2008-06-15

މިފަހަރަކީ އަހަރެމެންގެ ފަހަރުކަން ޔަގީންކޮށްދީފި


ސްރީލަންކާގެ ކޮލަންބޯގައާއި ދިވެހިރާއްޖޭގެ މާލޭގައި ސާފް ޗެމްޕިއަންޝިޕް 2008 ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ ތައްޔާރީތައް ވަމުންދިޔައިރުވެސް ދިވެހިން ބުނަމުންދިޔައީ ''މިފަހަރަކީ އަހަރުމެންގެ ފަހަރު'' ކަމުގައެވެ. މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ގައުމީ ޓީމްގެ ބައެއް ކުޅުންތެރިންނާއި މެނޭޖްމަންޓާމެދު ހިތްހަމަނުޖެހުންތަކެއް އުޅޭ ވާހަކަ މީޑިއާގައި އާންމުވިއެވެ. މިއަޑުތަކުން ފުޓްބޯޅައަށް ތާއީދުކުރާ އެތައްބަޔަކު މާޔޫސްވިއެވެ. މިފަހަރަކީ އަހަރުމެންގެ ފަހަރަށް ނުވެދާނެތީ އެތައްބަޔަކު ކަންބޮޑު ވިއެވެ.

ޖޫން 3 ގައި މުބާރާތް މާލޭގައި ފެށިގެން، ކުޅުނު ދެވަނަ މެޗްގައި ދިވެހި ގައުމީޓީމް ޕާކިސްތާނާ ބައްދަލުކޮށް މޮޅުކުޅުމެއް ދެއްކިއެވެ. 0-3 ކުން ކާމިޔާބު ހޯދިއެވެ. ގަލޮޅު ދަނޑުގެ ހަތަރު ބިތުގައި ފޯރިނަގަމުންދިޔަ ދިވެހި ސަޕޯޓަރުންނަށް އުފަލާއި ފޯރި ގެނެސްދިނެވެ. ތަފާތު ތަންތަނުގައި ތިބެގެން ތަފާތު ގޮތްގޮތުން މެޗްގެ ސްކޯރ އެނގުނު ކޮންމެ ދިވެއްސަކަށްވެސް ހިތްހަމަޖެހުން ގެނެސްދިނެވެ.


ދިވެހި ގައުމީޓީމްގެ ދެވަނަ މެޗް އޮތީ 5 ޖޫން ގައެވެ. ބައްދަލުކުރީ ނޭޕާލް އެވެ. މިމެޗްގައިވެސް ރާއްޖެއިން މޮޅު ކުޅުމެއް ދެއްކިއެވެ. 1-4 ކުން މެޗް ކާމިޔާބު ކުރިއެވެ. ސެމީފައިނަލްގެ ޖާގަ ޔަގީންކުރިއެވެ.

ގްރޫޕް އޭ ގެ ސެމީފައިނަލްގެ ޖާގަ ޔަގީންކޮށްފައިވާ އިންޑިއާއާއި ރާއްޖޭގެ މެޗުވެސްވީ މުހިންމު މެޗަކަށެވެ. ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ކަނޑައަޅާ މެޗަށެވެ. ޖޫން 10 ގައި ކުޅުނު މިމެޗްގައިވެސް ދިވެހި ޓީމްގެ ކުޅުންތެރިން މޮޅަށް ކުޅުނެވެ. ނަމަވެސް، 0-1 ކުން މެޗް ކާމިޔާބުކުރީ އިންޑިއާއެވެ. ގްރޫޕް އޭގެ އެއްވަނަ އިންޑިއާ ހޯދުމުން ރާއްޖެއަށް ލިބުނީ ގްރޫޕްގެ ދެވަނަ އެވެ. އަދި ސެމީފައިނަލް ކުޅުމަށްޓަކައި ލަންކާއަށް ދާންޖެހުނެވެ.

ޖޫން 11 ވަނަ ދުވަހު، ލަންކާގެ ސުގަތަދާސް ސްޓޭޑިއަމްގައި ލަންކާއާ ދެކޮޅަށް ރާއްޖެކުޅެ މޮޅުވީ 0-1 ކުންނެވެ. މި މެޗްގެ ނަތީޖާއިން ފައިނަލް ކަށަވަރުވުމުގެ އިތުރުން ރާއްޖޭގެ ޓީމަށާއި ސަޕޯޓަރުންނަށް ލިބުނު ހިތްހަމަޖެހުމަކީ ލަންކާ ދަނޑުގައި ކުޅެގެން ލަންކާ ޓީމު މުބާރާތުން ކަޓުވާލުމުގެ ހިތްހަމަޖެހުމެވެ.

ޖޫން 14 އިގާ ފައިނަލް މެޗްގައި އިންޑިއާއާއި ބައްދަލުކުރި މެޗަކީ އެތައް ގޮތަކުން ރާއްޖޭގެ ރައްޔިތުން ފާހަގަކުރާނެ މެޗެކެވެ. 1-0 ކުން ސަރަހައްދީ ފުޓްބޯޅައިގެ ގަދަ ބާރު އިންޑިއާ ބަލިކޮށް ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރާއްޖެއަށް ރަން މެޑަލް ހޯދިއެވެ. މިއީ ދިވެހިންގެ އެތަށް ދުވަހެއްގެ އުންމީދެކެވެ. އެތައް ކުޅުންތެރިންނަކާއި ސަޕޯޓަރުންގެ ހުވަފެނެކެވެ. "މިފަހަރަކީ އަހަރުމެންގެ ފަހަރު'' ކަމުގައި ބުނަމުން އައީ މިހުވަފެން ހަގީގަތަކަށް ހެދުމުގެ އެދުމާއި ޝައުގުވެރިކަމުގައެވެ.

ސާފް ޗެމްޕިއަންޝިޕް 2008 ގެ ޗެމްޕިއަންކަން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ހޯދުމުގެ އިތުރުންވެސް މިފަހަރަކީ އަހަރުމެންގެ ފަހަރު ކަމަށް ބެލޭނެ އިތުރު ކާމިޔާބުތައްވެސް ވަނީ ރާއްޖޭގެ ކުޅުންތެރިން ހޯދާފައެވެ. ސަރަހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، ރާއްޖޭގެ ޖާޒީ ނަންބަރު 7 އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބުނުއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ 3 ލަނޑު ޖެހި ރާއްޖޭގެ ޖާޒީ ނަންބަރު 5 އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. ވީއިރު، މިފަހަރަކީ ހުރިހާ ގޮތަކުންވެސް އަހަރުމެންގެ ފަހަރުކަން ދިވެހި ކުޅުންތެރިން ޔަގީންކޮށްދީފިއެވެ. ދިވެހި ގައުމީ ޓީމަށް ޝުކުރިއްޔާއެވެ. ދިވެހީންނަށް މަރުޙަބާ އެވެ.

No comments:

Post a Comment

Your comment is awaiting moderation!