ސިޔާސީ ޕާޓީ ހިންގަން ފުރުސަތު
ލިބުމާއެކު ފުރަތަމަ ރަޖިސްޓްރީ ކުރި ދެ ޕާޓީ، އެމްޑީޕީއާއި ޑީއާރުޕީގެ މެދުގައި
ބޮޑު ވާދަވެރިކަމެއް އުފެދުނެވެ. ސަރުކާރުގެ ހިންގެވުމުގައި އިސްކޮށްތިއްބެވި
ބޭފުޅުން ނިސްބަތްވާ ޕާޓީ އަކީ ސަރުކާރު ހިންގާ ޕާޓީއަށް ވިއެވެ. ސަރުކާރުގެ
ސިޔާސަތުތަކަށް ފާޑުކިޔައި ސަރުކާރާ ދެކޮޅަށް ހަރަކާތްތައް ހިންގާ އެމްޑީޕީ އަކީ
އިދިކޮޅު ޕާޓީގެ ގޮތުގައި ނިސްބަތްކުރެވުނެވެ. ދެޕާޓީގެ ދެމެދުގައި ދެވެމުންދިޔަ
ބަހުގެ ހަމަލާތަކާއި ކުރެވެމުންދިޔަ ކަންތައްތަކުގެ ހިޔަނި ގާނޫނުއަސާސީ
އިސްލާހުކުރުމުގެ މަސައްކަތަށް އޮތީ އެޅިފައެވެ.
ޤާނޫނުއަސާސީގެ މަސައްކަތް
ލަސްކުރަނީ ޑީއާރުޕީން ކަމަށް އިދިކޮޅުފަރާތްތަކުން ބުނަމުންދިޔައެވެ. ސަބަބަކީ،
ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގެ އަގުލަބިއްޔަތު ޑީއާރުޕީއަށް އޮތުމެވެ.
އެހެނަސް ސާރުކާރާއި ޑީއާރުޕީން ބުނަމުންދިޔައީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ
މަސައްކަތަށް ހުރަސްއަޅައި އެމަސައްކަތް ލަސްކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން
ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީން ކަމަށެވެ.
އެމްޑީޕީ އާއި ޑީއާރުޕީގެ
މެދުގައި އުފެދިފައިއޮތް ސިޔާސީ ދެކޮޅުވެރިކަމުގެ ތެރެއިން އެކުވެރިކަމުގެ
މަސައްކަތެއް ފެށުނެވެ. ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ
ގޮތުންނެވެ. މިކަމުގައި އިސްނެންގެވީ ޑީއާރުޕީގެ ޒައީމް އަދި ރައީސުލްޖުމްހޫރިއްޔާ
އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމެވެ.
25 ޖެނުއަރީ 2007 ވީ ބުރާސްފަތި
ދުވަހު ޑީއާރުޕީގެ ޒައީމް މައުމޫން، އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު
(އަންނި) އަށް ސިޓީފުޅެއް ފޮނުއްވިއެވެ. އެދިވަޑައިގެންނެވީ، ގާނޫނުއަސާސީ
އިސްލާހުކުރުން އަވަސް ކުރުމަށް ބާރުއެޅުމުގެ ވާހަކަތައް ދެޕާޓީގެ މެދުގައި
ފެށުމަށެވެ.
މިކަމަށްޓަކައި ޑީއާރުޕީން
ކޮމިޓީއެއްވެސް އެކުލަވާލިއެވެ. ހަތް މެންބަރުންގެ މި ކޮމިޓީގައި
ހިމެނިވަޑައިގެންނެވީ، ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމް، ހަޔާ އެޑިއުކޭޝަން
މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ނ.މެންބަރު އަބްދުﷲ ޔާމީން، ހެލްތު
މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ލ.މެންބަރު އިލްޔާސް އިބްރާހީމް، ފޮރިން
މިނިސްޓަރު ޑރ.އަހުމަދު ޝަހީދު، އެޓާނީ ޖެނެރަލް ޑރ.ހަސަން ސައީދު، ހޯމް
މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބ.މެންބަރު އަޙުމަދު ތަސްމީން އަލީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު، ރައްޔިތުން މަޖިލީހުގެ މ.މެންބަރު އަދި ޑީއާރުފީގެ
ޕާލަމެންޓްރީ ގްރޫޕުގެ ޗެއާޕާސަން އަނީސާ އަހުމަދެވެ. މި ވަފުދުގައި ހިމެނުނު
ބޭފުޅުންގެ ތެރެއިން އަބްދުﷲ ޔާމީން އެއްވެސް ބައްދަލުވުމަކަށް ވަޑައެއް
ނުގަންނަވައެވެ. މިކަމާ ގުޅޭގޮތުން، 20 ފެބްރުއަރީ 2007 ދުވަހު "ހަވީރު"
ނޫހަށް ދެއްވި މައުލޫމާތުގައި ޔާމީން ވިދާޅުވީ "ޑީއާރުޕީގެ ތެރޭގައި
މައްސަލަތަކެއް ހުރެ، އެ މައްސަލަތައް ހަމަނުޖެހެނީސް ބައިވެރިވާން ބޭނުން
ނުވާތީ" ކަމަށެވެ.
ޑީއާރުޕީ އާއެކު ވާހަކަތައް
ކުރިއަށް ގެންދިޔުމަށް ނިންމައި، އެމްޑީޕީން އެކުލަވާލި ކޮމިޓީގައި
ހިމެނިވަޑައިގެންނެވީ، ޗެއާޕާސަން މުހައްމަދު ނަޝީދު (އަންނި)، ވަގުތީ ރައީސް އަދި ނާއިބު ރައީސް އިބްރާހީމް ހުސައިން
ޒަކީ، ރައްޔިތުންގެ މަޖިލީހުގެ ކ.މެންބަރު
މާރިޔާ އަހުމަދު ދީދީ، ރައްޔިތުންގެ
މަޖިލީހުގެ ތ.މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ރައީސް
ހަސަން އަފީފު، ރައްޔިތުންގެ މަޖިލީހުގެ ސ.މެންބަރު މުޙައްމަދު އަސްލަމް،
ރައްޔިތުންގެ މަޖިލީހުގެ ލ.މެންބަރު މޫސާ މަނިކު، އެމްޑީޕީ ޝެޑޯ ކެބިނެޓްގެ މެންބަރު މުޙައްމަދު އަސްލަމް
އެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ ހަސަން އަފީފެވެ.
ދެ ޕާޓީ ގެ މެދުގައި ރަސްމީ
ބައްދަލުވުންތައް ފެށުނެވެ. މިސިލްސިލާގެ ފުރަތަމަ ބައްދަލުވުން އޮތީ 15
ފެބްރުއަރީ 2007 ވީ ބުރާސްފަތި ދުވަހު ދަރުބާރުގޭ ހަކުރާ މާލަމްގައެވެ.
ދޮޅުގަޑިއިރެއްހާ އިރަށް ކުރިއަށް ދިޔަ މިވާހަކަތަކަށްފަހު، ދެ ޕާޓީ ގުޅިގެން
ނެރުނު ބަޔާނުގައި ވަނީ ދެޕާޓީގެ ދެމެދުގައި ބައްދަލުވުންތައް ބާއްވާގޮތަށް އެ
ބައްދަލުވުމުން ނިންމި ކަމަށެވެ. އަދި ބައްދަލުވުންތައް ބާއްވާނެ ދުވަހާއި
ވަގުތުތައް ކަނޑައެޅިއެވެ. ކޮންމެ ހަފުތާއެއްގެވެސް ހޯމަ ދުވަހާއި ބުދަ
ދުވަހުއެވެ. ހަވީރު 4 ން 6 ކަށެވެ.
ސިލްސިލާ ބައްދަލުވުންތައް
ކުރިއަށް ދިޔައެވެ. ތިން ޓްރެކެއްގެ މައްޗަށް ބަހާލައިގެން މަޝްވަރާތައް ކުރިއަށް
ގެންދިޔުމަށް ދެޕާޓީން އެއްބަސްވިއެވެ. ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް
އަވަސްކުރުމާއި ޑިމޮކްރެޓިކް ވެއްޓެއް ގާއިމު ކުރުމަށް މަސައްކަތް ކުރުމާއި
ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނުތައް އަވަހަށް ފާސްކުރުމަށް
ބާރު އެޅުމާ ބެހޭ ގޮތުންނެވެ.
ސިޔާސީ ކަންކަމުގެ ސަބަބުން
ބަންދުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ 161 މީހެއް މިނިވަން ކޮށްދިނުންއެދި
އެމްޑީޕީން ޑީއާރުޕީއަށް ހުށަހެޅިއެވެ. ފެބްރުއަރީ 28 ގައި އޮތް 5 ވަނަ
ބައްދަލުވުމުގައި، ހުށަހެޅި މިހުށަހެޅުމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ
މެދުގައި މިލިސްޓް މުރާޖަޢާ ކުރައްވާނޭ ކަމަށް ޑީއާރުޕީން ހާމަކުރިއެވެ.
އަދި ތޭވީސް ކަމެއް ފާހަގަކޮށް
އެމްޑީޕީން ހުށަހެޅީވެސް 5 ވަނަ ބައްދަލުވުމުގައެވެ. މި ކަންތައްތަކުގެ
މައުލޫމާތު، އެރޭ އޮތް އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި އާންމުކުރިއެވެ.
އެމްޑީޕީން ހުށަހެޅި
ކަންތައްތަކުގެ ގޮތުގައި ޕާޓީގެ ޗެއާޕާސަން އަންނި އާންމު ކުރެއްވި
ކަންތައްތަކަކީ:
1) ސިޔާސީ ބޭނުންތަކަށް
ހައްޔަރުކޮށް ޝަރީއަތްކުރަމުންދާ މީހުން ދޫކޮށްލުމާއި، އެފަދަ ޝަރީއަތްތައް
ހުއްޓާލުން.
2) އެއްވެއުޅުމުގެ ގަރާރު
އުވާލުން.
3) ސިޔާސީ ޕާޓީތަކަށް ޓީވީ އާއި
ރޭޑިއޯއިން ވަގުތު ދިނުން.
4) ޓީވީ އާއި ރޭޑިއޯއިން ދެ
މަޖިލީސް ވަގުތުން ދެއްކުން.
5) ޕޮލިސް އިންޓަގްރިޓީ
ކޮމިޝަންގެ މެންޑޭޓަށް ބަދަލު ގެނެސް، އެކޮމިޝަން
އަލުން އެކުލަވާލުން.
6) ސިޔާސީ ވިސްނުން ހުރި ގޮތުން
ސަރުކާރުގެ ވަޒީފާ ގެއްލިފައިވާ މީހުންނަށް އަނބުރާ ވަޒީފާ ދިނުން.
7) ސުނާމީގައި ހާލުގައި
ޖެހިފައިވާ ފަރާތްތަކަށް އިންސާފުވެރިކަމާއެކު ބަދަލު ދިނުން.
8) ޖުޑީޝަލް ސާވިސަސް ކޮމިޝަންގެ
މެންޑޭޓަށް ބަދަލު ގެނެސް އެ ކޮމިޝަން އަލުން އެކުލަވާލުން.
9) އެންޓި ކޮރަޕްޝަން ބޯޑުގެ
މެންޑޭޓަށް ބަދަލު ގެނެސް އެ ބޯޑު އަލުން އެކުލަވާލުން.
10) ސަރުކާރުގެ ޚަރަދު ކުޑަކުރާނެ
ދާއިރާތައް ފާހަގަކޮށް އެމްޑީޕީ އާއި ޑީއާރުޕީ އެއްބަސްވާ ގޮތަކަށް ކަންކުރުމަށް
ރައީސުލްޖުމްހޫރިއްޔާ އަށް ދެންނެވުން.
11) އޮޑިޓަރ ޖެނަރަލް އޮފީހުގެ
މެންޑޭޓަށް ބަދަލު ގެނެސް އެ އޮފީސް އަލުން އެކުލަވާލުން.
12) ރިޔާސީ ގަނޑުވަރުގެ ވެލްފެއާ
ބަޖެޓް ކަމާބެހޭ މިނިސްޓްރީއަށް ހަވާލުކުރުން.
13) ރައީސުލްޖުމްހޫރިއްޔާގެ
ޚާއްސަ އިނާޔަތުގެ ގޮތުގައި ކުރައްވާ ޚަރަދުގެ ބަޖެޓް ކަނޑައެޅުއްވުން.
14) މަޖިލީހުގައި ހިމެނޭ
ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިތައް ޕާޓީތަކުގެ މެދުގައި ބަހާލުން.
15) ޖުޑީޝަލް ކޮމިޝަނާގެ މަގާމު
ހުސްކޮށް ދެފަރާތް އެއްބަސްވާ ފަރާތަކަށް އެމަގާމު ފުރުން ހަވާލުކުރުން.
16) ރައީސުލްޖުމްހޫރިއްޔާގެ
އިގްތިޞާދީ އެޑްވައިޒަރުގެ މަގާމުތައް އުވާލުން.
17) ރައީސުލްޖުމްހޫރިއްޔާގެ
މުޝީރުންގެ މަގާމުތައް އުވާލުން.
18) ވަޒީރުންގެ މަޖިލީހުގެ
މެންބަރުންގެ އަދަދަކަށް ދެފަރާތް އެއްބަސްވެ އެމަޖިލީހުގެ ގޮނޑިތައް ސިޔާސީ
ޕާޓީތަކުގެ މެދުގައި ބަހާލައި މަލްޓި ޕާޓީ އިލެކްޝަނަކުން ވެރިކަމަށް ބަދަލެއް
އަންނަންދެން އެގޮތަށް އެ މަޖިލީސް ބޭއްވުން.
19) އަތޮޅުތަކުގެ ސިއްހީ
ދާއިރާއަށް ބޭނުންވާ ޑޮކްޓަރުންނާއި ފަންނީ މީހުން މަދު މިންވަރު ދެނެގަނެ، އެކަމަށް އެކަށީގެންވާ މީހުން ހޯދައި ސިއްހީ ރަނގަޅު
ޚިދުމަތް ދެވޭނެ ގޮތެއް ހަމަޖެއްސުން.
20) ރައީސް މައުމޫންގެ ސިޔާސީ
މުސްތަގުބަލާމެދު އެ މަނިކުފާނު ޤައުމާ މުޚާތަބުކުރެއްވުން.
21) އަތޮޅުތެރޭގައި ތައުލީމީ
ދާއިރާ އަށް ބޭނުންވާ ޓީޗަރުންނާއި ފަންނީ މީހުން މަދު މިންވަރު ފާހަގަކޮށް، މާލެއެކޭ އެއް ފެންވަރުގެ ތައުލީމު އަތޮޅުތަކަށް ދެވޭނެ
ގޮތެއް ހަމަޖެއްސުން.
22) ސަރުކާރުގެ ޕީއެސްއައިޕީ
މަޝްރޫއުތައް މުރާޖައާކޮށް ދެފަރާތް އެއްބަސްވާ ގޮތަކަށް ކުރިއަށް ގެންދިޔުން.
23) ސަރުކާރުން ކުރަމުން އަންނަ
ވިޔަފާރިތައް ހުއްޓާލާނެ ގޮތަކާއި ތާރީޚެއް ކަނޑައެޅުން.
މައިގަނޑު ތިން ޓްރެކަކަށް
ބަހާލައިގެން ކުރިއަށް ގެންދިޔަ ސިލްސިލާ ބައްދަލުވުންތަކުގައި އިތުރު ބޭފުޅުން ބައިވެރިކުރުމަށް
ނިންމިއެވެ. ހަވަނަ ބައްދަލުވުމުން ނިންމިގޮތަށް، ބައިވެރިކުރާނެ އިތުރު
ބޭފުޅުންގެ ނަންތައް، މާޗް 6 ގައި އިއުލާން ކުރެއްވިއެވެ. ދެޕާޓީން ބޭފުޅުން
އިއުލާންކުރެއްވި ގޮތުގެ ތަފްސީލް ތިރީގައި މިވަނީ އެވެ.
ގާނޫނުއަސާސީގެ ޓްރެކް:
އެމްޑީޕީ ޑީއާރުޕީ
1) މުޙައްމަދު ނަޝީދު އަންނި
(ޗެއާޕާސަން) 1) އަޙުމަދު ތަސްމީން
ޢަލީ (ހޯމް މިނިސްޓަރު، ރމ ބ.މެންބަރު)
2) މުޙައްމަދު އަސްލަމް (ރމ
ސ.މެންބަރު) 2) ޤާސިމް އިބްރާޙީމް
(ފިނޭންސް މިނިސްޓަރު، ރޚމ އދ.މެންބަރު)
3) އަޙުމަދު ޝަފީގު (ރޚމ
މ.މެންބަރު) 3) ޑރ.ހަސަން ސައީދު
(އެޓާނީޖެނެރަލް)
4) ޢަލީ ފާއިޒް (ރޚމ ބ.މެންބަރު) 4) އަބްދުﷲ ޔާމީން (ހަޔާ
އެޑިއުކޭޝަން މިނިސްޓަރު، ރމ ނ.މެންބަރު)
5) މުޙައްމަދު ރިޔާޒް (ރޚމ
ދ.މެންބަރު) 5) އިލްޔާސް
އިބްރާޙީމް (ހެލްތު މިނިސްޓަރު، ރމ ލ.މެންބަރު)
6) އަދުނާނު ޙަލީމް (ރޚމ
ގއ.މެންބަރު) 6) ޑރ.އަޙުމަދު ޝަހީދު
(ފޮރިން މިނިސްޓަރު)
7) އިދުހާމް މުއިއްޒު އަދުނާނު
(ޝެޑޯ މިނިސްޓަރު) 7) އަނީސާ އަޙުމަދު
(ރައީސް އޮފީހުގެ މިނިސްޓަރު، ރމ މ.މެންބަރު)
ގާނޫނުތަކުގެ ޓްރެކް:
އެމްޑީޕީ ޑީއާރުޕީ
1) މާރިޔާ އަހުމަދު ދީދީ (ރމ
ކ.މެންބަރު) 1) އައިޝަތު އާޒިމާ
ޝުކޫރު (ރމ ރޖ.މެންބަރު)
2) ރީކޯ މޫސާ މަނިކު (ރމ
ލ.މެންބަރު) 2) އިލްޔާސް
އިބްރާޙީމް (ހެލްތު މިނިސްޓަރު، ރމ ލ.މެންބަރު)
3) އިބްރާހިމް މުހައްމަދު ސޯލިހު
(ރމ ޅ.މެންބަރު) 3) އަނީސާ އަޙުމަދު
(ރައީސް އޮފީހުގެ މިނިސްޓަރު، ރމ މ.މެންބަރު)
4) މުޙައްމަދު ޝިހާބް (ރމ މާލޭ
މެންބަރު) 4) އަބްދުﷲ ޝާހިދު (ރމ
ވ.މެންބަރު)
5) މުޙައްމަދު ނަޝީދު ކާނަލް (ރޚމ
މާލޭ މެންބަރު) 5) އިބްރާޙީމް ޝަރީފް (ރމ
ސ.މެންބަރު)
6) ހުސްނުއްސުޢޫދު (ރޚމ
ސ.މެންބަރު) 6) ޙުސައިން
މުޙައްމަދު (ރމ އއ.މެންބަރު)
7) ޑރ.މުޙައްމަދު މުނައްވަރު (ޕާޓީގެ
އެޑްވައިޒަރ) 7) އަބްދުﷲ ޖާބިރު (ރމ
ގއ.މެންބަރު)
ޑިމޮކްރެޓިކް ވެށީގެ ޓްރެކް:
އެމްޑީޕީ ޑީއާރުޕީ
1) އިބްރާހިމް ހުސެއިން ޒަކީ
(ވަގުތީ ރައީސް) 1) ޑރ.ހަސަން ސައީދު
(އެޓާނީޖެނެރަލް)
2) އަހުމަދު އާދިލް (ރޚމ
ހދ.މެންބަރު) 2) އަޙުމަދު ތަސްމީން
ޢަލީ (ހޯމް މިނިސްޓަރު، ރމ ބ.މެންބަރު)
3) ޑރ.ހުސައިން ރަޝީދު ހަސަން
(ރޚމ ތ.މެންބަރު) 3) ޤާސިމް އިބްރާޙީމް (ފިނޭންސް މިނިސްޓަރު، ރޚމ އދ.މެންބަރު)
4) މުހައްމަދު އަސްލަމް (ޝެޑޯ
މިނިސްޓަރު) 4) ޑރ.އަޙުމަދު ޝަހީދު
(ފޮރިން މިނިސްޓަރު)
5) ޑރ.އާމިނަތު ޖަމީލް (ޝެޑޯ
މިނިސްޓަރު) 5) އަނީސާ އަޙުމަދު
(ރައީސް އޮފީހުގެ މިނިސްޓަރު، ރމ މ.މެންބަރު)
6) އަލީ ހާޝިމް (ޝެޑޯ މިނިސްޓަރު)
6) މުޙައްމަދު ނަޝީދު (އިންފޮމޭޝަން
މިނިސްޓަރު)
7) ޠައްޔިބް މުޙައްމަދު ވަޙީދު
(ޝެޑޯ މިނިސްޓަރު) 7) މުޙައްމަދު ޖަމީލް
އަޙުމަދު (ޖަސްޓިސް މިނިސްޓަރު)
މާރޗް 7 ވަނަ ދުވަހު އޮތް 7 ވަނަ
ބައްދަލުވުމަށްފަހު، ދެޕާޓީގެ ފަރާތުން މީޑިއާއަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ
19 ގާނޫނެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހެޅުމަށް އެއްބަސްވެވުނު ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ހަސަން އަފީފާއި ޑީއާރުޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ
ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ފާތުމަތު ދިޔާނާ ސައީދު އެކުގައި ތިއްބަވައިގެން
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ 19 ގާނޫނަކަށް އިސްކަން ދެއްވީ އެއީ
ރާއްޖެ އަށް ޑިމޮކްރެސީ ގެނައުމުގައި މުހިންމު ގާނޫނުތައް ކަމަށް ދެ ޕާޓީ އަށް
އެއްބަސްވެވުމުން ކަމަށެވެ. މިކަމާ ގުޅޭގޮތުން، ނެރުނު ޖޮއިންޓް ސްޓޭޓްމަންޓް ގައި
ދެޕާޓީން އެއްކޮށް މަސައްކަތް ކުރަން ހަމަޖެހިފައިވާ ބިލްތައް ބަޔާންކޮށްފައި
އޮތެވެ. އެބިލްތަކަކީ؛ އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލާއި، ގާނޫނުލް
އުގޫބާތުގެ ބިލާއި، ޖިނާއީ އިޖްރާތުގެ ބިލާއި، ހެއްކާބެހޭ ބިލާއި، ސިފައިންގެ
ބިލާއި، ފުލުހުންނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބިލާއި ޖަލުގައި
ބަންދުކުރުމުގެ އުސޫލުތަކުގެ ބިލާއި، ޕެރޯލްގެ
ބިލާއި، ޝަރުއީ ކޯޓްތައް އެތުރިގެންވާ ގޮތާއި
ޝަރުއީ ކޯޓުތަކާ ބެހޭ ބިލާއި، ޖުޑީޝަލް
ސާވިސް ކޮމިޝަންގެ ބިލާއި، ސިޔާސީ
ޕާޓީގެ ބިލާއި، އިންތިހާބާ ބެހޭ ބިލާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމުގެ ބިލާއި، ނޫސް ރަޖިސްޓްރީކޮށް ޝާއިއުކުރުމުގެ ބިލާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބިލާއި، ބްރޯޑްކާސްޓް ކުރުމުގެ ބިލާއި، ކޮރަޕްޝަން ހުއްޓުވުމާއި މާނަކުރުމުގެ ގާނޫނަށް އިސްލާހު
ގެނައުމުގެ ބިލާއި، އެންޓި ކޮރަޕްޝަން
ބޯޑާ ބެހޭ ބިލް އަދި ލާ މަރުކަޒީ އުސޫލުން ރަށްރަށާއި އަތޮޅުތައް ހިންގުމުގެ
ބިލެވެ.
މީގެ އިތުރުން ދެޕާޓީ އެއްބަސްވާ
ގާނޫނުއަސާސީއެއްގެ ޑްރާފްޓް އެކުލަވާލުމަށް ތިން މެންބަރުންގެ ޕެނަލެއް
ކަނޑައެޅުމަށް ނިންމިއެވެ. މި ޕެނަލްގައި ޑީއާރުޕީގެ މެންބަރަކާއި އެމްޑީޕީގެ
މެންބަރަކާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މެންބަރަކު ހިމެނުމަށް
އެއްބަސްވިއެވެ. އަދި ޕެނަލްގެ މަސައްކަތް މާޗް 18 ވާ އާދީއްތަ ދުވަހު
ފެށުމަށްވެސް ކަނޑައެޅިއެވެ.
ސިލްސިލާ ބައްދަލުވުންތަކުގެ 9
ވަނަ ބައްދަލުވުމާ ހަމައަށް އައިއިރު ވަނީ ޚިޔާލު ތަފާތުވުންތައް އުފެދި
ދެބަސްވުންތައް ހިނގަން ފަށާފައެވެ. މިކަން އެންމެބޮޑަށް ހާމަވެގެންދިޔައީ މާޗް 18
ވީ އާދީއްތަ ދުވަހު ޑީއާރުޕީން އެމްޑީޕީއަށް ފޮނުވި ސިޓީންނެވެ. ޑީއާރުޕީ
ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން އަނީސާ އަހުމަދު ސޮއިކުރައްވައި، އެމްޑީޕީގެ
ޕާލަމެންޓްރީ ގުރޫޕުގެ ރައީސް ހަސަން އަފީފަށް ފޮނުއްވި ސިޓީގައި ވަނީ، ގާނޫނު
އަސާސީ އިސްލާހުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ވާހަކަތަކުގެ އިތުރުން،
އެމްޑީޕީން އެދުނު އެހެން ކަންތައްތަކަށް އެއްބަސްވި ނަމަވެސް، “ގާނޫނާއި ގަވާއިދާ
ހިލާފު އަމަލުކުރާ މީހުން ކުށުން ބަރީއަކުރުން ފަދަ ކަންތައްތަކަކަށް
އަޅުގަނޑުމެން އެއްބަސްވެފައެއް ނުވާނެ” ކަމަށެވެ. މީގެ އިތުރުން މިސިޓީގައި ވަނީ
“ގާނޫނު އަސާސީ އިސްލާހުކުރުމުގެ މައި މަސައްކަތް އެއްކިބާކޮށް، އެމްޑީޕީން އެކި
ފަހަރު މަތިން ބޭނުން ކަމަށް އެދެމުންދާ ކަންކަން ސަރުކާރު މެދުވެރިކޮށް
ކުރުވުމަށް ބާރު އެޅުވުމުގެ ފުރުސަތަކަށް، މި ވާހަކަތައް ހެދުމާއި އެހެން އެފަދަ
ކަންތައްތައް މި ވާހަކަތަކުގެ ތެރޭގައި ކުރިއަށް ގެންދިއުމަކީ، ނުވަތަ އެފަދަ
ކަންތައްތައް ސަރުކާރުން ކުރެއްވުން އެއީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ
މަސައްކަތުގެ އަގު ނުވަތަ މުގާބިލުކަމުގައި ހެދުމަކީ ޑީއާރުޕީއަށް ގަބޫލުކުރެވޭނެ
ކަމެއް ވެސް ނޫނެވެ”.
މިސިޓީއާ ގުޅޭގޮތުން މީޑިއާއަށް
މައުލޫމާތު ދެއްވަމުން އަފީފް ވިދާޅުވީ “ގާނޫނު އަސާސީ އިސްލާހުކުރުން ލަސްކުރުމަށް
މަސައްކަތްކުރާ މީހުން” އަނީސާގެ ސިޓީން ވަރަށް ބޮޑަށް އެނގިގެން ހިނގައްޖެ
ކަމަށާއި ގާނޫނު އަސާސީ އިސްލާހުކުރުން ހުއްޓާލުމަކީ އެމްޑީޕީން ބޭނުންވާ ކަމެއް
ނޫން ކަމަށެވެ. “ޑިމޮކްރެސީއާ ބެހޭގޮތުން ވާހަކަ ނުދައްކާ ކަމަށް ވަނީނަމަ
މިގައުމަކަށް ޑިމޮކްރަސީއެއް ނާންނާނެ. އިއްޔެ ވެސް (ގާނޫނު އަސާސީގެ ޑްރާފްޓް
އެކުލަވާލުމުގެ ފަންނީ ކޮމެޓީގެ މަސައްކަތް ފެށުމަށް) އަޅުގަނޑުމެން ތިބީ
ތައްޔާރަށް. ޑީއާރުޕީގެ ފަރާތުން އިއްޔެ ވެސް ތައްޔާރުނުވެވުނީ. ވާހަކަތަކުގައި
ބައިވެރިކުރާނެ ތިންވަނަ ފަރާތެއް ހޯދަންވެސް ހަވާލުވީ ޑީއާރުޕީން. އެ މީހުންނަށް
އެކަމެއްވެސް ނުވި. އެހެންވެ އެއީ ގާނޫނު އަސާސީ އިސްލާހުކުރަން އުޅޭ ބައެއް
ކަމަށްވެސް ގަބޫލެއްނުކުރެވޭ،” މާޗް 19 ވަނަ ދުވަހު "ހަވީރު" ނޫހަށް
މައުލޫމާތު ދެއްވަމުން އަފީފު ވިދާޅުވިއެވެ. “ވާހަކަތައް ފެށީ ވެސް ކަންކަމަށް އޮތީ
ކޮން ހައްލެއްތޯ ބަލަން. މިސާލަކަށް އަޅުގަނޑުމެން މި ބުނަނީ ސަރުކާރުން
ހައްޔަރުކޮށްފައިވާ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ތެރޭގައި ދޫކޮށްލެވޭނެ
މީހުންނާއި ދޫކޮށްނުލެވޭނެ މީހުން ވެސް ތިބޭނެއޭ. އެ ވެސް ކަނޑައެޅޭނީ ލިސްޓް ވެސް
ބަލައިގެން ދެ ފަރާތުން ވާހަކަ ދައްކާފައި. ގާނޫނު އަސާސީ އިސްލާހުކޮށްފައި މީހުން
ހައްޔަރުކޮށްފައި، މީހުންނަށް އަނިޔާކޮށްފައި، މީހުންގެ ލާރިގަނޑު ވަގަށް
ފޭރިގަންނަ ކަމުގައި ވަނީ ނަމަ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބޭނުމަކީ ކޮބާ؟”
ޑީއާރުޕީގެ ސިޓީއަށް
ރައްދުދެއްވައި، އެމްޑީޕީން ފޮނުވި ސިޓީގައި އަފީފު ވިދާޅުވެފައި ވަނީ، ގާނޫނު
އަސާސީ އިސްލާހުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ހުރަސްއެޅިފައި ވަނީ
ޑީއާރުޕީގެ ސަބަބުން ކަމަށް އެ ފަރާތުން ގަބޫލުކުރައްވަންޖެހޭ ކަމަށެވެ.
ދެފަރާތުން ބަދަލުކުރި ބަހުގެ
ހަމަލާތަކަށްފަހު މާޗް 19 އިގާ ބޭއްވުމަށް ހަމަޖެހިފައި އޮތް 10 ވަނަ
ބައްދަލުވުމަށް އެމްޑީޕީ ބޭފުޅުން ހާޒިރުވިނަމަވެސް، ޑީއާރުޕީން ވަޑައިގެންނެވީ
އަނީސާ އެކަންޏެވެ. އެހެންކަމާއެކު އެދެވޭ ގޮތެއްގައި ބައްދަލުވުން ކުރިއަކަށް
ނުގެންދެއެވެ. މިހާ ހިސާބުން ސިލްސިލާ ބައްދަލުވުންތައް ނިމުމަކަށް އައެވެ. މާޗް
21 ހުގައި ބާއްވަން ހަމަޖައްސާފައި އޮތް ބައްދަލުވުންވެސް ކެންސަލް ކުރިއެވެ.
ވަފުދުގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ ގިނަ މެންބަރުން ރަށުގައި ނޫޅުއްވާތީ
އެޕާޓީގެ އެދުމުގެ މަތިންނެވެ.
ދެޕާޓީގެ މެދުގައި ބާއްވަމުންއައި
ބައްދަލުވުންތައް، 26 މާޗް 2007 ވީ ހޯމަ ދުވަހު، ޑީއާރުޕީން މެދުކަނޑާލިއެވެ.
މިކަމާ ގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމަށް ހަމަ އެދުވަހު އެމްޑީޕީން ބޭއްވި
ނޫސްކޮންފަރެންސް ގައި އަފީފް ވިދާޅުވީ، “ޑރ.އަހުމަދު ޝަހީދު މިއަދު ގުޅުއްވާފައި
ވިދާޅުވީ ވަރަށް ހިތާމަ ހުރި ޚަބަރެއް ދޭން ޖެހިގެންނޭ މިގުޅީ. ޑރ.ޝަހީދު ވިދާޅުވީ
ވަގުތީ ގޮތުންނޭ މި ވާހަކަތައް މެދުކަނޑާލަނީ. އެ ފަރާތުން ހާސިލުކުރަން ބޭނުންވާ
މަގުސަދުތައް ހާސިލުވަންދެން މި ވާހަކަތައް ކުރިއަށް ދާނެ ކަމަކަށް އަޅުގަނޑަށް
ގަބޫލެއް ނުކުރެވޭ،”
ބައްދަލުވުންތައް ވަގުތީގޮތުން
މެދުކަނޑާލުމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޑރ.ޝަހީދު ވިދާޅުވީ
އެމްޑީޕީން އިޚުލާސްތެރިކަމާއެކު މަސައްކަތް ނުކުރާ ކަމަށެވެ. “ހޯލުތެރޭގައިވެސް
ހޯލުން ބޭރުގައިވެސް އެމްޑީޕީގެ އިހުލާސްތެރިކަމެއް އަޅުގަނޑުމެންނަށް ނުފެނުނީ. މިހާތަނަށް
ނުވަ ބައްދަލުވުން ބޭއްވިއިރުވެސް ޚާއްސަ މަޖިލީހުގެ މަސައްކަތްތައް ހަލުއިކުރާނެ
އެއްވެސް ކަމަކަށް އެމްޑީޕީން އެއްބަހެއްނުވި. ޚާއްސަކޮށް ނިޒާމީ ނުކުތާގެ ބަލިން
ސަލާމަތްކުރާކަށް އެމްޑީޕީން އެއްގޮތަކަށް ވެސް އެއްބަހެއް ނުވި. ޚާއްސަ
މަޖިލީހުގެ މަސައްކަތްތައް އަވަސްކުރެވޭނެ އެއްވެސް ކަމަކަށް އެއްބަސްނުވެ،
އެކަމަކު އެމީހުންގެ ބައިވެރިންތަކެއް ދޫނުކޮށްގެން، މަގުމަތީގައި ގަނޑުތައް
ގަންނައިރު، އެބަ އެނގޭ އަޅުގަނޑުމެންނަށް (ފޮރުވިފައިވާ) ކަންތައްތަކެއް.
އިސްލާހަށް ވުރެ ބޮޑަށް އެމްޑީޕީން ބޭނުންވަނީ އިންގިލާބީ ކަންތައްތަކެއް،” މާޗް
27 ގައި ހަވީރު ނޫހަށް މައުލޫމާތު ދެއްވަމުން ޑރ.ޝަހީދު ވިދާޅުވިއެވެ.
"އަލުން ވާހަކަތައް ފެށޭނީ އިންގިލާބީ ކަންތައްތައް ދޫކޮށްލައި، އެމްޑީޕީން
އިސްލާހަށް މަސައްކަތް ކުރަން ފެށިއިރަކުން"
މިބައްދަލުވުން ތަކުން އެއްބަސްވި
ކަންތައްތަކުގެތެރޭގައި ބައްދަލުވުންތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް
ކޮމަންވެލްތު އޮބްޒާވަރުން ބައިވެރިކުރުމާއި، ގާނޫނުއަސާސީގެ ޑްރާފްޓެއް އެކުލަވާލުމަށް ނިންމުމާއި
އެކަމަށްޓަކައި ތިން ބޭފުޅުންގެ ޕެނަލެއް ކަނޑައެޅުމާއި، 19 ގާނޫނެއް ޑްރާފްޓް
ކުރުމާއި، ޕޮލިސް އިންޓަގްރިޓީ ކޮމިޝަން އަލުން އެކުލަވާލުން އަދި އެއްވެ
އުޅުމާބެހޭ ގަވާއިދު އިސްލާހުކުރުމަށްވެސް އެއްބަސް ވިއެވެ.
އެއްބަސްވުންތަކެއް ވެވުނު
ނަމަވެސް، އެއްވެސް ކަމަކަށް އަމަލީ ސިފައެއް ނާދެއެވެ. ވަގުތީ ގޮތުން މެދުކަނޑާލި
ބައްދަލުވުންތައް ދާއިމީ ވިއެވެ.
No comments:
Post a Comment
Your comment is awaiting moderation!