2013-05-09

މައުމޫންގެ ފިކުރަކީ މާޒީވެފައިވާ ފިކުރެއް



މިލިޔުން ލިޔެލާ ހިތްމިވީ ދެންމެއަކު (9 މެއި 2013 ދުވަހުވީ ބުރާސްފަތި ދުވަހުގެ ގާތްގަނޑަކަށް ހަވީރު 16:50 ހާއިރު) ހަވީރު ނޫސް ބަލައިލިއިރު، އެނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެކެވެ.

ނިހާން މިހާރު ހުންނެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވައި އެހެން ޕާޓީއަކާ އޭނާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ފެތުރޭ ވާހަކަތަކާ ގުޅިގެން ވިދާޅުވެފައިވަނީ، ބަޔަކު ގަބޫލުކުރިޔަސް އަދި ނުކުރިޔަސް ރާއްޖެ އިން މިހާރު ފެންނަން އޮތީ މައުމޫންގެ 30 އަހަރުގެ ތަރައްގީ ކަމަށެވެ. އަދި ޒުވާނުންނަށް ފުރުސަތު ހޯއްދަވައި ދެއްވައި ޑިމޮކްރެސީގެ މަގު ހުޅުވައި ދެއްވީ މައުމޫން ކަމަށެވެ.

ތިރީސް އަހަރުގެ ތަރައްގީގެ ވާހަކަ ދައްކާއިރު އެތަރައްގީ އައިސްފައިވަނީ "ފިނިހަކަ ސްޕީޑް" ގައެވެ. އެ ސްޕީޑުން ނެއްޓި ކިރިޔާވެސް ހަލުއި ސްޕީޑަކަށް ދާނީ ރިޔާސީ އިންތިޚާބް ކައިރިވާ ދުވަސް ވަރުއެވެ. އިމާރާތްތަކުގެ ބިންގާ އެޅުމާއި ކޮންނަންޖެހޭ ފަޅުތަކުގައި ކަޑަޖެހުމާއި އެވެނި ކަމެއް، މިވެނި ކަމެއް ކޮށްދޭނަމޭ ބުނެ ވައުދުވުމާ މިކަންކަމަކީ އިންތިޚާބްތަކާ ގުޅުވައިގެން ހިންގާ ކަންކަމެވެ. މާބޮޑު ތައްޔާރީތަކެއް ނުވެމެ، ހަމައެކަނި ކަންދެއްކުމަށް ކުރާ ކަންކަމެވެ. ހެޔޮނިޔަތުގައި އިޚްލާޞްތެރިކަމާއެކު ރައްޔިތުންގެ ލާބައާއި މަންފާއަށް މައުމޫން މަސައްކަތް ކުރެއްވިނަމަ، އެއަށްވުރެ މާ ފާގަތި ދިރިއުޅުމެއް ދިވެހީން އުޅުނީހެވެ. އެއަށްވުރެ މާ ފުދުންތެރި ދިވެހިރާއްޖެއެއް ދުނިޔެއަށް ފެނުނީހެވެ.


ތިރީސް އަހަރު ވެރިކަމުގެ ދިގު މުއްދަތުގެތެރެއިން ގިނަ ދުވަސްތަކުގައި މައުމޫން މަސައްކަތް ކުރެއްވީ ޑިމޮކްރަސީއާ ދިމާ އިދިކޮޅަށެވެ. އޭރު އަމަލުކުރަމުން އައި ޤާނޫނުއަސާސީގައިވެސް، އިސްލާމްދީނުގެ އަސްލަކާ ޚިލާފްނުވާނޭ ގޮތުގެ މަތިން ދުލުންނާއި ގަލަމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިދޭކަމަށް ބަޔާންކޮށްފައި އޮތެވެ. އެހެނަސް، ޑިމޮކްރަސީގެ ރޫހްގައި ބަސްބުނި މީހުންނަށް ތަފާތު އަނިޔާތައް ދިނެވެ. ޝަރީޢަތް ހިންގާ ހުކުމްތައް ކުރިއެވެ. އެފަދަ އަނިޔާ އާއި އަދަބު ލިބުނު ގިނަ މީހުންގެ ކުށަކީ؛ ސިޔާސީ ވާހަކަ ދެއްކުމެވެ. ސިޔާސީ ޕާޓީ ރަޖިސްޓްރީ ކުރާން އުޅުމެވެ. ވެރިކަން ހިންގާ ގޮތަށް ފާޑުކިޔުމެވެ. ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ވާހަކަ ލިޔުމެވެ. މިފަދަ އެތައް ކަމެކެވެ.

މައުމޫން ފިކުރަކީ ޑިމޮކްރަސީއާ ދެކޮޅު ފިކުރެވެ. ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ދައުލަތުގެ ތިންބާރު ވަކިވެފައި އޮތުމެވެ. މައުމޫން ވެރިކަން ނިމުމަކާ ހަމައަށްވެސް އޮތީ އެންމެ ޚުދުމުޚްތާރު ވެރިންގެ އުސޫލެވެ. ތިން ބާރުގެވެސް އެންމެ އިސްވެރިޔަކީ މައުމޫނެވެ. ޑިމޮކްރަސީގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ޚަބަރާއި މައުލޫމާތު ފެތުރުމުގެ މިނިވަންކަމަށް ފުރުސަތު ދެއެވެ. މައުމޫންގެ ވެރިކަމުގެ ބޮޑުބައި ހޭދަވީ އެފުރުސަތު ނެތިއެވެ. ލާއިންސާނީ އަނިޔާއާއި ޑިމޮކްރަސީ ދިމާ އިދިކޮޅެވެ. ލާއިންސާނީ އަނިޔާއާ މައުމޫން އެއްކޮޅެވެ. އެފަދަ އަނިޔާތައް މައުމޫންގެ ވެރިކަމުގައި ރާއްޖޭގެ ޖަލުތަކުގައި ތަކުރާރުކޮށް ވަނީ ހިންގާފައެވެ. ޑިމޮކްރަސީ ގޮވާލަނީ އިންސާފްވެރިކަމަށެވެ. ރާއްޖޭގައި އިންސާފު ގާއިމްކުރުމުގެ އެންމެ އިސްމީހާގެ ގޮތުގައި މައުމޫން ހުންނެވި ގިނަ ދުވަސްތަކުގައި އިންސާފު ނުލިބުނު މީހުން މަދެއް ނޫނެވެ. ޑިމޮކްރަސީއަކީ އެކަކު މާގިނަ ދުވަހު ވެރިކަމުގައި ހުރުމަށް ފުރުސަތު ދޭ ނިޒާމެއް ނޫނެވެ. މައުމޫން ރާއްޖޭގެ ވެރިކަމުގެ 6 ދައުރު، 30 އަހަރު ވަންދެން ފުރުއްވިއެވެ. 7 ވަނަ ދައުރަކަށްވެސް ވާދަކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ސީދާ ރައްޔިތުންގެ ވޯޓަކުން ރައީސަކު ކަނޑައަޅަން ލިބުނު ފުރަތަމަ ފުރުސަތުގައި މައުމޫނަށް ނާކާމިޔާބުވެވަޑައިގަތެވެ.

No comments:

Post a Comment

Your comment is awaiting moderation!