އުމުރުން މިހާ ހިސާބަށް އައިއިރު
އެހެން ބޭފުޅުންނެކޭވެސް އެއްފަދައިން އަޅުގަނޑުގެ ހަޔާތުގައިވެސް އުފަލާއި ހިތާމަ
ވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ. މިތަނުގައި ފާހަގަ ކޮށްލަން މިއުޅެނީ ރޭގައި (3
ޖުލައި 2011 ދުވަހުގެރޭ) ލިބުނު އުފަލެއްގެ ވާހަކަ އެވެ.
މަދަރުސީ ދައުރުގައިވެސް
އަޅުގަނޑަކީ އަދަބީ ދަރިވަރެއް ކަމަށް ޓީޗަރުން ބުނުއްވައެވެ. އެކަމަށް ހެކިވަނީ
ކްލާސް މޭޓުންނެވެ. އެހެންކަމާއެކު ލިބެނީ ހިތްވަރެވެ. އިތުރަށް ކުރިއަށް ދިއުމުގެ
ހިތްވަރެވެ. މަޒުމޫނު ލިޔުމާއި ވާހަކަ ލިޔުމާއި ބަހުސް ކުރުމާއި ޅެން ހެދުމާއި ވާހަކަ
ދެއްކުން ފަދަ ކަންކަމަކީ އަޅުގަނޑުގެ ނަން ވިދައިގެން ދިޔަ ކަންތައްތަކެވެ.
މަދަރުސީ ދައުރުގެ އެއްދުވަސް
ހަނދާނަށް އެބަ އާދެއެވެ. އަޅުގަނޑު އުޅުނީ ގްރޭޑް 7 ގައެވެ. ހޯމްވޯކެއްގެ
ގޮތުގައި ދިވެހި މުދައްރިސް ދެއްވި މަސައްކަތަކީ ކުރުވާހަކަ އެއް ލިޔުމެވެ. ވާހަކަ
ލިޔުމަކީ މާއުނދަގޫ ކަމެއް ނޫންކަމުން އެރޭގެ ވަގުތެއްގައި ހަތަރު ސޮފްހާގެ ވާހަކަ
ނިންމާލައިފީމެވެ. މުދައްރިސް ބުނުއްވިގޮތަށް ޖެހިގެން އައިދުވަހު ސްކޫލަށް ގޮސް
ވާހަކަ ލިޔުނު ފޮތް، އެހެން ކުދިންނެކޭ އެއްގޮތަށް މުދައްރިސާ ހަވާލުކުރީމެވެ.
ވާހަކަތަކަށް މުދައްރިސް މާކްސް ދެއްވީ ހަފުތާ ބަންދުގައެވެ. ހަފްތާ ބަންދަށްފަހު
ކިޔެވުން ފެށުނު ދުވަހު ފޮތްތައް ހަވާލުކުރިއެވެ. އެންމެ މަތިން މާކްސް ލިބިފައި
އޮތީ އަޅުގަނޑަށެވެ. ސަތޭކައިން ނުވަދިހަ އަށެކެވެ. އެދުވަހު މުދައްރިސް ބުނުއްވީ
"ގައުމީ ފެންވަރުގައި ވާހަކަ ލިޔެވޭނެ ވަރުގެ ކުދިން މިކުލާހުގައި
އެބަތިބި" ކަމަށާއި އެނިޔަތުގައި ކުރިއަށް ގޮސްފިނަމަ، އެކަން ހާސިލް ވާނެކަމަށެވެ.
މުދައްރިސްގެ އެ ބުނުއްވުން އެންމެ ބޮޑަށް ރައްދުވީ އަޅުގަނޑަށްކަން ޔަގީން
ކުރެވުނެވެ. އެހެންނަމަވެސް އެފަންނުގައި މާބޮޑު ކުރިއެރުންތަކެއް ހޯދުމުގެ
ޝައުގުވެރި ކަމެއް ނެތެވެ.
ކޮންމެއަކަސް، މަސައްކަތުގެ
މާހައުލުގައިވެސް ލިޔުންތެރިކަމާއި ނޫސްވެރިކަމުގެ ތެރޭގައި އުޅެންޖެހުމާއެކު،
ވާހަކަ ލިޔުމުގެ ފަންނުގައިވެސް ހަރަކާތްތެރިވާންޖެހުނެވެ. ރަމްޟާން މަހަށް
ޚާއްސަކޮށްގެން ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައިވެސް
ބައިވެރިވީމެވެ. ތަފާތު އަހަރުތަކުގައި ތަފާތު ވަނަތައް ލިބުނެވެ. ބައިވެރިވި
ކޮންމެ ފަހަރަކުވެސް އެއްވަނަ، ދެވަނަ، ނޫނީ ތިން ވަނައިގައި ލައްވާލިއެވެ.
ކުރުވާހަކަ ލިޔުމުގެ ގައުމީ މުބާރާތުންވެސް އެކި އަހަރުތަކުގައި އެކި ވަނަތައް
ލިބުނެވެ. ކުޑަކުދިންނަށް އަމާޒުކޮށް ސަރުކާރު ގަބޫލުކުރާ ފެންވަރަށް ފޮތް
ލިޔެގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމް ލިބުނެވެ. އެތައް
ދުވަހެއްކުރިން ދިވެހި މުދައްރިސް ބުނުއްވި ބުނުއްވުން ދިމާވިއެވެ.
އަޅުގަނޑަށް މި ދެވުނީ ދަންނަވަން
މިއުޅޭ ވާހަކައާ ދުރަށެވެ. އެހެންނަމަވެސް މި ފާހަގަ ކޮށްލެވުނީވެސް ލިޔުންތެރިކަމުގައި
އަޅުގަނޑަށް ލިބުނު ބައެއް އުފާތަކަށެވެ. އުފާވެރި ރެއެއްގެ ގޮތުގައި އަޅުގަނޑު މިފާހަގަ
ކުރަނީ އަޅުގަނޑު ލިޔެ، އަޅުގަނޑު ޕަބްލިޝްކުރި ފޮތް "ދިވެހިރާއްޖެ
ޑިމޮކްރަސީއަށްކުރި ދަތުރު" ނެރެވުނު ކަމުގެ އުފަލެވެ. އޭފޯ ސައިޒްގެ 300
ސަފުހާގެ މިފޮތް ލިޔުމަކީ 2007 ވަނަ އަހަރުންފެށިގެން އަޅުގަނޑު ކުރަމުން އައި މަސައްކަތެކެވެ.
ފޮތް ލިޔެ އެކުލަވައިލައި، ލޭއައުޓް ހަދައި ނިމުނެވެ. 2009 ވަނަ އަހަރުގެ ފަހުކޮޅު
ނަމޫނާ ފޮތެއް ޕްރިންޓް ނަގައިގެން ދެން ހިނގަންޖެހުނީ ޕްރިންޓް ކުރެވޭނެ ގޮތެއް
ހޯދުމަށެވެ. ފޮތް ޕްރިންޓް ކުރުމުގެ ޚަރަދު އަނބުރާ ދައްކާގޮތަށް ނަމަވެސް ދޭނެ
ފަރާތެއް ވޭތޯ ގިނަ ބައެއްގެ ގާތަށް ހިނގުނެވެ. އެތައް ވާހަކަ އެއް ދެއްކުނެވެ. ފޮތް
ޕްރިންޓް ކުރެވޭނެވަރުވީ 2011 ވަނަ އަހަރުއެވެ. ފޮތް ނެރުމުގެ ކުޑަ ދުވަސްކޮޅެއް
ކުރިންނެވެ. އެހެންކަމާއެކު މިއީ އަޅުގަނޑު ކުރި ވަރަށް ޚާއްސަ މަސައްކަތެކެވެ. ބުރަ
މަސައްކަތެކެވެ. ފޮތް ޕަބްލިޝްކުރުމަށްޓަކައި ދިގު އިންތިޒާރެއް ކުރަންޖެހުނު
ނަމަވެސް ނަތީޖާ ފޮންޏެވެ. އަދި ފޮތް ނެރެދެއްވީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް
ރައީސް މުޙައްމަދު ނަޝީދު (އަންނި) ކަމަށް ވުމަކީވެސް ލިބިގެންދިޔަ ވަރަށް ޚާއްސަ
އުފަލެކެވެ. އަޅުގަނޑުގެ މިފަދަ ފުރަތަމަ މަސައްކަތް އަޅުގަނޑުގެ ލޮބުވެތި
މަންމައަށް ތަޚްޞީޞް ކުރެވުމަކީވެސް އަޅުގަނޑަށް ލިބުނު ވަރަށްބޮޑު
ހިތްހަމަޖެހުމެކެވެ.
No comments:
Post a Comment
Your comment is awaiting moderation!