކުރުން މިއީ މިއަދު މަޖުބޫރުވެފައިވާ ކަމެކެވެ. އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމަށް ސަރުކާރުން ކެމްޕޭން ކުރައްވާ ފަދައިން، ސަރުކާރު މުވައްޒަފުންނާއި އާންމު މުވައްޒަފުން ހަމަހަމަ ކުރުމުގެ މަސައްކަތް ކުރައްވަން އެބަޖެހެއެވެ. ވަޒީފާގެ ހިމާޔަތާއި އިނާޔަތާއި މުސާރައިގައިވާ ބޮޑެތި ފަރަގުތައް ކުޑަކޮށް އެއް މިންގަނޑަކުން މުސާރައާއި އެލަވަންސް ލިބޭނޭގޮތް ހަދަން އެބަ ޖެހެއެވެ.

No comments:

Post a Comment

Your comment is awaiting moderation!