2006-11-24

އޭއް! އޯއި! ކުޑަކުދިން ސިޔާސީ ކަންކަމުން ދުރުކުރާށޯއި!


ކުޑަކުދިން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަކީ އާކަމެއް ނޫނެވެ. އަދި އެވާހަކައަކީ އާވާހަކައެއްވެސް ނޫނެވެ. ދޭތެރެ ދޭތެރެއިން ސަރުކާރުގެ އިސްވެރިން އެކަން ހަނދާން ކޮށްދެއްވައެވެ. ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރި ނުކުރުމަށް އިލްތިމާސްވެސް ކުރައްވައެވެ. ނަމަވެސް މިކަމަށް ހުއްޓުމެއް ނައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މިކަމަކީ ކޮންބަޔަކު ކުރުވާ ކަމެއް ހެއްޔެވެ؟

2006 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސިޔާސީ އޮއިވަރުގައި ކުޑަކުދިންގެ ސިކުނޑިތައް ޖެއްސުމަށް ބަޔަކު މަސައްކަތް ކުރާ ވާހަކައެވެ. ވަރަށް ރަނގަޅު ވާހަކަ ފުޅެކެވެ. އެއީ ޒަމާނުއްސުރެވެސް މިގައުމުގައި ކަންހިނގަމުން އައިސްފައިވާ ގޮތެވެ. އަޅުގަނޑަށް ނޭނގިގެން މިއުޅެނީ ރައީސް މައުމޫން އެވިދާޅުވާ ބަޔެކެވެ. އެބަޔަކީ ކޮން ބައެއް ކަމެވެ. ރައީސް މައުމޫންގެ ވާހަކަފުޅުގައިވެސް އެބަޔަކީ ކޮންބައެއް ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެބައިމީހުންނަށް ޚާއްސަ ވެފައިވާ ދެސިފައެއް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެބަޔަކީ ދުރުވިސްނުމެއް ނެތް ބަޔެކެވެ. ނުވަތަ އަމިއްލަ އެދުމުން ފުރިގެންވާ ބަޔެކެވެ.


އެމަނިކުފާނުގެ ވާހަކަފުޅު ކިތަންމެހާވެސް ރަނގަޅެވެ. ކިތަންމެހާވެސް މުހިންމެވެ. ވާހަކަފުޅުގައި އެވިދާޅުވި ދުރުވިސްނުމެއް ނެތް ބަޔަކު ނުވަތަ އަމިއްލަ އެދުމުން ފުރިފައިވާ ބަޔަކު ސިޔާސީ ކަންކަމުގައި ''އައްޑަނައަކަށް'' ކުޑަކުދިން ބޭނުން ކުރުމަކީވެސް ނުރައްކަލެކެވެ. ކުޑަކުދިން ސިޔާސީ ކަންކަމުގައި ބައިވެރިކުރުމުން މިއަދު މިގައުމުގައި ނުރައްކާތެރިކަން ބޮޑުވެފައިވާނަމަ، މިކަމުގެ ފެށުން ގުޅިފައިވަނީ މީގެ ހަތާވީހަކަށް އަހަރު ކުރިއާއެވެ. އަނެއްކާ މިއުޅެނީކީ އަޅުގަނޑު ''ދުށްތަނެއް'' ގެ ވާހަކަ ދައްކާކަށް ނޫނެވެ. ފޮޓޯތަކުންނާއި ލިޔުންތަކުންނާއި ތަޖުރިބާކުރި މީހުންގެ ބުނުންތަކުގެ މައްޗަށް ބުރަވެ އެއްޗެއް ލިޔާށެވެ. މިއީ ނުލާހިކު އާންމުވެސް ވާހަކައެވެ. ނަމަވެސް، ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރިވާތީ އެކަންބޮޑުވެގެން، އެވާހަކަ ރައީސް މައުމޫން ވިދާޅުވުމުން އަނެއްކާވެސް، މިވާހަކަ ލިޔެލާ ހިތްވީއެވެ.

1978 ވަނަ އަހަރު ރައީސް މައުމޫން ދިވެހިރާއްޖޭގެ ރައީސްކަމަށް އިންތިޚާބުވީ އޭރުގެ ރައީސް އިބްރާހިމް ނާސިރު ވެރިކަމުން ދުރުވެ ވަޑައިގަތުމުންނެވެ. ރައްޔިތުންގެ މެދުގައި ބޭއްވުނު ފެންނަ ނުފެންނަ ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ. ނާސިރު ރާއްޖެއިން ފުރައިގެން ސިންގަޕޫރަށް ވަޑައިގެންނެވީވެސް ރައީސް މައުމޫންގެ ހިމާޔަތުގައެވެ. ނަމަވެސް އޭގެ ފަހުން، މިނިވަންކަން ހޯއްދަވައި ދެއްވި ޣާޒީ އަށް، ކުޅެވިދިޔަ ''ތަމްސީލަކުން'' ބާޣީ އެއްގެ ދަރަޖަ ދެއްވީއެވެ. ނާސިރާ ދެކޮޅަށް ކުރެވި ދިޔަ ކަންތައްތަކާއި ރޭވި ރޭވުންތަކާއި ކުޅެވިދިޔަ ތަމްސީލް ތަކާއި ކުރެހި ކާޓޫންތަކާއި ބޭއްވި މުޒާހަރާ ތަކަކީވެސް މައުމޫންގެ ވެރިކަމުގައި އޭނާގެ ރުހުމާއި ތާއީދާއެކު ކޮށްފައިވާ ކަންތައްތަކެވެ. މިހުރިހާ ކަމެއްގައިމެ އޭރުގެ ކުޑަކުދިންނާއި ސްކޫލް މަދަރުސާ ކުދިން ގިނަ އަދަދަކަށް ބައިވެރިކޮށްފައިވެއެވެ. ނާސިރާ ދެކޮޅަށް މާލެއާއި ރާއްޖޭގައި ކުރެވިދިޔަ ކަންތައްތައްތަކަކީ ސިޔާސީ ކަންތައްތަކެވެ. ރައީސް މައުމޫން އެވިދާޅުވާ ފަދަ ސިޔާސީ ކަންތަކެވެ.

ކުޑަކުދިންނާއި މަދަރުސާ ކުދިންގެ ގޮތުން އެދުވަސްވަރު އެކަންކަމުގައި ބައިވެރިވި ބައެއްމީހުން މިއަދު އެމީހުންގެ ޝުއޫރު ފައުޅުކުރެއެވެ. ސަރުކާރުގެ ވެރިން އެވެރިންގެ ދިފާޢުގައި މިއަދު ދައްކަވާ ވާހަކަފުޅުތަކަށް އެފަދަ މީހުން އެމީހުންގެ ތަޖުރިބާގެ އަލީގައި ޒުވާބު ދެއެވެ. އެކަމަކު އެމީހުންނަށް ފުރުސަތު ލިބެނީ ދައުލަތުގެ މީޑިއާ އަކުން ނޫނެވެ. އިދިކޮޅު ޕާޓީގެ ސްޓޭޖް މަތިންނެވެ. އެޕާޓީގެ ޖަލްސާތަކުން އިވިފައިވާ ގޮތުގައި މިއަދު އެމީހުން ކުރަމުން އެދާ މުޒާހަރާ ތަކާއި ބޭނުންކުރަމުން އެދާ ބަހުރުވައިގެ ސަބަބަކީ ރައީސް މައުމޫންގެ ވެރިކަމުގެ ކުރީކޮޅު އެމީހުންނަށް ލިބިފައިވާ ތަމްރީނެވެ.

މިއަދު ރައީސް މައުމޫން އެވިދާޅުވި ދުރުވިސްނުމެއްނެތް، އަމިއްލަ އެދުމުން ފޯވެފައިވާ ބައެއްގެ ގޮތުގައި އޭރު ތިއްބެވީ ހަމަ ސަރުކާރުގެ ވެރިންނެވެ. މިއަދު އެވެރިންނަށް ކުޅަދާނަ ނުވާވަރަށް ފުރައްސާރަ ލިބެމުން އެދަނީ އޭރުގެ ކުޑަކުދިންނާއި މިހާރުގެ ޒުވާނުންގެ ފަރާތުންނެވެ. އެހެންވީމާ ރައީސް މައުމޫން އެވިދާޅުވަނީ އެމަނިކުފާނަށް މިއަދު ތަޖުރިބާ ކުރެއްވޭ ހިތްދަތި މަންޒަރުތައް މިއަދުގެ ކުޑަކުދިން ލައްވާ އެކުދިން ޒުވާނުންނަށް ވާދުވަހު އެހެން ބަޔަކު ތަޖުރިބާ ކުރަން އެމަނިކުފާނު ބޭނުންފުޅު ނުވާވާހަކައެވެ. އޭރު އެމަނިކުފާނުމެންނަށް އެހެން ހެއްދެވުނީ ދުރުވިސްނުންފުޅެއް ނެތީމައެވެ. ނުވަތަ އަމިއްލަ އެދުމުން ފޯވެފައި ތިއްބެވުނީމައެވެ. މިއީ އަޅުގަނޑަށް މޭރުންވާ ގޮތެވެ.

ރައީސް މައުމޫން އެހެން ވިދާޅުވިނަމަވެސް، މިއަދުގެ މަންޒަރުތަކަށް ބަލާއިރުވެސް ފެންނަނީ ގައުމުގެ އިސްވެރިން ކުރީގެވެސް ޖާހިލުކަމުގައި ތިއްބެވި ތަނެވެ. ރިޔާސީ ހަދައުރު ކާމިޔާބު ކުރައްވައި ތިރީސް އަހަރަށް ވެރިކަން ދަންމަވާލައްވައި، ސިޔާސީ ޕާޓީތަކަށް ފުރުސަތު ދެއްވިއިރުވެސް ކުޑަކުދިން ސިޔާސީ ކަންކަމުގައި ބައިވެރި ނުކުރާ ތަނެއް ނާދެއެވެ. އެކުދިންގެ ސިކުނޑިތައް ސިޔާސީ އޮއިވަރުން ދުރުކުރެވޭނެ ގޮތެއް ނެތެވެ. މިހާރު މިއުޅެނީ ''ދުށްތަނުގެ'' ވާހަކަ ލިޔާށެވެ.

ސިޔާސީ ކަންތައްތަކުގެ ތެރެއަށް ކުޑަކުދިން ވެއްދުމުގެ ނޭދެވޭ އަސަރު ގައުމުގެ ވެރިން ކިތަންމެ ވަރަކަށް ތަޖުރިބާ ކުރެއްވި ނަމަވެސް، އަދި އެކަންތައްތަކާ ދެކޮޅަށް ކިތަންމެ ވަރަކަށް އަޑުއުފުއްލެވި ނަމަވެސް، ބަހާއި ޢަމަލާ ދިމާނުވާ ކަމުގެ ފުރިހަމަ މިސާލާއެކު ކުޑަކުދިން ސިޔާސީ ކަންތައްތަކުގައި ޝާމިލްކުރަމުންދާތަން މިއަދުވެސް މިދަނީ ފެންނަމުންނެވެ. ސަރުކާރު ހިންގެވުމުގައި އިސްކޮށް ތިއްބެވި އެންމެހާ ބޭފުޅުން ޝާމިލްވާ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގެ އިސް ސަފުގައި ކުޑަކުދިންނާއި މަދަރުސާ ކުދިން ތިބޭތަން ފެނެއެވެ. ނޭދެވޭ ޢަމަލުތަކާއި އަޑުތައް އެކުދިން ތަޖުރިބާ ކުރެއެވެ.

10 ނޮވެމްބަރުގައި ބަޔަކު ބަޣާވާތް ކުރަންއުޅޭކަމުގެ އަޑުތައް ފަތުރައި، ރޭވުންތައް ރާވައިގެން ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ ކަންކޮޅުތަކުގައި ބޭއްވި އެއްވުންތަކާއި ހިނގާލުންތަކަށް ބަލައިލަމާތޯއެވެ. އެފަދަ ޢަމަލުތައް ހިންގި ރަށްރަށާއި ބައިވެރިވީ މީހުންގެ އަދު ދައުލަތުގެ މީޑިއާއަށް އެނގޭގޮތަށް، އެ ހަރަކާތްތަކުގައި ބައިވެރި ކުރި ކުޑަކުދިންގެ އަދަދުވެސް ދައުލަތުގެ މީޑިއާ އަށް އެނގޭނެއެވެ. އެފަދަ މަންޒަރުތައް ރައްކައުކުރެވިފައިވާ ޓޭޕްތައް ޓީވީއެމްގެ އާކައިވްގައި ހުންނާނެވެސް މެއެވެ. އެފަދަ ވީޑިއޯތަކުން ރައީސް މައުމޫންގެ ތަޤުރީރުތަކުގައި ދައްކަވާ ވާހަކަ އާއި ބަހާއި ޢަމަލާ ދިމާނުވާކަން ކިތަންމެ ރަނގަޅަކަށްވެސް ސާބިތު ވާނެއެވެ. ''ބަހާއި ޢަމަލާ ދިމާނުވާ'' ރިޕޯޓް ލިޔުމުގެ ސިލްސިލާއެއް ފެއްޓިޔަސް އަވަސް މުއްދަތަކަށް ހުސްނުވާވަރަށް ހުންނާނެއެވެ. ހުސްނުވާ ވަރަށް ލިޔެވޭނެ ވާހަކަތައް އެބަ ހުއްޓެވެ.

ސިޔާސީ ކަންތައްތަކުގައި ކުޑަކުދިން ބައިވެރިކުރަނީ ދުރުވިސްނުމެއްނެތް، އަމިއްލަ އެދުމުން ފޯވެފައިވާ ބަޔަކު ކަމަށް ވިދާޅުވިއިރު އެކަން އެގޮތަށް ކުރާ މީހުންގެ ތެރޭގައި އެމަނިކުފާނުގެ ޒައީމް ކަމުގެ ދަށުގައި އެކުލެވޭ ޑީއާރުޕީ ހިމެނޭތީ އަޅުގަނޑު އެކަމާ ހިތާމަ ކުރަމެވެ. ޒައީމްގެ ވާހަކަފުޅަށް ސަމާލުކަމެއް ނުދެއްވާ އެޕާޓީން ކަންތައްތައް ކުރާތީއެވެ. ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރި ކުރާތީއެވެ. ޒައީމްގެ ވިދާޅުވުމާ ދެކޮޅަށް އެޕާޓީން ކަންތައްތައް ކުރައްވާއިރުވެސް އަމިއްލަ އެދުމުން ފޯވެފައިވާ މީހެއްގެ ގޮތުގައި ޕާޓީގެ ޒައީމް ކަމުގައި އެމަނިކުފާނު ހުންނަވާތީއެވެ.

ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރި ކުރުމާމެދު އެކިމީހުން ދެކެނީ އެކި ގޮތަށެވެ. ބައެއް މީހުން ބުނާގޮތުގައި ގައުމެއްގެ ސިޔާސަތަކީ ވަކި މީހެއްގެ އެއްޗެއް ނޫނެވެ. އެންމެންގެ އެއްޗެކެވެ. އެންމެހާ ރައްޔިތުންގެ އެއްޗެކެވެ. ކުޑައެއް، ބޮޑެއް، މުސްކުޅިއެއް ނެތެވެ. އަނެއްބަޔަކު ބުނާގޮތުގައި ސިޔާސީ ކަންތައްތަކުގައި އުޅެންވާނީ ވަކިބައެކެވެ. ސިޔާސީ ކަންކަމަށް ކުފޫ ހަމަވެގެންވާ ހަމައެކަނި ބަޔަކީ އެބައިމީހުންނެވެ. އެނޫންބަޔަކު ސިޔާސީ ކަމެއްގައި އުޅެފިނަމަ ވާނީ ދައުލަތާ އިދިކޮޅު ހަރަކާތް ހިންގުން ކަމުގައެވެ. އެފަދަ މީހުންނަށް ލިބޭނޭ ދަރަޖައަކީ ކުށްވެރިންގެ ދަރަޖައެވެ. މިއީ މިއަދު މިދިވެހި ރާއްޖޭގައިވެސް ކަންހިނގަމުންދާ ގޮތެވެ. ލޮލަށް ފެންނަ މަންޒަރާއި އިވޭ އަޑުތަކާ މުޅިންތަފާތެވެ. ފިސާރި އަޑު ހަރުކޮށް ''އޭއް! އޯއި! ކުޑަކުދިން ސިޔާސީ ކަންކަމުން ދުރުކުރާށޯއި!'' ގޮވިޔަސް، އެމަންޒަރު ލޮލަށް ފެންނަ ދުވަހެއް ނާދެއެވެ.

No comments:

Post a Comment

Your comment is awaiting moderation!