އާދަމް ޒާހިރުގެ މައްޗަށާއި އަހުމަދު
ތަސްމީން އަލީގެ މައްޗަށް މައްސަލަ ހުށަނާޅާނެ ގޮތެއް އެއީ ނެތްގޮތެއް: ހުސްނުއްސުއޫދު
ތ.ކިނބިދޫ އަށް ފުލުހުން އަރައި ހިންގި
ލާއިންސާނީ އަދި އިންސާނިއްޔަތާ ޚިލާފް އަމަލުތައް ހިނގާދިޔަގޮތް ބެލުމަށްޓަކައި
އެމްޑީޕީން ފެކްޓް ފައިންޑިންގ މިޝަނެއް އެރަށަށް ފޮނުވިއެވެ. އެމްޑީޕީގެ
ފަރާތުން މި މިޝަންގައި ބައިވެރިވެ ވަޑައިގަތީ ހިޔަނި ކެބިނެޓްގެ ވަޒީރު ޑރ.އިބްރާހިމްދީދީ
އާއި ޚާއްސަ މަޖިލީހުގެ މެންބަރު ހުސްނުއްސުއޫދު އެވެ. މިދެބޭފުޅުން މިހާދިސާ ހިނގާދިޔަގޮތް
ބެއްލެވުމުގެ ގޮތުން ރައްޔިތުންނާ ބައްދަލުކުރައްވައި އިންޓަވިއު ކުރައްވައި ބައެއް
ފަރާތްތަކުން ބަޔާންވެސް ނެންގެވިއެވެ.
މިކަންކަމާބެހޭ މައުލޫމާތު ނޫސްވެރިންނަށް
ދެއްވުމަށް ބޭއްވި ނޫސްކޮންފަރެންސް 1 އެޕްރީލް 2007 ވީދުވަހު އެމްޑީޕީގެ
އޮފީހުގައި ބޭއްވިއެވެ. މި ނޫސް ކޮންފަރެންސްގައި ޕާޓީގެ ފަރާތުން ނައިބްރައީސް
އިބްރާހިމް ހުސައިން ޒަކީ އާއި ތ.އަތޮޅުގެ ދެމެންބަރުން ކަމަށްވާ ހަސަން އަފީފާއި
ޑރ.ހުސައިން ރަޝީދު ހަސަން އަދި ފެކްޓް ފައިންޑިން މިޝަންގައި ހިމެނިވަޑައިގެންނެވި
ޑރ.އިބްރާހިމް ދީދީ އާއި ހުސްނުއްސުއޫދު ބައިވެރިވެ ވަޑައިގަތެވެ.
29 މާޗް 2007 ވީ ބުރާސްފަތި
ދުވަހުގެ ހަވީރު ފުލުހުން ހިންގި މިއަމަލްތައް ބެލުމަށް، 31 މާޗް 2007 ވީ ހޮނިހިރު ދުވަހު
ހެނދުނު، ކިނބިދޫއަށް ޒިޔާރަތް ކުރެއްވި އެމްޑީޕީގެ ފެކްޓްފައިންޑިންގ މިޝަންގެ
ފަރާތުން މައުލޫމާތު ދެއްވަމުން ޑރ.ޑީޑީ ވިދާޅުވީ މައިގަނޑު ގޮތެއްގައި ދިމާވެފައިވާ
މައްސަލައަކީ ޒުވާނުންގެ އިޖުތިމާއީ މަރުކަޒުގެ މައްސަލަ ކަމަށާއި އޭގެ
އިތުރުން އެހެނިހެން މައްސަލަތަކާއި ކަތީބުންގެ މައްސަލަތައްވެސް ހުރިކަމަށް
ރަށުގެ
ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ފާހަގަކުރި ކަމަށެވެ. ''ރަށުގެ ގިނަ
އަދަދެއްގެ ރައްޔިތުން ފާހަގަކުރި މައްސަލަތަކުގެ ތެރޭގައި އަންހެނުންގެ ހިތްވަރު
ސްޓޯރގެ މައްސަލަވެސް އޮތް، ދެން ކަތީބުންގެ އެކިއެކި ކޮރަޕްޝަންގެ މައްސަލަ،
މިސާލަކަށް އިންޖީނުގެއަށް ލިބޭ ހުރިހާ ފައިސާ، އެރަށުގައި މިހުންނަނީ ރައްޔިތުންގެ އިންޖީނުގެ
އެއް އެހެންނަމަވެސް އެފައިސާގެ ހުރިހާ ކަންތައްތަކެއް މިބަލަހައްޓަވަނީ ކަތީބުން.
ފައިސާއަށް ވާނުވާގޮތެއް ނޭނގޭ. އަބަދުވެސް މިއޮންނަނީ އެތަނަށް ގެއްލުންވާ
ވާހަކަ އަޑުއިވިފައި.''
ލިބިފައިވާ ތަފާތު މައުލޫމާތު ތަކަށް
ބަލާއިރު އެންމެ ފުރަތަމަ މިހާދިސާ މެދުވެރިވާން ދިމާވި ސަބަބަކީ 28 މާރޗް ވީ ބުދަ
ދުވަހު ހެނދުނު ރައްޔިތުންގެ ގިނަ ބަޔަކު ޚާއްސަކޮށް އަންހެނުންގެ ގިނަބަޔަކު ރަށު
އޮފީސް ކުރިމަތީ އޮންނަ ''ރައްޔިތުންގެ ޕާކަށް'' ޖަމާވީއެވެ. އަދި
ރައްޔިތުން އެމީހުންގެ ޝުއޫރު ފާޅުކުރަން ފެށީއެވެ. ކިނބިދޫން މައުލޫމާތު ދިން
މީހަކު
ބުނިގޮތުގައި މިއީ އެއްވެސް ގޮތެއްގައި ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ނޫނެވެ.
އަދި އެފަދަ އެއްވެސް ނިޝާނެއްވެސް ބޭނުންކޮށްފައެއް ނުވެއެވެ. ''މިއީ
ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ރައްޔިތުން އެއްވި އެއްވުމެއް. އަޅުގަނޑުމެން އޮފީހެއްވެސް
ބަންދެއް ނުކުރަން، އޮފީހަށް މީހަކު ވަނުމަކަށްވެސް ހުރަހެއް ނާޅަން. ކަތީބު އޮފީހަށް ވަންނަން
އައިއްސަ އޮފީސް ކުރިމަތީ ޕާކަށް އެއްވެ ތިބި މީހުން ފެނުނީމަ އަނބުރާލާފައި ދިޔައީ.
ތިބިތިބުމުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގަން އެއްވެސް ތަނަކަށް
ގެއްލުންދީފައެއްވެސް ނުވާނެ. އެހެންތިއްބާ ފުލުހުން އައިސް އަރައިގަތީ. އަޅުގަނޑުމެން
ގެއަށްދާން ދިނީ އެންމެ ފަސް މިނެޓް. ބައެއް މީހުން ގެއަށްދާން ދަނިކޮށް
ފަހަތުން ގޮސް އަރައިގަތީ'' ކިނބިދޫން ފިޔެސް އަށް މައުލޫމާތު ދެމުން މީހަކު
ކިޔައި
ދިނެވެ.
އެދުވަހުގެ ހަވީރު އަތޮޅު އޮފީހުގެ
ދެމުވައްޒަފަކު ފުލުހުންގެ ދެބޭކަލަކާ އެކީ ކިނބިދޫއަށް ދުރުވިއެވެ. އަދި އެއްވެފައިވާ
މީހުންނާ ބައްދަލުކޮށް ދިމާވެގެން އުޅޭ މައްސަލައާ ބެހޭގޮތުން ސުވާލުކުރައްވާ
ހެއްދެވިއެވެ. ރައްޔިތުން ވަރަށް ތަފްސީލްކޮށް ދިމާވެގެން އުޅޭ މައްސަލަ އެބޭފުޅުންނަށް
ތަފްސީލް ކޮށްދިނެވެ. ޚާއްސަ ގޮތެއްގައި ފާހަގަކުރީ ޒުވާނުންގެ އިޖްތިމާޢީ މަރުކަޒުގެ
މައްސަލައެވެ. މިމަރުކަޒަކީ މީގެ އަހަރުތަކެއް ކުރިން، ކުރީގެ އެޓޯލްސް މިނިސްޓަރ
އަބްދުﷲ ހަމީދު، ޒުވާނުންގެ އިޖްތިމާއީ މަރކަޒެއްގެ ގޮތުގައި ބިންގާ އަޅުއްވައި ދެއްވި
މަރުކަޒެކެވެ. އޭގެ ފަހުން ޒުވާނުންގެ މަސައްކަތުން ކޮންކްރީޓް ކޮށް އިމާރާތެއްގެ މަސައްކަތްތައްވެސް
ވަނީ މިތަނުގައި ކޮށްފައެވެ. މިއިމާރާތުގެ މަސައްކަތް ހުއްޓެންޖެހުނު ހިސާބަކީ
ރަށުގައި ''ކާދު'' ޖަމުއިއްޔާ އުފެދުނު ހިސާބެވެ. މި ޖަމުއިއްޔާއަކީ ރަށުގެ
ކަތީބުން ނިސްބަތްވާ ޖަމުއިއްޔާއެވެ. މިޖަމުއިއްޔާ އުފެދުނު ފަހުން
އިޖުތިމާޢީ މަރުކަޒަކީ އެޖަމުއިއްޔާގެ ތަނެއް ކަމުގައި ބުނެ، ތިއީ ރައްޔިތުންގެ މަރުކަޒެއް ނޫނޭ
ބުނަންފެށިއެވެ.
މި ސަބަބާހުރެ އިޖުތިމާޢީ މަރުކަޒުގެ
މަސައްކަތް ހުއްޓި، މައްސަލަ ހައްލުނުވެފައި އޮންނަތާވެސް އަހަރުތަކެއް
ވެއްޖެއެވެ. ތަފާތު ފަހަރުތަކުގެ މަތިން ކިނބިދޫ އޮފީހަށާއި ތ.އަތޮޅު އަތޮޅު އޮފީހަށް އަދި
ސަރުކާރުގެ ތަފާތު މުއައްސަސާތަކަށްވެސް އެކަން ހުށައެޅިއެވެ. ނަމަވެސް
ނުކުތް އެއްވެސް ނަތީޖާއެއް ނެތެވެ. އަދި ދާދި ފަހަކުން ރަށުގެ ރައްޔިތުންނަށް އިވެންފެށީ
ކާދު ޖަމުއިއްޔާ އަށް އެތަން ރަޖިސްޓްރީ ކޮށްދީފި ވާހަކައެވެ.
28 މާޗް ދުވަހު ރަށުއޮފީސް
ކުރިމަތީ ''ރައްޔިތުންގެ ޕާކަށް'' ރައްޔިތުން އެއްވެ އަޑުއުފުލި އެއްކަމަކީ
އިޖްތިމާއީ މަރުކަޒްގެ ރަޖިސްޓްރީ ކާދު ޖަމުއިއްޔާއަށް ރަޖިސްޓްރީ ކޮށްދީފައި ވާނަމަ
އެރަޖިސްޓްރީ އަކީ ކޮބައިތޯ އާއި އެ ރަޖިސްޓްރީ ރައްޔިތުންނަށް ދެއްކުމަށެވެ. ނަމަވެސް
މިކަން ކުރުމަށާއި މައްސަލަ ހައްލުކުރުމަކަށްވެސް ރަށު އޮފީހާއި އަތޮޅު އޮފީހުން ބޭނުމެއް
ނުވިއެވެ. އަދި އަތޮޅު އޮފީހުން ދުރުވި ދެބޭކަލުންނަށް ވަރަށް ތަފްސީލްކޮށް މިވާހަކަތައް
ދެންނެވުމުންވެސް އެބޭކަލުން ކުރެއްވުނު ކަމެއް، އެޅުއްވުނު ފިޔަވަޅެއް ނެތެވެ. އެހެންކަމާއެކު
އެއްވެ ތިބި މީހުން އެދެމުންދިޔައީ ރަށުގައި ތިއްބެވި ތިންކަތީބުން ރައްޔިތުންނަށް
ޚިޔާނަތްތެރި ވަފައިވާތީ އެތިން ކަތީބުން މަގާމުން ދުރުކުރުމަށެވެ. އެހެން ނޫންނަމަ
ރަށުތެރޭގެ މަސްލަތު ރަނގަޅު ނުވާނެކަމަށް ރައްޔިތުން ބުނަމުން ދިޔައެވެ.
ނަމަވެސް އަތޮޅު އޮފީހުން ދުރުވި
ބޭކަލުން ބުނުއްވީ ކަތީބުންގެ މައްސަލައެއް އޮތްނަމަ އަތޮޅު އޮފީހަށް ހުށައެޅުމަށެވެ.
ރައްޔިތުން ބުނަމުންދިޔައީ އެމައްސަލަ ހުށައަޅާތާ މިހާރު އެތައް އަހަރެއް
ވެފައިވާ ކަމަށާއި މައްސަލަ ހައްލުކޮށް ނުދެވުނު ކަމަށާއި އެހެންވީމާ އެމީހުންނަށް ފެންނަގޮތަކީ
އަތޮޅު އޮފީހުގެ ބޭކަލުން ކިނބިދޫން ފުރުއްވާއިރު އެކަތީބުން ގެންދެވުން ކަމަށެވެ.
ނަމަވެސް، އަތޮޅު އޮފީހުން ވަޑައިގެންނެވި ބޭކަލުން އެނބުރި ވަޑައިގެންނެވީވެސް ރައްޔިތުންގެ
މައްސަލައަށް އެއްވެސް ހައްލެއް ހޯއްދަވައި ނުދެއްވައެވެ.
މިހެން މިކަން އޮއްވައި ޖެހިގެން އައި
ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތެއްގައި ފުލުހުންގެ 70 ވަރަކަށް ބޭކަލުން ކިނބިދޫއަށް
އެރިއެވެ. އެވަގުތުވެސް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތިބީ ރައްޔިތުންގެ
ޕާކް ތެރޭގައެވެ. ފުލުހުން ރަށަށްއަރާ އޮފީހަށްވަދެ ކަތީބުންނާ ދެއްކި ވާހަކައެއް ދެއްކުމަށްފަހު
ސުވާލުކުރީ ޕާކު ތެރެއަށް ރައްޔިތުން ގެނެސްފައިވާ އެއްޗިއްސާ ބެހޭގޮތުންނެވެ. އޭގެތެރޭގައި
އުނދުނާއި ނޫޑްލްސް ޕެކެޓާއި ޖޫސް ފުޅިއާއި ފެންފުޅި ފަދަ އެއްޗެތި ހިމެނެއެވެ. އެއެއްޗިއްސަކީ
ރައްޔިތުން ބޭނުންކުރުމަށް ރައްޔިތުން ގެނެސްފައިވާ އެއްޗިސް ކަމަށް ބުނުމުން ފުލުހުން
އެންގީ ވަގުތުން ވަގުތައް އެއެއްޗެތި ނެގުމަށާއި ބަރާބަރު ފަސް މިނެޓްގެ ތެރޭގައި އެސަރަހައްދު
ދޫކޮށް ދިޔުމަށެވެ.
ހަމަނުޖެހުން ހިނގަން މެދުވެރިވި
ސަބަބަކީ ރައްޔިތުން، ފުލުހުންގެ ބަހަށް ކިޔަމަންވެ ޕާކު ދޫކޮށް ދަނިކޮށް ފުލުހުން
ރައްޔިތުންގެ ގަޔަށް ބޮލަށް އަރައި ގަތުމެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ
ފުލުހުން މިކަން ހައްލު ކުރިކަމަށާއި އެއްވެސް ރައްޔިތަކަށް އެއްވެސް އަނިޔާއެއް
ނުކުރާ ކަމަށް ފުލުހުން ބުނިނަމަވެސް އެވަގުތު އެތަނުގައި ތިބި ކިނބިދޫގެ ރައްޔިތުން
އެކަން ދޮގުކުރެއެވެ. އަދި އެހާދިސާގައި އަނިޔާވި އެކަކަށް އައިޖީއެމްއެޗުން ދަނީ ފަރުވާވެސް
ދެމުންނެވެ. އެމްޑީޕީގެ ފަރާތުން ކިނބިދޫއަށް ޒިޔާރަތްކުރެއްވި ފެކްޓްފައިންޑިންގ މިޝަންވެސް
ފުލުހުންގެ ބަސް ދޮގުކުރެއެވެ.
ހުސްނުއްސުއޫދު ވިދާޅުވީ
އެއެއްވުމުގައި ގިނައިން ތިބީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. ސުލްހަވެރިކަމާއެކު
އެމީހުން ތިބިތިބުމުގައި އެއްވެސް ކަހަލަ އަނިޔާވެރި ނުވަތަ ރުޅިވެރި އަމަލެއްވެސް
ހިންގާފައި ނުވާކަމަށެވެ. ނަމަވެސް ފުލުހުން އަރާ އެމީހުންނާ ދޭތެރޭ ކަންތައްތައް
ކޮށްފައިވަނީ ވަރަށްވެސް އިހާނެތި ގޮތަކަށެވެ. މިކަމަށް ހެކިދޭ 02 މީހުންގެ ބަޔާން
ނަންގަވާފައިވާކަމަށާއި އެބަޔާން ތަކުގައި އެމީހުންގެ ސޮޔާއި އިނގިލީގެ ނިޝާން ހިމެނިފައިވާކަން
ސުއޫދު ފާހަގަ ކުރެއްވިއެވެ. އަދި މިބަޔާންތައް ނެގިފައިވަނީ އެތައް ބައެއްގެ ކުރިމަތީގައި
ކަންވެސް ހާމަކުރައްވަމުން ބައެއް ބަޔާންތަކުން މުހިންމު ޖުމްލަތައް ސުއޫދު ވިދާޅުވި
އެވެ.
''މީހުން ހިނގާފައި ގެއަށްދާން ފެށީމާ
މީހުންގެ ފަހަތުން ފުލުހުން ދުވެގޮސް އަނިޔާ ކުރަންފެށި. އަޅުގަނޑަށް ފެނުނީ
ބިންއުނިމާގޭ އިސްމާއިލް ހަނީފް 42 އަހަރުގެ ކަރުގައި ތިންމީހުން ހިފި ތަން. އިތުރު
މީހަކު އައިސް އޭނާގެ ކަނދުރާ މަތީގައި ގޮށްމުއްކަވާފައި ތަޅައިގަތީ. މަ ތިހެން ނަހަދާށޭ
ބުނީމާ މަގޭ ކޮނޑުގައި ޖެހިޖެހީނުން ކޮނޑު ހުޅުދުއްވާލީ'' އަބްދުއްސައްތާރު
އަލީ / ފިތުރޯނުގެ ތ.ކިނބިދޫ ދީފައިވާ ބަޔާނުގައި ވެއެވެ.
އަނިޔާވި އެކެއް ކަމަށްވާ މުޙަންމަދު
މުމްތާޒުގެ ބަޔާނުގައި ވަނީ ''މީހުންގަނޑު ދާންފެށުމުން ފަހަތުން ފުލުހުން ގޮސް ހުސެން
އާރިފް ކަރުގައިހިފައި ފަހަތަށް ލަނބާލައިފާ ހިފެހެއްޓި. ދެން އަޅުގަނޑާއި
އިސްމާއިލް ހަނީފް ގޮސް ހުސެންބެއަށް އެހެން ނަހަދާށޭ ބުނެ އާރިފްގެ ގައިގާ ހިފެހެއްޓީ.
ދެން ތިންމީހުން އައިސް އަޅުގަނޑުގެ އަތުގައި ހިފާފައި އަތް ފެލާލައިފާ ބުރަކަށީގައި
އައިސް ޖެހީ. ދެން އަޅުގަނޑު އަތަށް ތަދުވޭ ބުނީމާ ތީ ގޭމެކޭ ބުނެ އަޅުގަނޑު އަތުގައި
ބިޑި އެޅުވީއޭ. ދެއަތް ފުރަގަހަށްލައި އަތުން ލޭނުހިނގާވަރަށް ބިޑިއަޅުވާފައި
ގެންގޮސް ލޯންޗްތެރެއަށް އެއްލައިލުމުން އަޅުގަނޑު ލޯންޗްތެރެއަށް
ގޮސްޖެހުނީ ބިތަކަށް. އަޅުގަނޑު ލޯންޗް ތެރޭގައި އިންދާ އަހުމަދު ޒިޔާއު ހޭނެތިފައި އޮއްވާ
އަތްއަތް މަތިން އުކަމުން އައިސް ލޯންޗްގެ ތެރެއަށް އެއްލައިލީ.''
ހައްވާ ޒާހިރާ އަލިހަނދުވަރުގެ
ތ.ކިނބިދޫ ދީފައިވާ ބަޔާނުގައިވަނީ ''އަޅުގަނޑު ޕާކުގައި ހުއްޓާ ފުލުހުން އައިސް ބުނީ
ސުލްހަވެރިކަމާއެކުދާށޭ. ދެން އަޅުގަނޑުގެ ފިރިމީހާ ހުސެން އާރިފްގެ ކައިރީގައި ހުއްޓާ
ފުލުހުން އައިގޮތަށް އައިސް އަޅުގަނޑުގެ ފިރިމީހާ ކަރުގައި ހިފައި ވައްޓާލައި
ހަފުލުހުން އޭނާގެ ގައިމައްޗަށް ވެއްޓިގަތީ. ދެން އޭނާ ހައްޔަރުކުރުމުގެ ތެރޭގައި އަޅުގަނޑުވެސް
ރުކުބުޑަށް ވައްޓާލި. އޭރު އަޅުގަނޑުގެ ކިހިލީގައި އިން އެއްއަހަރުގެ ދަރިފުޅުވެސް
ބިންމައްޗަށް ވެއްޓުނު.''
އެހެން އަންހެނެއްކަމަށްވާ، ފަހީމާ
އަބްދުﷲ ދީފުރަމްމާގެ ދީފައިވާ ބަޔާނުގައި ވަނީ "އަޅުގަނޑުމެން ޕާކުގައި ތިއްބާ
ވަށައިލާ ފުލުހުން އެންގީ އެންމެން ދިޔުމަށް. އަޅުގަނޑުމެން ދާންފެށިތާ އެއްމިނެޓް ފަހުން
ފުލުހުން އައިސް އާރިފް ގަޔަށް އަރައިގަތީ. އަދި ޒިޔާ ގައިގާ ތެޅިތަންވެސް ދުށިން. ޒިޔާގެ
ސިކުނޑިމަތީގައި ޖެހުމުން އެސޮރު ވެއްޓުނު. ހޭނެތުނު ފަހުންވެސް ތެޅި. އަދި އާރިފް
ދަމާ ކޫއްތަމުން ގެންގޮސް ލޯންޗަށް އެއްލި. ފުލުހުން އައިސް އަޅުގަނޑު ކޮށްޕާލުމުން
އަޅުގަނޑުގެ އެއްއަހަރާ ތިންމަހަށްދާ ކުޑަދަރިފުޅާއެކު ބިންމައްޗަށް ވައްޓާލި.''
ފާތުމަތު ޝިރުފާގެ ބަޔާނުގައި ވަނީ
''އަޅުގަނޑުމެން ޕާކުތެރޭގައި ތިއްބާ ޕާކުތެރެއިން ނުކުމެގެން ދާން ބުނުމުން،
އެންމެން ދާންފެށިތަނާ އަހުމަދު އާރިފް ގެ ގަޔަށް އަރައިގަތް. އަދި އެތާނގައި
އަޅުގަނޑުގެ ދަރިފުޅު 11 އަހަރު ހުއްޓާ ދަރިފުޅުގެ އަތުގައި ޖެހިޖެހީނުން މިއޮތީ އަތް
ދުޅަ ކޮށްލާފަ. އަޅުގަނޑުގެ ދަރިފުޅު ގައިގާ ފުލުހުންޖެހީ ބައްޕާއޭ ކިޔާފައި
ދަރިފުޅު ގޮވައިލުމުން. އޭރު ފުލުހުން ދަރިފުޅާ ދިމާއަށް
ހަޑިއެއްޗެތި ކިޔަމުން ދިޔަ."
އިސްވެ ދަންނަވައިލެވުނީ އެމްޑީޕީގެ
ފެކްޓްފައިންޑިންގ މިޝަން އިން ނަގާފައިވާ ބައެއް ބަޔާންތަކުން ފާހަގަކޮށްފައިވާ
ތަންތަންކޮޅެވެ.
އެމްޑީޕީގެ ފެކްޓްފައިންޑިންގ
މިޝަންގައި ހިމެނުނު އަދި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ
ނެގިފައިވާ ބަޔާންތަކަކީ ވަރަށް ސާބިތުގޮތެއްގައި ނެގިފައިވާ ބަޔާންތަކެއް ކަމަށާއި އިތުރަށް
ތަހުގީގު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
''އަޅުގަނޑުމެން ނެގި ބަޔާންތައް ނެގީ އެމީހުން ހަރުއަޑުން ދުއިސައްތަ ވަރަކަށް މީހުންގެ
ކުރިމަތީގައި އަޅުގަނޑުމެންނަށް ބަޔާންދިނީމަ އަޅުގަނޑުމެން ލިޔުނީ. އޭގެ މާނައަކީ
ދިވެހިރާއްޖޭގައި އިންސާނީހައްގުތަކުގެ އިޝޫއެއްގައި ޕަބްލިކް އެންކުއެރީއެއް
ކުރެވުނު ކަމަށްވާނަމަ އިއްޔެ އެކުރެވުނީ ފުރަތަމަ ފަހަރަށް. އެހެންވީމާ އެގޮތުންބަލާއިރު
ވަރަށް ސާބިތު ގޮތެއްގައި ނެގިފައިވާ ބަޔާންތަކެއް ބަޔާންތަކަކީ. އަޅުގަނޑުމެންނަށް
ހިއުމަންރައިޓްސް ކޮމިޝަނަށް ހުށައަޅާފައި މިމައްސަލަ އިތުރަށް ތަހުގީގު ކޮށްދެއްވަން،
އެބޭފުޅުންނަށް ގާނޫނުގެ ދަށުން އެބަ ލިބިވަޑައިގަންނަވާ މިމައްސަލަތައް ތަހުގީގުކުރުމުގެ
ބާރު، އެބޭފުޅުން މިފަދަ މައްސަލަތައް ތަހުގީގު ނުކުރައްވަންޏާ އަޅުގަނޑުމެންނަށް
އެމީހުންގެ މައްސަލަ ޝަރީއަތަށް ހުށަހެޅިދާނެ. ހިޔުމަންރައިޓްސް ކޮމިޝަންގެ
މައްޗަށް އަޅުގަނޑުމެން ދައުވާ ކޮށްފާނަން.'' ސުއޫދު ވިދާޅުވިއެވެ.
މީގެއިތުރުން ސުއޫދު ވިދާޅުވީ
ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ އދ. ގެ ބައެއް މުއާހަދާއާ ޚިލާފުވެފައިވާތީ އެކަންކަން
ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުގެ ސަމާލުކަމަށްވެސް ގެންނަވާނެކަމަށާއި ދިވެހި
ސަރުކާރު ޒިންމާދާރު ކުރުވާނަން ކަމަށެވެ. ''މީގެ އިތުރަށް ޕްރެޝަރ އިތުރު ކުރުމަށް މަދަނީ
ކޯޓަށް މަދަނީ މައްސަލައެއްގެ ގޮތުގައި އާދަމް ޒާހިރުގެ މައްޗަށާއި އަހުމަދު ތަސްމީން
އަލީގެ މައްޗަށް މައްސަލަ ހުށަނާޅާނެ ގޮތެއް އެއީ ނެތްގޮތެއް'' ކަމަށްވެސް
ސުއޫދު ވިދާޅުވިއެވެ.
މި ނޫސް ކޮންފަރެންސްގައި ވާހަކަ
ދައްކަވަމުން ތ.އަތޮޅުގެ މެންބަރު ހަސަން އަފީފް ވިދާޅުވީ މިހާރު އަޅުގަނޑުމެންނަށް
މިފެންނަނީ އަނިޔާވެރި ވެރިކަމެއް ނިމިގެން ދާއިރު ކަންތައްތައް ވަމުންދާ
ގޮތް ކަމަށާއި ސުލްހަވެރިކަމާއެކު ތިބޭ އަންހެނުންނާއި ކުޑަކުދިންނަށްވެސް އަނިޔާކުރާ
މަންޒަރާއި މީހުންގެ އެއްޗެތި ގަދަކަމުން ގެންގޮސް އޭގެ ބޭނުން ކުރާ މަންޒަރުވެސް
މިފެންނަނީ އެސަބަބާ ހުރެ ކަމަށެވެ. ހަސަން އަފީފްގެ ވާހަކައިގާ ފުލުހުންގެ ސްޓަރފޯސް
ސިފަކުރެއްވީ އެމެރިކާ އާއި އިޓަލީވިލާތުގައި ހަރަކާތްތެރިވާ ''މާފިއާ" ޖަމާއަތެއްގެ
ގޮތުގައެވެ.
ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން
ތ.އަތޮޅުގެ މެންބަރު ޑރ.ހުސެން ރަޝީދު ހަސަން ވިދާޅުވީ މިހާރުގެ ފުލުހުންނާއި ސިފައިން އެކުރާ
އަމަލްތަކަކީ ހަމައެކަނި އާދަމް ޒާހިރު ކުރާ ކަންތައްތަކެއް ނޫންކަމަށާއި އެމީހުންނަށް
އެކަން ކުރަން އަންގަނީ މައުމޫން ކަމަށެވެ. ''މައުމޫން ދިފާއުކުރުމަށްޓަކައި ކުރާ ކަމެއް
މިއީ. އެހެންވީމާ ކިނބިދޫ ރައްޔިތުން ގައިގަ ތެޅީ މައުމޫން.'' ޑރ.ހުސެން ވިދާޅުވިއެވެ.
ޑރ.ހުސެން ވިދާޅުވީ ކިނބިދޫ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި އެމްޑީޕީގެ
ފަރާތުންނާއި އަތޮޅު މެންބަރުންގެ ހައިސިއްޔަތުން ގަދައަޅާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
No comments:
Post a Comment
Your comment is awaiting moderation!