2013-07-26

މިނިވަން ދުވަސް – އަޅުވެތި ކަމުގެ އިހްސާސް


މިއަދަކީ ރާއްޖޭގެ 48 ވަނަ މިނިވަން ދުވަހެވެ. މިނިވަން ދުވަހުގެ ޚާއްސަ ރަސްމިއްޔާތު އޮތީ ޖުމްހޫރީ މައިދާނުގައެވެ. މީޑިއާ ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން، އެ ރަސްމިއްޔާތަށް އަޅުގަނޑަށްވެސް ދައުވަތު ލިބިފައި އޮތެވެ. އެހެންނަމަވެސް އެފަދަ ރަސްމީ ހަފުލާއަކަށްވުރެ ބޮޑަށް އަޅުގަނޑަށް ޝައުގުވެރިވެވުނީ ރާއްޖެޓީވީގެ ފަރާތުން އިންތިޒާމުކުރި "ދެފިޔަވަޅު ފަހަތަށް" މައުރަޒަށެވެ. 

ނޭޝަނަލް އާޓް ގެލެރީގައި 9:30 ގައި ފަށަން ހަމަޖެހިފައި އޮތް އެ ހަފްލާއަށް ދިޔައީ އަޅުގަނޑުގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ މައުރޫފް ޚަލީލް (މާޕު) އާ އެކުއެވެ. މެދުޒިޔާރަތްމަގާއި ނޫރާނީގޯޅި ގުޅުނު ހިސާބުން އޮތީ ފުލުހުން ކޯޑްން ކޮށްފައެވެ. ސައިކަލު ޕާކްކޮށްފައި ގޮސް އާޓް ގެލެރީއަށް ދާން ކަމަށް ބުނުމުން ފުލުހުން ބުނީ އާޓް ގެލެރީގައި ބާއްވާގޮތަށް އޮތް އިވެންޓް ކެންސަލްކޮށްފި ކަމަށާއި އެސަރަހަށްދަށް ނުވަދެވޭނެ ކަމަށެވެ. އެކަމަކު އެހެން ދިމަދިމާލުން އޭރުވެސް އާޓް ގެލެރީ ކައިރިއަށް މީހުން ދެއެވެ. އަދި އެސަރަހައްދުގައި ހުރި ރައްޓެއްސަކަށް ގުޅުމުން އެތަނުގައި ބައިވަރު މީހުން އެބަ ތިބިކަމަށް ބުންޏެވެ. އެވާހަކަ އެގޮތަށް ބުނުމުންވެސް މިދެންނެވި ފުލުހުން ބުނީ ހަމަ ކުރިންވެސް ބުނި ގޮތަށެވެ. 

ފަސްވަރަކަށް މިނިޓް ވަންދެން ފުލުހުންނާ ވާހަކަ ދައްކާވެސް އެސަރަހަށްދަށް ވަދެވޭނެ ގޮތެއް ނުވުމުން، ނޫރާނީ ގޯޅިން ގޮސް ހިތަށްފިނިވާ މަގުން ވަނީ އެވެ. އެ މަގުވެސް އޮތީ ބައްދާފައެވެ. އެތަނުގައި ތިބި ފުލުހުން ކައިރީ އާޓް ގެލެރީއަށް ދާންށޭ ބުނުމާއެކު، އިތުރު އެއްޗެއް ނުބުނެއެވެ. އަޅުގަނޑުމެން ކުރިއަށް ދިޔައީ އެވެ. 
ކަންތައް ވެގެން އުޅޭގޮތް އެނގުނީ އާޓް ގެލެރީއާ ހިސާބަށް ދެވުމުންނެވެ. "ދެފިޔަވަޅު ފަހަތަށް" އެގްޒިބިޝަން ބޭއްވުމަށް އާޓް ގެލެރީގެ އެގްޒިބިޝަން ހޯލް އޮތީ ރާއްޖެޓީވީއަށް ދީފައެވެ. އެކަމަށް ވަނީ ލިޔުމުން އެއްބަސްވެފައެވެ. އެގްޒިބިޝަން ހުޅުވުމަށްޓަކައި ހަވީރު ވަނީ އެހޯލުގައި ހުރިހާ ތައްޔާރީތަކެއްވެސް ވެފައެވެ. އެހެނަސް ހުޅުވުމުގެ ވަގުތު ކުޑަތަންވެފައި އޮއްވާ ސަރުކާރުން އެ އިމާރާތުގެ ތަޅުދަނޑި ނުދިނީއެވެ. މިކަން މިގޮތަށް ކުރި ކަމަށްވަނީ ޓޫރިޒަމް މިނިސްޓަރ އަދީބުގެ އެންގުމަކަށް ޑިފެންސް މިނިސްޓަރ ނާޒިމް އެވެ. 

ރައީސް ނަޝީދު އިފްތިތާހް ކޮށް ދެއްވާގޮތަށް އޮތް މި އެގްޒިބިޝަނަށް ދައުވަތު ދީގެން ވަޑައިގެން ތިއްބެވި މަޖިލީހުގެ މެންބަރުންނާއި އިއްޒަތްތެރިންނާއި އާޓިސްޓުން އެސަރަހަށްދުގައި ތިއްބެވެ. މިނިވަން ދުވަހު އެފަދަ ގޮތަކަށް ކަންކުރީތީވެ، ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅުކުރިއެވެ. އިރުކޮޅެއް ވީތަނާ އެސަރަހަށްދުގައި ހަރަކާތްތެރިވަމުންދިޔަ ސްޓާފޯސް ޓީމުން އެތަނުގައި ތިބި މީހުން ފޮނުވާލަން ފެށިއެވެ. އާޓްގެލެރީ ގޯތިތެރޭގައި ތިބި އެންމެނާއި އެތާ ކުރިމަތީ މަގުމަތީ ތިބި އެންމެން ކޮށްޕާ ގަޅުވަމުން އެސަރަހަށްދުން ދުރަށްލިއެވެ. އެމީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނުނެވެ. 

އާދޭހެވެ. ދުވަހަކީ މިނިވަން ދުވަހެވެ. އަޅުގަނޑަށް ކުރެވުނީ އަޅުވެތިކަމުގެ އިހްސާސެވެ. މި އިހްސާސް މިގޮތަށް ކުރެވޭނެ އެތައް ދިވެހީންނެއް މި މުޖްތަމައުގައި ތިބޭނެކަން ޔަގީނެވެ.

No comments:

Post a Comment

Your comment is awaiting moderation!