2006-12-22

އިނގިރޭސި ސަފީރު، އެމްޑީޕީ ގައުމީ މަޖިލީހުގައި



އިނގިރޭސި ވިލާތުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޑޮމިނިކް ޗިލްކޮޓް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތަޤުރީރު ކުރެއްވިއެވެ. 3 ޑިސެމްބަރު 2006 ވީ އާދީއްތަ ދުވަހު ސޯޝަލް ސެންޓަރުގައެވެ. ޚާއްސަ މެހްމާނެއްގެ ގޮތުން ޗިލްކޮޓް ތަގުރީރުކުރެއްވި، ގައުމީ މަޖިލީހުގެ 17 ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޗެއާޕާސަން މުޙައްމަދު ނަޝީދު (އަންނި) އެވެ. މިބައްދަލުވުމުގައި ގިނަ އަދަދެއްގެ އާންމު މެންބަރުންވެސް ބައިވެރިވިއެވެ. މިބައްދަލުކުރެއްވުމުގައި ޗިލްކޮޓް ވަނީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހިތްވަރުދެއްވާނެކަމަށް ވިދާޅުވެ އެންމެން އެކުވެގެން މިމަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ. '' ޑިމޮކްރަސީ ތައާރަފްކުރުން ވެގެންދާންވާނީ ސިޔާސީ ނުވަތަ ޕާޓީތަކުގެ ކަމަކަށްނޫން. އެކަމަކު ގައުމީ ކަމަކަށް. އިސްލާހީ އެޖެންޑާގެ ނާޖާއިޒު ފައިދާ ނެގުމަށް ސަރުކާރުންވެސް އަދި އިދިކޮޅު ޕާޓީންވެސް މަސައްކަތް ކޮށްފިނަމަ އެކަމުގެ ނަތީޖާއަކަށްވާނީ ހުރިހާ ކަމެއް  ގޯހުން ގޯހަށް ދިއުން'' ޗިލްކޮޓް ވިދާޅުވިއެވެ. ތިރީގައި މިބަލައިލަނީ ޗިލްކޮޓްގެ ވާހަކަފުޅުން ފާހަގަކުރެވުނު މުހިންމު ނުކުތާ ތަކަށެވެ.



މިގައުމުގައި މިހާރު ލިބަރަލް ޑިމޮކްރަސީއަކަށް ކުރެވެމުން މިދާ މަސައްކަތް ކާމިޔާބީއަކާ ހަމައަށް ހިނގައްޖެނަމަ މުސްތަގުބަލުގެ ޖީލުތަކަށް މިކަމުގެ ހަގީގީ މަންފާ ފެންނާނެކަން ޔަގީން. އަނެއްކޮޅުން ބަލާއިރު، މިކަމުގައި ނުރަނގަޅު މަގު ޚިޔާރުކުރެވިއްޖެނަމަ އަދުގެ ސިޔާސީ ހަލަބޮލިކަން އިތުރަށް ދާނީ ގޯސްވަމުން. އަދި މިކަމަށް އެއްވެސް ހައްލެއް ނޯންނާނެ.

ޑިމޮކްރަސީގެ ހަގީގީ ފޮނިމީރުކަން ލިބެނީ ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަންޏެއްނޫން. މިކަމުގެ ފޮނިކަން އެންމެންނަށް ލިބިގެންދާނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އިންސާފުވެރި ޝަރުއީ ނިޒާމަކާއި، އިންސާނީ ހައްގުތަކާ ދެކޮޅު އަމަލުތަކާއި ޖަރީމާތައް ހުއްޓުވުން ފަދަ އަސާސީ އިންސާނީ ހައްގުތައް އެއީ ޑިމޮކްރަސީގެ މައިގަނޑު ތަނބުތައް. ހަމަމިއައެކު ފުރިހަމަ ޑިމޮކްރަސީއެއް އޮތުމުން އެއް ސަރުކަރު ބަދަލުކަޮށް އަނެއް ސަރުކާރެއް ގެނައުމަށްޓަކައި ވާދަވެރި އިންސާފުވެރި އިންތިޚާބުތައް ބޭއްވިގެންދާނެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތުމާއެކު، ދޭދެ މީހުންގެ މެދުގައި ހުންނަ ތަފާތުތައް ނައްތާލުމަށް ޑިމޮކްރަސީ އެހީތެރިވެދޭ. ރާއްޖެއަށް ޑިމޮކްރަސީގެ ނިޒާމް އައުމުން އޭގެ ފުރަތަމަ ދުވަސްކޮޅު އެކަން ބަލައިގަންނަން މާފަސޭހަ ނުވެދާނެ. އެހެންނަމަވެސް މިއީ ރަނގަޅު ބަދަލެއްކަން ވަރަށް އަވަހަށް އެނގިގެންދާނެ... އަހަންނަކަށް ހިއެއްނުވޭ އެޕާޓީއެއްގެ ނަމުގެ މެދަށް 'ޑިމޮކްރަޓިކް' މިބަސް އައިސްފައިވާ ޕާޓީއަކަށް ޑިމޮކްރަސީގެ ފައިދާ ކިޔައިދޭން އަހަންނަށް ޖެހޭނެހެނެއް.

އެންމެ ފުރަތަމަ ކަމަކަށް ބަލާއިރު، ތިޔަ ޕާޓީން ރާއްޖެއަށް އިސްލާހީ ބަދަލު ގެނައުމަށް ތިކުރާ މަސައްކަތް، އަހަރެމެންގެ ގައުމުގައި ކޮށްގެން އެކަން ހިނގައިގަންނަން އެތައް ސަތޭކަ އަހަރު ނެގި... ހިތަށް އަރާފާނެ ކީއްވެބާއޭ އެހާ ގިނަދުވަސް ނަގަންވީ. އެކަމަކު ހަގީގަތުގައި ގައުމަކަށް ޑިމޮކްރަސީ ގެނައުމަށް ކުރަން އޮންނަ ހަމައެކަނި ކަމަކީ ގާނޫނުއަސާސީ އިސްލާހުކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެތާނގެ ގާނޫނުތައް ބަދަލުކުރުމެއްނޫން. މިވެސް ހަމަ މުހިންމު ކަންތައްތައް. ހަމަމިއާއެކު، މިނިވަން އިންސާފުވެރި އިންތިޚާބުތައް ބޭއްވޭނެގޮތާއި، އެކަންކަން ބަލާނެ މިނިވަން މުއައްސަސާތަކާއި، ނޫސްވެރިކަން ކުރިއެރުވުމާއި، އަމިއްލަ މީޑިޔާގެ ވަސީލަތްތައް ހުރުމާއި، މިކަންތައްތައް ވަކި ފަރާތަކަށް ނުޖެހި މިނިވަންކޮށް އޮތުން ވަރަށް މުހިންމު.

ވަރަށް ގިނަ ދިވެހިން އަހަރެން ގާތު އެބަބުނޭ ޚާއްސަ މަޖިލީހުގެ މަސައްކަތް ދާލެއް ލަސްވާ ވާހަކަ. އަހަންނަށް އަޑުއިވެމުންދާގޮތް އެއީ ހަމަ ތެދެއް. އެމަސައްކަތް ދަނީ ވަރަށް މަޑުމަޑުން. އިސްލާހު ގެނައުމަކީ ވަރަށް ފަސޭހައިން ވަރަށް އަވަހަށް ކުރެވިދާނެ ކަމެކޭ ހިތާ ކުރެވޭ ކުށްހީ އޮތުމާއެކުވެސް، އިސްލާހީ ބަދަލުތައް ގެނައުމުގެ އިސް ސަފުގައި ތިބި މުއައްސަސާތަކުން މިކަން އަވަހަށް ކުރިއަށް ގެންދިއުމުގައި ޒިންމާދާރު ގޮތަކަށް މަސައްކަތް ކުރުން އެއީ ވަރަށް މުހިންމު ކަމެއް. 

ދެވަނަ ކަމަކަށް ބަލާއިރު، ޑިމޮކްރަސީ ތައާރަފްކުރުން ވެގެންދާންވާނީ ވަކި ސިޔާސީ ޕާޓީއެއްގެ ކަމަކަށް ނޫން. އެކަމަކު އެކަން ވާންޖެހޭނީ ގައުމީ ކަމަކަށް. ޑިމޮކްރެޓިކް ވެށްޓެއް ގާއިމްވެ ނިމޭއިރު، ގައުމަށް ހެޔޮ ބަދަލު ގެނައުމުގައި ތިމަންނަގެ ބައިވެރިވުންވެސް ވެޔޭ ބުނެވެން އޮތުން ކޮންމެ މީހަކަށްވެސް މުހިންމުވާންވާނެ. މިބަދަލު ވެގެންދާންވާނީ އެންމެންވެސް އުފާކުރާ އަދި ފަޚުރުވެރިވާ ބަދަލަކަށް. 

ވެސްޓްމިނިސްޓަރ ގައި ދެކެވުނު ވާހަކަތަކުގެ އަމާޒެއްގެ ގޮތުން އަހަރެމެން ބެލިން ރާއްޖެއަށް ޑިމޮކްރަޓިކް އިސްލާހީ ބަދަލު ގެނައުމުގައި ސަރުކާރާއި އަދި ތިޔަ ޕާޓީއަށް އެއްބަސްވެވޭ ކަންތައްތަކަށް. އެއީ އެގޮތުން އިސްލާހު ގެނެވޭނެ ވެއްޓެއް ގާއިމްކުރަން ފަސޭހަވާނެތީ. ދެފަރާތަށް އެއްބަސްވެވޭ ކަންތައްތައް ހޯދައިގަތުމުގައި އަހަރެމެންނަށް ކާމިޔާބުވި. އެކަމަކު އިސްލާހީ ބަދަލު ގެނައުމަށް ކުރާ މަސައްކަތް ހަލުއި ކުރުމަށް ދެފަރާތުގެ ދެމެދުގައި ގާއިމްވާންޖެހޭ އިތުބާރާއި ޔަގީންކަން އުފެއްދުން އެއީ އެހާބޮޑު ކާމިޔާބީއެއް ލިބުނު ކަމެއް ނޫން.

ދެފަރާތުގައިވާ ހުރިހާ ފަރާތްތަކުންވެސް މިކަމުގައި ދޫދިނުމުގައި ވަގުތު ބޭނުންވެދާނެ. އެއްބަސްވެވޭ ކަންތައްތައް ދެނެގަތުމުގައި އެއްބަސްވުމަކާއި ހަމައަށް އައުމުގައި ގޮތްދޫކުރުން އެއީ ދެރަވުންކަމަށް ބަލައިގެންނުވާނެ.

އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ގޮތުން އެމްޑީޕީން ދެއްކި ވާހަކަތައް ސަރުކާރުންވެސް ބަލައިގަނެ ވަރަށް އަވަހަށް އެކަމާބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން އެއްބަސްވިކަން ފާހަގަކުރެވޭ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ފުލުހުންނަށް ދެވިފައި އޮންނަ ބާރުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ހުރޭ. ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި ޑިމޮކްރަސީ ގާއިމްކުރެވިގެންދާއިރު ފުލުހުންވެސް ވެގެންދާނީ ޒިންމާދާރު އަދި ރައްޔިތުންގެ ސަލާމަތަށް މަސައްކަތްކުރާ ބަޔަކަށް.

މިހުރިހާ ކަމަކާއެކު، ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ގާއިމްކުރެވުމުން އެކަމުގެ ޝުކުރު ސަރުކާރާއި ރައީސް މައުމޫނަށްވެސް ހައްގުވާނެ. އެކަމަކު މިހާރު ކަންތައް އޮތްގޮތުން ޑިމޮކްރަސީއަށް ފުރުސަތު ދިނުމަކީ އެމީހުން އެހާކުރާހިތްވާ ކަމަކަށް ނުވެދާނެ. ސަރުކާރުގައި ތިބި އިސްލާހު ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ފައިދާއަކީ ޑިމޮކްރަސީގެ ސަބަބުން މާއުފާވެރި ރައްޔިތަކު އުޅޭ މާއުފާވެރި ރާއްޖެއެއް ލިބިގެންދާނެކަން އެމީހުންނަށް ހަމަ ރަނގަޅަށް އެނގޭކަން. އެމީހުންނަސް އެނގޭ ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ނެރެވޭނެ އެންމެ ވަރުގަދަ ހަތިޔާރަކީވެސް ޑިމޮކްރަސީކަން. އަދި އެމީހުންނަށް އެނގޭ ރާއްޖެއަށް ޑިމޮކްރަޓިކް އިސްލާހީ ބަދަލުތައް ގެނައުމުން ބައިނަލް އަގުވާމީ މުޖުތަމައުގެ ތައުރީފު އެމީހުންނަށް ހައްގުވާނެކަން. އެހެންކަމުން މިހާރު ވެރިކަމުގެ އިސް މަގާމްތަކުގައި ތިބި މީހުންނަށް އިތުރު އެހީ، ހާއްސަކޮށް އެމްޑީޕީގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ. މިކަމުގައި އިނގިރޭސި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވަން.

No comments:

Post a Comment

Your comment is awaiting moderation!