2007-10-30

ރިފޯމާ ބީރައްޓެހި ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރު


ރައީސް މައުމޫންގެ ވެރިކަން ދިގުލައި، ރައްޔިތުންގެ ގިނަބަޔަކު އެވެރިކަމުގެ މަތިން ފޫހިވެ، މައުމޫން އިސްތިއުފާއަށް ގޮވަން ފެށުމާއެކު ހެއްދެވިގޮތަކީ ތައުލީމީ ޒުވާން ބޭފުޅުންކޮޅެއް ކެބިނެޓަށް ގެންނެވުމެވެ. އިސްލާހީ އެޖެންޑާއާއި މަގުޗާޓުގެ ނަން ގިނައިން ވިދާޅުވާން ފެއްޓެވުމެވެ. ހަމައެޔާއެކު ޒުވާން ކެބިނެޓް ވަޒީރުން މައުމޫން ދިފާއުކުރެއްވުމަށްޓަކައި ކުރިއަށް ނެރުއްވުމެވެ. 

މައުމޫންގެ ސިފަ ރީތިކުރައްވައި އޭނާގެ ގާބިލްކަމާއި މޮޅުކަމާއި އިޚްލާސްތެރިކަމުގެ ވާހަކަދެއްކެވުމުގައި އިސްރޯލެއް އަދާކުރެއްވި ބައެއް ވަޒީރުން ''މިއީ ވާވަރުކަމެއް ނޫނޭ ހީވުމުން'' މައުމޫން ދޫކުރައްވައި ހިނގައްޖެއެވެ. އެޔާއެކު ގެނެވުނު ބަދަލުތަކުގައި ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރު ކަނޑައެޅުއްވިއެވެ. ރިފޯމް މިނިސްޓަރުގެ ގޮތުގައި ހަމަޖެއްސެވީ މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުގައި ހުންނެވި އަލްއުސްތާޛު މުހައްމަދު ނަޝީދު އެވެ. ރިފޯމް ކޮމިޝަނަރަކަށް ހަމަޖެއްސެވީ އެޓާނީޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވަމުންގެންދެވި މުހައްމަދު އަނިލް އެވެ.


މަގާމުގެ ނަމަށް އައި ބަދަލާއެކު މިދެބޭފުޅުންގެ މަސައްކަތް އިހުނަށްވުރެ އިތުރުވިއެވެ. މީޑިއާއާ ބައްދަލުކުރެއްވުންތައް ގިނަވިއެވެ. ރިފޯމާއި އިސްލާހު ގެންނަވާނެ ކަންތައްތައް ކަނޑައަޅުއްވައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ބިލްތައް އެކުލަވައިލައްވާނެ ކަމުގެ ޚަބަރުތައް ދެއްވަން ފެއްޓެވިއެވެ. މިނިސްޓަރ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު މީޑިއާއާ ބައްދަލުކުރައްވައި ތަފާތު ކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ ޕޮލިސީ ހާމަކުރައްވާނެ ކަމުގެ ޚަބަރުވެސް ދެއްވިއެވެ. ރިފޯމަށްޓަކައި ކޮށްޓެވި މަގުތަކެވެ.

އިސްލާހަށްޓަކައި ކުރެވޭ އެންމެބޮޑު މަސައްކަތަކީ ގާނޫނު އަސާސީގެ މަސައްކަތް ކަމަށްވާއިރު، މި ދެބޭފުޅުންނަކީވެސް ޚާއްސަ މަޖިލީހުގެ މެންބަރުންނެވެ. ޚާއްސަ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރަކީ ޑީއާރުޕީގެ މެންބަރުންނަށްވެފައި އެބޭފުޅުންގެ މަސައްކަތް ބުރަވެފައިވާތަން ފެންނަނީ ޑީއާރުޕީ ޕްރޮމޯޓް ކުރެއްވުމަށާއި ގާނޫނާ ގުޅިފައިހުންނަ މައްސަލަތަކުގައި ޑީއާރުޕީ ދިފާއުކޮށް ވަކާލާތު ކުރެއްވުމުގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށްޓަކައި އިންތިގާލީ ސަރުކާރެއް ގާއިމްކުރުމުގެ ވާހަކަ ގިނަބަޔަކު ދައްކަންފަށައި އެކަމަށް މަސައްކަތް ކުރަން ފެށުމުން މިދެބޭފުޅުންވެސް ވަނީ އެކަމާ ދެކޮޅު ހައްދަވައި ވާހަކަތައް އާންމު ކުރައްވާފައެވެ.

އިސްލާހުކުރެވޭ ގާނޫނު އަސާސީގައި، ފަސް އަހަރުގެ ދެދައުރަށްވުރެ ގިނަ ދުވަހު އެކަކަށް ރައީސްކަމުގެ މަގާމު ނުފުރޭގޮތަށް ރައްޔިތުންގެ ޚާއްސަ މަޖިލިހުން ފާސްކުރި ފާސްކުރުމަކީ ތިރީސް އަހަރު ވެރިކަން ކުރެއްވި ބޭފުޅަކު އިތުރު ދިހަ އަހަރު ވެރިކަން ކުރެއްވުމަށްވެސް ފުރުސަތު ލިބޭ ކަމެއްކަމަށް ހާމަކުރެއްވުމުގައި މިދެބޭފުޅުންގެ އިސްރޯލެއް ފެނިގެން ދިޔައެވެ. "މި ގާނޫނު އަސާސީ'' ގެ މާނަ ކުރެއްވުމުގައި މިދެބޭފުޅުންވެސް ވާހަކަދައްކަވާފައިވަނީ ރިފޯމް ނުވަތަ އިސްލާހީ ބަދަލަށްވުރެ ބޮޑަށް މައުމޫންގެ ހިތްޕުޅު ހަމަޖައްސަވައިދެއްވުމުގެ ގޮތުން އަދި މައުމޫނަށް ފުރުސަތު ހޯއްދަވައިދެއްވުމުގެ ގޮތުން ވާހަކަ އާންމުކުރައްވާފައެވެ.

މިދެބޭފުޅުންވެސް ވިދާޅުވާތީ އިވެނީ ވަރަށްގިނަ ގާނޫނުތައް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވަން ޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް ހައްތާވެސް ފެންނަނީ ''އިއްޔެ މެންދުރު'' ތަސްދީގުކުރި ސިވިލްސާވިސް ގާނޫނަށް އިސްލާހު ނުގެންނެވިގެން އުޅުއްވާތީއެވެ. ރިފޯމް މިނިސްޓަރު މަޖިލީހަށް މިބަދަލުތައް އިސްލާހުގެ ނަމުގައި ހުށަހެޅުއްވި ނަމަވެސް، މެންބަރުން އެއީ އިސްލާހުތަކެއް ކަމަށް ބަލައެއް ނުގެންނެވިއެވެ. އެޔާއެކު ދެން ވިދާޅުވާތީ އިވުނީ ސިވިލް ސާވިސް ފޮތިފޮތި ކޮށްލެއްވުމުގެގޮތުން އިތުރު ކޮމިޝަންތަކެއް އުފައްދަވާ ވާހަކައެވެ.

ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރު ޚާއްސަމަޖިލީހުގައި ވާހަކަދައްކަވާއިރު އިސްލާހީ ބަދަލުތަކުގެ ވާހަކައިގެ ބަދަލުގައި ދައްކަވަނީ މައުމޫން ހިމާޔަތްކޮށް ޑީއާރުޕީއަށް ބާރުލިބޭނެހާ ގޮތުގެ ވާހަކައެވެ. ހުށަހަޅުއްވާ ހުށަހެޅުންތަކުގައާއި ކުރައްވާ ތާއީދު ތަކުގެވެސް މަސްލަހަތު ގުޅިފައިވަނީ ރައީސް މައުމޫނާއި ޑީއާރުޕީ އާއެވެ. އަދި، މިހާރު ޚާއްސަމަޖިލިސް ހުއްޓިފައިވާ ހުއްޓުން، ހުއްޓަވައިލެއްވުމުގެ ގޮތުން ކޯރަމް ގެއްލުވާލެއްވީވެސް ރިފޯމް މިނިސްޓަރ މުހަންމަދު ނަޝީދެވެ.

އިނގިރޭސިބަހުން ނަގާފައިވާ ''ރިފޯމް'' ގެ ދިވެހި މާނައަކީ "ހެޔޮބަދަލެ"ވެ. ''ގާނޫނަކަށް ގެނެވޭ ހެޔޮބަދަލުތައް ނުވަތަ މުޖުތަމައު ހިނގާ ނިޒާމަށް ގެނެވޭ ހެޔޮބަދަލުތަ''ކެވެ. ހެޔޮބަދަލުގެ މާނައަށް ބަލާއިރު ހެޔޮއަކީ ނަންއިތުރެކެވެ. މާނަތަކުގެ ތެރެއިން މިހާލަތާ އެންމެ ގުޅޭ މާނައަކީ ރަނގަޅެވެ. ބަދަލަކީ ނަމެކެވެ. މާނަތަކުގެ ތެރެއިން މިހާލަތާ އެންމެގުޅޭ މާނައަކީ އެއްހާލަކުން އަނެއް ހާލަކަށް ފުރޮޅިގެންދާ ފުރޮޅުމެވެ.

ވީމާ، ރާއްޖޭގެ ސިޔާސީ މަސްރަހު އަދުއޮތް ހާލަތަށް ބަލާއިރު ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރުގެ ޒިންމާއާއި މަސްޢޫލިއްޔަތު ވަރަށްބޮޑެވެ. އެއްހާލަތަކުން އަނެއްހާލަތަކަށް ރާއްޖޭގެ ސިޔާސީ މަސްރަހު ފުރޮޅެމުންދާއިރު ދެއްވަންޖެހޭ އެއްބާރުލުމާ އެހީތެރިކަން ބޮޑެވެ.އެ އެއްބާރުލުމާއި އެހީތެރިކަން ވާންޖެހޭނީ ޒަމާނީ ޑިމޮކްރެސީއަށް މަގުފަހިކުރާ، ހަގީގީ އިސްލާހަށް ވާގިދޭ، ހެޔޮބަދަލަށް ފުރުސަތުދޭ އެއްބާރުލުމާއި އެހީތެރިކަމަކަށެވެ. ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރުގެ ފަރާތްޕުޅުން މިދެންނެވި ކަހަލަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާތީއެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަނީ ތިރީސް އަހަރުފުރެމުންދާ މައުމޫންގެ ވެރިކަން ދިފާއުކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާތީއެވެ. އެމަސައްކަތަކީ އެބޭފުޅުންގެ މަގާމުގެ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތެއްނަމަ، އެމަގާމަށް ކިޔުން ރަނގަޅުވާނީ ކޮންމެވެސް އެހެން ނަމެކެވެ.

No comments:

Post a Comment

Your comment is awaiting moderation!