2008-07-11

ރައީސް މައުމޫންގެ ކެބިނެޓުން ޑޮކްޓަރުން ހުސްވުން


ފުރަތަމަ ޕީއެޗްޑީ ހައްދަވައިގެން ޑޮކްޓަރ ކަމުގެ ލަގަބާއެކު، ރާއްޖެ ވަޑައިގެންނެވި ބޭފުޅާއަށް ރައީސް މައުމޫންގެ ކެބިނެޓުން ޖާގަ ލިބިވަޑައި ނުގަތްނަމަވެސް، އޭގެ ފަހުން ވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ވަނީ ޖާގަ ލިބިވަޑައިގެންފައެވެ. ތިރީސް އަހަރު މައުމޫން ވެރިކަން ކުރައްވާއިރު ކެބިނެޓާ ގުޅިވަޑައިގަންނަވާ ޕީއެޗްޑީ ހޯލްޑަރުންނަށް މަގާމުގައި މާގިނަދުވަހު ދެމިތިއްބެވޭ ގޮތެއް ނުވެއެވެ.


ރައީސް މައުމޫންގެ ކެބިނެޓާ އެންމެފުރަތަމައަށް ގުޅިވަޑައިގެން ޕީއެޗްޑީ ހޯލްޑަރަކީ ޑރ.މުހައްމަދު މުނައްވަރެވެ. 1993 ކުން 2003 ކަށް ރައީސް މައުމޫން ސަރުކާރުގައި އެޓާނީޖެނެރަލްކަން ކުރެއްވިއެވެ.

މީގެ ފަހުންވެސް، ޑޮކްޓަރު ކަމުގެ ލަގަބާއެކު ވަޑައިގެންނެވި ތަފާތު ބޭބޭފުޅުން ވަނީ ރައީސް މައުމޫންގެ ކެބިނެޓާ ގުޅިވަޑައިގަންނަވާފައެވެ. އެހެންނަމަވެސް، ކޮންމެވެސް ހިސާބަކުން އެބޭފުޅުން ވަނީ ކެބިނެޓާ ދުރަށް ވަޑައިގަންނަވަން ޖެހިފައެވެ. އެފަދަ ބޭފުޅުންގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓަރުކަން ފުރުއްވި ޑރ.މުޙައްމަދު ލަތީފް އާއި ޓޫރިޒަމް މިނިސްޓަރުކަން ފުރުއްވި ޑރ.މުސްޠަފާ ލުތުފީ ހިމެނިވަޑައިގަންނަވައެވެ.

ރައީސް މައުމޫންގެ ސިޔާސީ ދެކޮޅުވެރިން އިތުރުވެ، މައުމޫންގެ ސަރުކާރަށް ކުރަންފެށި ޕްރެޝަރުތައް މައިތިރި ކުރުމުގެ މަސައްކަތް ކެބިނެޓްގައި ތިއްބަވައިގެން ކުރެއްވީވެސް ދެ ޑޮކްޓަރުންނެވެ. ބަންޑާރަ ނައިބު ކަމުގެ މަގާމުގައި ހުންނެވި ޑރ.ހަސަން ސައީދާއި ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ.އަހުމަދު ޝަހީދެވެ. ރައީސް މައުމޫންގެ ސަރުކާރާމެދު ހިތްޕުޅު ހަމަނުޖެހިގެން ފާއިތުވި އަހަރުތެރޭގައި މިދެބޭފުޅުން އިސްތިއުފާ ދެއްވިއެވެ.

އޭގެ ފަހުން، ދާދި މިދާކަށްދުވަހާ ޖެހެންދެން ކެބިނެޓްގައި ހުންނެވި ހަމައެކަނި ޑޮކްޓަރަކީ، ޓޫރިޒަމް މިނިސްޓަރު ޑރ.މަހުމޫދު ޝައުގީ އެވެ. އެންމެފަހުން ޑރ.ޝައުގީ އިސްތިއުފާ ދެއްވުމުން މައުމޫންގެ ކެބިނެޓުން ޑޮކްޓަރުން ހުސްވީއެވެ.

No comments:

Post a Comment

Your comment is awaiting moderation!