2008-06-20

ޑިމޮކްރަސީއަކީ މިއީ ނޫންތޯ


އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި ޑިމޮކްރެޓިކް ޕާޓީގެ ދެކެންޑިޑޭޓުން ކުރެއްވި މަސައްކަތް ނިމުމަކަށް އައިއްސިއެވެ. ހުރިހާ ސްޓޭޓެއްގައި ޕާޓީގެ ރިއާސީ ޕްރައިމަރީ ބާއްވައިފިއެވެ. ޕާޓީގެ ރިއާސީ ޓިކެޓް ކާމިޔާބު ކުރުމަށް އެންމެ މަދުވެގެން ބޭނުންވާ 2118 ޑެލިގޭޓުން ބަރަކް އޮބާމާ ހޯއްދަވައިފިއެވެ. ޑިމޮކްރޭޓުންގެ ރިޔާސީ ކެނޑިޑޭޓަކީ ޚުދު އޭނާ ކަމުގައި އޮބާމާ އިއުލާން ކުރައްވައިފިއެވެ. ހިލަރީ ކްލިންޓަން ބަލި ގަބޫލުކުރައްވައިފިއެވެ. އޮބާމާއަށް ވެރިކަން ހޯދައިދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ހިލަރީ އިއުލާންކުރައްވައިފިއެވެ. ޑިމޮކްރެސީ އަކީ މިއީ ނޫންތޯއެވެ؟


ގާތްގަނޑަކަށް ސަތާރަމަސްދުވަހަށް ދިގުދެމިގެން ދިޔަ، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީ ކެމްޕޭނަކީ އެމެރިކާގެ ތާރީޚްގައި ގިނަ ގޮތްގޮތުން ފާހަގަކުރެވުނު ކެމްޕޭނެކެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ ދެކެނޑިޑޭޓުންގެ ވާދަވެރިކަން ބޮޑުކަމާއި ކެމްޕޭނަށްޓަކައި ދެފަރާތުންވެސް ކުރެއްވި ޚަރަދުގެ ބޮޑުކަމެވެ. ދެ ކެނޑިޑޭޓުންވެސް ވަރަށް ކައިރިކައިރިން ވާދަކުރެއްވި މި ޕްރައިމަރީގައި 34 ސަރަހައްދެއްގެ އިންތިޚާބުން އޮބާމާ ކާމިޔާބު ހޯއްދެވިއިރު 19 ސަރަހައްދަކުން ހިލަރީ ކާމިޔާބު ހޯއްދެވިއެވެ. ވޯޓް ދިން މީހުންގެ އަދަދުން ބަލާއިރު ހިލަރީ އުޅެނީ އޮބާމާއަށްވުރެ ކުރީގައެވެ. ނަމަވެސް، 2187 ޑެލިގޭޓުން އޮބާމާ ހޯއްދެވިއިރު، ހިލަރީއަށް ހޯއްދެވުނީ 1927 ޑެލިގޭޓުންނެވެ. ފޯރިޔާއެކު ދިގުދެމިގެންދިޔަ ކެމްޕޭންގައި ހޫނު ބަހުސްތައް ކުރެވުނެވެ. ސިޔާސީ ހަމަލާތަކުގެ އިތުރުން ޒާތީ ހަމަލާތައްވެސް ދެވުނެވެ.

އެމެރިކާގެ ތާރީޚުގައި ފުރަތަމަފަހަރަށް ކަޅުމީހަކު ރައީސް ކަމަށް ގެނައުމަށްޓަކައި އޮބާމާއާއި އޭނާގެ ސަޕޯޓަރުން މަސައްކަތް ކުރެއްވިއިރު، ކުރީގެ ރައީސް ބިލްކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން މަސައްކަތްކުރެއްވީ އެމެރިކާގެ ފުރަތަމަ އަންހެން ރައީސަށް ވެވަޑައިގަތުމުގެ އުންމީދުގައެވެ.

މި ހިނގާ ޖޫން 3 ވަނަ ދުވަހު އޮބާމާ އޭނާގެ ކާމިޔާބު އިއުލާން ކުރެއްވިނަމަވެސް، ހިލަރީ އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އޭގެފަހުން އާންމުތަނެއްގައި އެއްވެސް ވާހަކައެއް ނުދައްކަވާ ހުންނެވުމަށްފަހު، ހިލަރީގެ ނިންމެވުން އިއުލާން ކުރެއްވީ ޖޫން 7 ވަނަ ދުވަހުއެވެ. "އަހަރެން އޭނާ (އޮބާމާ) އަށް އެއްބާރުލުންދީ ފުރިހަމަ ސަޕޯޓް ދޭނަން'' ބަލިގަބޫލުކުރައްވައި ފުރަތަމައަށް އާންމުންނާ މުޚާތަބުކުރައްވަމުން ހިލަރީ ވިދާޅުވިއެވެ.

ހިލަރީގެ މިވިދާޅުވުމަކީ ބައެއް މީހުން ހީކޮށްގެންތިބި ގޮތާ ޚިލާފް ވިދާޅުވުމެކެވެ. ގިނަބަޔަކު ހީކޮށްގެންތިބީ ހިލަރީ ގޮތްދޫނުކުރައްވާނެކަމަށާއި އަންނަ އޯގަސްޓް މަހު ޑިމޮކްރޭޓުންގެ ރިއާސީ ޕްރައިމަރީ ކެންޑިޑޭޓް ސުޕަޑޭލިގޭޓުން ކަނޑައަޅުއްވަންދެން ހިލަރީ އޮބާމާއާ ވާދަކުރައްވާނެ ކަމަށެވެ. "އަދުގެ ކުޑަކުދިން މާދަމާ ބޮޑުވުމަށްފަހު ގަބޫލުކުރާނެ، އެފްރިކަން އެމެރިކަންއެއް ނުވަތަ އަންހެނަކަށްވެސް މިހާރު އެމެރިކާގެ ވެރިކަން ކުރެވިދާނެކަން'' ކަޅު ނަސްލުގެ ފިރިހެނަކަށްވީތީ އޮބާމާއަށް ޒާތީ ފާޑުކިޔުންތައް އަމާޒުކުރެއްވި ހިލަރީ ބަލިގަބޫލުކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. ޑިމޮކްރަސީ އަކީ މިއީ ނޫންތޯއެވެ.

ހިލަރީގެ މިނިންމެވުމަށް ޝުކުރުއަދާކުރައްވައި އޮބާމާ ދެއްކެވި ވާހަކައިގާ ހިލަރީ ކުރެއްވި ތާރީޚީ ކެމްޕޭނާއި މަސައްކަތަށް އިހްތިރާމް ކުރައްވާ ކަމަށާއި ހިލަރީގެ ކެމްޕޭނުން ކާމިޔާބުތަކެއް ހޯއްދެވިކަމަށް ވިދާޅުވިއެވެ. "އަހަރެންގެ އަންހެންދަރިންނާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އަންހެނުންނަށް ހުރި އެކި ހުރަސްތައް އޭނާ (ހިލަރީ) ވަނީ ފުނޑުފުނޑުކޮށްފައި. އެމީހުންނަށް މިހާރު އެނގޭނެ އެމީހުންގެ ހުވަފެންތަކަށް ވަކި ހައްދެއްނެތްކަން. އޭނާގެ ބާރާއި، ހިތްވަރާއި، އާރުލާ މަސައްކަތުން އޭނާވަނީ އެމެރިކާގެ މަސައްކަތްތެރިންގެ އެތައް މިލިއަން ބަޔަކަށް ކަންކަން ކުރުމުގެ ގާބިލުކަން ހޯދާދީފައި'' ހިލަރީއަށް ޝުކުރުވެރިވަމުން އޮބާމާ ދެއްކެވި ވާހަކައިގާ ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ ޕްރައިމަރީ ނިމުނު އިރު ޑިމޮކްރެޓިކް ޕާޓީ ދެބައިވެފައިވާކަމުގެ ވާހަކަތައް ފެތުރުނެވެ. އެހެންނަމަވެސް ކަންތައް މިވީ ބައެއް ފަރާތްތަކުން ގަބޫލުކުރި ގޮތާ ޚިލާފްގޮތަކަށެވެ. ޑިމޮކްރަސީގެ ރިވެތި ނަމޫނާއާ އެއްގޮތަށެވެ.

ދިވެހިރާއްޖޭގައި، ''ޑިމޮކްރޭޓުން'' ގެ ނަމުގައި އުޅުއްވި ނަމަވެސް މިފަދަ ޑިމޮކްރެސީގެ ރިވެތި މިސާލުތަކެއް ނުފެނެއެވެ. ބަލިވާ ފަހަރު ބަލި ގަބޫލްކުރެވޭ ތަނެއް ނާދެއެވެ. އެއްބައެއްގެ ގޮތުގައި އެއްމިސްރާބަކަށް ދަތުރެއް ނުކުރެވެއެވެ.

ދާދިފަހުން ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ކުރިއަށްދިޔަގޮތާއި، ނިމިދިޔަގޮތާއި، އެއަށްފަހު ވެގެންދިޔަގޮތާމެދު ޚިޔާލުކޮށްފި ކޮންމެ މީހަކަށްމެ މިދެންނެވި މަންޒަރު ނިކަން ފުރިހަމައަށް ފެންނާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ މަގާމަށް ތިން ބޭފުޅަކު ވާދަކުރެއްވިއެވެ. ރައީސް ޑރ.މުޙައްމަދު މުނައްވަރާއި ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރީކޯ މޫސާމަނިކާއި އިސްތިއުފާދެއްވި ޗެއަރޕާސަން މުހަންމަދު ނަޝީދު އަންނި އެވެ. އެންމެ މަގާމަކަށްޓަކައި މި ތިންބޭފުޅުންވެސް ވަރަށް މަސައްކަތް ކުރެއްވިއެވެ. މާނައަކީ ތިންބޭފުޅުންގެ ތެރެއިން ކާމިޔާބުވެވަޑައިގަންނަވާނީ އެއްބޭފުޅަކަށް ކަމާއި އަނެއް ދެބޭފުޅަކަށް ޖެހިވަޑައިގަންނަވާނީ ބަލިގަބޫލުކުރައްވަން އެބޭފުޅުންނަށް ސާފުވެފައި އޮންނާނެ ކަމެވެ.

ފޯރިގަދަގޮތެއްގައި ހިނގާދިޔަ ކެމްޕޭންގައި އެއްބޭފުޅަކު އަނެއްބޭފުޅަކަށް މާބޮޑު ބަހުގެ ހަމަލާތަކެއް ނުދެއްވައެވެ. ތިން ކެނޑިޑޭޓުން އެކުގައި ނޫސްވެރިންނާ ބައްދަލުކުރެއްވި ކުރެއްވުމާއި ތިން ބޭފުޅުން އެކުގައި ބޭއްވި ''ބަހުސް'' ގައިވެސް ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ރޫހެއް ނެތެވެ. އެއްބޭފުޅަކު އަނެއްބޭފުޅަކަށް ގޮން ޖައްސަވައި ރިޔާސީ ކެނޑިޑޭޓަކަށް އެދެބޭފުޅުންނަށްވުރެ ތިމަންނާ އެކަށީގެންވަނީ ކީއްވެތޯ ދެންނެވުމުންވެސް، ވިދާޅުވީ އަޅުގަނޑުމެން މިއުޅެނީ އެކަކު އަނެކަކަށް ގޮންޖަހަން ނޫންކަމަށާއި، އަޅުގަނޑުމެން ތިންމީހުން މިނުކުތީ މައުމޫނަށް ގޮންޖަހަމުން އޭނާގެ ސަރުކާރު ނިމުމަކަށް ގެންނަން ކަމަށެވެ.

ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ހަގީގީ ރޫހު އުފެދިގެން ދިޔައީ އިންތިޚާބަށް ފަހުއެވެ. ފަސްހާހަށްވުރެ ގިނަވޯޓްގެ ތަފާތަކުން އަންނިއަށް ކާމިޔާބު ލިބިގެން، ވޯޓު ގުނުން ހިނގަމުން ދިޔަ މަރުކަޒުގައި އަނެއް ދެ ކެނޑިޑޭޓުން ބަލިގަބޫލު ކުރައްވާ ވާހަކަ ދެއްކެވިއެވެ. މިއީ ޑިމޮކްރެސީގެ ރިވެތި މިސާލެއް ކަމުގައި އެމްޑީޕީގެ މެންބަރުންނާއި އާންމުންވެސް ދެކުނެވެ. އެހެންނަމަވެސް، އޭގެ ފަހުން އިވެންފެށީ ޕާޓީގެ ރައީސް ޑރ.މުނައްވަރު ޕާޓީއާ ފެއަށް ޖެހިވަޑައިގެންނެވި ވާހަކައާއި ރީކޯ މޫސަ ޝަކުވާ ކުރައްވާ ވާހަކައެވެ.

ތެދެކެވެ. ޑރ.މުނައްވަރު ޕާޓީއާ ފެއަށް ޖެހިވަޑައިގެންފިއެވެ. ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވިނަމަވެސް، ޕާޓީގެ އޮފީހަށް ވަޑައިނުގަންނަވައެވެ. ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޕާޓީގެ ކޮންގްރެސް މެންބަރުންތަކެއް އަންނިއާ އެމްޑީޕީއާ ދެކޮޅަށް ކުރައްވާ މަސައްކަތްތަކުގެ ފަހަތުގައި ހުންނެވީވެސް ޑރ.މުނައްވަރު ކަމަށް ގިނަބަޔަކު ބުނެއެވެ. މޫސަގެ ހިތުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާމެދު އޮތްގޮތް، ދިއެފްއެމްގެ ވަންޓުވަން ޕްރޮގްރާމަށް މޫސަ ދެއްވި އިންޓަވިއުއިން ވަރަށް ރަނގަޅަށް އެނގެއެވެ. މިއީ ކަންކަން އިސްލާހުކުރުމަށްޓަކައި ނުވަތަ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރެވޭ މަސައްކަތަކަށްވުރެ ބޮޑަށް މިކަންތައްތަކަކީ ރިޔާސީ ޕްރައިމަރީގެ ނަތީޖާއާމެދު ހިތްހަމަ ނުޖެހިގެން ކުރައްވާ ކަންތައްތައް ކަމަށް ބެލެވެއެވެ. ޑިމޮކްރެސީ އަކީ މިއީތޯއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ކަމުގައި އަންނި ހުންނެވިއިރު، ކަންތައް ކުރެއްވިގޮތާމެދު ހިތްޕުޅު ހަމަނުޖެހޭކަން ރިޔާސީ ޕްރައިމަރީސް ކެމްޕޭން ތެރޭގައި ފާޅުކުރެއްވުނީހެވެ. ނޫސްކޮންފަރެންސްތަކުގައި އިއްލާން ކުރެއްވުނީހެވެ. ބަހުސްގައި އެތައްބަޔަކަށް ފެންނާނޭހެން ސީދާ ދިމާއަށް ވިދާޅުވެވުނީހެވެ. އޭރު އެއް އަޒުމެއްގައި މަސައްކަތްކުރާ އެއްބަޔެކެވެ .ބަދަލުވުން އައީ ނަތީޖާއަށް ފަހު އެވެ. ޑިމޮކްރަސީ އަކީ މިއީތޯއެވެ.

އެމެރިކާގެ ޑިމޮކްރޭޓުންނާ ޚިލާފަށް ރާއްޖޭގެ ޑިމޮކްރޭޓުން ކެމްޕޭންކުރައްވަނީ އެކުވެރި ރޫހެއްގައެވެ. އެއް އަމާޒަކަށް ދަތުރުކުރާ ބައެއްގެ ގޮތުގައެވެ. ވާދަވެރިކަމާއި ދެކޮޅުވެރިކަން އުފެދެނީ އިންތިޚާބުގެ ނަތީޖާއަށް ފަހުއެވެ. އަމާޒު ކަފިކަފިކޮށްލައި މިސްރާބު ބަދަލުކުރައްވަނީ ނާކާމިޔާބަށްފަހު އެވެ. ޑިމޮކްރަސީ އަކީ މިއީއެއް ނޫނެއްނޫންތޯއެވެ.


އެމެރިކާގެ ފުރަތަމަ އަންހެން ރައީސަކަށްވުމުގެ އުންމީދުގައި ޚަރަދުބޮޑު ބުރަ މަސައްކަތްތަކެއް ކުރެއްވި ހިލަރީ ކްލިންޓަން، ބަލިގަބޫލުކުރައްވައި ދެއްކެވި ވާހަކައިގާ އޮބާމާއަށް އޭނާ ތާއީދުކުރައްވާ ފަދައިން އޭނާގެ ސަޕޯޓަރުންވެސް ތާއީދުކޮށް އޮބާމާ އަކީ އެމެރިކާގެ ރައީސް ކަމުގައި ހެދުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ހިލަރީ އިލްތިމާސް ކުރެއްވިއެވެ. "އަހަރެމެން ވާސިލުވާން ބޭނުންވާ ހިސާބަށް ވާސިލުވެވެން ދެން އޮތީ، އެމެރިކާގެ ރައީސްކަމަށް އޮބާމާ ހޮވުމަށް އަހަރެމެންގެ ހުރިހާ ހަކަތައަކާއި، ކެތްތެރިކަމަކާއި، ބާރެއްލައިގެން'' ހިލަރީ ވިދާޅުވިއެވެ. ޑިމޮކްރަސީ އަކީ މިއީ ނޫންތޯއެވެ.

ދިވެހިރާއްޖޭގެ ''ޑިމޮކްރޭޓުން'' ބުނާއަޑު އިވެނީ ރައީސް މައުމޫންގެ ވެރިކަމަށް ދެން މިބިމުގައި ފުރުސަތު ނެތް ކަމަށެވެ. މައުމޫން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިޔަސް ފެއިލްކޮށްލާނެ ކަމަށެވެ. އެހެންނަމަވެސް، ''ޑިމޮކްރޭޓުން'' ގެ މެދުގައި އޮތީ ބައިބައި ވުމެވެ. އެއްމިސްރާބަކަށް ދަތުރުކުރާން ބޭނުންނަމަ، އެއްބައިވާން ޖެހެއެވެ. ހިލަރީ އެދެއްކެވީ އޭގެ މިސާލެކެވެ. ޑިމޮކްރަސީ އަކީ މިއީ ނޫންތޯއެވެ.

No comments:

Post a Comment

Your comment is awaiting moderation!