މިއަދުގެ އިރު އަރައިގެން މިއައީ
ހިތާމަވެރި ޚަބަރަކާއިގެންނެވެ. ރާއްޖޭ ގަޑިން ރޭ މެންދަމުގެ ވަގުތެއްގައި ދެކުނު
އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަވީއެވެ. އުމުރުފުޅުން 95
އަހަރުގައި މަންޑޭލާ އަވަހާރަވީ ގޭގައި ބާއްވައިގެން އިންޓެންސިވް މެޑިކަލް ކެއާގެ ހިދުމަތް ދެމުން އަންނަނިކޮށެވެ.
މަންޑޭލާ އަވަހާރަވިކަން އިޢުލާން ކުރެއްވީ ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ،
ގައުމީޓީވީ މެދުވެރިކުރައްވާ ދެއްވި ބަޔާނެއްގައެވެ. ބަޔާނުގައި ރައީސް ޖޭކޮބް ޒޫމާ ވިދާޅުވީ
ގެއްލިގެން ދިޔައީ ދެކުނު އެފްރިކާ އުފެއްދި އެންމެ އަގުހުރި ދަރި ކަމަށެވެ. "ނެލްސަން މަންޑޭލާގެ މޮޅު ކަމަކީ އޭނާ އިންސާނަކަށްވީ ސަބަބު. އޭނާގެ ކިބައިން ފެނުނީ
އަހަރެމެން ކޮންމެ މީހެއްގެ ކިބައިގައި
ވެސް ހުންނަން އެދޭ ކަންތައްތައް... ނެލްސަން މަންޑޭލާ ވަނީ އަހަރެމެން އެންމެން
އެކަތިގަނޑަކަށް ހަދައިދީފައި. އޭނާއަށް އެންމެ
ފަހުގެ އިހުތިރާމް އަދާކުރާނީ އަހަރެމެން އެންމެން ގުޅިގެން"
ޒޫމާ ވިދާޅުވި އެވެ
.
މަންޑޭލާއަކީ މުޅި ދުނިޔެ
އެލީޑަރަކަށްޓަކާ ފަޚުރުވެރިވާ ލީޑަރެކެވެ. މަންޑޭލާ ވަނީ އޭނާގެ ހަޔާތުގައި
ހިތްދަތި ތަޖުރިބާތަކެއް ކުރައްވާފައެވެ. އެހެނަސް އެންމެފަހުން ކާމިޔާބު
ލިބިގެންދިޔައީ މަންޑޭލާއަށާއި އޭނާއަށް ތާއީދުކުރި މީހުންނަށެވެ.
އަޅުގަނޑު،
މަންޑޭލާގެ ވާހަކަ އަހަން ފެށީ މަދަރުސާގައި އުޅުނު ދުވަސްވަރު އެވެ. އަހަނީ
އޭނާގެ ހިތްވަރު ގަދަ ކަމުގެ ވާހަކަ އެވެ. އަޒުމް ވަރުގަދަ ކަމުގެ ވާހަކަ އެވެ.
އެތައް އަހަރެއް ވަންދެން ޖަލުގައި ހުންނެވި ވާހަކަ އެވެ. ޖަލުން މިނިވަން ވުމުން
ވެރިކަމަށް ވަޑައިގަތް ވާހަކަ އެވެ. މަންޑޭލާއާ ގުޅޭގޮތުން އަޅުގަނޑު އެހި ކޮންމެ
ވާހަކަ އެއް، ކީ ކޮންމެ ލިޔުމެއް ހާމަކޮށްދިނީ އޭނާއަކީ އާދަޔާ ޚިލާފް ސަޙްޞިއްޔަތެއް
ކަމެވެ. މަންޑޭލާއާމެދު އަޅުގަނޑުގެ ޝައުގުވެރިކަންވީ އިތުރެވެ. މަންޑޭލާއަކީ އޭރު
ދުނިޔޭގައި ތިބި މީހުންގެ ތެރެއިން އަޅުގަނޑުގެ އެންމެ މަގްބޫލު ސަޙްޞިއްޔަތު
ކަމުގައި ކަނޑައެޅުނެވެ.
މަންޑޭލާ އަވަހާރިވި ޚަބަރުން މުޅި ދުނިޔެ މިވަނީ މާޔޫސް ކުރުވާފައެވެ. އެންމެންގެ ވެސް ތައުޒިޔާ މިއަދު މިވަނީ މަންޑޭލާއާ ގުޅުވާފައެވެ.
No comments:
Post a Comment
Your comment is awaiting moderation!