Showing posts with label Raees Nasheed. Show all posts
Showing posts with label Raees Nasheed. Show all posts

2013-12-11

ރައީސް ނެލްސަން މަންޑޭލާ އާއި ރައީސް މުޙައްމަދު ނަޝީދު



ސައުތު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ، މަޝްހޫރުވެފައިވަނީ މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފު ގާއިމުކުރުމަށްޓަކައި މަސައްކަތް ކުރެއްވި ހިތްވަރުގަދަ ބަޠަލެއްގެ ގޮތުގައެވެ. މަންޑޭލާގެ މަސައްކަތް ހުއްޓުވާލުމަށްޓަކައި، އެގައުމުގެ ސަރުކާރުން ގިނަ ގުނަ ހުރަސްތަކެއް އެޅިއެވެ. ނަމަވެސް ވަޑައިގަތީ ކުރިއަށެވެ. ދިގު މުއްދަތެއް ވަންދެން ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓިއެވެ. އެހެންނަމަވެސް ހިތްވަރަކަށް ކުޑަވެސް ގުޑުމެއް ނާދެއެވެ. މަންޑޭލާ، ފުރަތަމަ ފާހަގަކުރެވުނީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައެވެ. އެއަށްފަހު ސިޔާސީ ކުށްވެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން ޤައުމުގެ ރައީސްގެ ގޮތުގައެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ފާހަގަކުރެވެނީ މި ދެންނެވި އުސޫލުންނެވެ. ޤާނޫނުއަސާސީން ލިބިދީފައި އޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މަސައްކަތް ފެއްޓެވި ހިސާބުން، ދިވެހި ސަރުކާރުގެ ގިނަގުނަ ހުރަސްތައް ނަޝީދަށް ކުރިމަތިވެވަޑައިގަތެވެ. އެތައް ފަހަރެއްގެ މަތިން ޖަލުގައި ހައްޔަރުކުރިއެވެ. ހިތްވަރު އެލުވައެއް ނުލައްވައެވެ. އުންމީދު އާކުރައްވަމުން ވަޑައިގެންނެވީ ކުރިއަށެވެ. ނަޝީދުވެސް ފުރަތަމަ ފާހަގަކުރެވުނީ ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައެވެ. އެއަށްފަހު ސިޔާސީ ކުށްވެރިއެއްގެ ގޮތުގައެވެ. އޭގެ ފަހުން ޤައުމުގެ ރައީސްގެ ގޮތުގައެވެ.

2013-09-12

އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތް ދޭންފެށުނީ ކިހިނެއް؟



އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ 65 އަހަރުން މަތީ މީހުންނަށް ދައުލަތުންދޭ އިނާޔަތާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ރައީސް މައުމޫނަށް ތާއީދުކުރާ މީހުން ބުނާގޮތުން އެ އިނާޔަތް ހަމަޖެއްސެވީ ރައީސް މައުމޫނެވެ. އިނާޔަތް ދެއްވަން ނުފެއްޓެވި އުޅުއްވަނިކޮށް އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައީ އެވެ.  އަނެއްބަޔަކު ދެކޭގޮތުގައި އެ އިނާޔަތް ދޭންފެށީ އެކަން ކުރުމަށް ލާޒިމްކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނެއްގެ ސަބަބުންނެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ، އެ އިނާޔަތަކީ ވަކި މީހަކު ދޭންފެށި އެއްޗެއް ނޫންކަމަށާއި އެކަން އެގޮތަށް ކުރުމަކީ ޤާނޫނުއަސާސީން ލާޒިމްކުރާ ކަމެއް ކަމަށެވެ. މި ދެންނެވި ތިންގޮތަށް އެކި މީހުންގެ ވާހަކަ ހުރިނަމަވެސް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ރައީސް ނަޝީދުގެ ސަރުކާރުން ޚުދު އެމަނިކުފާނު ހަމަޖައްސަވައިދެއްވި އިނާޔަތެކެވެ.

2012-02-07

ފުލުހުންނާއި ސިފައިން ގުޅިގެން ސަރުކާރު ވައްޓާލުން



މިއަދު (7 ފެބްރުއަރީ 2012) ހެނދުނު ހޭލެވުނީ އަންހެނުން ގޮވާތީއެވެ. ހޭލެވިފައިވެސް އޮވެވުނީ ވިސްނާށެވެ. އޭރު ފެންނަމުންދިޔަ ހުވަފެނާ ދޭތެރޭގައެވެ. އަންހެނުން ބުންޏެވެ. "ވަރަށްގިނަ ފުލުހުން އެބައުޅޭ ޖުމްހޫރީ މައިދާނަށް ޖަމާވެގެން، ރައީސްވެސް އެމީހުންނާ އެބަ ބައްދަލުކުރައްވާ." އަންހެނުންގެ ވާހަކައިން އަހަންނަށް ލިބުނީ ސިހުމެކެވެ. ހަމައެކަނި އެ ޚަބަރުގެ ސަބަބުންނެއް ނޫނެވެ. ކުޑައިރުކޮޅެއް ކުރިން ފެނުނު ހުވަފެނާއި ގައުމަށް މެދުވެރިވެފައިއޮތް ހާލަތާ ގުޅުން ބޮޑުވީމައެވެ. ހުވަފެނުގައި ފެނުނީ ރައީސް ނަޝީދު، ކުއްލި ނޫސްކޮންފަރެންސެއް ދެއްވާތަނެވެ. އެމަންޒަރު އަޅުގަނޑަށް ފެންނަނީ ޓީވީންނެވެ. ގިނަ އަދަދެއްގެ ނޫސްވެރިން އެތަނަށް އެއްވެފައިއޮތެވެ. ލައިވްކުރާ ޗެނަލުގެ ކެމެރާ ތެޅޭކަންވެސް މަންޒަރުތަކުން އެނގެއެވެ. އަޑުވެސް އަންނަނީ ކެނޑިކެނޑިގެންނެވެ. ކޮންމެއަކަސް އެ ހުވަފެނުގެ ޚުލާޞާއަކީ ކުއްލިއަކަށް ދިމާވެގެންއުޅޭ ބޮޑު ކަމަކާ ގުޅޭގޮތުން ރައީސް ނަޝީދު މީޑިއާއަށް މައުލޫމާތު ދެއްވުމެވެ. 

2011-07-16

ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު, ނެރުއްވައިދެއްވުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު



بســم اللّـه الرّحمـن الرّحيــم

މުޙަންމަދު ޝަފީޤު، މޯޑް އަދި ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑު ވާހަކަ ފެށުމުގެ ކުރީގައި، މުޙަންމަދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުން. މި ފޮތަކީ ނުލިބި އޮތް ފޮތެއްކަމުން އަދި ނުއުފެދި އޮތް އެއްޗެއް ކަމަށްވެގެން، މިކަމުގެ ހިތްބަރުކަމާ އެކީގައި އަޅުގަނޑު ޝަކުވާ ބަންނަތާ ދުވަސްކޮޅެއް ވެއްޖެ. މި ރާއްޖޭގައި ހިނގައި މިދިޔަ މުހިންމު ކަންތަކާ ގުޅޭ ހަމަ އެންމެ ފޮތެއްވެސް، އެކަކަށްވެސް ލިޔެވިފައި ނެތުނީތީވެ. ދެން އަޅުގަނޑު އެއްވެސް ހާލެއްގައި ބޭފުޅުން ދެރަކުރާކަށެއް ނޫން. އެކަމަކު އަޅުގަނޑުމެން ދެމީހުންނަށްވެސް، މުޙަންމަދު އެބަ ސާފުކޮށް އެނގޭ، އެ ރޭޑިޔޯ ޕްރޮގްރާމެއްގެ ފަސޭހަކަމާއި، ޓީ.ވީ ޕްރޮގްރާމެއް، ޗެޓް ޝޯއެއްގެ ފަސޭހަކަން. ދެފަރާތުގައި ކެމެރާ ބަހައްޓާފައި، ހަމަ އިށީނދެ ފަށަނީ. އެހެން ނަމަވެސް، ޙަޤީޤީ ފަންނަކީ އަދިވެސް ހަމަ ގަނޑުގައި ޤަލަމުން ލިޔުން. ޙަޤީޤީ ފަންނަކީ ލިޔުންތެރިކަން. ޙަޤީޤީ ފަންނަކީ ފޮތެއް ލިޔުމަށް ކުރެވޭ މަސައްކަތް. އަދި އެ ބޮޑު މަސައްކަތް، ކާމިޔާބުކަމާ އެކީގައި ގެނެސް، ނިންމާލުމުގެ ހިތްވަރު.

2010-06-30

އުންމީދު ނުކުރާފަދަ ދެކަމެއް


އިއްޔެ (29 ޖޫން 2010 ވީ އަންގާރަ) އަކީ ރާއްޖޭގެ ތާރީޚްގައި މުހިންމު ދުވަހެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކުއްލި ނިންމުމެއް ނިންމެވި ދުވަހެކެވެ. އުންމީދު ނުކުރާފަދަ ދެ ނިންމެވުމެއް ނިންމެވި ދުވަހެކެވެ. ފުރަތަމަ ނިންމެވުމަކީ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ހުރިހާ ވަޒީރުން އެއްފަހަރާ އިސްތިއުފާ ދެއްވުމެވެ. މިކަމަށްޓަކައި އޮތް ޚާއްސަ ބައްދަލުވުން އޮތީ އިރުއޮއްސެން ކައިރިވެފައި ހުއްޓާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

ނޫސްވެރިންގެ ހާޒިރުގައި އޮތް މި ބައްދަލުވުން ތައާރަފްކުރެއްވުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކައިގާ ވިދާޅުވީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުލިބޭ ކަމަށާއި ބައެއް މެންބަރުން އަމަލުކުރައްވާ ގޮތުން މުޅި ޤާނޫނުއަސާސީގެ ރޫޙް ގެއްލޭކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވި ކަމަށެވެ. މި ސަރުކާރު އުފެދިފައި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ނިޒާމެއް އެކުލަވާލަން ކަމަށް ވެފައި އެކަން ކުރުމަށް މަޖިލިހުގެ މެމްބަރުން އެކަން ކިލަނބު ނުކުރެއްވުމަށް ރައީސް އެދިވަޑައިގަތެވެ. 

2009-02-06

ވެލިދޫއަށް ސްލިޕްވޭއެއް މުހިންމުތަ؟


މި މަހުގެ 2 ވަނަ ދުވަހު ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވެލިދޫގެ ރައްޔިތުންނަށް މިހާރު އެންމެ މުހިންމު ވެފައިވަނީ ސްލިޕްވޭއެއް ކަމަށް ވިދާޅުވިއެވެ. މިވާހަކަފުޅު މިމޭރުމުން ރައީސް ވިދާޅުވީ މިސާލެއްގެ ގޮތުންނެވެ. ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކާއި އުންމީދުތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން ހާމަކޮށްދެއްވުމުގެ ގޮތުންނެވެ. 
މިފަދަ ނިޔަތެއްގައި ރައީސް ކުރެއްވިކަމެއްގައި ވެލިދޫ އަށް ސްލިޕްވޭ އެއް މުހިންމު ވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށް ވެލިދޫގެ ބައެއް ރައްޔިތުން ބުނެއެވެ. އެފަދަ ފަރާތްތަކުން މިހެންބުނާ އެންމެބޮޑު ސަބަބަކީ މިހާރުވެސް ވެލިދޫގައި ސްލިޕްވޭ އެއް އޮތުމެވެ. ސްލިޕްވޭގެ ޚިދުމަތް އޮޑިވެރިންނަށް ލިބެމުން ދިޔުމެވެ. 

2008-11-05

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް



ކުރިއަށް އޮތް ފަސްއަހަރަށް ރާއްޖޭގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ އަލްފާޟިލް މުޙައްމަދު ނަޝީދަށް 

ވެދުމާއި ސަލާމް މި އަރިސްކުރަނީ މަރުޙަބާގެ ގުލްދަސްތާ ވެދުންކުރަމުންނެވެ. 

މަނިކުފާނެވެ. ރިޔާސީ އިންތިޚާބުގައި މައުމޫން ބަލިކުރައްވައި މަނިކުފާނު ހޯއްދެވި ކާމިޔާބަކީ ދިވެހި އެތައް ރައްޔިތުންނެއްގެ ބުރަމަސައްކަތުގެ ނަތީޖާއެވެ. މައުމޫންގެ ދިގު ވެރިކަން ދެކެ ފޫހިވެފައި ތިބި މީހުންގެ މަސައްކަތެވެ. މައުމޫންގެ ސަރުކާރުން އަނިޔާއާއި ހިތްދަތިކަން ލިބިފައިތިބި މީހުންގެ ހިތްވަރެވެ. އާވެރިޔަކު ދުށުމަށް މަސައްކަތްކުރި މީހުންގެ އުންމީދެވެ. ބަދަލަށްޓަކައި އަޑުއުފުލި އެންމެންގެ ބަދަލެވެ. ﷲ ގެ ހަޟުރަތުގައި ދުޢާ ދެންނެވި އެތައް އަޅުންނެއްގެ ދުޢާ އިޖާބަކުރެއްވުމެވެ.