މި އޯގަސްޓް މަހުގެ 7 ވަނަ ދުވަހަކީ
ތާރީޚީގޮތުން ފާހަގަކުރެވޭނެ ވަރަށް މުހިންމު ދުވަހެކެވެ. ދިވެހި
ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް މުޅިން އަލަށް ގެނެވުނު ގިނަ ބަދަލުތަކަކާއެކު، ޤާނޫނުއަސާސީ
ތަސްދީގު ކުރެވުނު ދުވަހެވެ. އެއްބަޔަކުގެ ވާހަކައިން މިއީ އިސްލާހުކުރެވުނު ގާނޫނުއަސާސީ
އެވެ. އަނެއްބައެއްގެ ވާހަކައިން މިއީ އާ ގާނޫނުއަސާސީ އެވެ.
ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ
ދަރުބާރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ
ދަރުބާރަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަޑައިގެން އެތިއްބެވީ، ޒަމާނީ
ޑިމޮކްރަސީއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ އާ ޤާނޫނު އަސާސީ ބަލައިގަތުމަށްޓަކާ ކަމުގައެވެ.
އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް، ދުނިޔޭގެ ޒަމާނީ ހަމަތަކުގެ ތެރެއިން،
ބައްޓަންކުރެވިފައިވާ، ދައުލަތް ހިންގުމުގެ މުޅިން އާ ނިޒާމެއް
އުފަންކުރުމަށްޓަކާ ކަމުގައެވެ. ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ
މުޅިން އާ ދައުރަކަށް ފަށާފެށުމަށް އިސްތިޤްބާލު ކުރުމަށްޓަކާ ކަމުގައެވެ.
ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ
ހައްގުތަކުގެ މުޅިން އާ ދައުރަކަށް ފެށުމަށްޓަކައި ގާނޫނު އަސާސީ އިސްލާހުކުރެވި،
ތަސްދީގުކުރެވިއްޖެއެވެ. އެޔާއެކު، އެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިއްޖެއެވެ.
ޤާނޫނު އަސާސީގެ ސާދަވަނަ ބާބު (އިންތިޤާލީ ކަންތައްތަކާބެހޭ ބާބު) ގައި ބުނަނީ ނޫ ގާނޫނު
އަސާސީ އުވުނީ ކަމަށެވެ. ''މި ގާނޫނުއަސާސީއަށް އަމަލުކުރާން ފެށުމުން 1998 ޖެނުއަރީ 1 ވަނަ
ދުވަހު އަމަލުކުރާން ފަށާފައިވާ ''ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ''
އުވުނީއެވެ.'' 298 ވަނަ މާއްދާގެ (ށ) ގައި ވެއެވެ.
1997 ވަނަ އަހަރުގެ ނޮވެމްބަރުމަހު
ތަސްދީގުކޮށް، 1998 ވަނަ އަހަރުން ފެށިގެން އަމަލުކުރަންފެށި
ގާނޫނުއަސާސީއަށް 10 އަހަރާއި 7 މަހާއި 6 ދުވަސް ވުމަށްފަހު އެ ގާނޫނުއަސާސީ
ބާތިލް ކުރެއްވިއިރު، ވިސްނައި ފިކުރު ކުރާންޖެހޭ ނުކުތާތަކެއް އެބަހުއްޓެވެ. އާޤާނޫނުއަސާސީ''
އަކުން އާ ހައްގުތަކާއި އާ އުސޫލުތައް ކަނޑައެޅި ބަޔާންވެ، އަމަލުކުރުމުގެ ފުރުސަތު
ރައްޔިތުންނަށް ލިބުނު ހިނދު، މާޒީގައި ކަންހިނގާފައިވާ ގޮތާމެދުވެސް ސަމާލުވާން އެބަޖެހެއެވެ.
އެޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކަށް އިހްމާލުވެފައިވާ މިންވަރު
ހަނދުމަކުރާން އެބަޖެހެއެވެ. ކިތަންމެ ބަދަލެއް އައި ނަމަވެސް، ބަދަލު ނުވާ އެއްކަމެއް
އޮތީމައެވެ. މައްސަލަތަކާއި ޝަކުވާތަކުގެ އަސްލުވެސް އެކަމާ ގުޅިފައިއޮތީމައެވެ.
ޤާނޫނުއަސާސީގެ 13 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮތީ: ދިވެހިރައްޔިތުންނަކީ، އެމީހުންގެ މައްޗަށް ޤާނޫނު
ހިންގުމުގައްޔާއި، ޤާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަ ވެގެންވާ ބަޔެކެވެ.
ތޭރަވަނަ މާއްދާގައި އެބުނާ ހަމަހަމަކަން ދިވެހި ރައްޔިތުންގެ މައްޗަށް ގާއިމް
ވެފައެއް ނުވެއެވެ. އެއްކަމެއްގައި އެކަކަށް އަދަބު ލިބި އަނެކަކަށް
ހިމާޔަތް ލިބިފައި އެބަހުއްޓެވެ. ޚާއްސަގޮތެއްގައި ސިޔާސީ ކަންކަމުގައި އުޅުނު
މީހުނަށް މި ތަފާތުތައް ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިފައި ވެއެވެ.
ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (2)
ގައި ބަޔާންކޮށްފައި އޮތީ: ކުށެއްގެ ތުހުމަތުން ބަރީއަވުމަށް އިސްލާމީ ޝަރީޢަތާ
ޚިލާފުނުވާ ގޮތުގެމަތިން މަސައްކަތްކުރުމުގެ ޙައްގު، ކޮންމެ މީހަކަށްމެ ލިބިގެން ވެއެވެ.
މިގޮތުން ގާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެފަދަ އެހީ
ހޯދައި ލިބިގަތުމުގެ ފުރުޞަތު އެމީހަކަށް ދޭންވާނެއެވެ.
މިފުރުސަތު ދާދި ފަހަކާ ޖެހެންދެންވެސް
ލިބި ދީފައެއް ނުވެއެވެ. މިކަން މިގޮތަށް ކުރީ، ޤާނޫނުގައި މިކަން މިގޮތަށް
އޮތްކަން ނޭނގިގެންކަން ގަބޫލުކުރެވޭކަށް ނެތެވެ. ސަންދާނު މައްސަލައިގައި ހައްޔަރުކުރި
މުޙައްމަދު ޒަކީ (ނަޒާކީ ޒަކީ)، އޭނާ ހައްޔަރުކުރުމާއި ޝަރީޢަތް ކުރުމުގައި ކަންތައް
ކޮށްފައިވާގޮތް ހާމަކުރައްވަމުން ލިޔުއްވާފައި ވަނީ ''ގާޒީއަށް އާދޭސް ދެންނެވުމުންވެސް،
މިމައްސަލައިގާ ޤާނޫނީ ވަކީލެއްގެ ފުރުސަތު ނުލިބޭނެކަމަށް ގާޒީ ވިދާޅުވި'' ކަމަށެވެ.
ސަންދާނު މައްސަލައަށްވުރެ މާބޮޑެތި މައްސަލަތަކާއި ކުދިކުދި މައްސަލަތަކުގެ ތުހުމަތުގައި
ހައްޔަރުކުރި ގިނަ މީހުންނާމެދުވެސް ކަންތައް ހިންގާފައިވަނީ ހަމަ މިއުސޫލުންނެވެ.
ގާނޫނީ ވަކީލެއް ލިބިގަތުމުގެ ފުރުސަތު ނުދީއެވެ.
ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮތީ: ގޮވަތިގެދޮރަކީ ހުރުމަތްތެރިވެގެންވާ ތަންތަނެވެ. ފަހެ، ގާނޫނުގައިވާ
ގޮތެއްގެމަތިން މެނުވީ، އެއިން ތަނަކަށް ވަދެގެން ނުވާނެއެވެ. މީގެ
ދެތިން އަހަރު ކުރިއަށް ހަނދާން ސޮއްސާލިއަސް، މިމާއްދާއާ ޚިލާފަށް ހިންގާފައިވާ އެތައް
އަމަލުތަކެއް ފެންނާނެއެވެ. އާއިލާތައް ދިރިއުޅެމުންދިޔަ ގޭގެއަށް ދައުލަތުގެ
ސަލާމަތީ ބާރުތަކުން ހަރުކަށިކަމާއެކު ގޯތި ގެދޮރަށް ގެއްލުން
ދީފައި ވަދެ، މީހުން ހިފައި ހައްޔަރުކުރިއެވެ. ދެންމެ ހިނގިކަމެއްހެން ހަނދާނުގައި
ހުރި އެއްކަމަކީ 2004 ވަނަ އަހަރުގެ އޮގަސްޓް 13 ވަނަ ދުވަހު ހައްޔަރުކުރި ގިނަ ސިޔާސީ
ލީޑަރުންނާމެދު ކަންތައް ކުރިގޮތެވެ. 2005ވަނަ
އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހުގެރޭ ގ.ދުންފިނިގެ ބިމާ ހަމަކުރި ގޮތެވެ.
ޤާނޫނުއަސާސީގެ 25 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮތީ: ދިވެހިރާއްޖޭގެ އަމިއްލަވެރިކަން ދެމެހެއްޓުމާއި އާންމު
މަސްލަހަތު ހިފެހެއްޓުމާއި އިސްލާމްދީނުގެ އަސްލުތަކަށް ރައްކާތެރިވުމަށްޓަކައި ޤާނޫނު
މަނާނުކުރާހާ ހިނދަކު، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް
ދުލުން ނުވަތަ ގަލަމުން ނުވަތަ އެނޫންވެސް ގޮތްގޮތުން ފާޅުކުރުމުގެ މިނިވަންކަން ކޮންމެ
ރައްޔިތަކަށް ލިބިގެން ވެއެވެ.
މިހާ ޞަރީޙަ ޢިބާރާތުން މި ޙައްގު
ރައްޔިތުންނަށް ލިބިދީފައި އޮތް ނަމަވެސް ސަރުކާރުގެ ކަމަކަށް ފާޑުކިޔައިފި މީހަކީ
''ދައުލަތާ ދެކޮޅު އަމަލު ހިންގައިފި މީހެކެވެ.'' މި ސަބަބާހުރެ އަނިޔާއާއި
އަދަބު ލިބިފައިތިބި ރައްޔިތުންގެ އަދަދު ހޯދުން ވާނީ އުނދަގޫ މަސައްކަތަކަށެވެ. ރާއްޖޭގައި
އުފެދުނު ގިނަ ނޫސްވެރިންނާއި ލިޔުންތެރިންވަނީ މިމަޅީގައި ޖައްސައި ނުހައްގުން އަނިޔާ
ދީފައެވެ.
ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮތީ: ގާނޫނާ ޚިލާފުނުވާގޮތެއްގެމަތިން، ސުލްހަވެރިކަމާއެކު މީސްތަކުން
އެއްވެ އުޅުމަކީ، މިނިވަންކަން ލިބިގެންވާ ކަމެކެވެ. ސުލްހަވެރިކަމާއެކު
އެއްވެ ޚިޔާލާއި ޝުއޫރު ފާޅުކުރި އެތައްބަޔަކާމެދު ޝަރީޢަތް ކުރެވުނީ ޣައިރު
ޤާނޫނީ އެއްވުމުގައި ބައިވެރިވުމުގެ ކުށުގައެވެ. މި ދެތިން އަހަރެއްގެ ތެރޭގައި
ސިޔާސީ
މަޝްރަހަށް އައި ހަލަބޮލިކަމުގައި އެތައް ބަޔަކަށްވަނީ އެއްވުމުގެ ސަބަބުން
އަދަބު ލިބިފައެވެ.
ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮތީ: ޖަމާޢަތްތަކާއި ޖަމްޢިއްޔާތައް ހެދުމީ، ދިވެހިރާއްޖޭގެ
އަމިއްލަވެރިކަން ދެމެހެއްޓުމާއި އާންމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި ޤާނޫނު
މަނާނުކުރާހާ ހިނދަކު، މިނިވަންކަން ލިބިގެންވާ ކަމެކެވެ. މި މާއްދާގެ ދަށުން އިޖްތިމާޢީ
ކަންކަމަށާއި ކުޅިވަރާއި މުނިފޫހިފިލުވުމަށްޓަކައި ޖަމުއިއްޔާ ރަޖިސްޓްރީ
ކުރެވުނެވެ. 2005 ވަނަ އަހަރުގެ މެއި މަހާ ހަމައަށްވެސް ސިޔާސީ ޕާޓީ ރަޖިސްޓްރީ
ކުރެވޭނެ ފުރުސަތެއް ނެތެވެ. އެކަމަށްޓަކައި މަސައްކަތްކުރި ގިނަބަޔަކަށް ކުރިމަތި ކޮށްފައިވަނީ
ނާކާމިޔާބެވެ. އެންމެފަހުން ސިޔާސީ ޕާޓީތައް ހުއްދަކުރީވެސް ހަމަ މި މާއްދާއިން ލިބިދީފައިވާ
ފުރުޞަތުންނެވެ.
ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮތީ: ދިވެހިރައްޔިތުންކުރެ ވަޒީފާ އަދާކުރާ ކޮންމެ މީހަކަށްމެ
ޤާނޫނުގައިވާ ގޮތުގެ މަތިން ޕެންޝަނުގެ ޙައްޤު ލިބިގެންވެއެވެ. 10 އަހަރަށްވުރެ ގިނަދުވަހު ނޫ ޤާނޫނުއަސާސީއަށް
އަމަލުކުރިއިރުވެސް، ޤާނޫނުއަސާސީގައި ހަވާލާ އެދޭ ޕެންޝަނުގެ ޤާނޫނު މި ވުޖޫދަށް އައިސްފައެއް
ނުވެއެވެ. ރައްޔިތުންނަށް، ޤާނޫނުގައިވާގޮތުގެމަތިން ޕެންޝަނުގެ ޙައްޤު ލިބިފައެއް
ނުވެއެވެ.
ޤާނޫނުއަސާސީގެ 106 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮތީ: ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި،
ރައީސުލްޖުމްހޫރިއްޔާ އިސްކުރާ އަތޮޅުވެރިއަކު ހުންނަންވާނެއެވެ. ގާނޫނުގައި
މިފަދައިން އޮތްއިރު، ބައެއް އަތޮޅުތައް އާންމުގޮތެއްގައި ހިންގާފައިވަނީ
އަތޮޅުއޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ކޮންމެވެސް ބޭފުޅެކެވެ. ހުރިހާ
އަތޮޅަކަށް އަތޮޅުވެރިން ހަމަކުރެއްވުމަކީ މައުމޫންގެ ސަރުކާރަށް ނާދިރުކަމެވެ.
ޤާނޫނުއަސާސީގެ 124 ވަނަ މާއްދާގައި
ވަނީ އޮޑިޓަރޖެނެރަލްގެ ވާހަކައެވެ. 126 ވަނަ މާއްދާގައި އޮޑިޓަރ ޖެނެރަލްގެ
ވާޖިބުތަކުގައި ބަޔާންކޮށްފައި އޮތީ: ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ
މަތިން، ދައުލަތުގެ ހިސާބުތައް އޮޑިޓްކޮށް، އެކަމާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް، ދައުލަތުގެ
ހިސާބުތަކާ ބެހޭގޮތުން ކުރަންޖެހޭ އެހެން ކަންތައްތައް ކުރާނީ އޮޑިޓަރ ޖެނެރަލެވެ.
އޮޑިޓަރ ބެހޭ ގާނޫނު ފާސްވެފައިވަނީ 2007
ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. ދައުލަތުގެ ހިސާބުތައް
އޮޑިޓްކޮށް ރިޕޯޓްތައް އާންމުކުރުމުގައި އޮޑިޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތު
އަދާނުކުރެވޭކަމަށް ނޫސްވެރިން ޝަކުވާ ދެންނެވުމުން އޭރުގެ އޮޑިޓަރ ޖެނެރަލް
ވިދާޅުވަނީ އޮޑިޓަރ ބެހޭ ގާނޫނު ނެތް ކަމަށެވެ. ގާނޫނު ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅުމުގެ
ޒިންމާ ސަރުކާރުން އަދާކުރެއްވީ، ޤާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތްވެސް
ފެށި ފަހުންނެވެ.
މި ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ
ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް
ބަޔާންކުރައްވާފައިވަނީ ''މި ވެރިކަމުގެ ދަށުގައި ވެގެން ތިބޭހައި ބަޔަކު،
އެންމެން އެންމެނަށް އެކުވެރިވެ، އެހީތެރިވެ، ހެޔޮކަންތަކަށް ވާގިވެރިވެ، އެކަކު އަނެކަކަށް
ކަމޭހިތައި، ޢަދްލުއިންޞާފުގެ ކުރިމަތީގައި އެންމެން އެއްވަރުވެ، ހަމަހަމަވެގެން އެއްބަނޑު
އެއްބަފައިވެގެން ތިބުމަށް ވަޞިއްޔަތްކޮށް... ރާއްޖެއަށް އިތުރު ތަނަވަސްކަމާއި ތިޔާގިކަން
ލިބި، ރާއްޖޭގެ ރައްޔިތުންނަށް ލުއިފަސޭހަވެ، އެބައިމީހުންގެ އުފާފާގަތިކަން އިތުރުވާނޭ
ގޮތުގެ މަތިން'' މިފަދައިންނެވެ.
ނަމަވެސް ނޫ ގާނޫނުއަސާސީގެ 10
އަހަރާއި 6 މަހާއި 7 ދުވަހުން އުމުރު ހަމަވިއިރު، އެގާނޫނުން ރައްޔިތުންނަށް
ލާޒިމުކުރާ ހައްގުތައް ވަނީ ނުލިބިއެވެ. ފޮނި ޢިބާރާތްތަކުން އިޤްރާރު ވެވަޑައިގެން
ނަމަވެހެވެ. ހައްގުތަކާއި ފުރުސަތުތަކާއި ހިމާޔަތްތައް ގާނޫނުއަސާސީން ދީފައިވީނަމަވެހެވެ.
މަތީގައި އެވަނީ އޭގެ ބައެއް މިސާލުތަކެވެ.
ކުރިން ދެންނެވި ފަދައިން ކިތަންމެ
ބަދަލެއް އައި ނަމަވެސް، ބަދަލު ނުވާ އެއްކަމެއް އެބައޮތެވެ. އެކަމަކީ ރައީސް
ކަމުގެ މަގާމު ތިރީސް އަހަރަށް ގުނުއްވަމުން ވަޑައިގަންނަވާ އަލްއުސްތާޛު މައުމޫން
ޢަބްދުލްޤައްޔޫމްގެ ވެރިކަމެވެ.
1997 ނޮވެމްބަރު 27 ވި ބުރާސްފަތި ދުވަހު
ޤާނޫނު އަސާސީ ތަސްދީގުކުރެއްވީ މައުމޫނެވެ. އެ
ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރެއްވީވެސް މައުމޫނެވެ. މަތީގައި ބަޔާންކުރި
ޤާނޫނީ
ހުސްކަމާއި ހައްގުތަކުން ރައްޔިތުން މަހުރޫމް ކުރެއްވީވެސް މައުމޫނެވެ. އަދި
އިސްލާހުކުރި ޤާނޫނު އަސާސީ، 2008 އޯގަސްޓް 7 ވީ ބުރާސްފަތި ދުވަހު
ތަސްދީގުކުރެއްވީވެސް މައުމޫނެވެ. މިހާހިސާބުން އުފެދޭ ސުވާލަކީ ނޫ
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުކޮށްދެވުނު ވެރިޔަކަށް، ފެހި
ގާނޫނުއަސާސީގެ ފަހިކަން ރައްޔިތުންނަށް ހޯދައިދެވޭނެބާއެވެ.
No comments:
Post a Comment
Your comment is awaiting moderation!