2009-05-15

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2009



2008 އޯގަސްޓް 7 ވަނަ ދުވަހު ތަސްދީޤްކުރި، ޤާނޫނު އަސާސީގައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބްކޮށްފިއެވެ. ރައްޔިތުންގެ މަޖިލިސް އެކުލަވާލުމަށްޓަކައި 2009 މެއި 9 ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބުގެ ވަގުތީ ނަތީޖާ، އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރީ 2009 މެއި 12 ވީ އަންގާރަ ދުވަހުގެ ރެއެވެ.

މި އިންތިޚާބުގައި 77 ދާއިރާއަށް ޖުމްލަ 455 ކެންޑިޑޭޓަކު ވާދަކުރިއެވެ. އެއީ 11 ސިޔާސީ ޕާޓީއަކުން ވާދަކުރި 209 ކެނޑިޑޭޓުންނާއި، އަމިއްލަގޮތުން ވާދަކުރި 246 ކެނޑިޑޭޓުންނެވެ. އިންތިޚާބްގެ ނަތީޖާ ދައްކާގޮތުން، މަޖިލީހުގެ މެންބަރުކަން ކަށަވަރުކުރި ކެންޑިޑޭޓުންގެ ތެރެއިން 64 ކެންޑިޑޭޓުންނަކީ 5 ސިޔާސީޕާޓީއަކަށް ނިސްބަތްވާ ކެންޑިޑޭޓުންނެވެ. އަނެއް 13 ކެންޑިޑޭޓުންނަކީ އަމިއްލަގޮތުން ވާދަކުރެއްވި ބޭފުޅުންނެވެ. ސިޔާސީ ޕާޓީތަކަށް ބަލާއިރު، އެންމެ ގިނަ ގޮނޑި ކާމިޔާބްކުރީ އެންމެބޮޑު އިދިކޮޅު ޕާޓީ ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ންނެވެ. އެޕާޓީއަށް ނިސްބަތްވި 28 ކެންޑިޑޭޓަކު އިންތިޚާބް ކާމިޔާބް ކުރިއެވެ. ސަރުކާރު ހިންގާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން ތެރެއިން 26 ކެންޑިޑޭޓަކު އިންތިޚާބް ކާމިޔާބްކުރިއެވެ. މައި ދެޕާޓީގެ އިތުރުން ދެން އެންމެ ގިނަ ގޮނޑި ކާމިޔާބްކުރީ 7 ގޮނޑި ކާމިޔާބްކުރި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ކެންޑިޑޭޓުންނެވެ. ޕީޕަލްސް އެލައެންސްވަނީ ޑީއާރްޕީއާ ކޯލިޝަން ހަދާފައިކަމުން އެކޯލިޝަނަށް ނިސްބަތްވާ ޖުމްލަ ގޮނޑީގެ އަދަދަކީ 35 ކެވެ. އިންތިޚާބް ކާމިޔާބު ކުރި ޕާޓީތަކުގެ ތެރެއިން ދިވެހި ގައުމީ ޕާޓީ އަށް ލިބުނީ 2 ގޮނޑިއެވެ. އަދި ޖުމްހޫރީ ޕާޓީއަށް 1 ގޮނޑިއެވެ.


މި އިންތިޚާބުގައި ޑީއާރުޕީން ވާދަކުރި ކެންޑިޑޭޓުންގެ ޖުމްލައަކީ 59 އެކެވެ. އޭގެތެރެއިން 28 ކެންޑިޑޭޓުން ކާމިޔާބްކުރުމުން ނިސްބަތުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ޕާޓީއަކީ ޑީއާރްޕީއެވެ. އެގޮތުން ބަލާއިރު އެޕާޓީއަށް 47 ޕަސެންޓް ލިބެއެވެ. ދެވަނައަށް ކާމިޔާބު ހޯދީ ޕީއޭ އިންނެވެ. އެޕާޓީން ވާދަކުރި ޖުމްލަ 18 ކެންޑިޑޭޓުންގެ ތެރެއިން 7 ކެންޑިޑޭޓުން ކާމިޔާބް ކުރިއެވެ. ނިސްބަތުން އެއީ 38 ޕަސެންޓެވެ. އެމްޑީޕީން ޖުމްލަ 75 ކެންޑިޑޭޓުން ބައިވެރިވެ، 26 ކެންޑިޑޭޓުން ކާމިޔާބްކުރުމުން އެއީ 34 ޕަސެންޓެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރި ދާއިރާތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓު ދިން މީހުންގެ 30 ޕަސެންޓް ވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް ވޯޓް ދީފައެވެ. އަދި އަމިއްލަގޮތުން ކުރިމަތިލެއްވި ކެނޑިޑޭޓުންނަށްވެސް ވޯޓުދިންމީހުންގެ 30 ޕަސެންޓް މީހުން ވޯޓް ދީފައި ވެއެވެ. ޑީއާރުޕީއަށް ވޯޓުދީފައިވަނީ 24 ޕަސެންޓެވެ.

ޑީއާރުޕީން ކުރިމަތިލެއްވި ކޮންމެ ކެނޑިޑޭޓަކަށްމެ އެވްރެޖްގޮތެއްގައި 689 މީހުން ވޯޓު ދީފައިވެއެވެ. އެމްޑީޕީން ކުރިމަތިލެއްވި ކޮންމެ ކޮންމެ ކެނޑިޑޭޓަކަށްމެ އެވްރެޖްގޮތެއްގައި ވޯޓްދީފައިވަނީ 671 މީހުންނެވެ. އެންމެ ގިނަކެނޑިޑޭޓުން ކުރިމަތިލީ އަމިއްލަގޮތުންކަމަށްވިޔަސް، ވޯޓް ބެހިފައިވާ ނިސްބަތަށް ބަލާއިރު އަމިއްލަގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް އެވްރެޖް ގޮތެއްގައި ލިބިފައިވަނީ 200 ވޯޓެވެ. މި ނަތީޖާތަކުން ދޭހަކޮށްދެނީ ދިވެހިރާއްޖޭގެ ރައްޔިތުން ޕާޓީ ސިޔާސަތުތަކަށް ތާއީދުކުރާކަމެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބްގައި އެންމެ ބޮޑު ދެޕާޓީންވެސް މަސައްކަތްކުރީ މަޖިލީހުގެ ސީދާ އަޣްލަބިއްޔަތު ހޯދުމަށެވެ. އެހެންނަމަވެސް އެއްވެސް ޕާޓީއަކަށް ސީދާ އަޣުލަބިއްޔަތެއް ނުލިބެއެވެ. އިންތިޚާބްގެ ނަތީޖާ ކޮންމެ ގޮތަކަށް ދެއްކިނަމަވެސް، މަޖިލީހުގެ ޖަލްސާތަކާއެކު، މެންބަރުންގެ ޓްރާންސްފާ ފެށުމަކީވެސް އެކަށީގެންވާ ކަމެކެވެ.

No comments:

Post a Comment

Your comment is awaiting moderation!