2007-08-05

ހަވީރު ބަހުސް – ތާރީޚީ ބަހުސެއް



ވެރިކަމުގެ ނިޒާމާމެދު ގޮތެއް ނިންމުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމުތޯ ނޫނީ ބަރުލަމާނީ ނިޒާމްތޯ ކަނޑައެޅުން އޮތީ ރައްޔިތުން ދޭ ވޯޓަކުންނެވެ. އެހެންކަމާއެކު، މައި ދެޕާޓީންވެސް ގެންދިޔައީ އެބަޔަކަށް ކަމުދާ ނިޒާމަކަށް ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޑީއާރުޕީން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ. އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ.
ކެމްޕޭން ފޯރި ވަރަށް ގަދަވެފައި ވަނިކޮށް ހަވީރު ނޫހުން ބަހުސެއް އިންތިޒާމްކުރިއެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށެވެ. ދެނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާހުރީ ކޮން ނިޒާމެއްކަން ސާފުކޮށްދިނުމަށް ބޭއްވި މި ބަހުސް އޮތީ 4 އޮގަސްޓް 2007 ވީ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައެވެ. 


8:55 ގައި ފެށި މި ބަހުސްގައި، ރިޔާސީ ނިޒާމް ޕްރޮމޯޓް ކުރެއްވުމަށް ޑީއާރުޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޖަސްޓިސް މިނިސްޓަރ މުޙައްމަދު ޖަމީލް އަޙުމަދާއި އިންފޮމޭޝަން މިނިސްޓަރ މުޙައްމަދު ނަޝީދެވެ. ބަރުލަމާނީ ނިޒާމް ޕްރޮމޯޓް ކުރެއްވުމަށް އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޗެއާޕާސަން މުޙައްމަދު ނަޝީދު (އަންނި)އާއި ޚާއްސަ މަޖިލީހުގެ ސ.މެންބަރު ހުސްނުއްސުޢޫދެވެ.

ޑީއާރުޕީގެ ފުރަތަމަ ފުރުސަތުގައި ނަޝީދު ވާހަކަދައްކަވަން ފެއްޓެވުމާއެކު، އަޑު އަހަން ވަދެ ތިބި ބައެއް މީހުން ހަޅޭއްލަވައި އަޑުގަދަ ކުރަން ފެށިއެވެ. އޭނާ ވާހަކަ ކުރިއަށް ގެންދެވީ ވަރަށް އުނދަގުލުންނެވެ. އެމްޑީޕީގެ ފުރުސަތުގައި ސުއޫދު ވާހަކަދެއްކެވިއިރު، ހޯލުތެރެއިން އަޑުގަދައެއް ނުކުރެއެވެ. ޑީއާރުޕީގެ ދެވަނަ ފުރުސަތުގައި ޖަމީލް ވާހަކަ ފެއްޓެވުމާއެކު ހޯލުތެރޭގައި އަޑުގަދަކަމުން ވާހަކަ ކުރިއަށް ނުގެންދެވިގެން ގާތްގަނޑަކަށް ފަސް މިނިޓެއްހާއިރަށް ވާހަކަ މެދު ކަނޑާލެއްވިއެވެ. މި ފުރުސަތުގައި އެމްޑީޕީގެ ޗެއާޕާސަން އަންނި، ހޯލުގައި ތިބި މީހުންގެ ކިބައިން އަޑުމަޑުކުރުމަށް އެދިވަޑައިގަތެވެ. “އަޅުގަނޑުމެންނަށް ކުޑަކޮށް އަޑުގަދަވުން އެއީ މައްސަލައެއް ނޫން. އެކަމަކު އެ ބޭފުޅުންނަށް މައްސަލަ އަކަށްވާތީ، އެ ފުރުސަތު ދެއްވުމަށް އަޅުގަނޑު ވެސް އެދެން،” ހޯލުގައި ތިބި މީހުންނާ މުޚާތަބު ކުރައްވަމުން އަންނި މިހެން ވިދާޅުވުމުން ރައްދުގައި ޖަމީލް ވިދާޅުވީ “އަޑުގަދަ ވުމަކީ އަޅުގަނޑުމެންނަށް ވެސް މައްސަލައެއް ނޫން” ކަމަށެވެ. ޖަމީލް މިހެން ވިދާޅުވުމާއެކު ހޯލްތެރޭގައި އިތުރަށް އަޑުގަދަވެ، ބަހުސް މެދުކަނޑާލިއެވެ. 

ހޯލުތެރޭގައި އަޑު މަޑުކޮށްދެއްވުމަށް ބަހުސްގެ މޮޑަރޭޓަރު މަޑުލު މުޙައްމަދު ވަޙީދު ތަކުރާރުކޮށް އެދިވަޑައިގަތެވެ. އެހެންނަމަވެސް، ޖަމީލްގެ ވާހަކަ އަލުން ފެއްޓެވުމުންވެސް ހޯލުތެރޭގައި އަޑުގަދަވިއެވެ. އެހެންކަމާއެކު އޭނާގެ ވާހަކަ ކުރިއަށް ގެންދެވީ ވަރަށް އުނދަގުލުންނެވެ. ހޯލުތެރޭގައި ހޯބޯލަވަމުން ދިޔަ ފަރާތްތަކަށް އިޝާރާތްކުރައްވަމުން ޖަމީލް ވިދާޅުވީ "ވާހަކަ އަޑު އެހުމުގެ ގާބިލްކަން ވެސް ހުންނަން ޖެހޭނެ" ކަމަށެވެ. ޖަމީލް މިހެން ވިދާޅުވުމާއެކު ހޯލުތެރޭގައި ކުރިއަށް ވުރެ ބޮޑަށް އަޑުގަދަވިއެވެ. އެވަގުތު ބަހުސް ހުއްޓާލުމަށް ބަހުސް އަޑު އެއްސެވުމަށް ހޯލުތެރޭގައި އިންނެވި ޑީއާރުޕީގެ އެއް ނާއިބު ޒައީމް އަދި އެޓާނީ ޖެނެރަލް ޑރ.ހަސަން ސައީދު އަތުން އިޝާރާތް ކޮށްލެއްވުމާއެކު ޖަމީލު ސްޓޭޖުން ފައިބައިވަޑައިގެން ހޯލުން ނުކުމެ ވަޑައިގަތެވެ.
"ބައެއް ބޭފުޅުން ވަޑައިގެންފައިވުމާއެކު އިތުރަށް ބަހުސް ކުރިއަށް ގެންދިއުމަކީ އިންސާފެއް ނޫން" ކަމަށް ވިދާޅުވެ ބަހުސް ހުއްޓާލިކަން މޮޑަރޭޓަރު އިއުލާން ކުރެއްވީ 9:30 ގައެވެ. 

ކޮންމެ ބޭފުޅަކަށް ހަ މިނިޓް ކަނޑައަޅުއްވައިގެން ކުރިއަށް ގެންދެވި މި ބަހުސް މެދުކަނޑާލަން ޖެހުމުގެ ސަބަބުން ބައެއް ބޭފުޅުންނަށް ވާހަކަދައްކަވާނެ ފުރުސަތު ލިބިވަޑައެއް ނުގަނެއެވެ. ބަހުސްގެ ބައިވެރިޔެއްގެ ހައިސިއްޔަތުން އަންނި އަށް ފުރުސަތު ލިބިވަޑައިނުގަތްއިރު، ދެ ނިޒާމާބެހޭގޮތުން އިލްމީ މައުލޫމާތު ދެއްވުމަށް ވަޑައިގެން ތިއްބެވި މުޙައްމަދު ޝަހުދީ އަންވަރަށާއި އަލީ ރިލުވާނަށްވެސް ވާހަކަދައްކަވާނެ ފުރުސަތު ލިބިވަޑައެއް ނުގަންނަވައެވެ.
ބަހުސް ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުމުން ދެޕާޓީންވެސް ނޫސްބަޔާން ނެރުނެވެ. އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައި ވަނީ ޑީއާރުޕީގެ ބޭފުޅުން ބަހުސް ހުއްޓާލައްވައި ވަޑައިގަތުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށާއި ގެއްލިގެން ދިޔައީ ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ތެދު މައުލޫމާތު ދެނެގަތުމަށް ރައްޔިތުންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. ޑީއާރުޕީގެ ނޫސްބަޔާނުގައި ވަނީ އެމްޑީޕީގެ މެންބަރުން އަޑުގަދަކޮށް ހުރަސް އެޅުމުގެ ސަބަބުން "ހަވީރު ބަހުސް" ހުއްޓާލަން ޖެހުމަކީ ވެރިކަމުގެ ދެ ނިޒާމުގެ ސައްހަ މައުލޫމާތު ހޯދުމަށް ރައްޔިތުންނަށް ލިބުނު ރަނުގެ ފުރުސަތު އެމްޑީޕީން ނިގުޅައިގަތުން ކަމަށެވެ.

No comments:

Post a Comment

Your comment is awaiting moderation!