2010-01-27

ރައީސް މައުމޫން ސިޔާސީ ދާއިރާއާ ދުރަށް – މުހިންމު ނިންމެވުމެއް


2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމާއެކު، އެމަނިކުފާނު ވަރަށް ރިވެތި ނަމޫނާއެއް ދެއްކެވިއެވެ. ވަގުތީ ނަތީޖާ ދައްކަމުންދިޔަ ގޮތާ އެއްގޮތަށް އެރޭ (28 އޮކްޓޯބަރު 2008 ދުވަހުގެރޭ) މައުމޫންގެ މައްޗަށް ވާދަވެރި ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ކާމިޔާބު ހޯއްދަވައިފިކަން ގަބޫލުކުރެއްވިއެވެ. ނަޝީދަށް ގުޅުއްވައި މަރްޙަބާ ވިދާޅުވިއެވެ. ޖެހިގެން އައި ދުވަހުގެ މެންދުރު ދެބޭފުޅުން ރައީސް އޮފީހުގައި ބައްދަލުކުރެއްވިއެވެ. ދެބޭފުޅުން އެކުގައި ނޫސްވެރިންނާވެސް ބައްދަލުކުރެއްވިއެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ. ނޫސްވެރިންގެ ސުވާލުތަކުގެ ތެރެއިން އަޅުގަނޑު އެންމެ ޝައުގުވެރިވި ސުވާލަކީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި މައިގަނޑު ސަބަބާ ގުޅޭގޮތުން ރައީސް މައުމޫނަށް އަމާޒުކުރެވުނު ސުވާލެވެ. އެސުވާލަށް މައުމޫން ދެއްވި ޖަވާބުވެސް ހަމަ އެހާ ޝައުގުވެރިއެވެ. އެމަނިކުފާނު ވިދާޅުވި ޖަވާބުގެ ޚުލާސާއަކީ "މައްސަލައަކީ ތިރީސް އަހަރުގެ މައްސަލަ" އެވެ.

އެ ދުވަހަށްފަހު، އަޅުގަނޑު އުންމީދުކުރަމުން އައީ ރައީސް މައުމޫން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނޭ ދުވަހަކަށެވެ. ސަބަބަކީ ގިނަ ޒަމާންތަކަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވީތީ ދެވޭ ގަދަރެވެ. އުމުރުން ދުވަސްވީ ބޭފުޅަކަށްވާތީ ކުރެވޭ އިހްތިރާމެވެ. މައުމޫނާ މެދު އަޅުގަނޑުގެ ހިތުގައި އޮތް ހަމްދަރުދީއެވެ.

އަޅުގަނޑުގެ އުންމީދު ފުރިހަމަވާން އުޅޭ ކަމުގެ ޚަބަރު ލިބުނެވެ. 25 ޖެނުއަރީ 2010 ވީ ދުވަހު، މެންދުރު 1:00 ހާއިރު ރައީސް މައުމޫންގެ ޚާއްސަ ނޫސްކޮންފަރެންސެއް ޓީވީއެމް ސްޓޫޑިއޯގައި ކުރިއަށް ގެންދެވިއެވެ. އެނޫސްކޮންފަރެންސް ޓީވީއެމުންނާއި އެހެންވެސް ބައެއް ޗެނަލްތަކުން ލައިވްކުރިއެވެ. އަޅުގަނޑު ބަލަމުންދިޔައީ ޓީވީއެމް މެދުވެރިކޮށެވެ. ރައީސް މައުމޫންގެ ވާހަކަ ކިތަންމެހާވެސް ޝައުގުވެރިއެވެ.

މައުމޫން ވިދާޅުވީ އަންނަ ފެބްރުއަރީ މަހު ބާއްވާ ޑީއާރުޕީގެ ގައުމީ ޖަލްސާގައި އެ ޕާޓީގެ ޒައީމް ކަމަށް ކުރިމަތި ނުލައްވަން ނިންމަވާފައިވާ ކަމަށާއި، ގައުމީ ޖަލްސާގައި ޒައީމް ކަމުގެ މަގާމު ދޫކޮށްލެއްވުމަށް ފަހު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. "މާނަ އަކީ ސިޔާސީ ކަންތައްތަކުގައި ވަރަށް ހަލަބޮލިކޮށް ކަންތައް ހިނގަމުން މިދަނީ. އެކި ފަރާތް ފަރާތަށް ފާޑުކިޔުމާއި އެކި ކަހަލަ ކަންތައް ކުރުމުގައި، އެކަހަލަ އެއްވެސް ކަމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައިވެރިއެއް ނުވާނަން. އަޅުގަނޑު ހުންނާނީ ސިޔާސީ ހަލަބޮލިކަމުން ދުރުވެ އެއްވެސް ފަރާތަކަށް ފާޑުނުކިޔައި ހަމަހިމޭންކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރާ މީހެއްގެ ގޮތުގައި."

މި ނިންމުން ނިންމެވީ ވަރަށް ދިގު މުއްދަތެއް ވަންދެން ވިސްނަވާފައި ކަމަށާއި ޑީއާރުޕީގެ ޒައީމް ކަމަށް ކުރިމަތިލެއްވުމާއި ނުލެއްވުމާ މެދު އެންމެ ރަނގަޅު ގޮތަކީ ކޮން ގޮތެއްތޯ ބެއްލެވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. "އެ ހުރިހާ ވިސްނުމެއް ވިސްނުމަށްފަހު، އެ ހުރިހާ ގޮތަކުން ޚިޔާލު ކުރުމަށްފަހު އަޅުގަނޑަށް ފެނުނުގޮތް ޑީއާރުޕީގެ ލޮބުވެތި މެންބަރުންނަށް ވަރަށް މާފާ އެކު ދަންނަވާލާނީ. އެ ގޮތަކީ މި ފަހަރު އަޅުގަނޑު ޑީއާރުޕީގެ ޒައީމް ކަމަށް ކުރިމަތި ނުލުން. ސަބަބަކީ އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީ އިތުރަށް ހަރުދަނާވެ، އާލާވެ ޑީއާރުޕީ އަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އޮންނާނީ ޑީއާރުޕީގެ ޒައާމަތުގެ ދަންމަރު އާ ޖީލަކަށް ބަދަލުވެގެން. ޑީއާރުޕީ އަކީ މުސްތަގުބަލަށް ބަލައި ކުރިމަގަށް ކަންތައްތައް ރާވައި ރައްޔިތުންގެ ވިންދަށް އިހުތިރާމްކޮށްގެން އެ ވަގުތަށް ބޭނުންވާ ގޮތަށް ކަންތައްތައް ރާވައި ހިންގާ ޕާޓީއަކަށް ވާނީ މި ދެންނެވި ގޮތުގެ މަތިން އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީގެ ޒައާމަތު އާ ޖީލަކަށް ބަދަލުވެގެން."

ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުންނެވިއިރު މަސައްކަތް ކުރައްވާފައި ވާނީ ވަފާތެރިކަމާއި އަމާނާތްތެރިކަމާ އެކީގައި އެއްވެސް ވަރުބަލިވުމެއް، ފޫހިވުމެއް ނެތި ކަމަށްވެސް މައުމޫން ވިދާޅުވިއެވެ. "އެހާ ދިގު މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް އިޚްލާސްތެރި ވަފާތެރި ޚިދުމަތްތަކެއް ކޮށްދިނުމުގައި ވަރުބަލިވުމެއް ނެތި މަސައްކަތް ކޮށްފައިވާ މީހަކު ދެން މިހާރު އެ މީހާގެ ލޮބުވެތި އާއިލާއާ އެކީގައި އުފާވެރި ދުވަސްތަކެއް ހޭދަކޮށްލަން ބޭނުންވުމަކީވެސް އިންސާނީވަންތަ ކަމުގެ ތެރެއިން ވާކަމެއް. އަޅުގަނޑަކީވެސް އިންސާނެއް. އެހެންވީމަ އަޅުގަނޑުވެސް ބޭނުންވާނެ އަޅުގަނޑުގެ އާއިލާއާ އެކީގައި އުފަލާއި އަރާމުގައި ދުވަސްތަކެއް ހޭދަކޮށްލަން. އެހެންވީމަ އަޅުގަނޑަށް ވިސްނުނީ މިއީ އެކަމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމުގައި."

ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަންނަވަން ނިންމެވި ނިންމެވުމަކީ ޚުދު އެމަނިކުފާނު އަމިއްލައަށް ނިންމެވި ނިންމެވުމެއް ކަމަށާއި އެކަމުގައި ޑީއާރުޕީ ކައުންސިލްގެ އެއްވެސް މަޝްވަރާއެއް ނުހޯއްދަވާ ކަމަށްވެސް ވިދާޅުވިއެވެ. "އަޅުގަނޑު މިހާރު އާއިލާއާ އެކު ވަގުތު ހޭދަކުރަން ބޭނުންވަނީ. އަދި ސިޔާސީ މާހައުލުން ދުރަށް ޖެހިލައި ޒުވާން ޖީލުތަކަކަށް ފުރުސަތު ދޭން ބޭނުންވަނީ. އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރުޕީގެ ކުރިއެރުން އޮތީ ޒުވާން ޖީލްތަކުގެ އަތް މަތީގައި. އެހެންވީމަ އެ ފުރުސަތު ދޭން އަޅުގަނޑު ބޭނުންވަނީ. ރީތިކޮށް ވަކިވާން އަޅުގަނޑު ބޭނުންވަނީ. އަދި އަޅުގަނޑު ބޭނުންވަނީ ޑިމޮކްރެޓިކް މިސާލެއް ދައްކަން. އަޅުގަނޑު ޕާޓީގެ ލީޑަރު ކަމުގައި ހުރެގެން ޑިމޮކްރެޓިކް އުސޫލުން ޕާޓީގެ ޒައާމަތު އެހެން ޖީލަކަށް ބަދަލުވުން އެއީ އަޅުގަނޑު ފަހުރުވެރިވާނެ ކަމެއް. އަޅުގަނޑަށް ކުރެވުނު ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ބަލައިގަންނާނަން."

ރައީސް މައުމޫންގެ މިމުހިންމު ނިންމެވުމަކީ، އެގޮތަށް އެކަން ނިންމަވާފާނެ ކަމާމެދު އެތައްބަޔަކު ސުވާލު އުފައްދަމުން ދިޔަ ނިންމުމެކެވެ. ގިނަ ޒަމާންތަކެއްވަންދެން ވެރިކަމުގެ އާރާއި ބާރުގައި ހުންނެވުމަށްފަހު، ނާކާމިޔާބުވެ ވަޑައިގަތުމުން އެނބުރި ވެރިކަމަށް ވަޑައިގަތުމުގެ އުންމީދު އާލާ ނުކުރައްވާނެ ބާއޭ މިއީ ޚުދު އަޅުގަނޑުގެވެސް ހިތުގައި އުފެދުނު ސުވާލެކެވެ. އެހެންނަމަވެސް އަޅުގަނޑުގެ ސުވާލަށް މިއަދު މައުމޫން ޖަވާބު ދެއްވައިފިއެވެ. މުހިންމު ނިންމުން ނިންމަވައިފިއެވެ. ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަތުމުގެ އަޒުމް ކަނޑައަޅުއްވައިފިއެވެ. އެކަން މުޅި ދުނިޔެއަށް އިޢްލާންކުރައްވައިފިއެވެ. 

No comments:

Post a Comment

Your comment is awaiting moderation!