ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން
ކޮމިޝަނަރ އޮފް އިލެކްޝަންއަށް މީގެ އަހަރެއްހާ ދުވަސް ކުރިން ފޮނުވާފައިވާ
ސިޓީއެއް ވަނީ ދާދިފަހަކުން ލީކު ވެފައެވެ. މި ސިޓީގައި ޕޮލިސް ކޮމިޝަނަރ
އާދަމް ޒާހިރު، ސަމާލުކަމަށް ގެންނަވާފައިވަނީ އެމްޑީޕީ އާއި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް
ޕާޓީއާ ގުޅިގެން ރަސްމީ ގޮތުން މަސައްކަތްތަކެއް ފެށި ވާހަކައެވެ. މިވާހަކަ ތަކުގެ
އަސްލަކަށް ބައްލަވާފައިވަނީ އެމްޑީޕީގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެކެވެ. އެމްޑީޕީން
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުނު ނޫސްބަޔާނަކާ ގުޅިގެން، މިދިޔަ އަހަރުގެ
ފެބްރުއަރީ 18 ގައި އާދަމް ޒާހިރު ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައި
ވިދާޅުވެފައި ވަނީ "އެމްޑީޕީން ހިންގުމަށް ރާވަމުންދާ އަމަލަކީ ބޭރު
ބައެއްގެ އަތްމައްޗަށް މި ލޮބުވެތި އަމާން ދިވެހިރާއްޖޭގެ މުސްތަގިއްލުކަން ހިނގައިދާނެފަދަ
އަމަލެއް ކަމަށް މި ސާވިސް އިން ދެކެމެވެ." މިފަދައިންނެވެ.
ގައުމެއްގެ ޕޮލިސް ކޮމިޝަނަރެއްގެ
މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ކަމަކާ ގުޅޭގޮތުން މިހާބޮޑަށް
ކަންބޮޑުވެލެއްވުމަކީ ސުވާލު އުފެދޭ ކަމެކެވެ. އާދަމް ޒާހިރު އެހުންނެވި މަގާމަށް ތަސައްރަފް
ފުދޭ ކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.
ލީކުވި ސިޓީއާ ގުޅޭގޮތުން އެމްޑީޕީގެ
ރައީސް ޑރ.މުޙައްމަދު މުނައްވަރު ވިދާޅުވީ އެ ނިންމުން އެއީ ރައީސް މައުމޫންގެ
ނިންމެވުމެއް ކަމަށާއި މައުމޫންގެ މަޝްވަރާއާ ނުލައި އެފަދަ ކަމެއް ކުރެއްވޭނެ
ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. "އަޅުގަނޑަށް ހީވަނީ އާދަމް ޒާހިރު
އެސިޓީ ފޮނުއްވާނީވެސް އަދި އެޔަށް ދެންތިބިމީހުން ޖަވާބު ދެއްވާނީވެސް މައުމޫން
އަބްދުލްގައްޔޫމްގެ މަޝްވަރާއާއެކުގައި ކަމަށް. މައުމޫން އަބްދުލްގައްޔޫމް މިހިންގަވާ
ސަރުކާރުގެ އެއްވެސް ވަޒީރަކަށް، އެއްވެސް އޮފީހެއްގެ ވެރިޔަކަށް މައުމޫން
ވިދާޅުވެގެން ނޫނިއްޔާ ނޫނީ މައުމޫން މަޝްވަރާއާ ނުލައި ނޫނިއްޔާ އެފަދަކަމެއް ކުރެވޭނެ
ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމާ މައުމޫން އަބްދުލްގައްޔޫމަށް އެނޫސްބަޔާން
ފެނިވަޑައިގެން އޭނާ ނިންމަވާނީ ފިޔަވަޅު އެޅުއްވިދާނެކަމަށް.''
މީގެ އިތުރުން ޑރ.މުނައްވަރު ވިދާޅުވީ،
ތުހުމަތު ކުރައްވާފައިހުރި ކަންތައްތަކަށް ބަލާއިރު، އެއީކީ އެކަށީގެންވާ
ކަންތައްތަކެއް ނޫން ކަމަށާއި އެކަހަލަ ޒަމާންވީ ޕާޓީތަކާއި އެޕާޓީތަކުން އެގައުމުތަކުގެ
ޑިމޮކްރެސީއަށް ކުރާ މަސައްކަތްތަކަށް ބަލާއިރު އެކަހަލަ ވާހަކަ އެއް ދެއްކުމަކީ މުޅި
ސިޔާސީ ކަންކަމުގެ މައުލޫމާތު އޮޅުންފިލާފައި ނުވާކަމުގެ ހެއްކެއް ކަމަށެވެ.
"ތުހުމަތު ކުރައްވާފައިހުރި ކަންތައްތަކަށް ބަލާއިރު، އެއީކީ އެކަށީގެންވާ
ކަންތައްތަކެއް ނޫން. އެކަހަލަ ޒަމާންވީ ޕާޓީތަކާއި އެޕާޓީތަކުން
އެގައުމުތަކުގެ ޑިމޮކްރެސީއަށް ކުރާ މަސައްކަތްތަކަށް ބަލާއިރު އެކަހަލަ ވާހަކަ އެއް
ދެއްކުމަކީ މުޅި ސިޔާސީ ކަންކަމުގެ މައުލޫމާތު އޮޅުންފިލާފައި ނުވާކަމުގެ ހެއްކެއް...
މައުމޫނާ ޚިޔާލް ތަފާތުވާ މީހުން ނައްތައިލުމަށްޓަކާ ކުރައްވާފަ ނުކުރައްވާނެ ވަކި
މިވެނިކަމެއް ނެއްކަން ބަޔާންކޮށްދޭ ކަމެއް.''
ޕޮލިސް ކޮމިޝަނަރުގެ ސިޓީއިން
ދޭހަކޮށްދެނީ ރައީސް މައުމޫން އޭނާގެ މަގާމު ގެއްލިދާނެތީ ބިރުގަންނަވަރު ކަމަށާއި އޭނާގެ
ކައިރީގައި އުޅޭ މީހުންވެސް މިފަދަ ކަންތައް ކުރައްވަނީ އެމީހުންގެވެސް މަގާމު
ގެއްލިދާނެތީ ކަމަށްވެސް ޑރ.މުނައްވަރު ވިދާޅުވިއެވެ. "މައުމޫން އަބްދުލްގައްޔޫމް އޭނާގެ މަގާމު
ގެއްލިދާނެތީ ގަންނާކުރެއްވި ބިރުންނާއި އޭނާގެ ކައިރީ ތިބި މީހުން އެމީހުންގެ
މަގާމު ގެއްލިދާނެތީ ގަންނާކުރައްވާ ބިރުން ނޫންތޯ މިފަދަ ލިޔުންތައް ލިޔުއްވާނީ،
އެހެންވީމަ ނޫންތޯ މައުމޫން އަބްދުލްގައްޔޫމްގެ ޚިޔާލާ ދެކޮޅު މީހުންނާމެދު
ފިޔަވަޅު އަޅުއްވަން މަސައްކަތް ކުރައްވާނީ.''
ލީކުވެފައިވާ ސިޓީއާ ގުޅޭގޮތުން ކުރީގެ
ހާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ވިދާޅުވީ، އެއީ ލީކުވެފައިވާ ސިޓީއެއް
ނޫންކަމަށާއި އެއީ ލީކް ކޮށްފައިވާ ސިޓީ އެއް ކަމަށެވެ. ލީކް ކޮށްފައިވަނީ ކޮންބައެއްތޯ
ދެންނެވުމުން ޑރ.ޝަހީދު ތުހުމަތު ކުރެއްވީ ބަންޑާރަނައިބުގެ އޮފީހަށެވެ. ''ލީކު ކުރާނީ
އެސިޓީއެއް އޮންނަ ތަނަކުން ނޫންތޯ، ލީކު ކުރާނީ އެސިޓީއެއް އަތްމަތީގައި އޮތްބައެއްގެ
އަތުން ނޫންތޯ''
ޕޮލިސްކަމިޝަނަރގެ ސިޓީގައި ބަޔާންކޮށްފައިވާފަދަ
އެއްވެސް ކަމެއް އެމްޑީޕީއާއި ކޮންޒަވޭޓިވް ޕާޓީއާ ދެމެދު ހިނގާފައި
ނުވާކަމަށާއި އެދެޕާޓީގެ ދެމެދުގައި އެކަހަލަ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް
ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ. "ކޮންޒަވޭޓިވް ޕާޓީ އާއި އެމްޑީޕީ އާ
ގުޅުން ގާއިމްކުރަންވެގެން ވަޑައިގެންނެވި ފަހަރު އެއީ މިދިޔަ އަހަރު ޖަނަވަރީ މަހުގެ
ތެރޭގައި. ގެރީ ސްޓްރީޓަރ އަޅުގަނޑު ކައިރީ ވިދާޅުވި ތިމަންމެން މިއުޅެނީ އެމްޑީޕީއާ
ގާތްގުޅުމެއް ގާއިމްކުރާށޭ، ތިމަންނަމެން ގަސްދުކުރަނީ އެމްޑީޕީއަށް ތިމަންނަމެން
ތާއީދުކޮށްދޭށޭ. ޕާޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކާ. އަޅުގަނޑުވެސް
ހަމަ މަރުހަބާ ކީން.. ދެން ހަމަ އެދަތުރުގައި އަޅުގަނޑަށް އެނގިގެން ބަންޑާރަނައިބާ
ބައްދަލުކުރެއްވި ގެރީސްޓްރީޓަރ އާ. އަދި އޭނާ އެވާހަކަ ވިދާޅުވީމާ ހަސަން ސައީދު
ވިދާޅުވެ ދެއްވި، ރާއްޖޭގައި ސިޔާސީ ޕާޓީ ގަވައިދު އޮންނަގޮތުން އެކަން ކުރެވޭނެ ގޮތްވެސް
ވިދާޅުވެ ދެއްވި. އެއްވެސް އިރެއްގައި އަޅުގަނޑަށް އެނގިގެންނެއް ހަސަން ސައީދެއް
އަދި އަޅުގަނޑެއްވެސް ކަންބޮޑުވި ކަމެއްނޫން އެއީކީއެއް، އެމްޑީޕީއަށް
ކޮންޒަވޭޓިވް ޕާޓީން އެހީވެދިނުމަކީ.''
ޑރ.ޝަހީދު ވިދާޅުވީ އޭނާއާއި ޑރ.ހަސަން
ސައީދު ސަރުކާރުގައި ތިއްބެވިއިރު ހިނގާފައިވާ މިކަންތަކުގައި އެބޭފުޅުންވާނީ
އެކަމަށް މަރުހަބާ ވިދާޅުވެފައި ކަމަށާއި ބޭނުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ރަނގަޅު
ފައިދާ އެއް ކުރުވުން ކަމަށެވެ. "އަޅުގަނޑުމެން ދެކުނުގޮތަކީ
އެގުޅުމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަޝްރަހަށް ވަރަށް ރަނގަޅު ފައިދާއެއް ކުރާނެކަން.
އޭރު އަޅުގަނޑުމެން ދެކޭގޮތަކީ އެމްޑީޕީން ބޭނުންވަނީ ސަރުކާރު ވައްޓާލާށޭ
މަގުމައްޗަށް ނުކުމެގެން... ނަމަވެސް ކޮންޒަވޭޓިވް ޕާޓީ ފަދަ ޕާޓީއަކާ ގުޅުނީމަ
އެމީހުންނަކީ (އެމްޑީޕީއަކީ) މެޗުއަރ، ހަރުދަނާ ސިޔާސީ ޕާޓީއަކަށް ވުމުގެ ފުރުސަތު ފުޅާވެގެންދާނޭ.
އެހެންވެއްޖެނަމަ އޭގެ މަންފާ ދިވެހި ސިޔާސީ ނިޒާމަށް ކުރާނޭ.''
ޑރ.ޝަހީދު
އިތުރަށް ވިދާޅުވިގޮތުގައި، ކޮންޒަވޭޓިވް ޕާޓީއަކީ ޑިމޮކްރެޓިކް ގައުމެއްގައި އުފެދިގެން
އައިސްފައިވާ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި ޑިމޮކްރެސީއަކަށް ދަތުރުކުރާ
ބަޔަކަށް މާފަހި ގޮތްގޮތް މެދުވެރިވާނީ މިފަދަ ޕާޓީއަކާ ގުޅުން
ގާއިމް ކުރުމުން ކަމަށެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން، ޑރ.ޝަހީދު ވިދާޅުވީ
ޑިމޮކްރެޓިކް ނޫން ޕާޓީތަކާ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ގުޅުން ބޭއްވުމަކީ އޭނާ
ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ. "ދުނިޔޭގެ މަޝްހޫރު ސިޔާސީ ޕާޓީއަކުން
ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް އެހީވެދޭން އުޅުމަކީ އަޅުގަނޑުމެން ކަންބޮޑުވި
ކަމެއް ނޫން... އަޅުގަނޑުމެން އޭރު މާކަންބޮޑުވޭ ޑީއާރުޕީގެ ހުރި ބައެއް
ގުޅުންތަކުގެ ސަބަބުން. ޑީއާރުޕީންވެސް ބޭރުގެ އެކި ސިޔާސީ ޕާޓީތަކާ ގުޅުން ގާއިމްކުރޭ.
އެގޮތުން ބަލައިފިއްޔާ އެފަދަ ޕާޓީތަކަކީ ޑިމޮކްރެސީއަށް މާފަހި ޕާޓީތަކެއްވެސް ނޫން.''
ޗައިނީޒް ކޮމިޔުނިސްޓް ޕާޓީއާއި ޑީއާރުޕީން ޚާއްސަ ގުޅުމެއް ބާއްވާކަން ފާހަގަކުރައްވަމުން
ޑރ.ޝަހީދު ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނަރުގެ މި ސިޓީއާ މެދު
އަމަލުކުރަންވީ ގޮތުގެ ލަފައަކަށް އެދިވަޑައިގެން އިލެކްޝަންސް ކޮމިޝަނަރު،
އެންމެ ފުރަތަމަ ސިޓީ ފޮނުއްވައިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު
މައުމޫން އަބްދުލްގައްޔޫމަށެވެ. ރައީސަށް، 21 ފެބްރުއަރީ 2007 ގައި ކދ.
އަޙްމަދު މަނިކު ފޮނުއްވި ސިޓީގެ ޖަވާބުގައި، 21 މާޗު 2007 ގައި ރައީސް އޮފީހުގެ
މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވެފައި ވަނީ އެއީ ގާނޫނީ މައްސަލައެއް
ކަމަށް ވާތީ އެ މައްސަލައާ މެދު އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފައެއް ހޯއްދެވުމަށް
ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
އޭގެ ފަހުން އޭރުގެ އެޓާނީ ޖެނެރަލް
ޑރ. ހަސަން ސައީދަށް ކދ. ފޮނުއްވި ސިޓީ ވެސް ވަނީ ލީކްކޮށްލައިފަ އެވެ. މިދިޔަ
އަހަރުގެ މާޗު މަހުގެ 26 ގައި އެޓާނީ ޖެނެރަލަށް ފޮނުއްވި އެ ސިޓީގައި ޕޮލިސް ކޮމިޝަނަރުގެ
ކަންބޮޑުވުމާ މެދު ދެކެވަޑައިގަންނަވާ ގޮތް އިލެކްޝަންސް ކޮމިޝަނަރު ލިޔުއްވައިފައި ވެއެވެ.
އެ ސިޓީގައި އިލެކްޝަންސް ކޮމިޝަނަރު ވިދާޅުވެފައި ވަނީ ރާއްޖޭގައި އޮތް ގާނޫނީ
ސަރުކާރު، ގާނޫނާ ހިލާފަށް ފޭރިގަތުމަށްޓަކައި އެއްވެސް ރޭވުމެއް އެމްޑީޕީން
ރާވައިފައިވާކަމުގެ ކުޑަވެސް ދަލީލެއް ނެތް ކަމަށެވެ.
No comments:
Post a Comment
Your comment is awaiting moderation!