2007-10-04

ނަފްސު އިސްލާހުކުރުމުގެ އެޖެންޑާ


މިފަހަކަށް އައިސް އެންމެ ގިނައިން އިވޭ އަޑަކީ އިސްލާހުގެ އަޑެވެ. އެންމެ ގިނައިން އިވޭ ވާހަކައަކީ ހެޔޮ ބަދަލުގެ ވާހަކައެވެ. ކަންކަން އިސްލާހުކުރުމަށްޓަކައި މުރާޖަޢާ ކުރުމާއި މަޝްވަރާކުރުމުގެ ފޯވަހި މިއޮތީ އައިސްފައެވެ. މިފޯވަހީގައި އިސްލާހީ މަޝްވަރާ ތަކާއި ބައްދަލުވުންތައް ދަނީ ބޭއްވެމުންނެވެ. ކަންކަމާމެދު ޚިޔާލުފާޅުކޮށް ފާޑުކިޔުމުގެ ދޮރުތައް ދަނީ ހުޅުވެމުންނެވެ. އިސްލާހީ ބަދަލުތަކަށް އެދުންވާ މީހުންގެ އުންމީދުތައް ދަނީ ހާސިލްވަމުންނެވެ. މިހެންގޮސް ހުރިހާ ކަމަކަށްވެސް އިސްލާހު އަތުވެދާނެއެވެ. މުޅި ގައުމު އިސްލާހު ކުރެވިވެސް ދާނެއެވެ. ސިޔާސީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުތައް ގެނެވިދާނެއެވެ. ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ އާއި އެއްގޮތަށް ގައުމުގެ ސިޔާސަތު ބައްޓަން ކުރެވި އެސިސްޓަމް ގާއިމް ކުރެވިވެސް ދާނެއެވެ.

އެކަމަކު އެފަދަ އެޖެންޑާއަކުން، ނުވަތަ އިސްލާހީ ބަދަލަކުންވެސް ބަދަލު ނުވާނެ ކަމަކީ ތިމާގެ އަމިއްލަ ނަފުސު ގެ ބަދަލުވުމެވެ. ކޮންމެ ބަދަލެއްވެސް ގެނެވެނީ ރައްޔިތުންނަށް ޓަކައެވެ. އެތަނެއްގައި ދިރިއުޅެމުންދާ ބަޔަކަށްޓަކައެވެ. އެއީ ގާނޫނާއި ގަވާއިދެއްނަމަ އެއަށް އަމަލުކުރަން ތިބޭނީ އެތަނެއްގައި އުޅޭ ބައެކެވެ. އެއީ އެތަނަކަށް އިގްތިޞާދީގޮތުން އަންނަ ފުދުންތެރިކަމެއްނަމަ އެފުދުންތެރިކަމުގެ ފައިދާއެއް ލިބޭނީވެސް ހަމަ އެރައްޔިތުންނަށެވެ.


ގައުމު ގައުމަކަށްވަނީ އެގައުމެއްގައި ދިރިއުޅޭ ރައްޔިތުން ހިމެނޭގޮތުން ކަމަށްވާއިރު، ގައުމަށް އަންނަ ކޮންމެ ބަދަލަކާއި އިސްލާހަކަށް ޢަމަލްކުރަން ތިބޭނީ އެގައުމަކަށް ނިސްބަތްވާ ބައެކެވެ. އެގައުމެއްގައި ދިރިއުޅޭ ރައްޔިތުންނެވެ. އެފަދަ ކޮންމެ އިސްލާހަކާއި އެފަދަ ކޮންމެ ބަދަލަކަށް ފުރަތަމަ ބަދަލުވާންޖެހޭނީ ތިމާގެ އަމިއްލަ ނަފުސެވެ. އަމިއްލަ ނަފްސު އެކަމަކަށް ތައްޔާރުނުކުރެވި ވަނިކޮށް ކަންހިނގަމުންއަންނަ ގޮތަށް ކިތަންމެ ހެއޮ ބަދަލެއް އައިކަމުގައި ވިނަމަވެސް ތިމާއަށް އެގޮތަށް ޢަމަލުކުރުން ވާނީ އުނދަގޫ ކަމަކަށެވެ. އެންމެފަހުން ނަތީޖާއަކަށް ވާނީ މިގޮތް ރަނގަޅު ނުވިގޮތަށް އެގޮތް ވެސް ކަމުނުދިޔުމެވެ.

މާލެތެރޭގައި މިހާރު ހަދާފައިވާ ސްޕާތަކުގެ ''ފަރުދާގެ ފުރަގަސް'' އާންމުންނަށް ފާޅުވެއްޖެއެވެ. އެކަން ސަރުކާރުގެ ސަމާލުކަމަށްވެސް އައިސް އެކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވެން ފަށައިފިއެވެ. އެކަމަށް ނަފުރަތުކޮށް ދީނީ ޢިލްމުވެރިން އަޑުއުފުލައިފިއެވެ. އެފަދަތަންތަން ބަންދުކުރުމަށްވެސް ގޮވާލައިފިއެވެ. އެފަދަ ތަންތަން ބަންދުވެސް ކުރެވިދާނެއެވެ. ނަމަވެސް އެވަރުން ފާޙިޝް އަމަލުތައް ހުއްޓުވޭނެ ހެއްޔެވެ؟ ސްޕާގައި ޚިދުމަތްދޭން ހުރި މީހާއާއި ސްޕާއަށް ޚިދުމަތް ލިބިގަންނަން ދިޔަ މީހާވެސް ދުނިޔޭގައި އުޅޭނެއެވެ. ވީއިރު ޚިދުމަތް ދިނުމާއި ޚިދުމަތް ލިބިގަތުމުގެ ސިއްރުގުޅުން ގައުމުގައި ކުރިއަށް ނުދާނެހެއްޔެވެ؟

ގާނޫނާއި ގަވާޢިދާ ޚިލާފަށް ހިންގޭ މިފަދަ ޢަމަލުތައް ހުއްޓުމުގައި ތިމާގެ އަމިއްލަ ނަފުސު އިސްލާހު ކުރުމަށްވުރެ މޮޅުގޮތެއް އޮންނާނެތޯއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތްނަމަވެސް ތިމާގެ ނަފްސް އިސްލާހުކުރުމަށްވުރެ ވަކިން ބުއްދިވެރިގޮތެއް އޮންނާނެތޯއެވެ. ގާނޫނާއި ގަވާޢިދާ އެއްގޮތަށް ޢަމަލުކުރުން އެއްކިބައިގާ އޮއްވާ ތިމާގެ އަމިއްލަ ނަފުސު އިސްލާހުކޮށް އިސްލާމްދީނުގެ ނަލަ ފޭރާމުން ފޭރާންލުމަކީ ރަނގަޅު މިސްރާބަށް ވާސިލްވުމަށް އެންމެ ފަސޭހަ މަގެވެ. އޭރުން ތިމާއަށް ހުރެވޭނީ ގާނޫނީ އިމުގެ ތެރޭގައެވެ. އަމަލުކުރެވެމުންދާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށެވެ. ތިމާގެ ޢަމަލުތައް އިސްލާމީ ރިވެތި އުސޫލުގެ މަގުން އެއްކިބާ ނުވާހާ ހިނދަކު ހުންނާނީ އިސްލާހުގެ މަގުގައެވެ. އިތުރަށް އިސްލާހު ކުރާކަށް، އިސްލާހު ކުރަން މަސައްކަތް ކުރާކަށް ނުޖެހޭނެއެވެ.

އިސްލާހާއި ހެޔޮބަދަލު ފުރަތަމަވެސް ގެންނަންވީ ތިމާގެ އަމިއްލަ ނަފުސަށެވެ. ކަމަކަށް އިސްލާހު ގެންނަން ވިސްނާއިރު އެކަން ފުރަތަމައިން ދައްކައިދޭންވީ ތިމާގެ އަމަލުންނެވެ. މަހާތުމާ ގާނދީ ވިދާޅުވާފަދައިން   ''އިންސާނާއަކީ އޭނާގެ ވިސްނުމުގެ އުފެއްދުމެކެވެ. އޭނާ ބަދަލުވެގެން ދާނީ އޭނާގެ ވިސްނުން ހުރިގޮތެއްގެ މައްޗަށެވެ''  އެހެނީ، ކަމެއް ރަނގަޅުކުރެވޭނީ އެންމެފުރަތަމަ އެކަމާބެހޭގޮތުން ތިމާގެ ވިސްނުން ހުންނަގޮތް ބަދަލުވެގެންނެވެ. ތިމާ އަމަލުކުރަމުންދާގޮތް ބަދަލުވެގެންނެވެ. މުޖްތަމަޢުގެ މަސްލަހަތަކީ ޚުދު ތިމާގެ މަސްލަހަތު ކަމަށް ގަބޫލުކުރެވިގެންނެވެ. މިނޫން ވިސްނުމެއްގައި އިސްލާހީ ފިޔަވަޅެއް ނޭޅޭނެއެވެ. ހެޔޮ ބަދަލެއް ނުގެނެވޭނެއެވެ.

ކޮންމެ މީހަކަށްމެ އެމީހެއްގެ އަމިއްލަ ނަފްސް އިސްލާހުކުރުމުގެ ފުރުސަތުވަނީ ލިބިފައެވެ. އިސްލާހުގެ މަގުން ހިނގުމަށް އެމަގު ތަނަވަސް ވެގެން ވެއެވެ. ލިބިވަޑައިގެންފައި އޮންނަ ފުރިހަމަ އިޚްތިޔާރުގެ ބޭނުން ކުރައްވައިގެން  އަމިއްލަ  ނަފްސު އިސްލާހު ކުރެއްވުމުގެ މަސައްކަތް ފައްޓަވަމާތޯއެވެ؟ ރައީސުލްޖުމްހޫރިއްޔާ 9 ޖޫންގައި އިއުލާންކުރެއްވި އިސްލާހީ އެޖެންޑާއަށް ގައުމު ހިންގުން ބައްޓަން ކުރައްވަމުންދާއިރު، ގައުމުގެ ރައްޔިތުން އެބައިމީހުންގެ ނަފްސް އިސްލާހުކުރުމުގެ އެޖެންޑާއެއް ފަށަމާތޯއެވެ؟        

No comments:

Post a Comment

Your comment is awaiting moderation!