އިއްޔެ
(29 ޖޫން 2010 ވީ އަންގާރަ) އަކީ ރާއްޖޭގެ ތާރީޚްގައި މުހިންމު ދުވަހެކެވެ. ރައީސް
ނަޝީދުގެ ވެރިކަމުގައި ކުއްލި ނިންމުމެއް ނިންމެވި ދުވަހެކެވެ. އުންމީދު ނުކުރާފަދަ
ދެ ނިންމެވުމެއް ނިންމެވި ދުވަހެކެވެ. ފުރަތަމަ ނިންމެވުމަކީ ކެބިނެޓްގައި
ހިމެނިވަޑައިގެންނެވި ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމެވެ.
މިކަމަށްޓަކައި އޮތް ޚާއްސަ ބައްދަލުވުން އޮތީ އިރުއޮއްސެން ކައިރިވެފައި ހުއްޓާ،
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ނޫސްވެރިންގެ
ހާޒިރުގައި އޮތް މި ބައްދަލުވުން ތައާރަފްކުރެއްވުމުގެ ގޮތުން ރައީސް ދެއްކެވި
ވާހަކައިގާ ވިދާޅުވީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުލިބޭ
ކަމަށާއި ބައެއް މެންބަރުން އަމަލުކުރައްވާ ގޮތުން މުޅި ޤާނޫނުއަސާސީގެ ރޫޙް
ގެއްލޭކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވި ކަމަށެވެ. މި ސަރުކާރު އުފެދިފައި ވަނީ ރައްޔިތުންގެ ވިންދާ
އެއްގޮތަށް ނިޒާމެއް އެކުލަވާލަން ކަމަށް
ވެފައި އެކަން ކުރުމަށް މަޖިލިހުގެ މެމްބަރުން އެކަން ކިލަނބު
ނުކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
"އަޅުގަނޑު
މިއަދު ރާއްޖޭގެ ނޫސްވެރިން މެދުވެރިކޮށް ރައްޔިތުންނާ މި ބައްދަލުކުރަނީ
މި ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ އެންމެ ބޭފުޅުން، އެ ބޭފުޅުންގެ
ހުވަޔާ އެއްގޮތަށް، އެ ބޭފުޅުންގެ މަސައްކަތްޕުޅުތައް ކުރިޔަށް ގެންދެވެން
ނެތް ކަމަށް އެ ބޭފުޅުންނަށް ފާހަގަކުރެވެނީ، އެ ބޭފުޅުން ފާހަގަކުރައްވަނީ،
ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން އެއްގޮތަކަށް
ވެސް އެ ބޭފުޅުންނަށް ނުލިބޭ ކަމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ
ގިނަ ބައިވަރު މެމްބަރުން އަމަލުކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީގެ
ރޫހަށް ނޫން ކަމަށާއި އަދި ގާނޫނު އަސާސީގެ މާއްދާތަކާ ހިލާފަށް ކަމަށާއި
އެހެން ވިޔަސް ބޮޑު އަގުލަބިއްޔަތެއް އޮތް ކަމަށް ދެކެވަޑައިގަންނަވާ
އެ އަގުލަބިއްޔަތުގެ ބޭނުންކުރައްވައިގެން އަޅުގަނޑުމެން އަމަލުކުރަން މިއުޅޭ،
އަޅުގަނޑުމެން ތަންފީޒުކުރަމުން މިއަންނަ އާ ގާނޫނު އަސާސީގެ މުޅި ރޫހު ގެއްލޭ
މިންވަރަށް އަދި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން
ކަންކުރަމުން ގެންދަވާތީވެ
އެ ބޭފުޅުންނަށް ވަޒީފާގެ ވާޖިބު އަދާކުރައްވަން ދަތިފުޅުވެލައްވާތީވެ
އެ ބޭފުޅުން އަޅުގަނޑުގެ އަރިހަށް މިއަދު ވަޑައިގެން ވިދާޅުވަނީ އެ
ބޭފުޅުން އިސްތިއުފާ ދެއްވަން ބޭނުންފުޅުވެލައްވާ ކަމަށް އެއީ
ރައްޔިތުންގެ މަޖިލީހުން މި ނޫން ގޮތަކަށް ކަންކަން މެދުވެރިވެ ކުރިޔަށް
ގެންދެވެން ދެން. ވަޒީރުންގެ މަޖިލީހުގެ އެންމެ ބޭފުޅުން މިކަމަށް އެދިވަޑައިގަންނަވާ.
އެހެންވީމަ އަޅުގަނޑު މިއަދު މިހާރުގެ ގާނޫނު އަސާސީ އޮތް ގޮތުން
ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންގެ ސިޓީފުޅު އަޅުގަނޑަށް ލިބުމާ އެކީގަ
އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހުގައި ދެން ތިއްބަވާނީ ނައިބު ރައީސް ޑރ.
މުހައްމަދު ވަހީދު ހަސަން މަނިކާއި އަޅުގަނޑު. އަޅުގަނޑު ރައްޔިތުންނަށް
ޔަގީންކޮށް އަރުވަން ބޭނުން ވަނީ މި ސަރުކާރުގެ މަގުސަދަކީ މި ސަރުކާރުގެ
ބޭނުމަކީ އެންމެ ކަމެކޭ. އެއީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމޭ.
މި ސަރުކާރު އުފެދިފައި މިއޮތީ ރައްޔިތުންގެ އިހުސާސްތަކާއި
ރައްޔިތުންގެ ވިންދުތަކާ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށް
ދިނުމުގެ ނިޒާމެއް މި ރާއްޖޭގައި އެކުލަވާލައި އެ ނިޒާމާ އެއްގޮތަށް
ކަންތައްތައް ކުރިޔަށް ގެންދިއުމަށް ކަމަށް. އަޅުގަނޑު އެހެންވީމާ
ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ އަރިހުން އެދެނީ
ރާއްޖޭގެ ވެރިކަމުގެ ކަންތައްތައް އިންތިހާއަށް ކިލަނބުނުކުރައްވައި އެ ބޭފުޅުންގެ
އެއްބާރުލުން އަޅުގަނޑުމެންނަށް ދެއްވައި އެއާ އެކީގައި އެ ބޭފުޅުން
މަސައްކަތްކުރައްވަމުން ގެންދެވުމަށް. އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ
މެމްބަރުންނާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުން އެ އުފުއްލެވި
ޝަކުވާ އަޅުގަނޑަށް މަޖުބޫރު، އެހެންވީމާ އަޅުގަނޑު މިއަދު އެ ޝަކުވާ ބަލަން
ފަށާނަން. އެ ޝަކުވާ ބެލުމުގެ ތެރޭގައި އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ
ކަމެއް ގާނޫނުގެ އެންމެ ފުޅާ ދާއިރާގައި އަޅުގަނޑު ކުރަމުން ގެންދާނަން.
އަޅުގަނޑަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާ. އަޅުގަނޑަކީ ދިވެހި
ސިފައިންނާއި ދިވެހި ފުލުހުންގެ ވެސް އެންމެ މަތީ ވެރިޔާ. އަޅުގަނޑު މި ރާއްޖޭގެ
ވެރިކަމާ ހަވާލުވެ މި ހުރީ ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދިނުމަށްޓަކައި،
އަޅުގަނޑުމެން ރާއްޖޭގެ ވެރިކަމާ ހަވާލުވެ މިތިބީކީއެއް އަޅުގަނޑުމެންނަށް
ހަމައެކަނި ވީ މިންވަރަކުން ވީކަމެއް ކޮށްލަކޮށްލާ ތިބުމުގެ ނިޔަތެއްގައެއް ނޫން.
އެހެންވީމާ އަޅުގަނޑަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުން އެ އުފުއްލެވި ޝަކުވާ
ބެލުމަށް މަޖުބޫރުވޭ.
އަޅުގަނޑު ރައްޔިތުންނަށް ޔަގީންކޮށް އަރުވަން އަޅުގަނޑު އެ ޝަކުވާ ބަލާނަން."
ރައީސްގެ ވާހަކައަށްފަހު، ކޮންމެ
ވަޒީރަކުވެސް އެބޭފުޅެއްގެ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިއެވެ. ހުރިހާ ވަޒީރުންގެ
ސިޓީތައްވެސް ރައީސް ބެއްލެވިއެވެ. އަދި ވިދާޅުވީ ވަޒީރުންނަށް
ކުރިމަތިވެވަޑައިގަންނަވާ ހުރަސްތަކާއި ޝަކުވާތައް ހުށަހެޅުއްވުމުން އެކަން
ތަހްގީގްކުރައްވަން ފައްޓަވާނެ ކަމަށެވެ.
އުންމީދު
ނުކުރާފަދަ އަނެއް ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ
މެންބަރު އަދި ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ރައްޔިތުންގެ މަޖިލީހުގެ
މުލަކު ދާއިރާގެ މެންބަރު އަދި ޕީޕަލްސް އެލައަންސްގެ ރައީސް އަބްދުﷲ ޔާމީން
ހައްޔަރުކުރެއްވުމެވެ.
ރާއްޖޭގެ
ހަލަބޮލިވެފައިވާ ސިޔާސީ މަސްރަޙް، ރައީސް ނަޝީދުގެ މި ދެ ނިންމެވުމަކީ، ރާއްޖޭގެ
ހަލަބޮލިވެފައިވާ ސިޔާސީ މަސްރަޙް އިތުރަށް ހަލަބޮލިވުމަށް ހުޅުވުނު ފުރުސަތަކެވެ.
މި ދެނިންމެވުމުގެ ސަބަބަށް ބަލައިލާއިރު، އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީގެ
މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ މައްސަލަ، ޖޫން 30 އަށް އޮތީ އެޖެންޑާ
ކޮށްފައެވެ. އެ ވޯޓް އިދިކޮޅު ފަރާތްތަކުން ކާމިޔާބުކުރާނެކަމަށް އަންދާޒާ
ކުރެވެއެވެ. އަދި އެޔާއެކު އިތުރު ވަޒީރުންގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓް
ނެގުމަށް އިދިކޮޅު ފަރާތްތަކުން ނިންމާފައިވާކަމަށް ދެކެވޭ ވާހަކައަކީވެސް
އާންމުވާހަކައެކެވެ. ސިޔާސީ ދެލީޑަރުން
ކަމަށްވާ ގާސިމާއި ޔާމީން ހައްޔަރުކުރުމުގައި ކުރާ ތުހުމަތަކީ ރައްޔިތުންގެ
މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން، ގާނޫނީ
ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމެވެ. މިފަދަ ބޮޑު ބިޔަ
ތުހުމަތެއް މިފަދަ ދެ ލީޑަރުންގެ މައްޗަށް ސާބިތުކުރުމަކީ ސަރުކާރަށް
ފަސޭހަކަމަކަށް ނުވާނެއެވެ. ރާއްޖޭގައި އޮތް އަދުލު އިންސާފްގެ ނިޒާމުގެތެރެއިން
އެކަމަށް ހުރަސްތަކެއް އެޅިގެން ދާނެކަމަށް ގަބޫލުކުރެވެއެވެ.
ކުއްލިއަކަށް ރައީސް ނަޝީދު ނިންމެވި މި ދެ ކަންތަކުގެ ނަތީޖާއަކީ
ކޮބައިކަން ސީދާ ދަންނަވަން ނޭނގުނު ނަމަވެސް، މިކަންކަމުގެ ސަބަބުން އިތުރު
ގޮންޖެހުންތަކެއް ސަރުކާރަށް ކުރިމަތިވާނެކަމަށް ބެލެވެއެވެ.
No comments:
Post a Comment
Your comment is awaiting moderation!