2006-01-27

ފުރަތަމަ މުޒާހަރާ


އެމްޑީޕީގެ ފަރާތުން ދުރާލާ ރާވައިގެން ބޭއްވި ފުރަތަމަ މުޒާހަރާ ބާއްވައިފިއެވެ. މުޒާހަރާ ބޭއްވީ 24 ޖެނުއަރީ 2006 ވީ އަންގާރަ ދުވަހު ހަވީރު އެވެ. މި މުޒާހަރާ ބޭއްވީ؛ މުޒާހަރާ ކުރުމަކީ މުޅިން މަނާ ކަމެއްކަމަށް ސަރުކާރުން ގޮވަނިކޮށެވެ. މުޒާހަރާގައި ބައިވެރިވާ އެންމެނަށް އަދަބު ދޭނެކަމަށް އިންޒާރު ދީފައިވަނިކޮށެވެ. ސަރުކާރުގެ މުވައްޒަފަކު މުޒާހަރާގައި ބައިވެރިވެއްޖެނަމަ، ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކާފައި ވަނިކޮށެވެ.

މުޒާހަރާއަކީ ހަމަނުޖެހުން އުފައްދައި ރައްޔިތުން ނުރައްކަލާ ކުރިމަތިކުރުވާނެ ކަމެއް ކަމަށް ބުނެ މުޒާހަރާގައި ބައިވެރި ނުވުމަށް ސަރުކާރުން ކެމްޕޭން ހިންގިއެވެ. އެހެނަސް، އާޓިފިޝަލް ބީޗްގައި މުޒާހަރާ ކުރިއަށްދިޔައީ އަމާންކަމާއި އޮމާންކަމާއެކުއެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ. އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެބޭފުޅުންގެ ޝުއޫރު ފާޅުކުރެއްވިއެވެ. އެފަދަ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ރައީސް އިބްރާ އާއި އިބްރާހީމް ޙުސައިން ޒަކީ އާއި ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު އާއި މާރިޔާ އަޙްމަދު ދީދީ އާއި އަޙްމަދު ޝަފީގް އާއި ރީކޯ މޫސަ އާއި އަދުނާނު ހަލީމް ހިމެނުނެވެ. 

އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު (އަންނި) މި މުޒާހަރާގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭރު އެމަނިކުފާނު ހުންނެވީ ގޭބަންދުގައެވެ.

މުޒާހަރާ ކުރިއަށް ދިޔައިރުވެސް މުޒާހަރާ ވަގުތުން ހުއްޓާލުމަށް މެދުކެންޑުމެއްނެތި އިންޒާރު ދިނެވެ. މުޒާހަރާގެ ބައިވެރީންނަށް އަޑުއިވޭގޮތަށް އެވާހަކަތައް އާންމުކުރަމުންދިޔައީ އެސަރަހައްދުގައި ހުރި ބިލްޑިންގެއްގައި ހަތަރު ވަރަކަށް ލޯޑް ސްޕީކަރު ހަރުކޮށްގެންނެވެ.

މަގްރިބް ނަމާދު ވަގުތު ކުޑަތަންވުމާއެކު މުޒާހަރާ ނިންމާލިއެވެ. އޭރު، ހެންވޭރު އަޑު ޕާކް ތެރޭގައި ސިފައިން ތައްޔާރީ ހާލަތުގައި ތިއްބެވެ. މި މުޒާހަރާއާ ގުޅިގެން ބައެއް މީހުން ފުލުސް އޮފީހަށް ހާޒިރު ކޮށް ސުވާލުކުރިއެވެ. ދައުވާކުރާނޭ ކަމުގެ ބިރު ދެއްކިއެވެ.  

No comments:

Post a Comment

Your comment is awaiting moderation!