ބައިނަލް އަގްވާމީ ނޫސްވެރިކަމުގެ
މިނިވަންކަމުގެ ދުވަސް މި މަހުގެ 3 ވަނަ ދުވަހު ސަރަހައްދީ ފެންވަރުގައި
ފާހަގަކުރީ ދިވެހިރާއްޖޭގައެވެ. މިއީ
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ.
ސަރަހައްދީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް
ފާހަގަކުރިއިރު ދިވެހި ނޫސްވެރިން އަދިވެސް ތިބީ އަޅުވެތިކަމުގައެވެ.
ނޫސްވެރިކަން އޮތް ހާލަތު
ނޫސްވެރިންވެސް މާނަކުރަނީ އެކި ނޫސްވެރިން އެކި ގޮތަށެވެ. ނޫސްވެރިކަމުގެ
މިނިވަން ދުވަހާ ގުޅިގެން ބޭއްވި ބައްދަލުވުންތަކަށްފަހު ނޫސްވެރިންކުރެ ބައެއް
މީހުންނާ ކުރެވުނު ސުވާލުތަކަށް އެބޭފުޅުން ދެއްވި ޖަވާބުންވެސް މިކަން ސާބިތު ވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލާތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުގެ ނިއުސް އެންޑް
ކަރަންޓް އެފެއާޒްގެ ޑިރެކްޓަރ އިބްރާހިމް މަނިކު ވިދާޅުވީ ''މިއަށްވުރެ ވަކިން
މިނިވަންކޮށް ނޫސްވެރިކަން ކުރެވޭނެ ގައުމެއް އޮތެކޭ ނުދަންނަވާނަން'' ކަމުގައެވެ. ނަމަވެސް
ހަވީރު ނޫހުގެ އެޑިޓަރ އަލީ ރަފީގް ވިދާޅުވީ ''ގާނޫނީ ގޮތުން ނޫސްވެރިކަމަށް ލިބެންވާ
ބާރު އަދި ނުލިބޭ'' ކަމަށެވެ.
މިނިވަންކަމުގެ މާނައަކީ އެމީހަކު
ހިތަށް އެރިގޮތަކަށް ހިތަށް އެރި ކަމެއް ކުރުމުގެ ބާރާއި ފުރުސަތު ލިބުން ކަމަށްވާނަމަ
މިނިވަން ކަމެއްގެ ބޭނުމެއް ނެތެވެ.
އެކަކަށް މިނިވަންކަން ލިބޭއިރު އަނެކާ ހުންނާނީ އަޅުވެތި ކަމުގައެވެ.
ނޫސްވެރިކަމުގައިވިޔަސް އަދި އެހެން ކަމެއް ކަމުގައި ވިޔަސް އެމިނިވަން
ކަމުގެ ބޭނުން ހިފައިފިނަމަ އެއަށްވުރެ ބޮޑު އަޅުވެތި ކަމެއް ނެތެވެ. ރާއްޖޭގައި އޮތް
ނޫސްވެރިކަމަށް ބަލައިލާއިރު ނޫސްވެރިކަމުގައި މިއޮތީ މިދެންނެވި ފަދަ
މިނިވަން ކަމެކެވެ. މިނިވަން ކަމުގެ ހައްދެއް ނެތެވެ. ނޫސްވެރިކަމުގައި އިމެއް
ނެތެވެ. ހައްދެއް ނެތެވެ.
ނޫސްވެރިކަން މިނިވަން ވުމަކީ
ނޫސްވެރިކަމަށް ހުރަހެއް ނެތުމެއް ނޫނެވެ. އެކަމަކު، ނޫސްވެރިކަމަށް ހިމާޔަތްވެސް
މެވެ. ގާނޫނީ ގޮތުން ނޫސްވެރިކަމަށާއި ނޫސްވެރިންނަށް ބާރުވެސް ލިބުމެވެ. ރާއްޖޭގައި
މިއަދު މިއޮތީ މިނިވަން ނޫސްވެރިކަމެކޭ ބުނާއިރު ނޫސްވެރިކަމަށާއި
ނޫސްވެރިންނަށް އޮތް ހިމާޔަތާއި ރައްކާތެރިކަމަކީ ކޮބައިތޯއެވެ. ގެންދަން ވީމާ
ގެންދަނީއެވެ. ހައްޔަރު ކުރަންވީމާ ހައްޔަރު ކުރަނީއެވެ.
މިނިވަން ނޫސްވެރިކަމަކަށްވުރެ ބޮޑަށް
ރާއްޖޭގައި މިއޮތީ ''ނުބީހެންޏާ ކަނޑާހަމަ'' ނޫސްވެރިކަމެކެވެ.
ދެރަކަމަކީ ބީހޭނީ ކިހާ ހިސާބަކުންކަން ނޭނގޭތީއެވެ. ހައްތާވެސް ފެންނަނީ ބީހިފައި
ހުއްޓައެވެ.
ނޫސްވެރިން ޒިންމާދާރު ނުވާ ވާހަކައާއި
ހަގީގަތާ ޚިލާފު ވާހަކަ ފަތުރާކަމަށް ސަރުކާރުގެ އިސްވެރިން އެކި ފަހަރުމަތިން
ވިދާޅުވެފައި ވެއެވެ. މިހެން މިކަން ވާއިރު ހަގީގަތް އޮޅުންފިލުވައިދީ ޖަވާބުދާރީ
ވާންޖެހޭ ފަރާތްތައް ތިބޭނީ 'ނޯކޮމެންޓް' ގައެވެ. ޚިޔާނާތާއި ރިޝްވަތުގެ ވާހަކަތައް ތޯތޯ
ކޮށް ދެއްކޭކަށް ނެތެވެ. އަބުރާ ބެހުމުން ބަދަލު ހޯދައިދޭނެ ގަވައިދެއް އެބައޮތެވެ.
ނަމަވެސް ހަގީގަތަކީ ކޮބައިތޯ ބަލަން ދަންނަވަން އޮތީ އެންޓި ކޮރަޕްޝަން ބޯޑަށެވެ. އޯޑިޓް
އޮފީހަށެވެ. ''އެމައްސަލަ އާ ގުޅޭ މައުލޫމާތު މީޑިއާއަށް ދޭގޮތަށް ހަމަޖެހިފައެއް
ނެތް'' ފޯނު ބޭއްވީއެވެ. ނޫސްވެރިންނަށްވުރެ ބޮޑަށް ނޫސްވެރިކަމަށް އަހުލުވެރިވާންވީ
ސަރުކާރެވެ. ސަރުކާރުގެ އިސްވެރިންނާއި މުއައްސަސާ ތަކެވެ.
ކުރިމަތިވާ މައްސަލަތަކުގެ އަސްލާއި
ހަގީގަތް ބަޔާންކޮށްދޭން ހުރި މުއައްސަސާތަކުން އެކަންތަކެއް ފުރިހަމައަކަށް
ނުކުރެއެވެ. ކުރާކަށް ނުވެސް ޖެހެއެވެ. މިފަދަ ހާލަތުގައި ގައުމުގެ ކަންކަން
ހުރުން މިއީ ނޫސްވެރިކަމަށް ހުރި ހުރަސްތަކެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް
ރާއްޖޭގައި ފާހަގަ ކުރުމަކުން ދިވެހި ނޫސްވެރިކަމަށް ލިބުނު ކުޑަވެސް ކުރިއެރުމެއް
ނެތެވެ. ފާހަގަ ކުރެވިދިޔައީ، މިނިވަން ނޫސްވެރިކަމެއް ކުރުމަށާއި ތެދުމައުލޫމާތު
ފެތުރުމަށް އެންމެ ގިނައިން ގޮވައިލާ އެކަން އެގޮތަށް ކުރުމުން އެންމެ
ގިނައި އަދަބު ދިން ވެރިޔާ ނަންބަރު އަރުވަން ލިބުނު ފުރުސަތަކަށެވެ.
އެވެރިޔަކީ ރައީސް މައުމޫނެވެ. ޚިޔާލު
ފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ނޫސްވެރިކަމެއްގެ މުހިންމު ކަމާއި ތެދު
މައުލޫމާތު ފެތުރުމަށް އަހަންމިޔަތު ކަން ދިނުމަށް ފަށްފަށުން ގޮވައިލެއްވީ
އެމަނިކުފާނެވެ. އެމަނިކުފާނުގެ 28 އަހަރުވީ ވެރިކަމުގައި ހައްގަކާ ނުލައި އަދަބު ލިބުނު
މީހުންގެ ތެރޭގައި ވިދާޅުވިގޮތަށް ނޫސްވެރިކަން ކުރި އެތައްބަޔަކު ހިމެނޭނެއެވެ. 90 ގެ
ތެރޭގައި 'ބިހުގެ ތޮށިގަނޑު ފަޅާލާފައި' ނުކުތް މީހުންނާއި 9 ޖޫންގެ އިސްލާހީ އެޖެންޑާއަށް
ފަހު ނުކުތް މީހުންވެސް ހިމެނެއެވެ.
ނުވަދިހައިގެ އަހަރުތަކެކޭ ދެހާހުގެ
އަހަރުތަކެކޭ ތަފާތެއް ނެތެވެ. ގާނޫނު އަސީސީން ނޫސްވެރިކަމަށް ދިން އެއްވެސް
ފުރުސަތެއް ނެތެވެ. އޭރުވެސް މިހާރުވެސް އޮތް ގާނޫނަކީ އެއް ގާނޫނެކެވެ. އޭރު ގާނޫނުގެ
ދަށުން ހައްޔަރު ކުރީއެވެ. މިހާރުވެސް ހިތަށް އެރީމާ ހައްޔަރުކުރަނީ ގާނޫނުގެ
ދަށުންނެވެ.
''ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ
މިނިވަންކަން ގާއިމްކުރެއްވުމަކީ، ސަރުކާރުން ވަރަށް ހަލުވިކަމާއެކު ކުރައްވަމުން
ގެންދަވާ މަސައްކަތެއް'' ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުމަކީ
ނޫސްވެރިކަމަށް އެމަނިކުފާނު ކުޅަ މަލާމާތެކެވެ. މިނިވަން ނޫސްވެރިކަމެއް ކުރަން ނުކުތްހާ
ބަޔަކު އަޅުވެތިކޮށް ހައްޔަރުކޮށް، އަނިޔާކޮށް، ޝަރީޢަތްކޮށް، އަދަބުދިނީ ރައީސް މައުމޫންގެ
ވެރިކަމުގައެވެ. ނޫސްވެރިކަމުގެ މާޒީގައި މިފަދަ ދުވަސްތަކެއް ހޭދަ ނުކުރާ ނޫސްވެރިޔަކު
މިފަސްގަނޑުގައި މަދުވާނެއެވެ. މިއަދު މިއޮތީ ޒަމާނާއި ހާލަތު ބަދަލު ވެފައެވެ. ނޫސްވެރިކަމުގައި
މިނިވަންކަން ލިބުނަސް ނުލިބުނަސް ޖެހިލުން ކަނޑައިލާ ހާމަކަމާއެކު ސަރުކާރަށް
ފާޑުކިޔަން ފަށާފައެވެ. ޚިޔާލުފާޅުކުރުމުގެ ބޭނުން ހިފަން ފަށާފައެވެ. މިކަން ފެށިގެން
އައިއިރުވެސް ފެނުނީ ނޫސްވެރިން އިދާރާ ތަކަށް ހާޒިރު ކުރުމާއި ބަޔާން ނެގުމާއި ބިރުދެއްކުން
ތަކެވެ. އެބިރު ދެއްކުންތަކަށް ފަސްޖެހުމެއްނެތި ނޫސްވެރިކަމުގައި ކުރިއަށް ގޮސް ސަރުކާރުން
ހަދަން އުޅުނުހާ ގޮތެއް ނުހެދުމުން ދެން މިވިދާޅުވަނީ ނޫސްވެރިކަމުގެ މިނިވަންކަން
ގާއިމް ކުރެއްވުމަކީ ސަރުކާރުން ނުހަނު އިސްކަން ދެއްވާ ކަމެއް ކަމަށެވެ. މިހެންވިދާޅުވިއިރުވެސް،
ނޫސްވެރިކަމާ ގުޅޭ 4 ބިލެއް އަދިވެސް އޮތީ މަޖިލީހު ކިއޫ ގައެވެ.
މަޖިލީހުގެ ކިއޫގައި ނޫސްވެރިކަމާ ގުޅޭ
4 ބިލެއް ތާށިވެފައި އޮތުމުން އޭގެތެރެއިން 2 ގަވާއިދެއް (ނޫސްވެރިކަމުގެ
މިނިވަންކަމުގެ ގަވާއިދާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު)
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 25 ޖެނުއަރީ 2007 ދުވަހު ނެރެދެއްވާނެ ކަމަށް ދައުލަތުގެ
ބަންޑާރަނައިބް ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް
ދެން އިވުނީ ރައީސުލްޖުމްހޫރިއްޔާ އިތުރަށް އެދެ ގަވާއިދު ބައްލަވަން ބޭނުންފުޅުވެގެން
އެކަން ފާސްކުރެއްވުމެއް މުއްދަތެއް ނެތި ފަސް ކުރެއްވި ވާހަކައެވެ. މިކަމާ ގުޅިގެން
އިންފޮމޭޝަން މިނިސްޓަރ ނޫސްވެރިންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވިއެވެ. އޭގެ
ފަހުން އިތުރަށް ވީކަމެއް ނެތެވެ. ބޯޅަ އޮތީ ރައީސުލްޖުމްހޫރިއްޔާގެ ކޮޅުގައެވެ.
މިހެން
މިކަން އޮއްވައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު މި ވިދާޅުވީ ''ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ
މިނިވަންކަން ގާއިމްކުރެއްވުމަކީ، ސަރުކާރުން ވަރަށް ހަލުވިކަމާއެކު ކުރައްވަމުން
ގެންދަވާ މަސައްކަތެއް'' ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން ގާއިމްކުރެއްވުމުގައި
ސަރުކާރުން ގެންގުޅުއްވާ ހަލުވި ސްޕީޑް މިއޮތީ ފެންނާށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް،
ސަރަހައްދީ ފެންވަރުގައި ފާހަގަ ކުރިއިރު ދިވެހި ނޫސްވެރިން އަޅުވެތި ކަމުގައި
ތިބީކީ ހަމައެކަނި ސަރުކާރުގެ ސަބަބުން އެކަންޏެއް ނޫނެވެ. ނޫސްވެރިކަމަށް
ބޭނުންވާ ގާނޫނީ ބާރު ނުލިބުމުގެ ސަބަބަކުންވެސް ނޫނެވެ.
ރާއްޖޭގައި މިހާރު މިއޮތް
ނޫސްވެރިކަމުގެ ތެރޭގައި އަމިއްލަ ޕްރޮމޯޝަނާއި ޕާޓީގެ ޕްރޮމޯޝަން ގައި
ނެރެވޭ ނޫސް މަޖައްލާތައް އެބަ ހުއްޓެވެ. ނޫސްވެރިން ވާންޖެހޭނީ ގައުމީ މަސްލަހަތު އިސްކުރާ
ބަޔަކަށް ކަމަށްވިޔަސް، ނޫހާއި މަޖައްލާގެ މަސްއޫލުވެރިޔާ ނުވަތަ ފައިނޭންސަރ ގެ ޕްރޮމޯޝަން
އިސްކުރަން ޖެހެއެވެ. ހަގީގަތާއި ތެދު މައުލޫމާތު ހާމަކުރާ ބަޔަކަށް ނޫސްވެރިން ވާންޖެހުނަސް،
ތިމާގެ ނޫސް ނުވަތަ މަޖައްލާ ހިމެނޭ ޕާޓީގެ ކުރިއެރުމަށް އިސްކަން ދޭންޖެހެއެވެ.
ނޫސްވެރިކަމުގެ ރިވެތި މިންގަނޑުތަކުގެ ކުރިއަށް ނޫސް މަޖައްލާތަކުގެ މަސްއޫލުވެރިންގެ
މިންގަނޑުތައް އިސްވެއްޖެއެވެ. ދައުލަތުގެ މީޑިއާއިން ފެށިގެން އެންމެ ކުޑަ ނޫހާ
ހަމަގައިވެސް ވަނީ މިއުސޫލެވެ. މިހާލަތުގައި ދިވެހި ނޫސްވެރިކަން އޮތްއިރު
ނޫސްވެރިން މިތިބީ އަޅުވެތިކަމުގައޭ ނުބުނެވޭނެ ގޮތެއް ނެތެވެ.
No comments:
Post a Comment
Your comment is awaiting moderation!