2008-03-07

ކުރައްވާ މަސައްކަތެއް، އެމަސައްކަތުގެ ނަތީޖާއެއް ފެންނާކަށް ނެތެވެ.


ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނަކީ ވަރަށް މުހިންމު ބަޔާނެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، ތަފާތު އަހަރުތަކު މަތިން އެދެއްވާ ބަޔާންތަކުގައި އާންމުގޮތެއްގައި ހުންނަނީ އެއް ވާހަކަތަކެކެވެ. ހަރުދަނާ ކުރާ ވާހަކައާއި ފިޔަވަޅު އަޅާނެ ވާހަކައާއި މަސައްކަތް ކުރާ ވާހަކައެވެ. ވާހަކަ ކިތަންމެ އޮމާންވެފައި ފުރިހަމަޔަސް ކުރެވޭ ހަރުދަނާއެއްވެސް އެޅޭ ފިޔަވަޅެއްވެސް، ކުރެވޭ މަސައްކަތެއްވެސް ފެންނާކަށް ނެތެވެ. ފެންނަން އޮތީ ދެކެވުނު ވާހަކައެވެ. ހެއްދެވި އިތުރުފުޅުތަކެވެ.

ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު، އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ ކުރީގެ އަހަރުތަކުގައި އިއްވެވި ރިޔާސީ ބަޔާންތަކުގައިވެސްވާ ވާހަކަތަކެވެ. އެވާހަކަތައް ތަކުރާރު ކުރެއްވިއިރު، އެކަންތައްތައް ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ. އެހެންވުމާއެކު، ކަނޑައެޅި އެނގެންއޮތް ހަގީގަތަކީ ރިޔާސީ ބަޔާނުގައި އިއްވަވާ ވާހަކަތަކުން އެދެވޭ ނަތީޖާއެއް ނުނުކުންނަ ކަމެވެ. ރައްޔިތުން އެކަމުން މަންފާއެއް ނުކުރާ ކަމެވެ.


މިއަހަރު ދިވެހި ސަރުކާރުގެ އެންމެ މަތީ ސިޔާސަތުގެ ތަރަހައިގެ ތެރޭގައި ރާއްޖެއަށް ޒަމާނީ ދީމުޤްރާތީ ނިޒާމެއް ގެނައުމަށް ބޭނުންވާ އިތުރު މަސައްކަތްތައް ކުރުން ހިމެނެއެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރެސީއެއް ގެންނަން ބޭނުންވެގެން ދިވެހިރައްޔިތުން އެކަމަށް ގޮވައިލާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަން އެގޮތަށް ނުވެފައި އޮތީ ސަރުކާރުގެ ސަބަބުންނެވެ. ޑިމޮކްރެސީގެ ރިވެތި އުސޫލްތަކަށް ރައީސް މައުމޫނަށް އަމަލުކުރައްވަން ކެރިވަޑައިނުގަތުމުންނެވެ. ތިމާގެ އަމިއްލަ މަސްލަހަތުގެ ކުރިއަށް ގައުމީ މަސްލަހަތު އިސްކުރެވުނުނަމަ، މިއަދު ޒަމާނީ ދީމުޤްރާތީ ނިޒާމެއް ގެނައުމަށް އިތުރު މަސައްކަތް ކުރައްވާ ވާހަކަ ވިދާޅުވާކަށް ނުޖެހުނީހެވެ.

ސަރުކާރުން ރައްޔިތުންނަށްދޭ ޚިދުމަތްތަކުގައި ލުއިފަސޭހަކޮށްދިނުމާއި، ރައްޔިތުންގެ ފައިދާއަށާއި ތަރައްޤީއަށް މަސައްކަތް ކުރާނެ ކަމަށްވެސް ރިޔާސީ ބަޔާނުގައި ވެއެވެ. ނަމަވެސް، ސަރުކާރުން ހައްދަވާ އާންމު ގަވައިދުތަކާއި ބަދަލުކުރައްވާ އުސޫލްތަކާހުރެ ރައްޔިތުންނަށް ޖެހިފައިވަނީ އުނދަގުލެވެ. ލުއިފަސޭހައިގެ ބަދަލުގައި ވަނީ ދަތި އުނދަގުލެވެ. ފައިދާ އާއި ތަރައްޤީ ފެންނާކަށް ނޯވެއެވެ.

އިޖްތިމާޢީ ދާއިރާއިން ސަރުކާރުގެ ސިޔާސަތަކަށްވާނީ ރާއްޖޭގެ އެންމެންނަށް ތަރައްޤީގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ. ކިތަންމެހާވެސް މުހިންމު ކަމެކެވެ. އެކަމަކު ރާއްޖޭގައި ތަރައްގީގެ ހަމަހަމަ ފުރުސަތުތަކެއް ގާއިމް ވުމުގެ ބަދަލުގައި ފެންނަމުން މިދަނީ މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑު ވާތަނެވެ. މުއްސަނދިކަމާއި ނުފޫޒާއި ބާރު އޮތް މީހާއަށް މޮޅުގޮތެވެ. ނިކަމެތި އާދައިގެ މީހާއަށް ދެރަގޮތެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި، މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި ގައުމު ސަލާމަތްކުރުމާއި، ކުޑަކުދިން އެވަބާގައިޖެހުން ހުއްޓުވުމާއި، އެވަބާގައި ޖެހިފައިވާ މީހުންނަށް ރަނގަޅަށް ފަރުވާދީގެން މުޖްތަމަޢަށް އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވާނޭ ވާހަކަވެސް ވިދާޅުވިއެވެ. ރައީސް މައުމޫންގެ ރިޔާސީ ބަޔާނުގައި މިވާހަކަ މިގޮތަށް ވިދާޅުވިނަމަވެސް ކަން އޮތްގޮތުގެ ހަގީގަތަށް ބަލާއިރު،  މަސްތުވާތަކެތީގެ ނުރައްކަލުގެ ތެރެއަށް ދިވެހި ގައުމު ވެއްޓުނީވެސް ރައީސް މައުމޫންގެ ވެރިކަމުގައެވެ. މަސްތުވާތަކެތީގެ ވިޔަފާރި ފެށި، އެވަބާގައި ކުޑަކުދިންނާއި ޒުވާނުންޖެހި، އެމައްސަލައަށް ހައްލެއް، ހިފެހެއްޓުމެއް ނައިސް، އިތުރުވަމުން މިދަނީވެސް ހަމަ ރައީސް މައުމޫންގެ ވެރިކަމުގައެވެ. ކޮންމެ ރިޔާސީ ބަޔާނެއްގައާއި ގިނަ ތަގުރީރުތަކުގައި މިވާހަކަ ކިތަންމެވަރަކަށް ދެއްކެވިނަމަވެސް، މައްސަލަ ހައްލުނުކުރެވުމުގައި ހަމަގައިމުވެސް ސަބަބެއް އޮންނާނެތާއެވެ.

ރާއްޖެއަކީ އަމާން އަދި އެންމެނަށް ރައްކާތެރި ތަނަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް މައުމޫންގެ ރިޔާސީ ބަޔާނުގައި ވެއެވެ. ރާއްޖޭގެ އަމާންކަން ގެއްލި، ކުށްކުރުން އާންމުވަމުން މިދަނީވެސް އެވާހަކަ އެގޮތަށް ދައްކަވަނި ކޮށެވެ. ބޭރުފުށް ރީތިކުރައްވަން ވާހަކަ ދައްކަވާއިރު، ސަރުކާރުގެ ޒިންމާއާއި މަސްއޫލިއްޔަތުން އެފަދަ ކަންތައް ނުހުއްޓުވި އިތުރުވަމުންދިޔުމީ ސުވާލު އުފެދޭ ކަމެކެވެ.

އިގްތިޞާދީ ދާއިރާއިން ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި، މުދަލާއި ޚިދުމަތުގެ އަގު ބޮޑުވަމުންދާ ދިޔުމުން ރައްޔިތުންނަށް ފޯރާ އަސަރު ކުޑަކުރުމަށްޓަކައި މަސައްކަތް ކުރައްވާނޭ ކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސް މައުމޫން ވިދާޅުވިއެވެ. މުދަލާއި ޚިދުމަތުގެ އަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދާއިރުވެސް އެކަން އެގޮތަށް ވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ކުރެއްވި އެއްވެސް މަސައްކަތެއް ނެތެވެ. ކެމްޕޭނެއްގެ ގޮތުން، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރެއްވިއެވެ. ހަމަ އެޔާއެކު މުދަލާއި ޚިދުމަތުގެ އަގުވެސް އުފުލުނެވެ. ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަށް ގެއްލުމާ ކުރިމަތިލާންޖެހުނުއިރު، ސަރުކާރު މުވައްޒަފުންނަށްވީ ފައިދާއެއްވެސް ނެތެވެ. 

ރިޔާސީ ބަޔާނުގައި ވިދާޅުވާ ސިޔާސަތުތަކާ ޚިލާފަށް ކަންތައްތައް ވުމުގެ އިތުރުން ކުރައްވާނޭ ކަމަށް ވިދާޅުވެ، މުއްދަތާއި ތާރީޚް ދެއްވާފައިވާ އެތައްކަމެއް ނުނިމި ހުރުމީވެސް ރިޔާސީ ބަޔާނުގެ މަޤްސަދާ މެދު ސުވާލު އުފެދޭ ކަމެކެވެ.

ޤުރުޢާން ތަރުޖަމާގެ ވާހަކައަކީ މައުމޫންގެ ވެރިކަން ފެށުނީއްސުރެވެސް އިވެމުން އަންނަ ވާހަކައެކެވެ. ފާއިތުވި އަހަރު ކޮންމެ ގޭބިސީއަކަށް ސަރުކާރުން ނެރުއްވާ ޤުރުއާން ތަރުޖަމާގެ ކޮޕީއެއް ލިބޭނޭ ކަމަށް ވިދާޅުވިނަމަވެސް، އެކަން ވަނީ ނުކުރެއްވިއެވެ. މިހާރު އެޤުރުއާން ތަރުޖަމާގެ 10 ކޮޕީ ރައީސް އޮފީހަށް ލިބިފައިވާކަމަށާއި ވީއެންމެ އަވަހަކަށް ޗާޕްކުރައްވައި ނިންމެވުމަށް ނޮވެލްޓީން ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

ހެލްތު އިންޝުއަރެންސް އާއި ޔުނިވަރސިޓީގެ ޚިދުމަތް ނުލިބުނު ނަމަވެސް، އެވާހަކަ ވިދާޅުވާތާ އެތައް ދުވަހެކެވެ. އެކަންކަން ހާސިލްވާނެކަމަށް ވިދާޅުވާތާ އެތައް ދުވަހެކެވެ. ދެއްވި ތާރީޚްތައް ފަހަނައަޅައި ހިގައްޖެއެވެ. އަނެއްކާ މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް އެވައުދު އާކުރެއްވީ އެވެ.

ލަފާފުރުމުގެ ދަތިކަން އިހްސާސް ކުރަންޖެހިފައިވާ ރަށްރަށުގެ އެމައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް ހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ ސިޔާސަތެއް އެކުލަވާލައްވާނޭ ކަމުގެ ވާހަކައަކީވެސް ވައުދެކެވެ. ފުއްދަވާނެ ދުވަހެއް ގައިމުނުވާ، އެކަމުގެ އަމަލީ މަސައްކަތް ފެނުމެއް ނުވާ ކަންތައްތަކެވެ.

ހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ ސިޔާސަތުގެ ވާހަކަ އާއި ގެދޮރު އިމާރާތް ކުރުމުގެ ތަނަވަސްކަން ލިބިފައިނުވާ މީހުންނަށް ލުއިލޯނު ދެއްވާ ވާހަކަ ދެއްކެވިއިރު، ސަރުކާރުން އުފެއްދެވި، ހައުސިން ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ކޮބައިތޯއެވެ؟ 2007 ވަނަ އަހަރުގެ ކުރީކޮޅު އެތަނުން ދޫކުރާނެ ކަމަށް ބުނި ލޯނުތައް ކޮބައިތޯއެވެ؟ އެތަނުގެ ޗެއަރމަން، އޮޑިޓަރ ޖެނެރަލަށް ހައްދަވައި ކުންފުނީގެ މަސައްކަތް ހުއްޓުވައިލީ ބާއެވެ.

ކޮންމެ އަހަރަކު، ރައީސް ދެއްވާ ރިޔާސީ ބަޔާންތަކަށް ބަލައި ފިކުރުކުރުމުން ފެންނަނީ އެއް ވާހަކަ ތަކެކެވެ. ގައުމުގެ ހާލަތު ބަދަލުވެ ކަންތައްތައް ގޯހުންގޯހަށްދާއިރުވެސް އިވެނީ މަސައްކަތްކުރައްވާނެ ވާހަކަ އެވެ. ކުރައްވާ މަސައްކަތެއް، އެމަސައްކަތުގެ ނަތީޖާއެއް ފެންނާކަށް ނެތެވެ. ވީއިރު، ރައީސްގެ ރިޔާސީ ބަޔާންތައް ދިރާސާކޮށްފި މީހަކަށް ރިޔާސީ އިތުރުފުޅުތަކުގެ ބޯ ފޮތެއް އެކުލަވައިލެވޭނެ އެވެ.

No comments:

Post a Comment

Your comment is awaiting moderation!