2007-08-09

ދެ ވަޒީރުންގެ ކުއްލި އިސްތިއުފާ




އެޓާނީ ޖެނެރަލް ޑރ.ހަސަން ސައީދާއި ޖަސްޓިސް މިނިސްޓަރު މުޙައްމަދު ޖަމީލް އަޙުމަދު، ކުއްލިގޮތަކަށް ސަރުކާރުން އިސްތިއުފާ ދެއްވީ 5 އޮގަސްޓް 2007 ވީ އާދީއްތަދުވަހުއެވެ. އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމަށްފަހު، އެދުވަހުގެ މެންދުރުފަހު ދެބޭފުޅުން އެކުގައި ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ.
ދަރުބާރުގޭގައި، ގިނަ އަދަދެއްގެ އާންމުންނާއެކު އޮތް މި ނޫސްކޮންފަރެންސްގައި އެދެބޭފުޅުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. "އަޅުގަނޑުމެން މިއަދު މި އިސްތިއުފާ މިދިނީ ކޮންމެހެން މިއަދު، އިއްޔެގެ ނުވަތަ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ކުރީގައި ހިނގާދިޔަ ކަމަކާ ގުޅިގެނެއް ނޫން. އަޅުގަނޑުމެން އިސްތިއުފާ ދިނީ ތަފާތު އެކި ސަބަބުތަކާ ހުރެ، ހައްލުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، އެއަށް އެކަށީގެންވާ ހައްލު ނުގެނެވުމުން،" ޑރ.ހަސަން ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާ ދެއްވި ސަބަބުތަކުގެ ތެރޭގައި ރިޔާސީ އާ ދައުރަކަށް ކުރިމަތިލެއްވުމަށް ރައީސް މައުމޫން ނިންމެވުމާއި ބައެއް ރިސޯޓްތައް ވަކި ބަޔަކަށް ދެއްވުމަށް މަސައްކަތް ކުރެއްވުމަކީ އޭނާ އިސްތިއުފާ ދެއްވަން ޖެހުނު ސަބަބެއް ކަމަށެވެ. އަދި އިސްލާހީ އެޖެންޑާ ފުރިހަމަ ކުރެއްވުމުގައި ރައީސް މައުމޫން ރިޔާސީ އާ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށްވެސް ޑރ.ހަސަން ވިދާޅުވިއެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އެއީ އެއްގޮތަކަށްވެސް ހައްގު ކަމެއްވެސް ނޫން. ކުރެވޭނެ ކަމެއްވެސް ނޫން. ކޮށްގެންވާނެ ކަމެއް ވެސް ނޫން" 

ޑރ.ހަސަން ވިދާޅުވީ 9 ޖޫން 2004 ގައި ރައީސް މައުމޫން އިއުލާންކުރެއްވި އިސްލާހީ އެޖެންޑާ ފެއިލްވެފައި ވާކަމަށާއި އެކަން، 2007 ފެބްރުއަރީ ގައި ނުވަ ސަފުހާގެ ސިޓީއަކުން ރައީސަށް އަންގަވާފައިވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ސަރުކާރުގައި މަސައްކަތް ކުރެއްވީ ވަކި ފަރުދެއްގެ މަސްލަހަތަކަށް ނޫން ކަމަށާއި މުޅި ދިވެހި ގައުމުގެ މަސްލަހަތަށް ކަމަށާއި ސަރުކާރުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީ ދިވެހި ގައުމަށް ހެޔޮ ގޮތްތައް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރެއްވި ދުވަސްތަކެއް ކަމަށެވެ. "މިހާ ދުވަސްވަންދެން ވެސް އަޅުގަނޑުމެން ސަރުކާރުގައި މަސައްކަތް ކުރަމުން ދިޔައީ ތެދު ހިތުން ގަބޫލުކުރީ އަޅުގަނޑުމެންނަށް ހަމަ ހަގީގަތުގައި ވެސް ދިވެހި މުޖުތަމައަށްޓަކައި ހެޔޮގޮތުގައި ދިވެހި ގައުމަށް ހެވާއި ލާބަ އާއި މަންފާ ހޯދައިދިނުމަށް މަސައްކަތްކުރެވިދާނެ ކަމަށް. އަޅުގަނޑުމެން ހިތް އެދޭ މިންވަރަށް އަދި ދިވެހި ގައުމު ބޭނުންވާ މިންވަރަށް އެކަންކަން ނުދާތީ އަޅުގަނޑުމެން މިއަދު އިސްތިއުފާ ދޭން ނިންމީ" 

ސަރުކާރުން އިސްތިއުފާ ދެއްވި ނަމަވެސް، ޑީއާރުޕީން ވަކިނުވާ ކަމަށާއި އިސްލާހީ މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ދެބޭފުޅުންވެސް ވިދާޅުވިއެވެ. 

ބައެއް އާންމުންވެސް ދެބޭފުޅުންނާ ސުވާލުކުރިމަތި ކުރި ނޫސްކޮންފަރެންސް ނިމުމުން އެސަރަހައްދުގައި ތިބި ގިނަ ބަޔަކު "މައުމޫން އިސްތިއުފާ" އަށް ގޮވައި އަޑުއުފުލިއެވެ.

No comments:

Post a Comment

Your comment is awaiting moderation!