- އިސްމާޢީލް ޝަފީޢުއަކީ، ރައީސް މައުމޫންގެ
ޕަޕެޓެއް: އިލްޔާސް ހުސައިން އިބްރާހީމް
2012 ފެބްރުއަރީ 7 ވަނަ ދުވަހު، ހިންގި
ބަޣާވާތަށްފަހު، ބަޣާވާތުގެ ބައިވެރިން އެކުލަވައިލި ނެޝަނަލް އިންކުއަރީ
ކޮމިޝަނަކީ އެއްވެސް އިތުބާރެއް ނެތް ކޮމިޝަނަކަށް މިއަދު މިވަނީ ވެފައެވެ. އެ
ކޮމިޝަނަށް އިތުބާރު ނުކުރަނީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނެވެ. ކޮމިޝަން
ބަދަލުކުރުމަށް، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން (ސީމެގް) ވެސް،
ވަނީ ގޮވައިލާފައެވެ. ސީމެގްގެ ރިޕޯޓްގައި ގޮވައިލާފައިވަނީ ރައްޔިތުންގެ އިތުބާރު
ލިބޭ ފަދަ ކޮމިޝަނެއް ގާއިމް ކުރުމަށެވެ.
2012
ޖެނުއަރީ 14 އިން 8 ފެބްރުއަރީއާ ހަމައަށް ރާއްޖޭގައި ހިނގައިދިޔަ ކަންތައްތައް "މިނިވަންކަމާއެކު"
ތަހުޤީގުކުރުމަށް އުފެއްދި ކޮމިޝަންގައި ހިމެނެނީ 3 މެންބަރުންނެވެ. އެ
މެންބަރުންނަކީ އިސްމާޢީލް ޝަފީޢު އާއި ޑރ.އިބްރާހީމް ޔާސިރު އާއި ޑރ.އަލީ ފަވާޒެވެ.
މި 3 މެންބަރުންނާމެދު ރައްޔިތުން އިތުބާރު ނުކުރުމުގެ ސަބަބުތަކެއް އެބަހުއްޓެވެ.
ޚާއްސަގޮތެއްގައި ކޮމިޝަންގެ ރައީސް އިސްމާޢީލް ޝަފީޢުއާ ގުޅޭގޮތުންނެވެ.
އިންކުއެރީ
ކޮމިޝަނަށް އިސްމާޢީލް ޝަފީޢު އެކަށީގެން ނުވާ އެންމެ ބޮޑު ސަބަބަކީ، 2004
އޮގަސްޓް 12، 13 ގެ ހާދިސާ (ކަޅުހުކުރު) އަށްފަހު، ހިނގާދިޔަ ކަންކަމުގައި އޭނާ
ޢަމަލުކުރެއްވި ގޮތެވެ. އޮގަސްޓް 12 ވަނަ ދުވަހުގެރެއާއި 13 ވަނަ ދުވަހު ޖުމްހޫރީ
މައިދާނަށް އެއްވެ އޭރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލި އެތައް ބަޔަކު، ވަރަށް
އަނިޔާވެރިކޮށް ސިފައިން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި
ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ނިސްބަތްވެވަޑައިގެންނެވި ބޭފުޅުންތަކެއް
ހިމެނިވަޑައިގަތެވެ. އެބޭފުޅުންގެ ޙާލު ބެއްލެވުމަށް ރައީސް މައުމޫން
ފޮނުއްވައިގެން 17 އޮގަސްޓް ގައި ދެވަޒީރަކު ދޫނިދޫ ޖަލަށް ޒިޔާރަތް ކުރެއްވިއެވެ.
އެ ދެ ވަޒީރުންނަކީ ހޯމް އެފެއާޒް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު
އިސްމާއީލް ޝަފީޢު އާއި ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު އަބްދުﷲ
ކަމާލުއްދީނެވެ. ޖަލުގެ ގޮޅިތަކުގައި ތިއްބެވި މެންބަރުންގެ އަރިހަށް
ޒިޔާރަތްކުރައްވާ އެބޭފުޅުންގެ ހާލު އަހުވާލު ބެއްލެވިއެވެ. އެބޭފުޅުންގެ ޝަކުވާ
ތަކަކީ ކޮބައިތޯ އޮޅުންފިލުއްވިއެވެ. އަދި އެއަށްފަހު ޓެލެވިޒަން މޯލްޑިވްސްގެ
ޕްރޮގްރާމެއްގައި އެކަމާ ގުޅޭގޮތުން މި ދެވަޒީރުން، ރައްޔިތުންނާ މައުލޫމާތު
ހިއްސާކުރެއްވިއެވެ. ޚުލާސާ ގޮތެއްގައި ވިދާޅުވީ ހައްޔަރުކޮށްފައިތިބި ހުރިހާ
މެންބަރުންގެ ހާލުވެސް ރަނގަޅު ކަމަށާއި އެބޭފުޅުންގެ އެއްވެސް ޝަކުވާއެއް
ނެތްކަމަށެވެ. އެބޭފުޅުންނަށް ހުރިހާ ކަމެއްވެސް ހުރީ އެންމެ ރަނގަޅަށް ކަމަށާއި
އެއްވެސް އަނިޔާއެއްވެސް ނުކުރާ ކަމަށެވެ. އިސްމާޢީލް ޝަފީޢުއާއި އަބްދުﷲ
ކަމާލުއްދީންގެ މި ވާހަކަތަކަކީ ހަގީގަތަށް ހުރިހާ ކަމެއް، މެންބަރުން
ދެންނެވުމުންވެސް، ރައްޔިތުންނަށް އޮޅުވާލަން ކުރެއްވި މަސައްކަތެއްކަން ބައެއް
މެންބަރުންގެ ވާހަކަތަކުން ސާބިތު ކޮށްދެއްވިއެވެ. މިކަން އެންމެބޮޑަށް
ހާމަކުރެއްވީ އޭރުގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެންބަރު އިލްޔާސް
ޙުސައިން އިބްރާހީމް (މިހާރުގެ މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް
އިމިގްރޭޝަން އެންޑް އެމިގްރޭޝަން) އެވެ. 89 ދުވަހު ދޫނިދޫ ޖަލުގައި
ހުންނެވުމަށްފަހު، ގޭގެ ބަންދަށް ބަދަލުކުރުމުން، 26
ނޮވެމްބަރު ގައި ދިވެހި އޮބްޒާވަރ އަށް ދެއްވި އިންޓަވިޔުގައި އަންނަނިވި
ޢިބާރާތްތައް އިލްޔާސް ވިދާޅުވެފައިވެއެވެ.
"17
އޮގަސްޓް 2004 ވީ އަންގާރަ ދުވަހު ފުރަތަމަ ޓީމު، ބައްދަލުކުރިއެވެ. މިޓީމުގައި
ހިމެނެނީ މިނިސްޓަރ އިސްމާއީލް ޝަފީޢު އާއި މިނިސްޓަރ އަބްދުﷲ ކަމާލުއްދީނެވެ.
މިއީ ރެޖީމުގެ ފަރާތުން ވަޑައިގެންނެވި ޕްރޮޕެގެންޑާ ޓީމެކެވެ. ރައީސް މައުމޫން
ފޮނުއްވީމާ ހާލު ބަލައިލަން ކަމަށް ވިދާޅުވިއެވެ. ވަގުތުން އަޅުގަނޑު
ދެންނެވީމެވެ. ކަނުބަނދެ، ހަތަރެސްފައިގާ ބިޑިއަޅުވާ، ތަޅާލުމަށްފަހު، ދެން ކޮން
ހާލެއް ބައްލަވާކަށްތޯއެވެ. ހާލު ބައްލަވާކަށް ފޮނުއްވާކަށް ނުޖެހޭ! ފުރަތަމަ
އަޅުގަނޑަށް މިކުރި އަނިޔާކުރީ ކީއްވެތޯ ބައްލަވައިދޭށެވެ. ޒުލެއްގެ ކޮށިތަކުގައި
ތިބޭ ރާމާމަކުނުތަކެއް ބައްލަވާލައްވައި އަތްޕުޅުން ހަނާ އަޅުއްވާލައްވާ ފަދައިން،
މިތަނަށް ވަޑައިގެންފައި އެބުރި ވަޑައިގަންނަވައިގެން ނުވާނެއެވެ. ގޮޅިތެރެއަށް
ވެދެވަޑައިގަންނަވާށެވެ. އިށީނދެވަޑައިގަންނަވާށެވެ. ޝަފީޢު އިންނެވީ
އަޅުގަނޑާއެކު އެނދުގައެވެ. އަބްދުﷲ ކަމާލުއްދީން އިންނެވީ ކައިރީގައިހުރި
ގޮނޑީގައެވެ. މިދަންނަވަނީ އަޅުގަނޑުގެ އިލްތިމާހެއް ކަމުގައި ދަންނަވައި ވަރަށް
ގިނަ ވާހަކަތައް ދެންނެވީމެވެ. އައްސަވާށެވެ. ރައީސް ވިދާޅުވާހާ އެއްޗަކަށް އާދޭހޭ
ނުދަންނަވާށެވެ. ގައުމު އިސްލާހްގެ މަގަށް ގެންގޮސްދެއްވާށެވެ. އަމާނާތަށް
ޚިޔާނާތްތެރިވެ ވަޑައިނުގަންނަވާށެވެ. އިންސާނުންނަށް އިންސާނީވަންތަކަން
ހަމަހަމަކޮށް ގެންގުޅުއްވާށެވެ. އަޅުގަނޑުމެން މިގޮތަށް ކެތްކޮށް ފަނާވެ
ހިނގައިދާނަމެވެ. މިހުރީ އިބްރަތް ލިބިގަންނަން ހުރި ފިލާވަޅުތަކެވެ. ކީއްވެތޯ
ގައުމެއްގެ ގާނޫނުހަދަން ރައްޔިތުން ހޮއްވަވާފައި ތިބި ބަޔަކަށް މިފަދަ އަނިޔާތަށް
ތިޔަ ދެއްވަނީ ނިކަން ވިސްނާ ވަޑައިގަންނަވާށެވެ. މިކުރާ ތަހްގީގް އަޅުގަނޑުމެން
މިގޮތަށް އެކަހެރިކޮށް ކުޑަގޮޅީގައި ބަންދުކޮށް ކަނުބަނދެ ބިޑިއަޅާ އަނިޔާކޮށް
ނުހައްދަވާވެސް ކުރެއްވޭނެއެވެ. ކަންތައް ތިޔަކުރައްވާގޮތް ކަމަކު ނުދެއެވެ... ރައީސަކީ
ކަލާނގެ ކަމަށް ނުބައްލަވާށެވެ. އެއީ ރައްޔިތުންގެ ޚާދިމެވެ. އަޅުގަނޑަށް
ޖައްސާފައި މިއިން ހާލާމެދު އިންސާނީވަންތަ ނަޒަރަކުން ބައްލަވާށެވެ. ބާޣީންނަށް
ނުހައްދަވާށެވެ... އަދިވެސް އަޅުގަނޑު މިހުރީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން
%100 ޓޯޗާގައި ކަމަށް ދެންނެވީމެވެ. މިކަމުގެ ޒިންމާ އުފުލާނީ ކާކުތޯއެވެ.
މިވާހަކަތައް ރައީސަށް އަދި ކެބިނެޓަށް، މަޖިލިސްތަކަށް އިއްވަވައިދެއްވުމަކީ
އަޅުގަނޑުގެ އިލްތިމާހެކެވެ. ދެން އޮތީ، މިދެބޭފުޅުން މާލެ ވަޑައިގެން ޓީވީއެމް
އާއި ރޭޑިއޯ މެދުވެރިކޮށް މުޅި ރައްޔިތުންނަށް މުޚާތަބްކޮށް ދެއްކެވި
ވާހަކަފުޅުތަކުގެ ބުރަދަން، ތިޔަ އިއްޒަތްތެރިންނަށް އިންސާފުގެ ތިލަފަތުން
ވަޒަންކޮށްލެވޭނެއެވެ. އޭކޭ އަކީ ރައްޔިތުންގެ ބޭފުޅެއްނޫނެވެ. އިސްމާޢީލް
ޝަފީޢުއަކީ ރައީސް މައުމޫންގެ ޕަޕެޓެކެވެ. މިއީ އަޅުގަނޑަށް ގަބޫލުކުރެވޭ
ގޮތެވެ."
އިލްޔާސްގެ
މި ވާހަކަތައް ހަމަ މިމޭރުމުން 2011 ވަނަ އަހަރުވެސް ތަކުރާރު ކުރެއްވިއެވެ.
އެމްއެންބީސީން ގެނެސްދިން "ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު"
ޕްރޮގްރާމްގައެވެ. އިލްޔާސްގެ އިތުރުން އޭރު ޖަލުގައި ތިއްބެވި އަދި މިހާރުގެ
ސަރުކާރާ ގުޅިފައިވާ، ޤާސިމް އިބްރާހީމާއި ޑރ.މުޙައްމަދު މުނައްވަރާއި
ޑރ.ޙުސައިން ރަޝީދު ޙަސަންވެސް މި ތަޖުރިބާ ކުރެއްވިއެވެ.
އިސްމާއީލް
ޝަފީޢު ވަނީ މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމްތައް ފުރުއްވާފައެވެ. ވަޒީރުކަމުގައި
ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާއެކު
ޑިފެންސް މިނިސްޓަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެން މައުމޫން
ފުރުއްވުމަށްފަހު، އިތުރު މީހަކަށް އެމަގާމު ދެއްވީ އިސްމާޢީލް ޝަފީޢު އަށެވެ.
އެއީ 2004 ސެޕްޓެމްބަރު 1 ގައެވެ. އެދުވަހުން ފެށިގެން މައުމޫންގެ ވެރިކަން 2008
ނޮވެމްބަރު 11 ގައި ނިމެންދެންވެސް އެމަގާމުގައި އޭނާ ދެމިހުންނެވިއެވެ.
މިދެންނެވި މުއްދަތުގައި ސިފައިންނާއި ފުލުހުންގެ ފަރާތުން ވަނީ ސިޔާސީ
ވެރިންނަށާއި ސިޔާސީ ޕާޓީތަކަށް އެތައް ދުއްތުރާތަކެއް ކޮށްފައެވެ. 2005 އޮގަސްޓް
12 ވަނަ ދުވަހު، އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ހައްޔަރުކުރިއެވެ. ހަމަ
އެރޭ އެމްޑީޕީގެ މައިހަރުގެ (ދުންފިނިގެ) ބިމާ ހަމަކުރިއެވެ. މިކަންކުރީ ސިފައިން
އިސްވެތިބެއެވެ. މިކަންކަމާ ގުޅިގެން މާލެތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތައް
ކޮންޓްރޯލްކުރުމުގައިވެސް އަނިޔާވެރިކަމާއެކު، އިސްކޮށް ހަރަކާތްތެރިވީ
ސިފައިންނެވެ. އެމްޑީޕީގެ ފުރަތަމަ މުޒާހަރާއާއި އެއަށްފަހު ފެށިގެން ދިޔަ
ސިލްސިލާ މުޒާހަރާތަކަށް ހުރަސް އެޅުމުގައިވެސް ފުލުހުންނާއެކު ސިފައިން އިސްރޯލެއް
ކުޅުނެވެ. އޭރު ޢަމަލުކުރެވެމުންދިޔަ ނޫޤާނޫނު އަސާސީގައިވެސް ޚިޔާލުފާޅުކުރުމުގެ
މިނިވަންކަމަށާއި އެއްވެއުޅުމުގެ މިނިވަންކަމަށް ފުރުޞަތު ދީފައި ވަނިކޮށް،
މިދެންނެވި މުއްދަތުގައި، ސިފައިން ހިންގި ކަންކަމަކީ ޚުދު އިސްމާޢީލް ޝަފީޢުގެ އޯޑަރަށް
ހިންގި ކަންކަމެވެ.
މައުމޫން،
ރައީސް އޮފީހުގައި ހޭދަކުރެއްވި އެންމެ ފަހު ވަގުތުކޮޅު 11 ބޭފުޅަކަށް ނިޝާން
ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ދެއްވިއިރު، އޭގެ ތެރެއިން އެއް
ބޭފުޅަކީވެސް އިސްމާޢީލް ޝަފީޢެވެ. މައުމޫނަށް ވެރިކަން ގެއްލުމާއެކު، އިސްމާޢީލް
ޝަފީޢުވެސް ރާއްޖޭން "ގެއްލުނެވެ." އެއަށްފަހު އަނެއްކާވެސް މި ފެނުނީ
ވެރިކަން ބަދަލުވުމާއެކުއެވެ. ބަޣާވާތް ރޭވުމާއި ހިންގުމުގައި މައުމޫންގެ
އިސްދައުރެއްވާކަމަށް، ގިނަބަޔަކު، ތުހުމަތު ކުރާއިރު، އެހާދިސާ
ތަޙްގީގްކުރާ ކޮމިޝަނުގައި އިސްމާއީލް ޝަފީޢު ހިމެނުމަކީ ގަބޫލުކުރެވޭނެ
ކަމެއްނޫނެވެ.
ކޮމިޝަންގައި
ހުންނެވި ރައީސްގެ "އިޚްލާޞްތެރިކަމުގެ" ތަޖުރިބާ ދިވެހީން މިވަނީ
ކޮށްފައެވެ. އެވާހަކަ ޑރ.ވަހީދުގެ ޅިޔަނު އިލްޔާސް އެވަނީ އާންމުވެސް
ކުރައްވާފައެވެ. ކޮމިޝަންގައި ހިމެނޭ އަނެއް މެންބަރަކީ، އެތެރެ ހަށީގެ ޚާއްސަ
ޑޮކްޓަރު އިބްރާހީމް ޔާސިރެވެ. ހެލްތު މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލްކަމުގެ
މަގާމުގައި ތިންއަހަރެއްހާ ދުވަހު ހުންނެވުމަށްފަހު މަގާމުން އިސްތިއުފާ ދެއްވީ
2011 ނޮވެމްބަރު 1 ގައެވެ. ޑރ.ޔާސިރުގެ މި ނިންމެވުމަކީ ރައީސް ނަޝީދުގެ
ސަރުކާރާމެދު އޮތް ހިތްހަމަ ނުޖެހުމެއްގެ ސަބަބުން ނިންމެވި ނިންމެވުމެއްކަމަށް
ދޭހަވާގޮތަށް މީޑިއާއަށް މައުލޫމާތު ދެއްވާފައި ވެއެވެ.
ތިން
މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަންގެ މެންޑޭޓްގައި ހުރީ މުޅި
ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކެވެ. އެ ކަންކަމަކީ އަދުގެ ސަރުކާރުގެ
އިސްވެރިންނާއި މައުމޫން ސަރުކާރުގެ އިސްވެރީންނާއި ނަޝީދު ސަރުކާރުގެ
އިސްވެރިންގެ މައްޗަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ކަންކަމެވެ. މިފަދަ
މައްސަލަތަކެއް ތަޙްގީގް ކުރުމަށްޓަކައި ވަކި ފިކުރަކަށް ގޮސް ހުސްވެފައިވާ ބަޔަކު
ތިބުމަކީ ކޮމިޝަންގެ މަސައްކަތް މިނިވަން ނުވާނެކަން ދަލީލުކޮށްދޭ ކަމެކެވެ. އިންސާފް
ނުލިބިގެން ދިވެހީން އެކަމުގެ އަޑު އުފުލަމުންދާ ދުވަސްވަރެއްގައި އުފެއްދި
އިންކުއެރީ ކޮމިޝަނަކީ ބޭއިންސާފުން ރިޕޯޓްތައް ނެރޭނެ ކޮމިޝަނެއް ކަމުގައި
ގަބޫލުކުރެވެއެވެ.
No comments:
Post a Comment
Your comment is awaiting moderation!