އިއްޔެ (13 އޮގަސްޓް 2013) ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ
ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު
ދާއިރާގެ މެންބަރު އަޙްމަދު މަހްލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ
މެންބަރުންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުންނަށް އިތުބާރު ނުކުރެއްވޭ
ކަމަށެވެ. ޚާއްސަގޮތެއްގައި ފާހަގަކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި
ނައިބްރައީސް އަޙްމަދު ފަޔާޒް ޙަސަން އާއި މެންބަރު އަލީ މުޙައްމަދު މަނިކު އެވެ.
2013-08-14
2013-08-13
އެމްޑީޕީ – އަމާން ބަނދަރަކަށް
ދުވަސްވަރަކީ، 17 އަހަރުން އިސްލާހުކުރި ނޫގާނޫނު އަސާސީގެ ދަށުން ދިވެހި
ދައުލަތް ހިންގަމުން އައި ދުވަސްވަރު. ތިންބާރު މައްސުނިވެ، ހުރިހާ ބާރެއްގެ ފުލް
ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ނަންގަވައިގެން ހުންނެވި ދުވަސްވަރު. ގާނޫނުއަސާސީން
ރައީސަށް ލިބިދީފައިވާ ގިނަގުނަ ބާރުތަކުގެ އިތުރުން، ގާނޫނުއަސާސީން
ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިހުރި ހައްގުތައްވެސް އޮބަހައްޓާފައި އޮތް
ދުވަސްވަރު. މައުމޫން ޢަބްދުލްޤައްޔޫމްގެ ޚުދުމުޚްތާރު، އަނިޔާވެރި ވެރިކަމުގެ
ޞަފްހާތައް އުކެމުން އައި ދުވަސްވަރު...
2013-08-12
ފެނުނު މަންޒަރު – 12 އޮގަސްޓް 2013
މިއަދު މާލޭ، އަމީނީމަގުން ފެނުނު މަންޒަރަކީ، ހ.ޖަވާހިރު އައްސޭރީ ގައި
ބަހައްޓާފައިހުރި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ބިޔަ ފޮޓޯއަކަށް ކުއްޖަކު
ގާއުކާ މަންޒަރެވެ. ޓީންއޭޖްގެ އަހަރުތައް ނިމުމަކަ ހަމައަށް އައިސްފައިވާނެ
ކަމަށް ބެލެވޭ އެކުއްޖާއަކީ މުޅިއަކުން ބުއްދި ހަމަޖެހޭ ކުއްޖެއް ކަމަކަށްވެސް
ނުބެލެވެއެވެ. އޭނާ ހުރީ ބެކްޕެކެއް އަޅުވައިގެންނެވެ. އާންމުކޮށް އަތުގައި
ގެންގުޅޭވަރުގެ ދިވެހިރާއްޖޭގެ ގައުމީ ދިދައެއް އޭނާގެ އަތުގައި އޮތެވެ. އެ ދިދަ
މައިކެއްގެ ގޮތުގައި ބޭނުންކޮށްގެން އަޑުހަރުކޮށް އޭނާ ކިޔަމުންދިޔައީ "މަ
ޗިސް ޗިސް ކޮށްލިޔަސް، މަ ފިސް ފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާގީއަކަށް" މިހެންނެވެ.
"ބާގީއަކަށް" ގޮވާ ކޮންމެ ފަހަރަކުމެ އޭނާގެ އިނގިލިން އިޝާރާތްކުރަނީ
މައްޗަށް ހިއްލާފައިހުރި ޑރ.ވަހީދުގެ ކެމްޕޭން ފޮޓޯއަށެވެ. އަދި އެހެން ކިޔާ
ނިންމާ ކޮންމެފަހަރަކުމެ ގާބުރިއަކުން އެފޮޓޯގައި ޖަހައެވެ. އެވަގުތު އެސަރަހައްދުން ދިޔަ ގިނަ ބަޔަކު
އެމަންޒަރުބަލަން ތިއްބެވެ. ފަސްވަރަކަށް މިނިޓް ވަންދެން އޭނާ އެހެން އުޅެލާފައި
ހިނގައްޖެއެވެ.
2013-07-28
ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމުގައި އިއްތިފާގެއް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑޭޓު
ނަންބަރު ތަރުތީބުކުރުން އޮތީ މިއަދު އެވެ. މި އަދު އިލެކްޝަންސް ކޮމިޝަންގައި
ބޭއްވި ގުރުއަތުލުމުން، ކެންޑިޑޭޓް ނަންބަރު 1 ލިބިވަޑައިގަތީ ޖުމްހޫރީ ކޯލިޝަންގެ
ކެންޑިޑޭޓް ގާސިމް އިބްރާހީމަށެވެ. 2 ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ
ކަމުގައި ހުންނަވައި އަމިއްލަ ގޮތުން ވާދަކުރައްވާ މުޙައްމަދު ވަހީދު ހަސަން
މަނިކަށެވެ. 3 ލިބިވަޑައިގަތީ ޕީޕީއެމްގެ އަބްދުﷲ ޔާމީނަށެވެ. 4 ލިބިވަޑައިގަތީ އެމްޑީޕީގެ
މުޙައްމަދު ނަޝީދަށެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާކިޔާއިރު ކެންޑިޑޭޓް ނަންބަރު
ތަރުތީބު ވުމުގައި އެއްގޮތް ކަމެއް އެބަހުއްޓެވެ. އެފަހަރުގެ އިންތިޚާބްގައި
ވާދަކުރެއްވި އަދި މިފަހަރުގެ އިންތިޚާބުގައިވެސް ވާދަކުރައްވާ ދެ
ކެންޑިޑޭޓުންނަކީ ގާސިމް އިބްރާހީމާއި މުޙައްމަދު ނަޝީދެވެ. އެ ދެބޭފުޅުންނަށްވެސް
ލިބިވަޑައިގަތީ ހަމަ ކުރީ ފަހަރުވެސް ލިބިވަޑައިގަތް ނަންބަރެވެ. 2008 ވަނަ
އަހަރުގެ އިންތިޚާބްގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 1 އެވެ.
ނަޝީދަށް 4 އެވެ.
2013-07-26
މިނިވަން ދުވަސް – އަޅުވެތި ކަމުގެ އިހްސާސް
މިއަދަކީ ރާއްޖޭގެ 48 ވަނަ
މިނިވަން ދުވަހެވެ. މިނިވަން ދުވަހުގެ ޚާއްސަ ރަސްމިއްޔާތު އޮތީ ޖުމްހޫރީ
މައިދާނުގައެވެ. މީޑިއާ ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން، އެ
ރަސްމިއްޔާތަށް އަޅުގަނޑަށްވެސް ދައުވަތު ލިބިފައި އޮތެވެ. އެހެންނަމަވެސް އެފަދަ
ރަސްމީ ހަފުލާއަކަށްވުރެ ބޮޑަށް އަޅުގަނޑަށް ޝައުގުވެރިވެވުނީ ރާއްޖެޓީވީގެ
ފަރާތުން އިންތިޒާމުކުރި "ދެފިޔަވަޅު ފަހަތަށް" މައުރަޒަށެވެ.
ނޭޝަނަލް އާޓް ގެލެރީގައި 9:30
ގައި ފަށަން ހަމަޖެހިފައި އޮތް އެ ހަފްލާއަށް ދިޔައީ އަޅުގަނޑުގެ ގާތް
ރަހްމަތްތެރިއެއް ކަމަށްވާ މައުރޫފް ޚަލީލް (މާޕު) އާ އެކުއެވެ. މެދުޒިޔާރަތްމަގާއި
ނޫރާނީގޯޅި ގުޅުނު ހިސާބުން އޮތީ ފުލުހުން ކޯޑްން ކޮށްފައެވެ. ސައިކަލު
ޕާކްކޮށްފައި ގޮސް އާޓް ގެލެރީއަށް ދާން ކަމަށް ބުނުމުން ފުލުހުން ބުނީ އާޓް
ގެލެރީގައި ބާއްވާގޮތަށް އޮތް އިވެންޓް ކެންސަލްކޮށްފި ކަމަށާއި އެސަރަހަށްދަށް
ނުވަދެވޭނެ ކަމަށެވެ. އެކަމަކު އެހެން ދިމަދިމާލުން އޭރުވެސް އާޓް ގެލެރީ
ކައިރިއަށް މީހުން ދެއެވެ. އަދި އެސަރަހައްދުގައި ހުރި ރައްޓެއްސަކަށް ގުޅުމުން
އެތަނުގައި ބައިވަރު މީހުން އެބަ ތިބިކަމަށް ބުންޏެވެ. އެވާހަކަ އެގޮތަށް
ބުނުމުންވެސް މިދެންނެވި ފުލުހުން ބުނީ ހަމަ ކުރިންވެސް ބުނި ގޮތަށެވެ.
2013-05-09
މައުމޫންގެ ފިކުރަކީ މާޒީވެފައިވާ ފިކުރެއް
މިލިޔުން ލިޔެލާ ހިތްމިވީ ދެންމެއަކު (9 މެއި 2013
ދުވަހުވީ ބުރާސްފަތި ދުވަހުގެ ގާތްގަނޑަކަށް ހަވީރު 16:50 ހާއިރު) ހަވީރު ނޫސް
ބަލައިލިއިރު، އެނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ސަބަބުންނެވެ. ރައްޔިތުންގެ
މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު
ވިދާޅުވި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެކެވެ.
ނިހާން މިހާރު ހުންނެވި ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވައި އެހެން ޕާޓީއަކާ އޭނާ ގުޅިވަޑައިގަންނަވަން
އުޅުއްވާ ކަމަށް ފެތުރޭ ވާހަކަތަކާ ގުޅިގެން
ވިދާޅުވެފައިވަނީ، ބަޔަކު ގަބޫލުކުރިޔަސް އަދި ނުކުރިޔަސް ރާއްޖެ އިން މިހާރު ފެންނަން އޮތީ މައުމޫންގެ 30 އަހަރުގެ
ތަރައްގީ ކަމަށެވެ. އަދި ޒުވާނުންނަށް
ފުރުސަތު ހޯއްދަވައި ދެއްވައި ޑިމޮކްރެސީގެ މަގު ހުޅުވައި ދެއްވީ މައުމޫން ކަމަށެވެ.
ތިރީސް އަހަރުގެ ތަރައްގީގެ ވާހަކަ ދައްކާއިރު
އެތަރައްގީ އައިސްފައިވަނީ "ފިނިހަކަ ސްޕީޑް" ގައެވެ. އެ ސްޕީޑުން
ނެއްޓި ކިރިޔާވެސް ހަލުއި ސްޕީޑަކަށް ދާނީ ރިޔާސީ އިންތިޚާބް ކައިރިވާ ދުވަސް
ވަރުއެވެ. އިމާރާތްތަކުގެ ބިންގާ އެޅުމާއި ކޮންނަންޖެހޭ ފަޅުތަކުގައި ކަޑަޖެހުމާއި
އެވެނި ކަމެއް، މިވެނި ކަމެއް ކޮށްދޭނަމޭ ބުނެ ވައުދުވުމާ މިކަންކަމަކީ
އިންތިޚާބްތަކާ ގުޅުވައިގެން ހިންގާ ކަންކަމެވެ. މާބޮޑު ތައްޔާރީތަކެއް ނުވެމެ،
ހަމައެކަނި ކަންދެއްކުމަށް ކުރާ ކަންކަމެވެ. ހެޔޮނިޔަތުގައި އިޚްލާޞްތެރިކަމާއެކު
ރައްޔިތުންގެ ލާބައާއި މަންފާއަށް މައުމޫން މަސައްކަތް ކުރެއްވިނަމަ، އެއަށްވުރެ
މާ ފާގަތި ދިރިއުޅުމެއް ދިވެހީން އުޅުނީހެވެ. އެއަށްވުރެ މާ ފުދުންތެރި
ދިވެހިރާއްޖެއެއް ދުނިޔެއަށް ފެނުނީހެވެ.
2012-05-03
ނޭޝަނަލް އިންކުއަރީ ކޮމިޝަން ކަމުނުދަނީ ކީއްވެ؟
- އިސްމާޢީލް ޝަފީޢުއަކީ، ރައީސް މައުމޫންގެ
ޕަޕެޓެއް: އިލްޔާސް ހުސައިން އިބްރާހީމް
2012 ފެބްރުއަރީ 7 ވަނަ ދުވަހު، ހިންގި
ބަޣާވާތަށްފަހު، ބަޣާވާތުގެ ބައިވެރިން އެކުލަވައިލި ނެޝަނަލް އިންކުއަރީ
ކޮމިޝަނަކީ އެއްވެސް އިތުބާރެއް ނެތް ކޮމިޝަނަކަށް މިއަދު މިވަނީ ވެފައެވެ. އެ
ކޮމިޝަނަށް އިތުބާރު ނުކުރަނީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނެވެ. ކޮމިޝަން
ބަދަލުކުރުމަށް، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން (ސީމެގް) ވެސް،
ވަނީ ގޮވައިލާފައެވެ. ސީމެގްގެ ރިޕޯޓްގައި ގޮވައިލާފައިވަނީ ރައްޔިތުންގެ އިތުބާރު
ލިބޭ ފަދަ ކޮމިޝަނެއް ގާއިމް ކުރުމަށެވެ.
2012
ޖެނުއަރީ 14 އިން 8 ފެބްރުއަރީއާ ހަމައަށް ރާއްޖޭގައި ހިނގައިދިޔަ ކަންތައްތައް "މިނިވަންކަމާއެކު"
ތަހުޤީގުކުރުމަށް އުފެއްދި ކޮމިޝަންގައި ހިމެނެނީ 3 މެންބަރުންނެވެ. އެ
މެންބަރުންނަކީ އިސްމާޢީލް ޝަފީޢު އާއި ޑރ.އިބްރާހީމް ޔާސިރު އާއި ޑރ.އަލީ ފަވާޒެވެ.
މި 3 މެންބަރުންނާމެދު ރައްޔިތުން އިތުބާރު ނުކުރުމުގެ ސަބަބުތަކެއް އެބަހުއްޓެވެ.
ޚާއްސަގޮތެއްގައި ކޮމިޝަންގެ ރައީސް އިސްމާޢީލް ޝަފީޢުއާ ގުޅޭގޮތުންނެވެ.
2012-02-09
ފެބްރުއަރީ އަށެއް – އެންމެ އަނިޔާވެރި ދުވަސް
ނައިބްރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަންމަނިކުއާ
އިދިކޮޅު ފަރާތްތައް ގުޅިގެން، ބަގާވާތް ކޮށް ވެރިކަން ބަދަލުކުރުމަށްފަހު
ޖެހިގެން މި އައި ފެބްރުއަރީ 8 ވަނަ ދުވަސް ވެގެން މިދިޔައީ ލޭއޮހޮރުވުމުގެ
ދުވަހަކަށެވެ. ސިޔާސީ އެއްވުންތައް ރޫޅައިލުމުގައި ފުލުހުން ބާރުގެ ބޭނުން
ކުރުމަކީ އާންމު ކަމެކެވެ. ޕެޕަސްޕްރޭ ޖެހުންވެސް މެއެވެ. އެހެންނަމަވެސް އެއްވެސް
ހަމައެއް ލަމައެއްނެތި، މުޒާހަރާގައި ބައިވެރިވި މީހުންނަށް ގަސްތުގައި އަނިޔާ
ދިނުމަށް ފުލުހުން ވަނީ ލާއިންސާނީ އަމަލުތަކެއް ހިންގާފައެވެ.
2012-02-07
ފުލުހުންނާއި ސިފައިން ގުޅިގެން ސަރުކާރު ވައްޓާލުން
މިއަދު (7 ފެބްރުއަރީ 2012) ހެނދުނު
ހޭލެވުނީ އަންހެނުން ގޮވާތީއެވެ. ހޭލެވިފައިވެސް އޮވެވުނީ ވިސްނާށެވެ. އޭރު
ފެންނަމުންދިޔަ ހުވަފެނާ ދޭތެރޭގައެވެ. އަންހެނުން ބުންޏެވެ. "ވަރަށްގިނަ
ފުލުހުން އެބައުޅޭ ޖުމްހޫރީ މައިދާނަށް ޖަމާވެގެން، ރައީސްވެސް އެމީހުންނާ އެބަ ބައްދަލުކުރައްވާ."
އަންހެނުންގެ ވާހަކައިން އަހަންނަށް ލިބުނީ ސިހުމެކެވެ. ހަމައެކަނި އެ ޚަބަރުގެ
ސަބަބުންނެއް ނޫނެވެ. ކުޑައިރުކޮޅެއް ކުރިން ފެނުނު ހުވަފެނާއި ގައުމަށް
މެދުވެރިވެފައިއޮތް ހާލަތާ ގުޅުން ބޮޑުވީމައެވެ. ހުވަފެނުގައި ފެނުނީ ރައީސް
ނަޝީދު، ކުއްލި ނޫސްކޮންފަރެންސެއް ދެއްވާތަނެވެ. އެމަންޒަރު އަޅުގަނޑަށް ފެންނަނީ
ޓީވީންނެވެ. ގިނަ އަދަދެއްގެ ނޫސްވެރިން އެތަނަށް އެއްވެފައިއޮތެވެ. ލައިވްކުރާ
ޗެނަލުގެ ކެމެރާ ތެޅޭކަންވެސް މަންޒަރުތަކުން އެނގެއެވެ. އަޑުވެސް އަންނަނީ ކެނޑިކެނޑިގެންނެވެ.
ކޮންމެއަކަސް އެ ހުވަފެނުގެ ޚުލާޞާއަކީ ކުއްލިއަކަށް ދިމާވެގެންއުޅޭ ބޮޑު ކަމަކާ
ގުޅޭގޮތުން ރައީސް ނަޝީދު މީޑިއާއަށް މައުލޫމާތު ދެއްވުމެވެ.
2011-09-14
ހޭޔަންބޯ ރިޕޯޓް: ހުރާގައި ހިނގި ހިތާމަވެރި ހާދިސާ
2011
ސެޕްޓެމްބަރު 9 ވީ ހުކުރު ދުވަހާ ދިވެހީން ކުރިމަތިލީ ހަމަ އާންމު ދުވަހެއްގެ
ގޮތުގައި. އުޑުމަތި ސާފު، ވައިމަޑު، އަދި
ކަނޑުވެސް މަޑު ދުވަހެއްގެ ގޮތުގައި. ނަމަވެސް، ކުއްލިއަކަށް ކުރިމަތިވި
ހާދިސާއަކާ ގުޅިގެން އެދުވަހަކީ ހިތާމަވެރި ދުވަހަކަށް ބަދަލުވެގެން ދިޔަ. ހަމަ އެޔާއެކުހެން
އެދުވަހުގެ ނަލަކަންވެސް، ބަނަކަމަށް
ބަދަލުވެގެންދިޔަ.....
2011-07-16
ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު, ނެރުއްވައިދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު
މުޙަންމަދު ޝަފީޤު، މޯޑް އަދި ވަޑައިގެން ތިއްބެވި
އެންމެހާ ބޭފުޅުން.
السّـلام عليـكم
އަޅުގަނޑު ވާހަކަ ފެށުމުގެ ކުރީގައި، މުޙަންމަދަށް
ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން.
މި ފޮތަކީ ނުލިބި އޮތް ފޮތެއްކަމުން އަދި ނުއުފެދި އޮތް އެއްޗެއް ކަމަށްވެގެން، މިކަމުގެ ހިތްބަރުކަމާ އެކީގައި އަޅުގަނޑު ޝަކުވާ ބަންނަތާ ދުވަސްކޮޅެއް ވެއްޖެ. މި ރާއްޖޭގައި
ހިނގައި މިދިޔަ މުހިންމު ކަންތަކާ ގުޅޭ
ހަމަ އެންމެ ފޮތެއްވެސް، އެކަކަށްވެސް ލިޔެވިފައި ނެތުނީތީވެ. ދެން އަޅުގަނޑު އެއްވެސް ހާލެއްގައި ބޭފުޅުން ދެރަކުރާކަށެއް ނޫން. އެކަމަކު އަޅުގަނޑުމެން
ދެމީހުންނަށްވެސް، މުޙަންމަދު އެބަ ސާފުކޮށް
އެނގޭ، އެ ރޭޑިޔޯ ޕްރޮގްރާމެއްގެ ފަސޭހަކަމާއި، ޓީ.ވީ ޕްރޮގްރާމެއް، ޗެޓް ޝޯއެއްގެ ފަސޭހަކަން. ދެފަރާތުގައި
ކެމެރާ ބަހައްޓާފައި، ހަމަ އިށީނދެ
ފަށަނީ. އެހެން ނަމަވެސް، ޙަޤީޤީ ފަންނަކީ އަދިވެސް ހަމަ ގަނޑުގައި ޤަލަމުން ލިޔުން. ޙަޤީޤީ ފަންނަކީ ލިޔުންތެރިކަން. ޙަޤީޤީ ފަންނަކީ ފޮތެއް ލިޔުމަށް ކުރެވޭ މަސައްކަތް. އަދި
އެ ބޮޑު މަސައްކަތް، ކާމިޔާބުކަމާ
އެކީގައި ގެނެސް، ނިންމާލުމުގެ ހިތްވަރު.
2011-07-06
ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރުގައި ހިމެނޭ މުހިންމު ބައިތައް
ދިވެހިރާއްޖެ ޑިމޮކްރަސީއަށްކުރި ދަތުރު މައިގަނޑު
ގޮތެއްގައި ބިނާވެފައިވަނީ 2003 ވަނަ އަހަރުގެ ފަހުކޮޅުންފެށިގެން ރާއްޖޭގެ ސިޔާސީ
މައިދާނުގައި ހިނގާދިޔަ މުހިންމު ހާދިސާތަކުގެ މައްޗަށެވެ. ދިވެހިން
ކުރިން ދެކެފައި
ނުވާފަދަ، ސިޔާސީ ހަލަބޮލިކަން
އެދުވަސްވަރު ރާއްޖޭގައި އުފެދުނެވެ.
މި ހަލަބޮލި ކަމަކީ ދުވަހަކުވެސް
މިރާއްޖޭގައި ހިނގައިފާނޭކަމަށް ބަޔަކު ހީވެސް
ނުކުރާފަދަ ކަންތައްތަކެކެވެ. މިއީ ދިވެހިންގެ ވިސްނުމާއި
ދިވެހިންގެ އުސޫލުތައް ފުށުންޖަހައިލި
ހާދިސާތަކެކެވެ. ރާއްޖޭގެ އިޖުތިމާޢީ މިންގަނޑު
މުޅިން ބަދަލުކޮށް،
ދައުލަތް ހިންގުމުގެ ނިޒާމް
މުޅިން އާގޮތަކަށް
ފުރޮޅައިލި ހަޤީޤަތްތައް ހިމެނެނީ
މި ހާދިސާތަކުގައެވެ.
ސިޔާސީ އޮއިވަރުގައި މުޅި ރައްޔިތުން
ޖެހުނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ލޯ،
ރާއްޖެއަށް އަމާޒުވިއެވެ. އިޞްލާޙުތަކާއި ބަދަލުތައް ގެންނަމުން،
އަންނަމުން ދިޔައެވެ. އެހެންކަމުން މި ހާދިސާތަކަކީ
ތާރީޚަށްޓަކައި އަމާނާތްތެރިކަމާއެކު އޭގެ ހަޤީޤަތް
ރެކޯޑް ކުރެވިފައިވާ
ހާދިސާތަކަކަށް ހެދުމަކީ ޤައުމީ
ގޮތުން ވާޖިބު
ކަމެއް ކަމުގައި
ދެކެމެވެ.
2011-07-04
އަޅުގަނޑުގެ ހަޔާތުގައި އައި އުފާވެރި ރެޔެއް
އުމުރުން މިހާ ހިސާބަށް އައިއިރު
އެހެން ބޭފުޅުންނެކޭވެސް އެއްފަދައިން އަޅުގަނޑުގެ ހަޔާތުގައިވެސް އުފަލާއި ހިތާމަ
ވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ. މިތަނުގައި ފާހަގަ ކޮށްލަން މިއުޅެނީ ރޭގައި (3
ޖުލައި 2011 ދުވަހުގެރޭ) ލިބުނު އުފަލެއްގެ ވާހަކަ އެވެ.
މަދަރުސީ ދައުރުގައިވެސް
އަޅުގަނޑަކީ އަދަބީ ދަރިވަރެއް ކަމަށް ޓީޗަރުން ބުނުއްވައެވެ. އެކަމަށް ހެކިވަނީ
ކްލާސް މޭޓުންނެވެ. އެހެންކަމާއެކު ލިބެނީ ހިތްވަރެވެ. އިތުރަށް ކުރިއަށް ދިއުމުގެ
ހިތްވަރެވެ. މަޒުމޫނު ލިޔުމާއި ވާހަކަ ލިޔުމާއި ބަހުސް ކުރުމާއި ޅެން ހެދުމާއި ވާހަކަ
ދެއްކުން ފަދަ ކަންކަމަކީ އަޅުގަނޑުގެ ނަން ވިދައިގެން ދިޔަ ކަންތައްތަކެވެ.
މަދަރުސީ ދައުރުގެ އެއްދުވަސް
ހަނދާނަށް އެބަ އާދެއެވެ. އަޅުގަނޑު އުޅުނީ ގްރޭޑް 7 ގައެވެ. ހޯމްވޯކެއްގެ
ގޮތުގައި ދިވެހި މުދައްރިސް ދެއްވި މަސައްކަތަކީ ކުރުވާހަކަ އެއް ލިޔުމެވެ. ވާހަކަ
ލިޔުމަކީ މާއުނދަގޫ ކަމެއް ނޫންކަމުން އެރޭގެ ވަގުތެއްގައި ހަތަރު ސޮފްހާގެ ވާހަކަ
ނިންމާލައިފީމެވެ. މުދައްރިސް ބުނުއްވިގޮތަށް ޖެހިގެން އައިދުވަހު ސްކޫލަށް ގޮސް
ވާހަކަ ލިޔުނު ފޮތް، އެހެން ކުދިންނެކޭ އެއްގޮތަށް މުދައްރިސާ ހަވާލުކުރީމެވެ.
ވާހަކަތަކަށް މުދައްރިސް މާކްސް ދެއްވީ ހަފުތާ ބަންދުގައެވެ. ހަފްތާ ބަންދަށްފަހު
ކިޔެވުން ފެށުނު ދުވަހު ފޮތްތައް ހަވާލުކުރިއެވެ. އެންމެ މަތިން މާކްސް ލިބިފައި
އޮތީ އަޅުގަނޑަށެވެ. ސަތޭކައިން ނުވަދިހަ އަށެކެވެ. އެދުވަހު މުދައްރިސް ބުނުއްވީ
"ގައުމީ ފެންވަރުގައި ވާހަކަ ލިޔެވޭނެ ވަރުގެ ކުދިން މިކުލާހުގައި
އެބަތިބި" ކަމަށާއި އެނިޔަތުގައި ކުރިއަށް ގޮސްފިނަމަ، އެކަން ހާސިލް ވާނެކަމަށެވެ.
މުދައްރިސްގެ އެ ބުނުއްވުން އެންމެ ބޮޑަށް ރައްދުވީ އަޅުގަނޑަށްކަން ޔަގީން
ކުރެވުނެވެ. އެހެންނަމަވެސް އެފަންނުގައި މާބޮޑު ކުރިއެރުންތަކެއް ހޯދުމުގެ
ޝައުގުވެރި ކަމެއް ނެތެވެ.
2010-06-30
އުންމީދު ނުކުރާފަދަ ދެކަމެއް
އިއްޔެ
(29 ޖޫން 2010 ވީ އަންގާރަ) އަކީ ރާއްޖޭގެ ތާރީޚްގައި މުހިންމު ދުވަހެކެވެ. ރައީސް
ނަޝީދުގެ ވެރިކަމުގައި ކުއްލި ނިންމުމެއް ނިންމެވި ދުވަހެކެވެ. އުންމީދު ނުކުރާފަދަ
ދެ ނިންމެވުމެއް ނިންމެވި ދުވަހެކެވެ. ފުރަތަމަ ނިންމެވުމަކީ ކެބިނެޓްގައި
ހިމެނިވަޑައިގެންނެވި ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމެވެ.
މިކަމަށްޓަކައި އޮތް ޚާއްސަ ބައްދަލުވުން އޮތީ އިރުއޮއްސެން ކައިރިވެފައި ހުއްޓާ،
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ނޫސްވެރިންގެ
ހާޒިރުގައި އޮތް މި ބައްދަލުވުން ތައާރަފްކުރެއްވުމުގެ ގޮތުން ރައީސް ދެއްކެވި
ވާހަކައިގާ ވިދާޅުވީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުލިބޭ
ކަމަށާއި ބައެއް މެންބަރުން އަމަލުކުރައްވާ ގޮތުން މުޅި ޤާނޫނުއަސާސީގެ ރޫޙް
ގެއްލޭކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވި ކަމަށެވެ. މި ސަރުކާރު އުފެދިފައި ވަނީ ރައްޔިތުންގެ ވިންދާ
އެއްގޮތަށް ނިޒާމެއް އެކުލަވާލަން ކަމަށް
ވެފައި އެކަން ކުރުމަށް މަޖިލިހުގެ މެމްބަރުން އެކަން ކިލަނބު
ނުކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަމުގެ މައްޗަށް އެމްޑީޕީ ކާމިޔާބު ހޯދުން
ރާއްޖޭގައި ޒަމާނުއްސުރެ ޢަމަލުކުރެވެމުން އައި
ގާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި
ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ލިބިދީފަ. އެހެނަސް އޭރަކު އޮންނަ ސަރުކާރަކާ
ދެކޮޅަށް ޚިޔާލެއް ފާޅުކުރާ މީހާއަށް ތަފާތު އަނިޔާއާއި އަދަބު ސަރުކާރުންދޭ.
ރާއްޖޭގެ ފަހުގެ ތާރީޚްގައި މިދެންނެވިފަދަ އަނިޔާއާއި އަދަބު އެންމެ ގިނައިން
ލިބިވަޑައިގަތް ބޭފުޅަކީ، ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބު
ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން
ގެންދަވާ މުޙައްމަދު ނަޝީދު.
ނަޝީދު ފާހަގަކުރެވުނީ އިންސާނީހައްގުތަކަށް
އިހްތިރާމް ކުރުމަށް އަޑުއުފުލަންފެށި ސަޚްސިއްޔަތެއްގެ ގޮތުގައި. އޭނާ ފާހަގަ
ކުރެވުނީ މިނިވަން ނޫސްވެރިކަމަށް ޖާގަ ހޯދުމަށް ސަރުކާރަށް ޕްރެޝަރ ކުރި
ނޫސްވެރިއެއްގެ ގޮތުގައި. އޭނާ ފާހަގަ ކުރެވުނީ ޑިމޮކްރެސީގެ ހަމަތަކަށް ލޯބިކުރާ
އަދި ޚުދުމުޚްތާރުވެރިކަމުގެ ސަގާފަތަށް ފާޑުކިޔާ މީހެއްގެ ގޮތުގައި. އޭނާގެ
މިސިފަތަކަކީ އޭރު ވެރިކަން ކުރަމުން އައި މައުމޫންގެ ސަރުކާރަށް ބަލައިގަނެވޭވަރު
ކަމަކަށް ނުވި. ނަތީޖާއަކީ ނަޝީދަށާއި އިސްލާހަށް މަސައްކަތްކުރި އެންމެން އެއްފަހަރާ
ޖަލުގައި ހައްޔަރުކޮށް އަނިޔާ ދިނުން. އިންސާފުން އެއްކިބާވެ ޝަރީއަތްތަކެއް
ހިންގައި ބޮޑެތި ޙުކުމްތަކެއް ކުރުން.
Subscribe to:
Posts (Atom)





