2007-06-27

ރައީސް މައުމޫންގެ ނަޒަރުގައި ވަޒީރުންނަކީ ރާޒުވާ ކުޅިބައެއް؟


ރާއްޖޭގެ ވެރިކަމުގައި ރައީސް މައުމޫން 28 އަހަރު ހޭދަކުރެއްވި އިރު، އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލެއްވުމުގައި ތަފާތު އުކުޅުތަކާއި ހިކުމަތްތައް ބޭނުން ކުރައްވާފައި ވެއެވެ. 1978 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ވަޒީރުކަމުގެ މަގާމަށް ގެންނެވީ އާއިލީ ބޭފުޅުންނާއި 'މިސްރު މޭޓުން' ނެވެ. އެބޭފުޅުންނަށް ނުފޫޒާއި ބާރު ލިބި އެތައް މަގާމެއް ފުރުއްވި ފަހުން މުސްކުޅި ކުރައްވައި 'އެޑްވައިޒަރުން' ގެ ލަގަބު ދެއްވީ ރައީސް މައުމޫންގެ ވެރިކަމާ ދެކޮޅަށް ފައުޅުގައި ނުކުމެ ރައްޔިތުންގެ އަޑު އުފުލަން ފެށުމުންނެވެ. އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، އަބްދުﷲ ހަމީދު މުސްކުޅި ކުރައްވައި ގެއަށް ފޮނުވާލެއްވިއިރުވެސް، އެބޭފުޅާގެ ތުއްތޮންބޭ ހުންނެވީ ހަމަ ރައީސް ކަމުގައެވެ.

މައުމޫން ރައީސް ކަމުގައި ހުންނެވުމަށްޓަކައި ކެބިނެޓަށް އެގެންނަވާ ބަދަލުތަކަކީ ފާހަގަ ކުރުން ވަރަށް އެކަށޭނަ އަދި އެހާމެ ހެއްވާ ބަދަލު ތަކެކެވެ. ވަޒީރެއްގެ ފަރާތްޕުޅުން ނުވަތަ ވުޒާރާއަކުން ރައްޔިތުންނަށް ދޭންވާ ޚިދުމަތް އެކަށޭނަ ގޮތުގައި ރައްޔިތުންނަށްދީ އެދާއިރާއެއް ހަރުދަނާ ކަމާއި ޝައުގުވެރިކަމާއެކު ހިންގަވާނެ ވަޒީރެއް އައްޔަން ކުރެއްވުމުގެ ބަދަލުގައި މައުމޫން ޚިޔާރު ކުރައްވަނީ ވަގުތު ނަގާލުމާއި ދިރާސާ ކުރުމާއި އަޖުމަ ބަލައިލުމުގެ ވަޒީރެކެވެ. މިފަދަ ވަޒީރުން އައްޔަނު ކުރެއްވުމުގެ ބޭނުމަކީ ރައްޔިތުންނަށް ތަފާތު މޫނެއް ދެއްކެވުމެވެ. މައުމޫންގެ ސަރުކާރުން އެހެން މޫނެއް، އާވާހަކަ ތަކަކާއެކު ރައްޔިތުންނާ ހަމައަށް ފޮނުއްވުން އެއީ ރައްޔިތުންނަށް އާ އުންމީދު ތަކެއް ދިނުމެވެ. ކުރިން އެވުޒާރާއެއްގައި ހުންނެވި ވަޒީރު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު އަދާނުކުރައްވައި ވަނިކޮށް އެވައުދު އެއަށްވުރެވެސް މޮޅަށް އާކުރެއްވުމެވެ. ކުރުގޮތަކަށް ދަންނަވާނަމަ މައުމޫން ކެބިނެޓަށް ގެންނަވާ ބަދަލުތަކަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުއްވުމަށް ކުރައްވާ ކަމެކެވެ. ރާޒުވާ ކުޅޭއިރު ކުޅިބައި ބަދަލު ކޮށްލާ ފަދަ ގޮތަކަށް ކުރައްވާ ކަމެކެވެ.


ކޮންމެއަކަސް މިމަހުގެ 24 ވަނަ ދުވަހު ކެބިނެޓަށް ބަދަލުތަކެއް ގެންނަވައިފިއެވެ. 4 ވަޒީރު ބޭފުޅެއްގެ މަގާމު އަނބުރައި ލައްވައިފި އެވެ. މިބަދަލަކީ، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ކަމާލުއްދީން މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަގާމަށް ބަދަލު ކުރެއްވުމާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ތަސްމީން އަލީ އެޓޮލްސް ޑިވަލޮޕްމަންޓް މިނިސްޓަރ ކަމަށް ބަދަލުކުރެއްވުމާއި، ޔޫތު މިނިސްޓަރ ކަމުގައި ހުންނެވި ހުސައިން ހިލްމީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރ ކަމަށް ބަދަލު ކުރެއްވުމާއި އެޓޮލްސް ޑިވަލޮޕްމަންޓް މިނިސްޓަރ ކަމުގައި ހުންނެވި ވަހީދުއްދީން ޔޫތު މިނިސްޓަރ ކަމަށް ބަދަލު ކުރެއްވުމެވެ.

މި ހަތަރު ވަޒީރުންގެ ތެރެއިން އަބްދުﷲ ކަމާލުއްދީން ފިޔަވާ ދެން ތިއްބެވި ތިން ބޭފުޅުންނަށްވެސް، އަލަށް ވަޒީރުކަމާ ހަވާލުވެވަޑައިގަތީ 14 ޖުލައި 2005 ގައެވެ. 'އިސްލާހީ ފޯރިއާއި ޖޯޝްގައި' ރައީސް މައުމޫން ގެ ކެބިނެޓަށް ގެންނެވި ބޮޑެތި ބަދަލު ތަކެއްގައެވެ. ކޮންމެ ވަޒީރެއްވެސް އެބޭފުޅެއްގެ ވަޒީރުކަމާ ހަވާލުވެވަޑައިގަތީ 'އިސްލާހީ އެޖެންޑާ' އަކާ އެކުއެވެ. ވަޒީރުކަމުގެ ފަތްކޮޅަށްފަހު ދެއްވާފައިހުރި ބައެއް އިންޓަވިޔު ތަކުން އެބޭފުޅުން ހާސިލްކުރައްވަން ބޭނުންފުޅުވި މިންވަރު ފެންނާނެއެވެ. ނަމަވެސް، ވަޒީރުކަމަށް ދެއަހަރާ ކައިރިވެފައި ވަނިކޮށް ވުޒާރާ ބަދަލު ކުރެއްވިއިރު، އެވަޒީރުންގެ 'އިސްލާހީ އެޖެންޑާ' އެވަނީ ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާއަށް ވެފައެވެ. އިވޭ އަޑެކެވެ. ވިދާޅުވާ ވާހަކަ އެކެވެ. އިސްލާހުވުމެއް ނެތް އިސްލާހީ އެޖެންޑާއެކެވެ. 'ހުސް ހޮޅި ވާހަކަ ތަކެކެވެ'.

ވަޒީރެއްގެ އިތުބާރު، ރައީސް މައުމޫނަށް ގެއްލޭ ފަހަރުތަކުގައިވެސް ކެބިނެޓުން ވަޒީރުން ސީދާ ދުރުކުރެއްވުމަށްވުރެ ބޮޑަށް ހައްދަވަނީ ކޮންމެވެސް މޮޅު އުކުޅެކެވެ. މިހެން ދެންނެވި ނަމަވެސް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރ ޒާހިޔާ ޒަރީރުގެ ބައްޕާފުޅުގެ ވަޒީރުކަން ނިމުމަކަށް ގެނެސްފައިވަނީ އާދަޔާ ޚިލާފް ގޮތަކަށެވެ. އެދެން މާކުރީގެ ވާހަކައެއްތާއެވެ. ފަހުގެ ކަންތައްތަކަށް ބަލާއިރު، މައުމޫންގެ ކެބިނެޓުން އިސްތިއުފާ ދެއްވައިފިނަމަ ނުވަތަ އިސްތިއުފާ ދެއްވަން އުޅުއްވައިފިނަމަ، އިތުރު މަގާމްތައް އެބޭފުޅަކަށް ހުށަހަޅުއްވައެވެ. 'ސަރުކާރުން ބޯދަމައިގަތުމުގެ' ފުރުސަތު ވަރަށް ނުދެއްވައެވެ. އިލްޔާސް އިބްރާހީމް، މައުމޫން ވެރިކަމުން ބާލައި ވެރިކަމަށް ވަޑައިގެންފާނެހެން ހީވީމާ ކުރެއްވީ ޝަރީއަތާއި ދައުވާއެވެ. ފުރުއްވާލެއްވީ ރާއްޖެއިން ބޭރަށެވެ. އިލްޔާސްގެ ޚިޔާލު ބަދަލުވީމާ އަނެއްކާވެސް ދެއްވީ ވަޒީރު ކަމެވެ. އެރޯޅީގައި އަބްދުﷲ ކަމާލުއްދީނާއި އައްބާސް އިބްރާހިމްވެސް ބުރައިގެން ދިޔައެވެ. ނަމަވެސް، އިލްޔާސް އިބްރާހީމާއި އެކު އަބްދުﷲ ކަމާލުއްދީނަށްވެސް ވަޒީރުކަން އަނބުރާ ދެއްވިއެވެ. އައްބާސް އިބްރާހީމަށްވެސް ސަރުކާރުގެ މުހިންމު ވަޒީފާއެއް ދެއްވިއެވެ.

މައުމޫންގެ މިސްރު މޭޓުން ވަޒީރުކަމުން ދުރުކުރެވިފައިވަނީ 'ޑީލެއް'ގެ ދަށުންނެވެ. މަސްއޫލިއްޔަތު ކުޑަވުން ފިޔަވާ އިތުރު ތަފާތެއް ނެތެވެ. މުސާރަ ބަރާބަރަށް ލިބިވަޑައި ގަނެއެވެ. މިފަދައިން މުސާރަ ނުލިބޭފަދަ ގޮތަކަށް ތިއްބެވި ކުރީގެ ބައެއް ވަޒީރުންނަކީ މައުމޫންގެ ސަރުކާރަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅުންނެވެ. އޭގެތެރެއިންވެސް މައުމޫނުގެ ސަރުކާރާ އެންމެ ދެކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސް ކަމާއި ނައިބްރައީސް ކަމުގައި އެތިއްބެވީ މައުމޫންގެ ކެބިނެޓްގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ދެބޭފުޅުންނެވެ. ޑރ. މުޙަންމަދު މުނައްވަރާއި އިބްރާހިމް ހުސައިން ޒަކީ ވެސް ވަޒީރުކަމުން ދުރުކުރައްވައި އެފެންވަރުގެ އެހެން މަގާމުތައް ހުށަހެޅުއްވިކަމަށް އިވިފައިވެއެވެ. އެބޭފުޅުން މައުމޫނާ ދުރަށް ވަޑައިގަންނަވަން ފުރުސަތު ލިބުންކަމުން މިއަދު އެބޭފުޅުން އެތިބީ ސިޔާސީ މައިދާނުގައި ރައީސް މައުމޫންގެ ދެކޮޅުވެރިންގެ ގޮތުގައެވެ.

މިއީ މައުމޫނަށް ލިބިވަޑައިގެންނެވި މުހިންމު ފިލާވަޅަކަށް ނޫނީ ނުވާނެއެވެ. އޭގެ އިތުރުން ދާދިފަހުން މައުމޫންގެ ކެބިނެޓުން އިސްތިއުފާ ދެއްވި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅުވެސް މިއަދު އެހުންނެވީ ސިޔާސީ ގޮތުން ދެކޮޅުވެރިކަމެއްގައެވެ. މިފަދަ ތަޖުރިބާތަކާއެކު، ދެންމިއިވެނީ 'ކެބިނެޓް އަނބުރާލާ' އަޑެވެ. ވުޒާރާގެ މައްސަލަތައް ގިނަވެ، ހައްލު ކުރަން ދަތިވެ، ޕްރެޝަރތައް އިތުރުވުމުން އެކަމުން ދުރަށް ވަޑައިގަންނަވަން ބޭނުން ވުމުން، އެހެން ވުޒާރާއެކެވެ. ދެންވެސް ދުވަސް ގަނޑެއް ވަންދެން 'މަށެއް ނޫނޭ، މަށެއް ނޫނޭ' ވިދާޅުވަމުން، އާވަހަކަތަކަކާއި އާއުންމީދުތަކެއް ރައްޔިތުންނަށް ދެވޭނެ އެވެ. މިއީ ހަމަ 'މިޔުޒިކަލް ޗެއަރ' އާއި އެއްކަހަލަ ގޮތަކަށް، ނުވަތަ 'ތާސްބައިގެ ގަނޑުތައް ކަނޑާލުން' ސިފަވާ ކަހަލަ ގޮތަކަށް ކުޅުއްވާ ކުޅިވަރެކެވެ. ރާޒުވާ ކުޅޭއިރު ކުޅިބައި އަތުރާލުމާވެސް ހާދަ ވައްތަރެވެ.

ރައީސް މައުމޫންގެ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އެންމެ ކުޅޭހިތްވާ ކުޅިވަރަކީ ކުރިކެޓް ކަމުގައެވެ. އަދި އެންމެ ބަލައި ހިތްވާ ކުޅިވަރަކީ ފުޓްބޯޅަ ކަމުގައެވެ. އެހެން ނަމަވެސް މިކުޅިވަރަކީ އެއިން އެއްވެސް ކުޅިވަރަކާ ވައްތަރުނޫން އެމަނިކުފާނަށް މަޖުބޫރު ވެގެން ކުޅުއްވާ ކުޅިވަރެއް ނޫންބާއެވެ.

ދެރަކަމަކީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކޮށް ނުދެވޭއިރުވެސް، މައުމޫން ވިދާޅުވިހާ ގޮތެއް ހައްދަވަމުން ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަވަން ކެރޭ ކަމެވެ. އެއްވުޒާރާގައި ހުންނެވިއިރު ވެވަޑައިގެންނެވި ވައުދު ތައް ނުފުއްދަވައި އަނެއްވުޒާރާއަކާ ހަވާލުވެވަޑައިގެން އާވައުދުތައް ކުރައްވާތީއެވެ. ރައީސް މައުމޫންގެ ރާޒުވާ ކުޅިބައެއްގެ ގޮތުގައި ވަޒީރުން ހައްދަވާފައިވާއިރު ،'ބޮނދުބުޑަށް ސައި' ކިޔަންދެން ހަވާލުކުރެއްވި ތަނަކާ ހަވާލުވެގެން ތިއްބަވާތީއެވެ. 

No comments:

Post a Comment

Your comment is awaiting moderation!