ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު މައިގަނޑު
ގޮތެއްގައި ބިނާވެފައިވަނީ 2003 ވަނަ އަހަރުގެ ފަހުކޮޅުންފެށިގެން ރާއްޖޭގެ ސިޔާސީ
މައިދާނުގައި ހިނގާދިޔަ މުހިންމު ހާދިސާތަކުގެ މައްޗަށެވެ. ދިވެހިން
ކުރިން ދެކެފައި
ނުވާފަދަ، ސިޔާސީ ހަލަބޮލިކަން
އެދުވަސްވަރު ރާއްޖޭގައި އުފެދުނެވެ.
މި ހަލަބޮލި ކަމަކީ ދުވަހަކުވެސް
މިރާއްޖޭގައި ހިނގައިފާނޭކަމަށް ބަޔަކު ހީވެސް
ނުކުރާފަދަ ކަންތައްތަކެކެވެ. މިއީ ދިވެހިންގެ ވިސްނުމާއި
ދިވެހިންގެ އުސޫލުތައް ފުށުންޖަހައިލި
ހާދިސާތަކެކެވެ. ރާއްޖޭގެ އިޖުތިމާޢީ މިންގަނޑު
މުޅިން ބަދަލުކޮށް،
ދައުލަތް ހިންގުމުގެ ނިޒާމް
މުޅިން އާގޮތަކަށް
ފުރޮޅައިލި ހަޤީޤަތްތައް ހިމެނެނީ
މި ހާދިސާތަކުގައެވެ.
ސިޔާސީ އޮއިވަރުގައި މުޅި ރައްޔިތުން
ޖެހުނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ލޯ،
ރާއްޖެއަށް އަމާޒުވިއެވެ. އިޞްލާޙުތަކާއި ބަދަލުތައް ގެންނަމުން،
އަންނަމުން ދިޔައެވެ. އެހެންކަމުން މި ހާދިސާތަކަކީ
ތާރީޚަށްޓަކައި އަމާނާތްތެރިކަމާއެކު އޭގެ ހަޤީޤަތް
ރެކޯޑް ކުރެވިފައިވާ
ހާދިސާތަކަކަށް ހެދުމަކީ ޤައުމީ
ގޮތުން ވާޖިބު
ކަމެއް ކަމުގައި
ދެކެމެވެ.
ތިރީގައި މިވަނީ ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި
ދަތުރު ގައި ހިމެނޭ މައިގަނޑު ބައިތަކާއި އެބައިތަކުގެ ޚުލާޞާ އެވެ.
އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެހުން
ރާއްޖޭގެ ޖަލުތަކުގައި އަނިޔާ ކުރާ ވާހަކައަކީ
ދޭތެރެއަކުން އިވޭ ވާހަކައެކެވެ. އެކަމުގެ ޙަޤީޤަތް އާންމުންގެ ލޮލަށްފެނި އަތުން
ހިފުނީ 2003 ސެޕްޓެމްބަރު 19 ގައި އީވާން ނަސީމް މަރާލި ހާދިސާއިންނެވެ.
އެހާދިސާއާ ގުޅިގެން ޖެހިގެން އައި ދުވަހު މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާއަކީ
ރައީސް މައުމޫންގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ގިނަބަޔަކަށް ހިތްވަރު ލިބުނު
ދެހާދިސާއެވެ. މިދެހާދިސާގެ ވާހަކަ ލިޔެފައިވާނީ މައްސަލަ ތަޙްޤީޤު ކުރުމަށް
ރައީސް މައުމޫން އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ބަޔާންތަކުގެ
އެހީގައެވެ. ހާދިސާއާ ގުޅޭގޮތުން ހިނގާދިޔަ އިތުރުކަންކަން ލިޔެފައިވާނީ
ދައުލަތުގެ މީޑިއާއިން ހާމަކުރި ޚަބަރާއި މައުލޫމާތު ތަކުގެ އެހީގައެވެ. އޭގެ
ތެރޭގައި ރައީސް މައުމޫން ޤައުމާ މުޚާތަބުކުރައްވާ ސެޕްޓެމްބަރު 20 ވަނަ
ދުވަހުގެރޭ ދެއްވި ޚިޠާބާއި 2004 ޖެނުއަރީ 27 ގައި ރައްޔިތުންގެ މަޖިލީހުގައި
ދެއްކެވި ވާހަކަފުޅުން މުހިންމު ނުކުތާތައް ހިމެނޭނެވެ. މިދެހާދިސާގެ ފޮޓޯތަކާއި
ސެޕްޓެމްބަރު 20 ވަނަ ދުވަހު މާލޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ދައުލަތުގެ
މުހިންމު އިދާރާތަކަށް ދީފައިވާ ގެއްލުންތަކުގެ ފޮޓޯތައްވެސް މިބައިގާ ހިމެނެއެވެ.
އަރުވާލެވިފައިވާ ޝަޚްޞިއްޔަތެއްގެ ގޮތުގައި
އެމްޑީޕީ
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)
ރަޖިސްޓްރީ ކުރުމަށް ކުރެވުނު މަސައްކަތަކީ ސަރުކާރުން ތަފާތު ބަހަނާތައް
ދައްކަވައި ހުރަސް އެޅުއްވި މަސައްކަތެކެވެ. އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް 2001
ވަނަ އަހަރު 42 ބޭފުޅެއްގެ ސޮޔާއެކު ހޯމް މިނިސްޓްރީއަށް ހުށަހެޅިއެވެ. އެ
ހުށަހެޅުން ހުށަހެޅުއްވި ބޭފުޅުންގެ ތަފްޞީލް އޭރު ހުށަހެޅުއްވި ލިސްޓްގައި
އޮތްގޮތަށް މިފޮތުގައި ހިމަނާފައިވާނެއެވެ. އެހުށަހެޅުން ހޯމް މިނިސްޓްރީން ރައީސް
އޮފީހަށް، ރައީސް އޮފީހުން ބަންޑާރަ ނައިބަށް، ބަންޑާރަ ނައިބު
ރައީސުލްޖުމްހޫރިއްޔާއަށް އަދި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް
ހުށަހެޅުއްވިއެވެ. ބަންޑާރަނައިބުގެ ލަފާފުޅަކީ ސިޔާސީ ޕާޓީ ހަދައި ހިންގުމަށް
ޤާނޫނުއަސާސީން ފުރުސަތެއް ނުދެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމަކީ ސިޔާސީ
ޕާޓީ ހަދައި ހިންގުމަށް ފުރުސަތު ދޭކަށް ނުފެނެއެވެ. މިހާ ހިސާބުން އެމްޑީޕީ
ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މެދުކެނޑުނީއެވެ. އެމަސައްކަތް އަލުން ފެށުނީ 2003
ސެޕްޓެމްބަރުގެ ހާދިސާތަކަށް ފަހުއެވެ. އަރުވާލެވިފައިވާ ޝަޚްޞެއްގެ ގޮތުގައި
އެމްޑީޕީ އިޢްލާން ކުރެވުނީ 2003 ނޮވެމްބަރު 10 ގައި ސްރީލަންކާގެ ކޮލަމްބޯގައެވެ.
އެމަސައްކަތުގައި އިސްކޮށް އުޅުއްވީ އަމިއްލަ އަރުވައިލެއްވިގެން ސްރީލަންކާގައާއި
އިނގިރޭސިވިލާތުގައި އޭރު ތިއްބެވި އިޞްލާޙަށް ލޯބިކުރައްވާ ދިވެހީންނެވެ.
އެބޭފުޅުންގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވިގޮތާއި ބައިނަލްއަޤްވާމީ ދުނިޔޭގެ
ސަމާލުކަން ރާއްޖެއަށް ހޯއްދެވުމުގައި މަސައްކަތް ކުރެއްވިގޮތް މިބައިގާ ވާނެއެވެ.
މިބައި އެކުލަވާލުމުގައި މައުލޫމާތު ހޯދީ 2001 ވަނަ އަހަރު އެމްޑީޕީ އުފެއްދުމުގެ
މަސައްކަތް ކުރިއަށްދިޔަގޮތުގެ ޔައުމިއްޔާ އިންނާއި އެމްޑީޕީ އިޢްލާން
ކުރުމަށްފަހު ނެރެންފެށި ޚަބަރު ސިޓީންނާއި އެމްޑީޕީގެ ފުރަތަމަ ވެބްސައިޓުންނާއި
ދިވެހިއޮބްޒާވަރ އިންނެވެ.
މައުމޫން، ހަވަނަ ދައުރަކަށް
އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާގެ މަގާމު 25 އަހަރު
ފުރުއްވުމަށްފަހު، އިތުރު ފަސް އަހަރަށް ކުރިމަތި ލެއްވިއެވެ. އާންމުންގެ ތެރެއިން
4 ބޭފުޅަކުވެސް ކުރިމަތިލެއްވިއެވެ. އޭރުގެ ޤާނޫނުއަސާސީ އޮތްގޮތުން
ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރުން އޮތީ ރައްޔިތުންގެ މަޖިލީހަށެވެ.
މަޖިލީހުގެ 50 މެންބަރުންގެ އިއްތިފާގުން ނިންމެވީ މައުމޫން އިތުރު 5 އަހަރު
ރައީސްކަމުގައި ހުންނަވަން ފެންނަކަމަށެވެ. ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންވެސް
ނިންމީ އެގޮތަށެވެ. މިބައި އެކުލަވާލީ އިލެކްޝަން ކޮމިޝަނަރު އޮފީހުގެ
އިޢްލާންތަކާއި ރައީސުލްޖުމްހޫރިއްޔާ އޮފީހާއި ބައެއް ދުވަހު ނޫސްތަކުގެ
ޚަބަރުތައް ދިރާސާކޮށްގެނެވެ. މިބައި ފުރިހަމަކޮށްފައިވާނީ އޭރުގެ ރައްޔިތުންގެ
މަޖިލީހުގެ މެންބަރުންގެ ލިސްޓާއި ވަޒީރުންގެ މަޖިލީހާއި ދައުލަތުގެ އެންމެ އިސް
މަގާމުތަކަށް ބޭފުޅުން އައްޔަން ކުރެއްވިގޮތުގެ މައުލޫމާތާއި ތަސްވީރު
ހުށަހަޅައިގެނެވެ.
ރައީސް މައުމޫންގެ އިޞްލާޙީ ތަޤްރީރު
2004 ޖޫން 9 ގައި ރައީސް މައުމޫން ދެއްވި
ތަޤްރީރަކީ އެމަނިކުފާނުގެ ވެރިކަމުގައި ދެއްވި ގިނަގުނަ ތަޤްރީރު ތަކުގެ ތެރެއިން
އެންމެ ގިނަ ބައެއްގެ ތަރުޙީބު އެ ވާހަކަ ތަކަކަށް ލިބުނު ތަޤްރީރެވެ.
އެތަޤްރީރުގައި ރައީސް މައުމޫން ތާއީދުކުރެއްވީ ތިންބާރު ވަކިކުރުމަށެވެ. ސީދާ
ރައްޔިތުންގެ ވޯޓަކުން ރައީސް އިންތިޚާބްކުރާ ގޮތަށެވެ. ރައީސަކަށް ޓާމް
ކަނޑައެޅުމަށެވެ. ސިޔާސީޕާޓީ ހުއްދަކުރުމަށެވެ. މިވާހަކަތަކަކީ ސިއްރުންނަމަވެސް
ސަރުކާރަށް ފާޑުކީ ފަރާތްތަކުން ދެއްކި ވާހަކަ ތަކެވެ. ރައީސް މައުމޫން
މިވާހަކަތައް އިޢްލާންކުރައްވައި އެކަންކަމަކީ އެމަނިކުފާނުގެ އިޞްލާޙީ އެޖެންޑާ
ކަމުގައި ކަނޑައެޅުމަކީ އެތައްބަޔަކު އެކަމާ އުފާކުރި ކަމެކެވެ. މިބައިގައި
ހިމެނެނީ ޖޫން 9 ދުވަހުގެރޭ އިސްލާމީ މަރުކަޒުގައި ރައީސް މައުމޫން ރައްޔިތުންނާ
ހިއްސާ ކޮށްލެއްވި ވާހަކަފުޅެވެ. އެ ބައްދަލުވުމަށް ވަޑައިގެންނެވި ގިނަ ބޭފުޅުން
ހިމެނޭގޮތަށް އެރޭގެ ފޮޓޯތައްވެސް ހިމަނާފައި ވާނެއެވެ.
މިނިވަން ބަހުސް
ރައީސް މައުމޫންގެ އިޞްލާޙީ ތަޤްރީރުގައި ދިވެހި
ރައްޔިތުންނަށް އިލްތިމާސްކުރެއްވީ ސިޔާސީ ވާހަކަ އާންމުކޮށް ދައްކައި ޚިޔާލު
ބަދަލުކުރުމަށެވެ. އެހެންކަމާއެކު، އިޞްލާޙަށް ލޯބިކުރާ ގިނަބަޔަކު ދަނޑިވަޅުގެ
ބޭނުން ހިފިއެވެ. ޤާނޫނުއަސާސީއަށް ގެންނަން ފެންނަ އިޞްލާޙްތައް "މިނިވަން
ބަހުސް"ގެ ނަމުގައި ފެށިއެވެ. މިކަންވީ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމަށް
ޖެހިލުންވެ ބިރުގެންފައިތިބި އެތައް ބައެއްގެ އުދާސްތައް ފިލުވާލަން ލިބުނު ރަނުގެ
ފުރުޞަތަކަށެވެ. ރައްޔިތުންގެ އެދުންތަކާއި އުންމީދުތައް އެބައްދަލުވުންތަކުން
އެނގި ހާމަވިއެވެ. ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިއެވެ. ރައީސް މައުމޫންގެ
އިސްތިއުފާއަށް ފާޅުގައި ގޮވާލިއެވެ. މިބައި ލިޔެފައިވާނީ އެބަހުސްތަކުގެ ވީޑިއޯ
ބަލައިގެންނެވެ. އެބަހުސްތަކުގެ ބައިވެރިން ފާޅުކުރި ތަފާތު ޚިޔާލުތަކަށް އިސްކަން
ދީގެންނެވެ.
ޤާނޫނުއަސާސީ އިޞްލާޙްކުރުން
ސަތާރަ އަހަރުން ހެދި ޤާނޫނުއަސާސީއަށް 6 އަހަރު
ވީއިރު އެ ޤާނޫނުއަސާސީ އިޞްލާޙްކުރުމުގެ މަސައްކަތް ފެށިއެވެ. އެ މަސައްކަތް
ކުރެއްވުމަށް އެކުލަވައިލި ޚާއްޞަ މަޖިލީހުގައި އިޞްލާޙަށް ލޯބިކުރައްވާ ގިނަ
އަދަދެއްގެ މެންބަރުންވެސް ހިމެނިވަޑައިގަތެވެ. 2004 ޖުލައި 19 ގައި އޮތް ޚާއްޞަ
މަޖިލީހުގެ ފުރަތަމަ ޖަލްސާއިންވެސް އެނގި ހާމަވީ ސަރުކާރު ބޭނުންވާހާ ގޮތަކަށް
ނުވަތަ ރިޔާސަތުން ވިދާޅުވާހާ ގޮތަކަށް ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމެވެ. 23
މެންބަރަކު ވޯކްއައުޓް ކުރެއްވީއެވެ. ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދިޔައީ
ސިޔާސީ ދެކޮޅުވެރިކަމާއެކުއެވެ. ސިޔާސީ ޕާޓީ ރޫހުގައެވެ. ޑީއާރުޕީން ބޭނުންވީ
ރައީސަށް ލިބޭ ބާރުތައް އިތުރުކުރާށެވެ. އެމްޑީޕީން ބޭނުންވީ ރައީސަށް ލިބޭ
ބާރުތައް އުނިކުރާށެވެ. މަޖިލީހަށް ލިބޭ ބާރުތައް ގިނަކުރާށެވެ.
މިވާދަވެރިކަމުގައި ކުރިއަށްދިޔަ ގިނަ ޖަލްސާތަކުން ފުރިހަމަ ނަތީޖާ ނެރުނެވެ.
ފުރިހަމަ މާނައިގާ ޑިމޮކްރަސީގެ އުސޫލުތަކާއެކު ޤާނޫނުއަސާސީ އިޞްލާޙްކޮށް މުޅިން
އާ ޤާނޫނުއަސާސީއެއްގެ ގޮތުގައި ތަޞްދީޤް ކުރެއްވިއެވެ. މިބައި ލިޔެފައިވާނީ
ރައްޔިތުންގެ މަޖިލީހުން ލިބިދިން މައުލޫމާތުގެ އެހީގައެވެ. ޖަލްސާތަކުގެ އެޖެންޑާ
ތަކާއި ޔައުމިއްޔާތަކުގެ އެހީގައެވެ. ޖަލްސާތައް ކުރިއަށް ދިޔަގޮތާއި ޚާއްޞަ
މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދިޔަ ގޮތުގެ ޓައިމްލައިނެއް މިބައިގާ
ހިމަނާފައި ވާނެއެވެ. އަދި މެންބަރުކަން ކުރެއްވި ބޭފުޅުންގެ ނަންތަކާއި
އެބޭފުޅުން މެންބަރުކަމުގައި ތިއްބެވި މުއްދަތު އަންގައިދޭ ލިސްޓެއް ހިމަނާފައި
ވާނެއެވެ.
އޮގަސްޓް ބާރަތޭރަ (ކަޅުހުކުރު)
މިނިވަން ބަހުސްގެ ސިލްސިލާ ކުރިއަށް ދާންފެށުމުން،
އެކަމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކުރުމުގެ ސިލްސިލާއެއް ސަރުކާރުން
ފެށިއެވެ. މައުލޫމާތެއް ސާފުކޮށްލަން ކަމަށްބުނެ ފުލުސް އޮފީހަށް ހާޒިރުކޮށް
ބައެއް މީހުން ހައްޔަރުކުރަން ފެށިއެވެ. 2004 އޮގަސްޓް 12 ވަނަ ދުވަހު ހަވީރުން
ފެށިގެން ޖުމްހޫރީ މައިދާން ސަރަހައްދަށް މީހުން ޖަމާވާންފެށީ ފުލުސް އޮފީހަށް
ހާޒިރުކުރި މީހަކާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވުމަށެވެ. އެންމެފަހުން އެރޭ މެންދަން
ވީއިރު އެ އެއްވުން އޮތީ ބޮޑު އެއްވުމަކަށް ވެފައެވެ. ރައްޔިތުން އެބައިމީހުންގެ
ޝުޢޫރު ފާޅުކުރުމުގައި އަޑުއުފުލިއެވެ. ސިޔާސީ ކުއްވެރިން ދޫކޮށްލަން ގޮވިއެވެ.
ރައީސް މައުމޫނާއި ސިފައިންގެ ވެރިން އިސްތިއުފާ ދެއްވުމަށް ގޮވިއެވެ. ސިފައިންގެ
އިމާރާތްތަކާއި ސިފައިންގެ ފައުޖުތަކުގެ ކުރީމަތީގައި ތިބެގެން ސަރުކާރަށް
ފާޑުކިޔެވެ. ނަތީޖާއަކަށްވީ އެ އެއްވުން އަނިޔާވެރިގޮތަކަށް ސިފައިން
ރޫޅައިލުމެވެ. އެކަމުގައި ބައިވެރިވި މީހުންނާއި އެއްވުން ރޭވިކަމަށް ތުހުމަތު
ކުރެވުނު ގިނަބަޔަކު ހައްޔަރުކޮށް ޖަލަށް ލުމެވެ. އޭގެތެރޭގައި ރައްޔިތުންގެ
މަޖިލީހާއި ޚާއްޞަ މަޖިލީހަށް ނިސްބަތްވެވަޑައިގެންނެވި މެންބަރުންވެސް
ހިމެނުނެވެ. މިހާދިސާ ލިޔެފައިވާނީ އެތަނުގައި ހިނގާދިޔަ ކަންކަން ދުށް މީހެއްގެ
ހައިސިއްޔަތުންނެވެ. ބައެއް މައުލޫމާތުތައް ހޯދުމުގައި ދިވެހި އޮބްޒާވަރ އާއި
ރާއްޖޭގެ ދުވަހު ނޫސްތަކުން އެހީ ލިބުނެވެ. ދައުލަތުގެ މީޑިއާގެ ޚަބަރުތަކުންނާއި
ރައީސް އޮފީހުގެ ޚަބަރުތަކުންވެސް މައުލޫމާތު ހޯދީމެވެ. މިބައިގައި އެހާދިސާއާ
ގުޅޭ ގިނަ އަދަދެއްގެ ފޮޓޯ ހިމަނާފައިވާނެއެވެ.
އަންނި، އެނބުރި ރާއްޖެއަށް
ރާއްޖެއިން ބޭރަށް އަމިއްލައަށް އަރުވައިލެއްވިގެން
ތިއްބެވި ބޭފުޅުންގެ ތެރެއިން، އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު (އަންނި)
ރާއްޖެ ވަޑައިގަތެވެ. 2005 އެޕްރީލް 30 ގައި އޭނާ ރާއްޖެ ވަޑައިގަންނަވާކަން
އިޢްލާންވުމާއެކު އެމްޑީޕީއަށް ނިސްބަތްވި ގިނަބަޔަކު ކަންބޮޑުވިއެވެ. ސަރުކާރުން
އާންމުކޮށް ކަންކޮށްފައިވާ އުޞޫލުން އެއާޕޯޓުން އޭނާ ހައްޔަރުކޮށް ޖަލަށްލާނޭ
ކަމަށް ގަބޫލުކުރެވުނެވެ. އެދުވަހު ކަންހިނގާދިޔަގޮތް ލިޔެފައިވާނީ އަންނި ރާއްޖެ
ވަޑައިގެންނެވުން ކަވަރުކުރަން އެއާޕޯޓަށްދިޔަ ހަމައެކަނި ނޫސްވެރިޔާގެ
ހައިސިއްޔަތުންނެވެ.
ސިޔާސީޕާޓީ ހުއްދަކުރުން
އެތައްބަޔަކު އެތައް ދުވަހެއް ވަންދެން ކުރި
މަސައްކަތުގެ ނަތީޖާ ފެނުނެވެ. އެއް ބަންޑާރަނައިބަކަށް ފެނިވަޑައިގަތްގޮތާ
ދިމާއިދިކޮޅަށް އަނެއް ބަންޑާރަނައިބަކަށް ފެނިވަޑައިގަތެވެ. އެއް ރައްޔިތުންގެ
މަޖިލީހުގެ އަޣްލަބިއްޔަތުން ނިންމެވިގޮތާ ދިމާއިދިކޮޅަށް އަނެއް ރައްޔިތުންގެ
މަޖިލީހުގެ އިއްތިފާގުން ނިންމެވިއެވެ. ސިޔާސީޕާޓީ ނިޒާމަށް، ޒަމާނުއްސުރެ އޮތް
ހުރަސް މުޅިން ނައްތައިލެވުނެވެ. 2005
ޖޫން 5 ގައެވެ. މިބައި ލިޔުމުގައި ސިޔާސީ ޕާޓީގެ ތާރީޚަށާއި ފަހުގެ ތާރީޚްގައި
ސިޔާސީޕާޓީ ރަޖިސްޓްރީކުރުމަށް ކުރެވުނު މަސައްކަތަށް ބަލައިލާފައި ވާނެއެވެ.
ސިޔާސީ ޕާޓީ ހުއްދަކުރުމަށް ކުރެވުނު މަސައްކަތުގައި ސަރުކާރުން
ޢަމަލުކުރެއްވިގޮތަށާއި މަޖިލީހުން ގޮތެއް ނިންމެވުމުގައި ކަންކުރެއްވިގޮތް
ހިމަނާފައިވާނެއެވެ. ސިޔާސީ ޕާޓީގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް
ގެންދެވި 2005 ޖޫން 2 ވަނަ ދުވަހުގެ ޖަލްސާގެ ޔައުމިއްޔާއިން މުހިންމު ބައިތައް
ހިމަނާފައި ވާނެއެވެ. ސިޔާސީޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދައާއެކު، އެންމެ
ފޯރީގައި ރަޖިސްޓްރީކުރުމަށް މަސައްކަތްކުރެވުނު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް
ޕާޓީ (އެމްޑީޕީ) އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުފެއްދުމަށް ކުރެވުނު
މަސައްކަތްތަކަށް ބަލައިލާފައި ވާނެއެވެ.
އިދިކޮޅު ލީޑަރު ހައްޔަރުކޮށް ޝަރީޢަތް ހިންގުން
2005 އޮގަސްޓް 12 ވީ ހުކުރު ދުވަހު ހަވީރު،
ޖުމްހޫރީ މައިދާނުގައި އިންނަވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު
(އަންނި) ހައްޔަރުކުރިއެވެ. މިކަމާ ގުޅިގެން މާލެތެރެ ހަލަބޮލިވިއެވެ.
ޖެހިޖެހިގެން 4 ރޭ ވަންދެން ކުރިއަށްދިޔަ ހަމަނުޖެހުންތަކުގައި، ގައުމީ ސަލާމަތީ
ބާރުތަކާއި އާންމުންނާ ދެމެދު ކުރިމަތިލުންތައް ހިނގިއެވެ. އެމްޑީޕީގެ މައިހަރުގެ
ސިފައިން ރޫޅައިލިއެވެ. އެމްޑީޕީއަކީ ހަމަނުޖެހުން އުފައްދާ ބައެއްގެގޮތުގައި
ސަރުކާރުން ސިފަކުރިއެވެ. އެޕާޓީގެ ޗެއާޕާސަންގެ މައްޗަށް ދައުލަތާ އިދިކޮޅު
ޢަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. މި
ޗެޕްޓަރ ފުރިހަމަ ކޮށްފައިވާނީ އޭރުގެ ނޫސްމަޖައްލާތަކާއި ދައުލަތުގެ މީޑިއާއިން
ފެތުރި ޚަބަރާއި މައުލޫމާތުގެ އަލީގައެވެ. ހޯމް މިނިސްޓްރީ އާއި ޖިނާއީ ކޯޓުން
އާންމުކުރި ލިޔުންތަކުގެ އެހީގައެވެ. ޝަރީޢަތްތަކުގައި ދެކެވުނު މުހިންމު
ވާހަކަތައް ގެނެސްދީފައިވާނީ އެ ޝަރީޢަތްތައް އަޑުއެހި މީހެއްގެ
ހައިސިއްޔަތުންނެވެ. އަހަރުގެ ބޮޑު ޝަރީޢަތުގެ ގޮތުގައި އެޝަރީޢަތްތައް ކަވަރުކުރި
ނޫސްވެރިއެއްގެ ހައިސިއްޔަތުންނެވެ.
ދެޕާޓީގެ ކޮންގްރެސް
މިއީ އެމްޑީޕީ އާއި ޑީއާރުޕީގެ ވާހަކައެކެވެ.
ދެޕާޓީގެވެސް ފުރަތަމަ ކޮންގްރެސްގެ ވާހަކައެވެ. ކޮންގްރެސްގައި ނިންމި
ނިންމުންތަކުގެ ވާހަކައެވެ. މިބައި އެކުލެވިގެން ވަނީ؛ މަގާމުތަކަށް އިންތިޚާބުވި
ބޭފުޅުންގެ މައުލޫމާތާއި ފޮޓޯ ހިމަނައިގެންނެވެ. އިންތިޚާބުގައި ވޯޓް ދިން ގޮތުގެ
ތަފްސީލް ހިމަނައިގެންނެވެ.
މުޒާހަރާތައް
މުޒާހަރާތައް ނިސްބަތް މިކުރެވެނީ 2006 ޖެނުއަރީ 24
ހުން ފެށިގެން 2007 ސެޕްޓެމްބަރު 1 އަށް ރާއްޖޭގައި ކުރި މުހިންމު މުޒާހަރާ
ތަކަށެވެ. ކޮންމެ މުޒާހަރާއެއްގެވެސް ޚުލާސާއާއެކު އެމުޒާހަރާއެއްގެ ފޮޓޯތައް
ހިމަނާފައި ވާނެއެވެ. ފުރަތަމަ މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ހޯމް
މިނިސްޓްރީން ނެރުއްވި ނޫސްބަޔާން ހިމަނާފައިވާނެއެވެ. 2006 ނޮވެމްބަރު 10 ގައި
ޤާނޫނުއަސާސީ އިޞްލާޙް ކުރުމަށް ބާރުއެޅުމުގެ ގޮތުން އެމްޑީޕީން ރޭވި
ކަންތައްތަކާއި އެކަންތައްތަކަށް ތާއީދު ހޯދުމުގެ ގޮތުން ކުރި ދަތުރުތަކާއި، އެދަތުރުތަކުގައި ކުރިމަތިވި ގޮންޖެހުންތައްވެސް
ހިމަނާފައިވާނެވެ. ޚާއްޞަގޮތެއްގައި، އެމްޑީޕީގެ
ޗެއާޕާސަން ނަޝީދު ޅ.ނައިފަރަށް ވަޑައިގަތުމުން ކިސަޑު ޖެހި ހާދިސާއާއި ނ.މަނަދޫން
ގާއުކި ހާދިސާގެ ވާހަކަވެސް ފޮޓޯއާއެކު މިބައިގާ ހިމަނާފައިވާނެވެ.
ދައުލަތުގެ އެންމެ އިސް މަގާމުތަކަށް ގެނައި
ބަދަލުތައް
ރައީސް މައުމޫންގެ 6 ވަނަ ދައުރު ދައުލަތުގެ އެންމެ
އިސް މަގާމުތަކަށް ވަރަށްގިނަ ބަދަލުތަކެއް ގެންނެވިއެވެ. އޭރު
އަމަލުކުރެވެމުންދިޔަ ޤާނޫނުއަސާސީން ދައުލަތުގެ އިސްމަގާމުތަކަށް މީހުން
އައްޔަންކުރުމުގެ ހުރިހާވެސް ބާރެއް ލިބިދިނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، އޮޑިޓަރ
ޖެނެރަލާއި، އިލެކްޝަންސް ކޮމިޝަނަރުވެސް އައްޔަންކުރެއްވީ ރައީސް މައުމޫނެވެ.
މިބަދަލުތަކުގެ ތަފްސީލާއެކު މިބައިގާ ދެން އޮންނާނީ ވަޒީރުންގެ މަޖިލީހަށް
ގެނެވުނު ބަދަލުތަކާއި އެބަދަލުތައް ގެނެވުނު ތާރީޚް ތަކެވެ. އަދި ވަޒީރުންގެ
މައްޗަށް އިތުބާރުނެތް ކަމަށް ހުށަހެޅުނު މައްސަލަތަކަށްވެސް މިބައިގާ
ބަލައިލާފައި ވާނެއެވެ.
އިންތިގާލީ ސަރުކާރަކަށް ގޮވާލުން
އާޤާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން
އިންތިޤާލީ ސަރުކާރަކަށް ނުވަތަ ވަގުތީ ސަރުކާރަކަށް ފުރުސަތުދޭންޖެހޭ ކަމަށްބުނެ
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ޚާއްސަ މަސައްކަތްތަކެއް ފެށިއެވެ.
އެމަސައްކަތްތައް ކުރިއަށްދިޔައީ އިދިކޮޅު ހުރިހާ ލީޑަރުންވެސް އެއްބަސް
ކިޔައިގެންނެވެ. އިދިކޮޅު ފަރާތްތައް އެއްގަލަކަށް އަރައިގެންނެވެ. މި
މަސައްކަތުގައި ހުރިހާ ޕާޓީތައް ތަމްސީލުކޮށް އެއްއޮޑިއެއްގައި ދަތުރުވެސް
ކުރިއެވެ. އުތުރު އަރުމާޒާއި ދެކުނު އަރުމާޒު ދަތުރެވެ. މިވާހަކަތައް ހިމެނެނީ
މިބާބުގައެވެ.
ރިޔާސީ އިންތިޚާބް 2008
2008 އޮގަސްޓް 7 ގައި އާ ޤާނޫނުއަސާސީ
ތަޞްދީޤުކުރެވި އަމަލުކުރެވެން ފެށުމާއެކު، ޑިމޮކްރެޓިކް އުސޫލުތަކަށް ދުސްތޫރީ
ނިޒާމު ބަދަލުވާންފެށިއެވެ. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތަށް
މުއައްސަސާތަކާއި ޤާނޫނުތައް އުފެއްދިއެވެ. ސީދާ ރައްޔިތުންގެ ވޯޓަކުން
ރައީސުލްޖުމްހޫރިއްޔާ އިންތިޚާބްކުރެވޭގޮތަށް ރިޔާސީ އިންތިޚާބް އިޢްލާން
ކުރެވުނެވެ. އިންތިޚާބް އިޢްލާންކުރުމުގެ މާކުރިންވެސް އިންތިޚާބަށް ކެމްޕޭން
ކުރުމުގެ މަސައްކަތް ކެންޑިޑޭޓުން ފެއްޓެވިއެވެ. ރައީސް މައުމޫނާ ވާދަކުރަން
އިދިކޮޅު ލީޑަރުން އެއްކެންޑިޑޭޓަކު ނެރުމުގެ ވިސްނުމެއް ގެންގުޅުނެވެ. އެކަމަކު
އެއްބަސްވުމަކަށް ނާދެވުނެވެ. މިދެންނެވި ވާހަކަތަކުގެ އިތުރުން މިބައިގާ ހިމެނެނީ
ކެންޑިޑޭޓުންނާއި ރަނިންމޭޓުންގެ ވާހަކައެވެ. ފުރަތަމަ ބުރުގެ ވޯޓްލުން ކުރިއަށް
ދިޔަގޮތުގެ ވާހަކައެވެ. ދެވަނަ ބުރަށް ތައްޔާރުވީ ގޮތުގެ ވާހަކައެވެ. ދެވަނަ
ބުރުގެ ކެމްޕޭންގެ ވާހަކައެވެ. އިންތިޚާބުގެ ނަތީޖާގެ ވާހަކައެވެ. މިހުރިހާ
ވާހަކަތަކެއްވެސް ގެނެސްދީފައިވާނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން
އާންމުކޮށްފައިވާ މައުލޫމާތާއި، މިފޮތުގައި ޖެހުމަށްޓަކައި ނެގި ފޮޓޯ
ހިމަނައިގެންނެވެ.
ނަޝީދު، ރައީސްކަމާ ހަވާލުވުން
ޑިމޮކްރެޓިކް އުސޫލުން ރާއްޖޭގައި ފުރަތަމަ
ފަހަރަށް ބޭއްވި ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވި މުޙައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުން އޮތީ 2008 ނޮވެމްބަރު 11 ވީ އަންގާރަ
ދުވަހުއެވެ. މި ބައިގައި ހިމެނެނީ އެދުވަހުގެ ރަސްމިއްޔާތު ކުރިއަށްދިޔަ ގޮތެވެ. ހުވާކުރެއްވުމަށްފަހު،
ޤައުމާ މުޚާޠަބް ކުރައްވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ.
އަމިއްލަ ތަޖުރިބާ
މިއީ އަޅުގަނޑުގެ ވާހަކައެވެ. ނޫސްވެރިކަމުގައި
އަޅުގަނޑުކުރި ތަޖުރިބާގެ ވާހަކައެވެ. މިވާހަކަ "ދިވެހިރާއްޖެ
ޑިމޮކްރަސީއަށްކުރި ދަތުރު"ގައި ހިމެނުމުގެ ބޭނުމަކީ އެދަތުރުގައި
އަޅުގަނޑަށް އުޅެވުނު ހިސާބު ދެންނެވުމެވެ. ކުރެވުނު ތަޖުރިބާ ތަކާއި ކުރިމަތިވި
ހާދިސާތައް ހިއްސާ ކުރުމެވެ. ނޫސްވެރިކަމަށް އޭރުހުރި ގޮންޖެހުންތައް މިބައިން
ދޭހަކޮށްދޭނެއެވެ. މިބަޔަކީވެސް ޝައުގުވެރި ބަޔަކަށް ވާނެކަމަށް ޔަގީންކުރަމެވެ.
މަތީގައި
މިދެންނެވި މައިގަނޑު 17 ޗެޕްޓަރުގެ އިތުރުންވެސް މުހިންމު ލިޔުންތަކެއް ފޮތުގައި
ހިމަނާފައިވާނެއެވެ. މިފޮތަކީ ދިވެހި ތާރީޚް ދިރާސާ ކުރާ ފަރާތްތަކަށް މުހިންމު
ފޮތަކަށް ވާނެކަމަށް ޔަގީން ކުރަމެވެ.
No comments:
Post a Comment
Your comment is awaiting moderation!