ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ، މަޝްހޫރުވެފައިވަނީ
މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމަށްޓަކައި މަސައްކަތް ކުރެއްވި
ހިތްވަރުގަދަ ބަޠަލެއްގެ ގޮތުގައެވެ. މަންޑޭލާގެ މަސައްކަތް ހުއްޓުވާލުމަށްޓަކައި،
އެގައުމުގެ ސަރުކާރުން ގިނަ ގުނަ ހުރަސްތަކެއް އެޅިއެވެ. ނަމަވެސް ވަޑައިގަތީ
ކުރިއަށެވެ. ދިގު މުއްދަތެއް ވަންދެން ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓިއެވެ. އެހެންނަމަވެސް
ހިތްވަރަކަށް ކުޑަވެސް ގުޑުމެއް ނާދެއެވެ. މަންޑޭލާ، ފުރަތަމަ ފާހަގަކުރެވުނީ
ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައެވެ. އެއަށްފަހު ސިޔާސީ ކުށްވެރިއެއްގެ
ގޮތުގައެވެ. އޭގެ ފަހުން ޤައުމުގެ ރައީސްގެ ގޮތުގައެވެ.
ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ފާހަގަކުރެވެނީ މި ދެންނެވި
އުސޫލުންނެވެ. ޤާނޫނުއަސާސީން ލިބިދީފައި އޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި
ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މަސައްކަތް ފެއްޓެވި ހިސާބުން، ދިވެހި
ސަރުކާރުގެ ގިނަގުނަ ހުރަސްތައް ނަޝީދަށް ކުރިމަތިވެވަޑައިގަތެވެ. އެތައް
ފަހަރެއްގެ މަތިން ޖަލުގައި ހައްޔަރުކުރިއެވެ. ހިތްވަރު އެލުވައެއް ނުލައްވައެވެ.
އުންމީދު އާކުރައްވަމުން ވަޑައިގެންނެވީ ކުރިއަށެވެ. ނަޝީދުވެސް ފުރަތަމަ
ފާހަގަކުރެވުނީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައެވެ. އެއަށްފަހު ސިޔާސީ
ކުށްވެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން ޤައުމުގެ ރައީސްގެ ގޮތުގައެވެ.
މަންޑޭލާގެ ސިޔާސީ ފެށިގެން އައީ އެފްރިކާގެ ފޯޓް ހެއާ ޔުނިވާސިޓީގައި
ތައުލީމް ހާސިލްކުރައްވަމުން ގެންދެވި ދުވަސްވަރު، 1940 ގައެވެ. މަންޑޭލާއާއި
އޮލިވާ ތަމްބޯ (ފަހުން އޭއެންސީގެ ލީޑަރުގެ މަގާމު ފުރުއްވި) އާ ބައްދަލުވީ
އެދުވަސްވަރު ޔުނިވާސިޓީންނެވެ. މަންޑޭލާ އާއި ތަމްބޯ، ސިޔާސީ އެކްޓިވިސްޓުންގެ
ގޮތުގައި ފާހަގަ ކުރެވުނެވެ. އެކަމާހުރެ ޔުނިވާސިޓީން ތަފާތު ހުރަސްތައް ކުރިމަތި
ކުރިއެވެ. ޕްރޮފެޝަނެއްގެ ގޮތުގައި މަންޑޭލާ އިޚްތިޔާރުކުރެއްވީ ޤާނޫނީ ވަކީލު ކަމެވެ.
އެ މަސައްކަތް ޚާއްސަގޮތެއްގައި ކުރެއްވީ ކަޅު ނަސްލުގެ މީހުންނަށް އަމާޒު ކުރައްވައެވެ.
ޤާނޫނީ ވަކީލެއްގެ ގޮތުންނާއި ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި މަންޑޭލާގެ
ހަރަކާތްތައް ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދެވިއެވެ. ސަރުކާރާ ދެކޮޅަށް ކުރި
މަސައްކަތް އެންމެ ހޫނުވެގެން ދިޔައީ 1950 ގެ އަހަރުތަކުގައެވެ. ސަރުކާރާ ދެކޮޅަށް
ކުރި އިހްތިޖާޖުތައް ހަމަނުޖެހުންތަކަކަށް ބަދަލުވިއެވެ. ސަރުކާރު ސިފައިން
ހަތިޔާރާއެކު ރައްޔިތުންނާ ކުރިމަތިލުމުން ރައްދުގައި ހަމަލާ ބަދަލުކުރިއެވެ... ހަމަނުޖެހުންތައް
ރާވާ ހިންގި ކަމުގެ ތުހުމަތުގައި، 1956 ޑިސެމްބަރު 5 ގައި މަންޑޭލާ
ހައްޔަރުކުރިއެވެ. އަދި ޤައުމަށް ޚިޔާނާތްތެރިވުމުގެ ދައުވާ އުފުލިއެވެ.
މައްސަލައިގެ ޝަރީޢަތް 6 އަހަރަށް ދިގުދެމިގެން ދިޔައެވެ. މި މުއްދަތުގެ ތެރޭގައި
މަންޑޭލާ ނިސްބަތްވި ސިޔާސީޕާޓީ އޭއެންސީ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި
ކަނޑައަޅާ އުވާލިއެވެ. އޭރު މަންޑޭލާގެ ގާތް ރަހްމަތްތެރިޔާ އޮލިވާ ތަމްބޯ
ހުންނެވީ އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައެވެ. 1961 އޮކްޓޯބަރ 29
ގައި، މަންޑޭލާގެ ކުށެއް ނެތް ކަމަށް ކޯޓުން ކަނޑައެޅިއެވެ. އެހެންކަމާއެކު
ގައުމުން ބޭރަށް ދަތުރު ކުރެއްވިއެވެ. ތަފާތު އެކި ގައުމުތަކަށް ވަޑައިގަތެވެ.
އެގައުމުތަކުގެ ނޫސްވެރިންނާ ބައްދަލުކުރައްވާ ދެކުނު އެފްރިކާގެ ސިޔާސީ މަސްރަހާ
ގުޅޭގޮތުންނާއި މަންޑޭލާގެ މަސައްކަތްޕުޅާ ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ. އިނގިރޭސިވިލާތަށް
ވަޑައިގަތް ތަމްބޯ އާވެސް ބައްދަލުކުރެއްވިއެވެ.
ނަޝީދުގެ މަދަރުސީ ދުވަސްވަރަށް ބަލާއިރު، ހަމަހަމަކަމަށް ލޯބިކުރައްވައި އިސްނަގައިގެން ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާ ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. ތައުލީމީ ޙަޔާތް ނިންމަވައިލެއްވީ 1989 ވަނަ އަހަރުއެވެ. މެރިޓައިމް ސްޓަޑީސް އިން ބެޗްލަރ އޮފް އާޓްސް ހާސިލް ކުރެއްވުމަށްފަހު އެވެ. ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގެ ފެށުމަކީ ނޫސްވެރިކަމެވެ. 1990 ޖެނުއަރީ 24 ހުން ފެށިގެން "ސަންގު" ގެ ނަމުގައި ނެރެންފެށި މަޖައްލާގެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. ތަފާތު ލިޔުންތައް ލިޔުއްވައި ޝާއިއުކުރެއްވިއެވެ. ސަރުކާރު ނުރުހޭގޮތަށް ޚަބަރާއި މައުލޫމާތު ފަތުރާތީ "ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރާތީ" ކަމަށްބުނެ، އެ މަޖައްލާ އުވާލިއެވެ. 1990 މެއި 22 ގައި ސަރުކާރުން ސަންގު އުވާލުމާ ގުޅިގެން އެކަން ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެންނެވުމަށް ނަޝީދު މަސައްކަތް ކުރެއްވިއެވެ. ސަންގާމެދު ދިވެހި ސަރުކާރުން އެޅި ފިޔަވަޅަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުން ބޭރުން އެޅި ފިޔަވަޅެއް ކަމަށްބުނެ، ސަންގު އުވާލި ވާހަކަ ސްރީލަންކާގެ ދައައިލެންޑް ނޫހުގައި ޝާއިއުކުރިއެވެ. މިކަމާ ގުޅިގެން ނަޝީދު ގޭގައި ބަންދުކުރިއެވެ. ގޭގެ ބަންދުގައި ބަހައްޓާފައިހުރިއިރު އެގެ ހިމެނޭ ސަރަހައްދުގައި ކުލަ ހެދުމުގައި ސިފައިން ފޯރިމަރަމުން ގެންދިޔައެވެ. ކަންވެދިޔަ ގޮތުގެ ޚަބަރު އިވުނު އެތައް ނޫސްވެރިންނެއް ނަޝީދުއާ އިންޓަވިއުކުރާން އެގެއަށް ޒިޔާރަތްކުރިއެވެ. އެމީހުންގެ ތެރޭގައި ބީބީސީ ގެ ކްރިސް މޮރިސް އާއި އޮސްޓްރޭލިޔާއާއި އިންޑިޔާގެ ނޫސްވެރިން ހިމެނުނެވެ. ބަންދުކޮށްފައި ހުރި ސަބަބާ ގުޅޭގޮތުން ނަޝީދު، ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ. ގޭގައި ބަންދުކޮށްފައި އެ ހުރީ އިންތިޚާބުގައި މަކަރު ހަދައި އޮޅުވާލިކަމުގެ ވާހަކަ ހާމަކޮށް ލިޔުނު ލިޔުމެއްގެ ނަތީޖާއެއްގެ ގޮތުންކަމަށާއި މަޖައްލާ އުވާލުމުގެވެސް މައިގަނޑު ސަބަބަކީ އެއީ ކަމަށާއި އެވާހަކަ ދެއްކުންވެސްވީ އިތުރު މައްސަލައަކަށް ކަމަށް ނޫސްވެރިން ގާތު ވިދާޅުވިއެވެ.
މަންޑޭލާ، ގައުމުން ބޭރުގައި އުޅުއްވުމަށްފަހު އެނބުރި ވަޑައިގަތުމާއެކު، 1962 އޮގަސްޓް 5 ގައި ހައްޔަރުކުރިއެވެ. ގިނަ ދައުވާތަކެއް އުފުލިއެވެ. އޭގެތެރޭގައި ސަރުކާރާ ދެކޮޅުވެރި ހަރަކާތްތައް ހިންގަން ހިތްވަރު ދިނުމާއި ހުއްދަ ހޯދުމަކާ ނުލައި ގައުމުން ބޭރަށް ދިއުމާއި، ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ހިމެނުނެވެ. ޖަލުގައި ހައްޔަރުކޮށްފައި ބަހައްޓައިގެން ހިންގި ޝަރީޢަތްތަކަށްފަހު 1964 ޖޫން 12 ގައި އުމުރަށް ޖަލަށްލާން މަންޑޭލާގެ މައްޗަށް ހުކުމްކުރިއެވެ. ޖުމްލަ 27 އަހަރު ޖަލުގައި ހޭދަކުރެއްވިއެވެ. އޭގެތެރެއިން 18 އަހަރު ހޭދަކުރެއްވީ އެކަހެރިކޮށް އޮންނަ ރަށެއް ކަމަށްވާ، ރޮބެން އައިލެންޑްގައި ހުރި ޖަލެއްގައެވެ. މަންޑޭލާ ބަހައްޓާފައިހުރި ގޮޅީގެ ބޮޑު މިނަކީ 8 ފޫޓް 7 ފޫޓެވެ. ޖަލުގައި ހޭދަވި ގިނަ ދުވަސްތަކުގައި މަންޑޭލާ ލައްވާ ތަފާތު މަސައްކަތް ކުރުވިއެވެ. އެންމެ އާންމު ގޮތެއްގައި ކުރުވި މަސައްކަތަކީ ގާތެޅުމެވެ. ޖަލުގައި ހޭދަކުރެއްވި ގިނަ ދުވަސްތަކުގައި ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވިއެވެ. ގަދަ ހޫނުގެ ސަބަބުން ލޯފުޅަށް ގެއްލުންތަކެއް ލިބުނެވެ. ޖަލުގައި ހޭދަކުރައްވަން ޖެހުނު ދުވަސްތަކުގެ ސަބަބުން މަންޑޭލާގެ ޒުވާން އުމުރު ބޭކާރުވިއެވެ. އާއިލީ ދިރިއުޅުން ބަރުބާދުވިއެވެ. ކައިވެނި ރޫޅުނެވެ. ދަރިންނާ އެކު އޮތް ގުޅުން ކުޑަވިއެވެ.
އަނެއްކާވެސް ނަޝީދުގެ ވާހަކައެވެ. 1990 ވަނަ އަހަރުގެ ނޮވެމްބަރު
މަހުގެތެރެއެވެ. ނަޝީދު އަވަހާރަލައްޕަވާފައި އޮންނަވަނިކޮށް، ފަތިހުގެ
ވަގުތެއްގައި ސިފައިންގެ ފައުޖެއް ވަދެ ހައްޔަރުކުރިއެވެ. ދޫނިދޫ ޖަލުގައި
އެކަހެރިކޮށް، ހައްޔަރުކުރިއެވެ. ހައްޔަރުކޮށްފައި ބެހެއްޓި މުއްދަތު 18 މަސްދުވަހަށް ދިގުދެމިގެންދިޔައިރު
ގިނަ ދުވަސްތަކެއް ވާންދެން ބަހައްޓާފައިހުރީ ކުޑަގޮޅީގައެވެ. ޓިނުން ހަދާފައިހުރި އެގޮޅީގެ ފުޅާމިނަކީ 4 ފޫޓެވެ. ދިގުމިނުގައި 6 ފޫޓެވެ. އުސްމިނުގައިވެސް 6 ފޫޓެވެ. އެގޮޅީގައި ބަހައްޓާފައިހުރިއިރު، ފެންވެރުމުގެ ފުރުސަތު ދިނީ ހަފްތާއަކު އެއް ފަހަރުއެވެ. ބުޔުމަށާއި ގައިން ތާހިރުވުމަށާއި ވުޟޫކުރުމަށް ކޮންމެ ރެޔަކާއި
ދުވާލަކަށް ދިނީ އެއް ލީޓަރުގެ ފެން ހަމެކެވެ. ހައްޔަރުކޮށްފައި ބެހެއްޓި ދިގު މުއްދަތުގައި އެކި ފަހަރު
މަތިން ތަފާތު ތުހުމަތުތަކުގައި ތަހްގީގް ހިންގިއެވެ. ސިފައިންގެ ބޭކަލުން
ކުރިއަށް ގެންދެވި މިތަހްގީގްގައި، ދައުލަތާ އިދިކޮޅު އެތައް އަމަލެއް ހިންގިކަމުގެ ތުހުމަތު ނަޝީދުގެ މައްޗަށް ކުރިއެވެ. އޭގެ ތެރޭގައި ދައުލަތާ އިދިކޮޅު ލިޔުންތަކާއި ލުއިފޮތް ބަހައި އޭގެ ޒަރިއްޔާއިން ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދިނުމާއި، ދައުލަތާ އިދިކޮޅު ޓެރަރިސްޓު އަމަލާބެހޭ މައުލޫމާތު ސިއްރުކުރުން ހިމެނެއެވެ. ތަހްގީގު ކުރިއަށް ގެންދިޔަ ސިފައިން ބޭނުންވާގޮތަށް ނަޝީދުގެ ފަރާތްޕުޅުން މައުލޫމާތު
ނުލިބޭކަމަށް އެމީހުންނަށް ގަބޫލުކުރެވުމުން ތަފާތު އަނިޔާ ދިނެވެ. ކުޑަގޮޅީގައި ބެހެއްޓުމުގައި ކަސްތޮޅު އެޅުވިއެވެ. ހަފްތާއެއް ވަންދެން، ނިދިން މަހްރޫމްކުރިއެވެ. އެރޭތަކުގައި ނިދިޔަދިނީ ރެއަކު ދިހަމިނެޓު ނުވަތަ ފަނަރަ މިނެޓަށެވެ. ހުރިހާ ބޭނުމަކަށް ރެޔަކާއި ދުވާލަކަށް ދިނީ ބައިލީޓަރުގެ ފެނެވެ. ކާނާއަށް ފުޅިތޮއްޓާއި ބޭރަށް ހިންގުން ޖެހޭފަދަ ބޭސް އެޅިއެވެ. 12 ދުވަސް ވަންދެން ޗޭނުޖަހާއިފައި، އަވިދޭނަމަ، އަވިދޭނެގޮތަށް އަދި ވާރޭ ވެހޭނަމަ، ވާރޭވެހޭނެގޮތަށް ގޮނޑިއެއްގައި ބޭންދިއެވެ. އަދި އިތުރު 14 ދުވަސްވާންދެން ކަރަންޓު ޖަނަރޭޓަރެއްގައި ބަނދެފައި ބެހެއްޓިއެވެ. އެކަހެރި ބަންދުގައި 18 މަސްދުވަހު ގެންގުޅުމަށްފަހު،
އަވަސް ނިޔާ އިއްވާ ކޯޓަށް 1992 އެޕްރީލް 8 ގައި ހާޒިރުކޮށް ހުކުމްކުރިއެވެ. 3
އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. ހުކުމް ތަންފީޒުކުރުމުގެ ގޮތުން ގާމާދޫ ޖަލުގައި ހައްޔަރުކުރިއެވެ... މީގެ އިތުރުންވެސް ތަފާތު އެތައް ފަހަރެއްގެ މަތިން
ނަޝީދު ހައްޔަރުކޮށް ތަފާތު އަނިޔާއާއި އަދަބު ދިނެވެ. އެފަދަ ކޮންމެ ފަހަރަކުމެ
ހައްޔަރުކުރަނީ ޤާނޫނުއަސާސީން ލިބިދީފައިހުރި ހައްގުތަކުގެ ބޭނުން ކުރެއްވުމަށް
މަސައްކަތް ކުރެއްވުމުންނެވެ. 2001 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުގެ މާލޭ
މެންބަރެއްގެ ގޮތުގައި ނަޝީދު ހުންނަވަނިކޮށްވެސް އެއްވެސް ތާކުންތާކު ނުޖެހޭ
ތުހުމަތެއްކޮށް ހައްޔަރުކުރިއެވެ. ޝަރީޢަތް ހިންގައި އަރުވާލަން ހުކުމްކުރިއެވެ.
މަޖިލީހުގެ މެންބަރުކަން ނިގުޅައިގަތެވެ... ދިވެހި ސަރުކާރުގެ ދުއްތުރާތަކާ ހުރެ،
2003 ސެޕްޓެމްބަރު 23 ހުން ފެށިގެން 2005 އެޕްރީލް 30 އާ ހަމައަށް ނަޝީދު އުޅުއްވީ
ރާއްޖޭން ބޭރުގައެވެ. ފުރަތަމަ ސްރީލަންކާގައެވެ. އެއަށްފަހު
އިނގިރޭސިވިލާތުގައެވެ. އެދުވަސްވަރު ކުރެއްވި އެންމެ މުހިންމު ކަމަކީ ދިވެހި
ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އުފެއްދެވުމެވެ. ރާއްޖޭގައި ހިންގަމުން ގެންދިޔަ
އަނިޔާވެރިކަމާއި، ވެރިކަން ހިނގަމުން އައި ޚުދުމުޚްތާރުކަން ދުނިޔެއަށް
ހާމަކުރެއްވުމެވެ. އެ ނިޒާމު ބަދަލުކޮށް، ޑިމޮކްރެޓިކް ހަމަތައް ރާއްޖޭގައި
ގާއިމްކުރުމަށް ބާރުއެޅުއްވުމެވެ.
މަންޑޭލާ، ޖަލުން މިނިވަންވީ 1990 ވަނަ އަހަރު އެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައިވެސް އަދި ޖަލުން މިނިވަންވުމަށްފަހުގައިވެސް މަންޑޭލާ ކުރައްވަމުން ގެންދެވި މަސައްކަތް ހުއްޓައެއް ނުލައްވައެވެ. އިންސާނީ ހައްގުތައް ދިފާއުކުރައްވާ އަޑުއުފުއްލެވިއެވެ. ނަސްލީ ތަފާތުކުރުން ނައްތާލުމަށް ބާރުއެޅުއްވިއެވެ. ހަމަހަމަކަމާއި މިނިވަންކަން ގާއިމްކުރުމަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. ޖަލުން މިނިވަންވުމަށްފަހުވެސް މަންޑޭލާ ނުކުރެއްވި ކަމަކީ ޖަލުގައި ދުވަސްތައް ހޭދަކުރެއްވި ގޮތުގެ ވާހަކަ އާންމުކޮށް ނުދެއްކެވުމެވެ. އެވާހަކަ އަހާ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގައިވެސް ހިކުމަތްތެރިކަމާއެކު އިސްކުރައްވަނީ ރައްޔިތުންގެ ވާހަކަ އެވެ. ހަމަނުޖެހުންތަކުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދިޔަ އަނިޔާތަކުގެ ވާހަކައެވެ. ޖަލުގެ ތަޖުރިބާއަކީވެސް ދިރިއުޅުމުގެ ކާމިޔާބީއެއް ކަމަށް މަންޑޭލާ ބެއްލެވިއެވެ. އެދުވަސްތައް އޭނާ ސިފަކުރެއްވީ "ކަންކަމާމެދު ވިސްނާ ފިކުރުކުރަން ގިނަ ވަގުތުތަކެއް ލިބިގެންދިޔަ ދުވަސްތަކެއް"ގެ ގޮތުގައެވެ.
ނަޝީދު، އަށާރަ ވަރަކަށް މަސްދުވަސް ވަންދެން އަމިއްލައަށް އަރުވާލެއްވިގެން
ހުންނެވުމަށްފަހު ރާއްޖެ ވަޑައިގަތް ސިޔާސީ ހަރަކާތްތައް ފެއްޓެވިއެވެ. ސިޔާސީ
ޕާޓީ ނިޒާމަށް ޖާގަ ހޯއްދެވުމުގެ މަސައްކަތެވެ. ސުލްހަވެރި ސިޔާސީ ހަރަކާތް
ހިންގެވުމުގެ މަސައްކަތެވެ. ސަރުކާރުން ހުއްދަ ނެންގެވުމަކާ ނުލައި އާންމު
ތަންތާންގައި ސިޔާސީ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. މިގޮތުން ފުރަތަމަފަހަރަށް
އެފަދަ ބައްދަލުވުމެއް ބޭއްވީ 2005 މެއި 6 ގައެވެ. އެފަދަ ވާހަކަ ތަކުގައި
ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ދަތި އުނދަގޫ ދުވަސްތަކުގެ ވާހަކަ އާއި ކުރި އަނިޔާގެ
ވާހަކަ އެއް ނުދައްކަވައެވެ. ހައްތާވެސް ވިދާޅުވަނީ ރާއްޖެއަށް ލިބޭ އާމްދަނީއާ
ބަލާއިރު، ރައްޔިތުންނަށް ކުރާ މަންފާ ކުޑަކަމަށެވެ. މަދަރުސާ ކުދިންނަށް ފޮތް
ފަންސުރު ހިލޭ ލިބެންޖެހޭނެކަމަށާއި ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއެކު ހިލޭ
ބޭސްފަރުވާ ކުރެވެންޖެހޭނެ ކަމަށެވެ. ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދޭ
ހައްގުތަކުގެ ބޭނުން ރައްޔިތުންނަށް ހިފެންޖެހޭނެ ކަމަށާއި ބާރުގެ ބޭނުންކޮށްގެން
ސަރުކާރާ އިދިކޮޅު ޚިޔާލުގެ މީހުން ހުއްޓުވަން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ.
ތިން ބާރު ވަކިވާންޖެހޭ ކަމަށާއި، އަދި އެކަކަށް އެހާ ގިނަ ދުވަހު ވެރިކަމުގައި
ހުރެވިގެން ނުވާނެ ކަމަށާއި އެއީ ބައިނަލްއަގްވާމީ ދުނިޔެ ގަބޫލުކުރާ ކަމެއް
ނޫންކަމަށެވެ. މިފަދަ ވާހަކަތަކާ ގުޅިގެންނާ ނަޝީދު ހިންގެވި ސުލްހަވެރި ސިޔާސީ
ހަރަކާތްތަކާ ގުޅިގެން އަނެއްކާވެސް ހައްޔަރު ކުރިއެވެ. 2005 އޮގަސްޓް 12 ވަނަ
ދުވަހު ހައްޔަރުކޮށް، ދައުލަތާ އިދިކޮޅު
އަމަލެއް ކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި
ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. ޝަރީޢަތް
ދިގުދެމިގެން ދިޔަ އެވެ. އޭގެ ތެރެއިން 80 ދުވަސް ވަންދެން ބަހައްޓާފައިހުރީ
ދޫނިދޫ ޖަލުގައެވެ. އަދި 324 ދުވަސް ވަންދެން ގޭގެބަންދުގައި ބަހައްޓާފައި
ހުއްޓެވެ. ގޭބަންދުން ދޫކޮށްލީ 2006 ސެޕްޓެމްބަރު 21 ގައެވެ.
ދެކުނު އެފްރިކާ ސަރުކާރުން ކުރަމުން ދިޔަ ދުއްތުރާތަކުގެ މައްޗަށް މަންޑޭލާ
ކާމިޔާބު ހޯއްދެވީ އެގައުމުގައި ބޭއްވި ފުރަތަމަ މިނިވަން ޑިމޮކްރެޓިކް އިންތިޚާބް
ކާމިޔާބު ކުރައްވައިގެންނެވެ. 1994 މެއި 10 ގައި ރައީސްކަމާ ހަވާލުވެވަޑައިގަތް
ނަމަވެސް، އަދި މަންޑޭލާއާމެދު އަނިޔާވެރި އެތައް އަމަލުތަކެއް ހިންގާފައި
ވީނަމަވެސް ބަދަލު ހިފުމުގެ ރޫހު އެއްވެސް ވަރަކަށް ނުގެންގުޅުއްވައެވެ.
އިސްކުރެއްވީ ޤައުމީ މަސްލަހަތެވެ. މަންޑޭލާގެ އެންމެ ފާހަގަކުރެވޭ މަސައްކަތަކީ ނަސްލީ
ތަފާތުކުރުންތަކުގެ ސަބަބުން ބައިބައިވެފައިއޮތް ދެކުނު އެފްރިކާ އެއްބައިވަންތަ ކުރެއްވުމަށް ކުރެއްވި ބުރަ މަސައްކަތެވެ. މިގޮތުން ހަމުގެ
ކުލައަކަށް، ނަސްލަކަށް ބެލުމެއް ނެތި، ގާބިލް ބޭފުޅުންނަށް ކެބިނެޓްގެ މަގާމުތައް ދެއްވިއެވެ. އަދި ކުރީގެ ސަރުކާރުގެ
އިސްވެރިންނާ އަމިއްލަފުޅަށް ބައްދަލުކުރައްވާ
އެބޭފުޅުންނަށް މައާފް ދެއްވަވާ، އެއްބައިވަންތަ
އެފްރިކާއަކަށް މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ. މަންޑޭލާ ވިދާޅުވީ
"ކެރޭ މީހުންނަކީ ސުލްހައަށްޓަކައި މައާފްކުރުމަށް ފަސްނުޖެހޭ މީހުން"
ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިވަން ޑިމޮކްރެޓިކް
އިންތިޚާބެއް ބޭއްވީ 2008 އޮކްޓޯބަރު ގައެވެ. އެ އިންތިޚާބުގައި
ވާދަކުރައްވާނޭކަން އިއުލާން ކުރައްވައި ކެމްޕޭން ކުރައްވަމުންދިޔައިރުވެސް
ނަޝީދުގެ މައްޗަށް 2005 ގައި ދައުލަތުން ކުރި ދެދައުވާގެ މައްސަލަ ކޯޓުގައި
އޮތެވެ. ޝަރީއަތް އޮތީ މެދުކެނޑިފައެވެ. ސަރުކާރުން، އެދެ ޝަރީޢަތް ކުރިއަށް
ނުގެންދިޔުމަށް ނިންމައި، ދެދައުވާ އަނބުރާ ގެންދިޔައީ 2008 ސެޕްޓެމްބަރު 3
ގައެވެ. 2008 އޮކްޓޯބަރު 28 ގައި އޮތް ރިޔާސީ އިންތިޚާބު ނަޝީދު ކާމިޔާބު
ކުރެއްވިއެވެ. އިންތިޚާބުގައި ނަޝީދާ ވާދަކުރެއްވީ ދިގު މުއްދަތެއް ވަންދެން
ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލްޤައްޔޫމެވެ. ނަޝީދަށް ލިބިވަޑައިގަތް
އަނިޔާއާއި ނަޝީދުގެ މައްޗަށް ހިންގި ޝަރީޢަތްތަކާއި ދިން އަދަބު ތަކުގެ
މުގުލުގައި ހުންނެވީ މައުމޫނެވެ. އެހެންނަމަވެސް އިންތިޚާބް ކާމިޔާބް
ކުރެއްވުމަށްފަހު ނަޝީދު ވިދާޅުވީ، ކާމިޔާބްގައި ހިތްތިރިކުރުމަށެވެ. މައުމޫނާއެކު
ނޫސްވެރިންނާ ބައްދަލުކުރައްވަނިކޮށް، ނޫސްވެރިޔަކު ނަޝީދަށް އަމާޒުކުރި
ސުވާލެއްގައި، މައުމޫން ސަރުކާރުން ލިބިފައިވާ އަނިޔާއަށް ބަދަލު ހިފަން ބޭނުންވާ
ބަޔަކު އެބަ ތިބި ކަމަށާއި ޚާއްސަގޮތެއްގައި އެމީހުންނަކީ އެމްޑީޕީގެ
އެކްޓިވިސްޓުން ކަމަށާއި އެފަދަ މީހުންނަށް ދެއްވަން އޮތް މެސެޖަކީ ކޮބައިތޯ ދެންނެވުމުން
ނަޝީދު ވިދާޅުވީ "އަޅުގަނޑު އެމްޑީޕީގެ އެންމެ މެންބަރުންނަށްވެސް އަދި
ރާއްޖޭގެ ރައްޔިތުންގެ ކިބައިންވެސް އެދެނީ އަޅުގަނޑުމެން ކުރިއަށް ދާންވީއޭ. އަޅުގަނޑުމެން
ކުރަމުން މިއަންނަ މަސައްކަތަކީ އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި ދަރީންނާއި
ދަރީންގެ ދަރީންގެ މުސްތަގުބަލަށްޓަކައި ކުރަމުން އަންނަ ކަމެއް. އަޅުގަނޑުމެން
ފަހަތައް އެނބުރި ބަލައި އެބުރަހެލި ކަމުގައި އުޅެގެނެއް އަޅުގަނޑުމެން މި އުންމީދުކުރާ
އަނެއް ދިވެހިރާއްޖެއެއް ނުލިބޭނެ. އަޅުގަނޑު ރާއްޖޭގެ އެންމެ ރައްޔިތުންގެ
ކިބައިން އެދެނީ ރައްޔިތެއްގެ ހިތުގައި މިވެރިކަމާ ގުޅޭގޮތުން ހިތްހަމަނުޖެހުމެއް
ނުރުހުމެއް އޮތްކަމުގައި ވިޔަސްވެސް ގައުމަށްޓަކައި ޑިމޮކްރަސީއަށްޓަކާ އެކަން
ދޫކޮށްލައްވާށޭ." އެވެ... ނަޝީދު އެކުލަވައިލެއްވީ ޤައުމީ
އެއްބައިވަންތަކަމުގެ ސަރުކާރެކެވެ. އެކި ޕާޓީތަކަށް ނިސްބަތްވި ބޭފުޅުން ނަޝީދުގެ
ކެބިނެޓްގައި ހިމެނިވަޑައިގަތެވެ. އޭގެތެރޭގައި އެމްޑީޕީއާއި ނަޝީދުގެ ސިޔާސީ
ހަރަކާތް ހުއްޓުވާލަން މަސައްކަތްކުރެއްވި ބޭފުޅުންވެސް ހިމެނިވަޑައިގަތެވެ.
ވެރިކަމުގެ ފުރަތަމަ ދައުރަށްފަހު އިތުރަށް
ވެރިކަމުގައި ހުންނެވުމުގެ ޚިޔާލު މަންޑޭލާ ނުގެންގުޅުއްވައެވެ. ރައީސްކަމުގެ
މަގާމު ފުރުއްވީ 1999 މާޗް 19 އާ ހަމައަށެވެ. މަންޑޭލާ، ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތްއިރު،
އޭނާގެ ޚިދުމަތް ދެކުނު އެފްރިކާގެ އިތުރުން، މުޅި ދުނިޔޭން އަގުވަޒަންކުރިއެވެ.
ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވޭގޮތެއް
ނަޝީދަކަށް ނުވިއެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކާއި ފުލުހުންނާއި ސިފައިން
ގުޅިގެން ހިންގި ބަޣާވާތުގެ ސަބަބުން މަޖްބޫރުވެވަޑައިތީ މަގާމުން އިސްތިއުފާ
ދެއްވުމަށެވެ. 2012 ފެބްރުއަރީ 7 ގައި އިސްތިއުފާ ދެއްވީ ގައުމުގައި ހަމަނުޖެހުމާއި
ލޭއޮހޮރުވުން ހިންގަވަން ބޭނުން ނުވާތީއެވެ. ގައުމީ މަސްލަހަތު
އިސްކުރައްވާފައެވެ. 2013 ގެ ރިޔާސީ އިންތިޚާބްގައި މުޅި ދުނިޔެއަށް
ދައްކުވައިދިން ހަގީގަތަކީ ރާއްޖޭގެ އެންމެ ގިނަބަޔަކު ތާއީދުކުރާ ލީޑަރަކީ ނަޝީދު
ކަމެވެ. ސިޔާސީގޮތުން ނަޝީދުއާ ދެކޮޅުވެރި ފަރާތްތައް ބޭނުންވި ގޮތަށް، ބޭނުންވި
ތާރީޚްގައި އިންތިޚާބް ބާއްވާ އިދިކޮޅު ފަރާތްތަކުން ކާމިޔާބް ކުރުމުންވެސް ނަޝީދު
ދެއްކެވީ ރިވެތި މިސާލެކެވެ.
ރައީސް ނެލްސަން މަންޑޭލާ އާއި ރައީސް މުޙައްމަދު
ނަޝީދުގެ ޙަޔާތްޕުޅުގައި ހުރި އެންމެބޮޑު އެއްގޮތް ކަމަކީ ކިތަންމެ އަނިޔާއެއް
ލިބުނު ނަމަވެސް، ބަދަލު ހިއްޕަވަން ބޭނުން ނުވުމެވެ. ނާކާމިޔާބާ
ކުރިމަތިވަޑައިގަތުމުންވެސް ހިތްވަރާއެކު ކުރިއަށް ވަޑައިގަތުމެވެ. މަންޑޭލާ، ދިރިތިބީންނަށް
އެތައް ފިލާވަޅުތަކެއް ދެއްކެވުމަށްފަހު، 2013 ޑިސެމްބަރު 5 ގައި މިދުނިޔެއާ
އަލްވަދާއު ވިދާޅުވެއްޖެއެވެ. ނަޝީދު، މާތްﷲގެ ހެޔޮ ރަހްމަތްފުޅާއެކު އަދިވެސް
ދުނިޔޭގައި އެބަ ހުންނެވި އެވެ. އެތައް ދިވެހި ރައްޔިތުންނެއްގެ ލޯތްބާއި
އިޙްތިރާމް ހޯއްދަވައިގެންނެވެ. އެ ރައްޔިތުންގެ އުންމީދު އަދިވެސް ގުޅިފައިވަނީ
ނަޝީދުއާއެވެ.
Well when mandela succeeded with reconciliation and his presidency Nasheed failed to sustain the presidency due to lack of strategy and planning .
ReplyDeletevery informative article... i salute to you...:)
ReplyDelete