2007-11-02

ދިވެހި ސިވިލްސާވިސް ކޮމިޝަން



ދިވެހި ސިވިލްސާވިސް ކޮމިޝަންގެ ބިލް، 27 އޮކްޓޯބަރު 2005 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅިއެވެ. ބ.އަތޮޅު މެންބަރު އަޙްމަދު ތަސްމީން ޢަލީ އާއި ސ.އަތޮޅު މެންބަރު އިބްރާޙީމް ޝަރީފްގެ ތާއީދާއެކު މިބިލް ހުށަހެޅުއްވީ މ.އަތޮޅު މެންބަރު އަޙްމަދު ނާޒިމެވެ. 

މި ބިލް ފާސްކުރެއްވީ، ބިލް ހުށަހެޅުއްވިތާ 524 ދުވަސްފަހުން، 4 އެޕްރީލް 2007 ވީ ބުދަ ދުވަހުއެވެ. އެދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވީ 2 މެއި 2007 ވީ ބުދަ ދުވަހުއެވެ. ގާނޫނު ނަންބަރު 2007/5 "ދިވެހި ސިވިލްސާވިސްގެ ގާނޫނު" ތަސްދީގުކުރައްވައި ގެޒެޓްގައި ޝާއިއުކުރެއްވިއިރު، އެގާނޫނަށް އަމަލުކުރަން ފަށާނެ ތާރީޚެއް ކަމަށް ބަޔާންކޮށްފައިވަނީ ތަސްދީގުކުރާ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއެކު ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ފަސް ބޭފުޅަކު އައްޔަން ކުރެއްވީ 23 އޮކްޓޯބަރު 2007 ވީ އަންގާރަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އެ ބޭފުޅުންނަކީ، ރާއްޖެއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.މުޙައްމަދު ލަތީފު، އެޑިއުކޭޝަން މިނިސްޓަރުގެ ނާއިބު، ޑރ.އަބްދުލް މުޙްސިން މުޙައްމަދު ހ.ސަންދޮރޯސްގެ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕަބްލިކް ސާވިސް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޒަކަރިއްޔާ ހުސައިން ގ.މަންބައު، ފޮރިން މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަކަމުގެ މަގާމުގައި ހުންނެވި ޚަދީޖާ އާދަމް ގ.އަލަފަރު އަދި ހަޔާ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓަ ޖެނަރަލް މުޙައްމަދު ފަހުމީ ޙަސަން ގ.ކޮއްކިރި އެވެ. ކޮމިޝަނަށް މިބޭފުޅުން އައްޔަނުކުރެއްވީ ކުރިން ތިއްބެވި މަގާމުތަކުން ވަކިކުރައްވާފައެވެ. 

ކޮމިޝަންގެ ރައީސް ކަމަށް ޑރ.މުޙައްމަދު ލަތީފު ހަމަޖައްސަވައި ނައިބްރައީސް ކަމަށް ޑރ.ޢަބްދުލް މުޙްސިން މުޙައްމަދު ހަމަޖެއްސެވުމަށް، އޮކްޓޯބަރު 28 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވިއެވެ. 

ދިވެހި ސިވިލްސާވިސްގެ ގާނޫނަށް އަމަލުކުރައްވަން ފެއްޓެވީ 1 މެއި 2008 ވީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

No comments:

Post a Comment

Your comment is awaiting moderation!