ދާދިފަހުން މާފުށީ ޖަލަށް ޒިޔާރަތް
ކުރުމުގެ ފުރުސަތު ބައެއް ނޫސް ތަކަށް ދީގެން އެނޫސްތަކުގެ ނޫސްވެރިން ޖަލަށް ޒިޔާރަތް
ކޮށްފިއެވެ. އެދުވަހު އަޅުގަނޑުގެ ރަހުމަތްތެރިއަކާ ދިމާވެގެން އޭނާ އަޅުގަނޑަށް
އެހީ ''ކޮބާ ޖަލަށް ދާކަށް ޗާންސެއް ނުލިބޭތަ؟'' އެވެ. ރަހުމަތްތެރިޔާގެ ސުވާލުގެ
ޖަވާބު
އަޅުގަނޑު ދިނީ ''އަހަރުމެން ޖަލަށް ގެންދާނީ ހައްޔަރު ކޮށްގެންނޭ'' ބުނެއެވެ.
ނޫސްވެރިކަމުގައި މިހާތަނަށް
އަޅުގަނޑަށް ލިބުނު އެންމެބޮޑު ތަޖުރިބާއަކީ ލިޔުނު ލިޔުމަކާ ގުޅިގެން ފުލުސް
އޮފީހުގެ ކުޑަގޮޅީގައާއި މާފުށީ ޖަލުގައި ހައްޔަރުގައި ހުންނަން ޖެހުމެވެ.
އެތާނގައި ކުށްވެރިން ދުވަސްތައް ހޭދަކުރަމުންދާ ހިތްދަތި ގޮތުގެ ތަޖުރިބާ
ކުރަން ޖެހުމެވެ.
މާފުށީ ޖަލުގެ ސީ 3 ގައި 100 އަށްވުރެ
ގިނައިން ކުށްވެރިން ތިއްބާ އެތަނުގެ ތެރެއަށް ލީ ހިނދު، ފެނުނު މަންޒަރަކާ ގުޅިގެން
އަޅުގަނޑު އާޝޯޚްވެ ބިރުގަތް ވަގުތު އެތަނުން ކުށްވެރިޔަކު ބުނެލީ ''ޕާޓޭ މިއީ
ޖަލޭ، މީ ވޭނެކޭ'' އެވެ. އެމަންޒަރު އަދިވެސް އަޅުގަނޑުގެ ކުރިމަތީގައި ސިފަވާ
ކަހަލަ އެވެ. ކުށްވެރިންގެ ޝުއޫރުތަކާއި ވާހަކަތައް މިހާރުވެސް
ހނދާނުގައި އެބަހުއްޓެވެ.
ޖަލުގެ ވޭނަކީ ކިހާ ވަރެއްގެ ވޭނެއް
ކަން ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާ ކުރެވުނެވެ. ޖަލުގައި ކުށްވެރިން
ގުނަމުން އެދާ ދުވަސްތަކަކީ ނާމާން ކަމުގެތެރޭގައި އެމީހުންގެ ހަޔާތް ބޭކާރު
ކޮށްލުމަށް ރާވައިގެން ކުރިއަށް ގެންދާ ކަންތައްތަކެއް ކަން
ވިސްނުނެވެ. އެވާހަކަތައް ވަރަށް ތަފްސީލްކޮށް ފިޔެސްގެ ކުރީގެ އަދަދުތަކުންވެސް އާންމު
ކުރެވިފައި ވާނެއެވެ. ''ޖަލަކީ ކުށްވެރިން އުފައްދާ ކާރުޚާނާއެއް'' ކަމަށާއި ޖަލުގައި
އަމަލުކުރެވެމުންދާ އުސޫލަކީ ހައްޔަރުވެއްޖެ ކޮންމެ މީހަކަށް ކުށްކުރުމަށް އިތުރު
ފުރުސަތުތައް ދީ، ކުށުން އެމީހަކު މިންޖުވުމުގެ ފުރުސަތު ނުދިނުން
ކަމުގައިވެސް ލިޔެފައި ވާނެއެވެ. އެލިޔުންތަކަކީ 2003ވަނަ އަހަރުގެ މާޗް މަހު ޖަލުގައި
އަޅުގަނޑު ކުރަންޖެހުނު ތަޖުރިބާގެ އަލީގައި ލިޔެފައިވާ ލިޔުންތަކެވެ.
އޭގެފަހުން މިވީ ދުވަސް ތަފާތު
ވާހަކަތައް އިވިއްޖެއެވެ. ޚާއްސަކޮށް 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ 19ގައި
އީވާން ނަސީމް މަރާލި ހާދިސާއަށްފަހު، ޖަލަށް ވަރަށް ހެއު ބަދަލުތައް ގެނެވުނު
ވާހަކަވެސް އަޑުއިވުނެވެ. އޭގެ ފަހުން ޖަލު ބަލައި ލުމުގެ ފުރުސަތު އަޅުގަނޑަށް
ނުލިބުނު ނަމަވެސް، ރާއްޖޭގެ ބައެއް ނޫސްވެރިންނަށް ދާދިފަހަކުން ލިބުމާއެކު އެބޭފުޅުން
ލިޔުއްވާފައިވާ ލިޔުންތަކުން ޖަލުގެ މިހާރުގެ ހާލަތަކީ ހަމަ ކުރީގެވެސް ހާލަތުކަން
އެނގިއްޖެއެވެ. އޭރުގެ ހަނދާންތަކާއި މިހާރުގެ ވާހަކަތައް އަޅައި ކިޔާލުން ކޮންމެހެން
މުހިންމު ކަމުގައި ފެނިއްޖެއެވެ.
އީވާން ނަސީމްގެ މަރަށްފަހު ޖަލަށް
އައި އެންމެ ބޮޑު ބަދަލަކީ ސީ ބްލޮކް (މަސް ގުދަން) ގައި ތިބި ކުށްވެރިން
އެހެން ތަންތަނަށް ބަދަލު ކުރުމެވެ. އެކަމަކީ ސަރުކާރަށް މަޖުބޫރުވެގެން ކުރި
ކަމެކެވެ. އެހާދިސާއަށްފަހު ބޭރުގެ އެތައް ބަޔަކާއި
ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ލޯ މާފުށީ ޖަލަށް އަމާޒުވުމުން ކޮންމެހެން
ކުރަން މަޖުބޫރުވެގެން ކުރިކަމެކެވެ. ސީ ބްލޮކްގެ ގޮޅިތަކަކީ، އެތަނުގައި
ކުށްވެރިން ހައްޔަރުކުރުމުގެ ކުރިން، މަސް ގުދަންތަކެއްގެ ގޮތުގައި
ބޭނުން ކުރަމުން އައި ގޮޅިތަކެކެވެ. އަޅުގަނޑު ސީ ބްލޮކްގެ 3 ނަންބަރު ގޮޅި
ތަޖުރިބާ ކުރިއިރު އެތާނގައި 3 ފާޚާނާ ހުރި ނަމަވެސް 2 ފާޚާނާ ހުރީ ހަލާކުވެފައެވެ.
މަތީގައި 5 އެގްޒޯސްޓް ހަރުކޮށްފައި ހުރިނަމަވެސް އެއިން އެއްވެސް އެއްޗެއް
މަސައްކަތެއް ނުކުރެއެވެ. ގައިން ތާހިރުވުމަށާއި ވުޟޫކުރުމަށާއި
ބުޔުމަށް ކޮންމެ 24 ގަޑިއިރަކަށް ދެނީ 5 ލީޓަރުގެ ފެން ހަމެކެވެ. މިހާލަތުގައި
ގޮޅީގެ ކަންތައް ހުރިއިރު އެގޮޅީގައި 104 މީހުން އޭރު އުޅެއެވެ. އޭގެތެރޭގައިތިބީ
ތަފާތު ވައްތަރުގެ ކުށްވެރިންނެވެ. ކުޑަކުދިންނާއެކު ބަދުއަޚްލާގީ އަމަލު
ހިންގާފައިވާ އުމުރުން ދުވަސްވީ މީހުންނާއި މާރާމާރީގެ ކުށުގައި
ހައްޔަރުކޮށްފައިވާ ނޫކަށިފުރައިގެ ޒުވާނުންނާއި ވައްކަމުގެ ކުށުގައި
ހައްޔަރުކޮށްފައިވާ ތަފާތު އުމުރުގެ މީހުންނާއި މަސްތުވާތަކެތީގެ ވަބާއިން
ސަލާމަތް ނުވެވިފައިތިބި ޒުވާނުންނެވެ.
މިފަދަ ކުށްވެރިންގެ ތެރެއަށް ކުޑަކުޑަ
ކުށެއްގައި ހައްޔަރުކުރާ މީހާވެސް ގެންގޮސް ލައެވެ. މިއީ އޭރުވެސް އަދި
މިހާރުވެސް ކަން ހިނގަމުން އަންނަ ގޮތެވެ. ތަފާތު ކުށްކުށުގެ މީހުންނަށް
ޚާއްސަކުރެވިފައި ހުންނަ ގޮޅިތައް ނުހުންނަ ކަމެވެ. ޖަލު އިސްލާހު ކުރުމުގެ ދަށުން
މިފަދަ ގޮތަކަށް އަމަލު ކުރަން ފެށިފައިވާ ވާހަކަ ދޭތެރެއަކުން އަޑުއިވުނު
ނަމަވެސް، ކަންތައް ހިނގަމުން ދަނީކީ އެގޮތަކަށް ނޫނެވެ. ކުށްތަކާއި ކުށްވެރިން
މަސްހުނި ކުރުން އަދިވެސް އޮތީ އިހުއޮތް ގޮތަށެވެ. އުމުރަށް ޖަލަށް ހުކުމް
ކޮށްފައިވާ މީހުންނާއި ކުރު މުއްދަތަށް ޖަލަށް ހުކުމް ކޮށްފައިވާ
މީހުންވެސް އެއްގޮޅިއެއްގައި ހައްޔަރުކޮށްފައި ތިބެއެވެ.
ނަތީޖާއަކީ، ކުޑަ ކުށް ބޮޑު ކުށަކަށް
ބަދަލު ވުމެވެ. 3 މަސް ދުވަހަށް ނުވަތަ އަހަރު ދުވަހަށް ކުރާ ހުކުމް އުމުރު
ދުވަހަށް ބަދަލު ވުމެވެ. ''މިތަނަށް އެބަގެނޭ ކަލޭ ގޮތަށް ކުދި ކަންތަކުގައި ގެންނަ
މީހުން،
ގެންނައިރު ސިނގިރޭޓްވެސް ނުބޯ މީހުންނަށް އަހަރުމެން ސިނގިރޭޓް ބޯންދެނީ،
ހަކުރު ނުބޯ މީހުންނަށް ހަކުރުވެސް ބޯންދެނީ. އެކުޑަކުށުން ސަލާމަތްވެގެން ދާތާ
ދެތިން މަސްފަހުން އަހަރުމެންގެ ގާތަށް އެމީހާ އެބަ އަންނަންޖެހޭ ހަކުރު
ބަސްޓްވެގެން'' މިއީ އުމުރަށް ޖަލަށްލާފައި ތިބި ބައެއް މީހުން އަޅުގަނޑަށް ކިޔައިދީފައިވާ
ވާހަކަ ތަކެވެ. ޖަލަކީ ކުށްވެރިން އުފައްދާ ކާރުހާނާ އަކަށް ވަނީ މިހެން ވީމައެވެ. ކުށްވެރިން
އިސްލާހުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ އެއްވެސް ފުރުސަތެއް ޖަލުން
ދެމަކުންނެއް ނާދެއެވެ.
ޖަލަށްގެނެވޭ އިސްލާހުގެ ނަމުގައި
އެންމެ ބޮޑު ބަދަލެއް އަންނަމުންދިޔައީ ޖަލު ބަލަހައްޓާ އިދާރާގެ ނަމަށެވެ.
ޖަލު ބަލަހައްޓާ އިދާރާގެ ނަން، ޕްރިޒަން ޑިވިޝަނުން ކަރެކްޝަން ޑިޕާޓްމަންޓަށް
އަދި މިހާރު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސާވިސް
އަށް ބަދަލުވެގެން ދިޔަ ނަމަވެސް، ނަމާގުޅޭ އެއްވެސް މަސައްކަތެއް ނުވަތަ ފުރުސަތެއްވެސް
ޖަލުގައި ތިބި ކުށްވެރިންނަށް ދީފައެއް ނުވެއެވެ.
ރަނގަޅެވެ. ޖަލުގައި ދިރިއުޅެމުންދަނީ
ކުށްވެރިންނެވެ. ޖަލަށް ދާންޖެހެނީ ކުށްވެރި ވީމައެވެ. އެކަމަކު އެއީވެސް
ހަމަ އަހަރުމެންފަދަ އިންސާނުންނެވެ. އަސާސީ ޚިދުމަތްތަކާއި އެހެނިހެންވެސް
ފުރުސަތުތައް އެމީހުންވެސް ބޭނުންވާނެއެވެ. ގާތްމީހުންނާއި އާއިލާއާއި
ވަކިން ދިރިއުޅެމުންދާއިރު އެމީހުންގެވެސް އިހްސާސްތަކާއި ޝަކުވާތަކެއް
ހުންނާނެއެވެ. އެއިހްސާސްތައް ދަނެ، ޝަކުވާތައް އަޑުއަހައި އެމީހުންނަށް އެހީތެރިކަމާއި
އޯގާތެރިކަމާއި އަޅާލުން ދޭންޖެހޭނީ އެމީހުން ކުށްވެރިކޮށް، ހައްޔަރުކުރާ
ބަޔެކެވެ. އެއީ އެމީހުންގެ އާއިލާއާއި ރައްޓެހިންނާ އެކަހެރިކުރާ
ފަރާތެވެ. އެއީ ސަރުކާރެވެ.
އާންމު މަސްލަހަތާއި ރައްޔިތުންގެ
ސަލާމަތަށް ހަދާފައި ހުންނަ ގާނޫނާއި ގަވާއިދާ ޚިލާފުވާ މީހުންނަށް އަދަބު
ދިނުމަކީ ސަރުކާރުގެ ޒިންމާއެއް ނަމަވެސް، އެއަދަބަކީ އަނިޔާއަކަށް ވެގެން
ނުވާނެއެވެ. ކުށްވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް އަބަދުވެސް
ވެފައިވަނީ އެމީހުންނަށް އަނިޔާ ކުރާ ވާހަކައެވެ. އެއަނިޔާ
ތަހައްމަލު ކުރި އެތައް ދިވެހިންނެއް މިހާރުވެސް ޖަލުގައި އުޅެމުން ދާއިރު،
އެއްބަޔަކު ވަނީ އެއަނިޔާގައި ދުނިޔެއިން ވަކިވެސް ކޮށްފައެވެ.
ކުށްވެރިޔާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ އަނިޔާ ދިނުމަކަށް ދިވެހި ރާއްޖޭގެ
ގާނޫނު އަސާސީ އާއި ގަވާއިދުތަކުން އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ފުރުސަތެއް
ނުދެއެވެ. އެހެންނަމަވެސް، ކަން ހިނގަމުން އަންނަ އުސޫލު އޭރުވެސް މިހާރުވެސް ހަމަ އެއްގޮތެވެ.
ދޭތެރެއަކުން މަޑުޖެހިލައެވެ. ޚަބަރެއް ނުއިވި ދުވަސް ކޮޅެއް ވެއްޖިއްޔާ ދެން އިވޭ
ޚަބަރުން ސިއްސުވާލައެވެ.
މާފުށީ ޖަލުގެ ހުރިހާ ކަމެއްވެސް
އިސްލާހުގެ މަގުން ކުރިއަށް ގެންދާކަމުގެ އަޑުއަރާފައި ވަނިކޮށް، ދާދި މިދާކަށްދުވަހު
އަނެއްކާވެސް ޖަލުގައި މީހަކު ނިޔާވީއެވެ. އެހާދިސާ ގުޅިގެންނާއެކު ޖަލުގައި
ކަންތައް ކުރަމުންދާ ގޮތާމެދު ނުރުހިގެން، ބަނޑުހައި ހޫނުކަމުގެ
ހަޅުތާލު ކުރަންފެށީއެވެ. މާފުށީ ޖަލުގައި ތިބި 500 އެއްހާ ކުށްވެރިން ކުރަންފެށި
މިހަޅުތާލު ވަނީ ސަރުކާރާއި އެތެރެއާއި ބޭރުގެ މީޑިއާގެ ސަމާލުކަމަށް ގެނުވާފައެވެ.
ސިއްރިއްޔާތުގައި ލީކްވި ފޮޓޯތަކާއި ޚަބަރުތަކުގެ ސަބަބުން މިހާރުވަނީ އެހަޅުތާލު
ނިމުމަކަށް ގެންނަން މަސައްކަތް ފަށާފައެވެ.
މައްސަލަތައް ފުނިޖެހި، ކަންތައްތައް
ގޯހުން ގޯހަށް ދިޔުމުން އިސްލާހުކުރަނީއޭ ބުނުމަކީ މިސަރުކާރުގެ އާދައެވެ.
މިފަހަރުވެސް ވަމުން މިދަނީ އެކަހަލަ ގޮތެކެވެ. ޖަލުގެ ކަންތައްތައް
އިސްލާހުކުރަނީއެވެ. އޭރުވެސް މިހާރުވެސް ހަމަ އިސްލާހުކުރުމެވެ. މާފުށީ
ޖަލުގެ ކަންތައްތައް އިސްލާހު ކުރުމެވެ. ބަދަލަކަށް ވާވަރުގެ ބަދަލެއް،
އިސްލާހަކަށް ވާވަރުގެ އިސްލާހެއް އަންނާތީއެއް ނުފެނެއެވެ. މިފަހަރު މިގެނެވޭ އިސްލާހަކީވެސް
ވަގުތީ ގޮތުން ގެނެވޭ އިސްލާހެއް ނަމަ، ދުވަސް ކޮޅެއްފަހުން އަނެއްކާވެސް ތަކުރާރުވެގެންދާނީ
މިހާރުގެ މާފުށީ ޖަލުގެ ހާލަތެވެ. ކުށްވެރިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި
ޚާއްސަ ކަންތައްތަކެއް ނުކުރެވޭހާ ހިނދަކު އެއްދުވަހުން އަނެއްދުވަހަށް ދާނީ
ކުށްވެރިން ގިނަވަމުންނެވެ. މިހެންކަމާއެކު، މާފުށީ ޖަލު
އިސްލާހުކުރުމަކީ ކުށްވެރިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށްވެސް
އެންމެ މުހިންމު ކަންތަކެވެ. މިއީކީ ''ޖަލު ދޮވެލަން ހިންގާ އޮޕަރޭޝަނަކުން'' ގެނެވޭނެ
އިސްލާހެއް ނޫނެވެ.
No comments:
Post a Comment
Your comment is awaiting moderation!