މިއަދުގެ އިރު އަރައިގެން މިއައީ
ހިތާމަވެރި ޚަބަރަކާއިގެންނެވެ. ރާއްޖޭ ގަޑިން ރޭ މެންދަމުގެ ވަގުތެއްގައި ދެކުނު
އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އަވަހާރަވީއެވެ. އުމުރުފުޅުން 95
އަހަރުގައި މަންޑޭލާ އަވަހާރަވީ ގޭގައި ބާއްވައިގެން އިންޓެންސިވް މެޑިކަލް ކެއާގެ ހިދުމަތް ދެމުން އަންނަނިކޮށެވެ.
މަންޑޭލާ އަވަހާރަވިކަން އިޢުލާން ކުރެއްވީ ދެކުނު އެފްރިކާގެ ރައީސް ޖޭކޮބް ޒޫމާ،
ގައުމީޓީވީ މެދުވެރިކުރައްވާ ދެއްވި ބަޔާނެއްގައެވެ. ބަޔާނުގައި ރައީސް ޖޭކޮބް ޒޫމާ ވިދާޅުވީ
ގެއްލިގެން ދިޔައީ ދެކުނު އެފްރިކާ އުފެއްދި އެންމެ އަގުހުރި ދަރި ކަމަށެވެ. "ނެލްސަން މަންޑޭލާގެ މޮޅު ކަމަކީ އޭނާ އިންސާނަކަށްވީ ސަބަބު. އޭނާގެ ކިބައިން ފެނުނީ
އަހަރެމެން ކޮންމެ މީހެއްގެ ކިބައިގައި
ވެސް ހުންނަން އެދޭ ކަންތައްތައް... ނެލްސަން މަންޑޭލާ ވަނީ އަހަރެމެން އެންމެން
އެކަތިގަނޑަކަށް ހަދައިދީފައި. އޭނާއަށް އެންމެ
ފަހުގެ އިހުތިރާމް އަދާކުރާނީ އަހަރެމެން އެންމެން ގުޅިގެން"
ޒޫމާ ވިދާޅުވި އެވެ
2013-12-06
2013-10-01
ޑރ.އަފްރާޝީމް އަވަހާރަކޮށްލިތާ އެއް އަހަރު، ޤާތިލް ކޮބާ؟
2012
ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެރެއަކީ މުޅި ރާއްޖެއަށް ސިހުން
ގެނުވި ރެއެކެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު
ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީ ވަރަށް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި
ދުވަހެވެ. އެހާދިސާއަށް މިއަދަށް މިވީ އެއް އަހަރެވެ. ރަހުމްކުޑަ އެހާދިސާއަށް
އަހަރު ދުވަސް ފާއިތުވެގެން ދިޔައިރުވެސް، ޑރ.އަފްރާޝީމްގެ ގާތިލަކީ ނުވަތަ
ގާތިލުންނަކީ ކޮބައިކަން ހޯދިފައެއް ނުވެއެވެ.
2013-09-12
އުމުރުން ދުވަސްވީ މީހުންނަށްދޭ އިނާޔަތް ދޭންފެށުނީ ކިހިނެއް؟
އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ 65 އަހަރުން މަތީ މީހުންނަށް
ދައުލަތުންދޭ އިނާޔަތާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ރައީސް
މައުމޫނަށް ތާއީދުކުރާ މީހުން ބުނާގޮތުން އެ އިނާޔަތް ހަމަޖެއްސެވީ ރައީސް
މައުމޫނެވެ. އިނާޔަތް ދެއްވަން ނުފެއްޓެވި އުޅުއްވަނިކޮށް އެމަނިކުފާނުގެ ވެރިކަން
ނިމުމަކަށް އައީ އެވެ. އަނެއްބަޔަކު
ދެކޭގޮތުގައި އެ އިނާޔަތް ދޭންފެށީ އެކަން ކުރުމަށް ލާޒިމްކޮށް ރައްޔިތުންގެ
މަޖިލީހުން ފާސްކުރި ޤާނޫނެއްގެ ސަބަބުންނެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ
ތެރޭގައި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ، އެ އިނާޔަތަކީ ވަކި
މީހަކު ދޭންފެށި އެއްޗެއް ނޫންކަމަށާއި އެކަން އެގޮތަށް ކުރުމަކީ ޤާނޫނުއަސާސީން
ލާޒިމްކުރާ ކަމެއް ކަމަށެވެ. މި ދެންނެވި ތިންގޮތަށް އެކި މީހުންގެ ވާހަކަ
ހުރިނަމަވެސް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ރައީސް ނަޝީދުގެ ސަރުކާރުން
ޚުދު އެމަނިކުފާނު ހަމަޖައްސަވައިދެއްވި އިނާޔަތެކެވެ.
2013-09-07
ރިޔާސީ އިންތިޚާބް، މައުމޫނާ ނުލާ
ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލާއިރު ރިޔާސީ އިންތިޚާބްގެ ވޯޓް
ކަރުދާސްކޮޅުގައި އެއް ނަމެއް އޮވެއެވެ. މއ.ކިނބިގަސްދޮށުގެ އަލްއުސްތާޛު މައުމޫން
އަބްދުލްޤައްޔޫމް ގެ ނަމެވެ. އެނަން ވޯޓް ކަރުދާސްކޮޅަށް އައީ މީގެ ތިރީސް ފަސް
އަހަރު ކުރިންނެވެ. 1978 ވަނަ އަހަރު އެވެ.
1968 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލުކުރަމުން އައި
ޤާނޫނުއަސާސީގައި އޮތްގޮތުން، ކުރިއަށް އޮންނަ ފަސް އަހަރު ދުވަހު ރައީސުލްޖުމްހޫރިއްޔާއަކަށް
ހުންނަވާނެ ބޭފުޅަކު ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެހެންކަމާއެކު،
ކަންކުރަމުން އައި އުސޫލަކީ؛ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ މެންބަރުން،
އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ނަމެއް ލިޔުއްވުމަށްފަހު ފޮއްޓަކަށް
ވައްޓަވާލައްވަނީއެވެ. އެންމެ ގިނަ މެންބަރުން ލިޔުއްވާފައި އޮންނަ ނަމަކަށް،
މަޖިލީހުގެ އަގުލަބިއްޔަތު ލިބުނީ ކަމަށް ބަލައި، އެބޭފުޅަކަށް އެކަން
އަންގަނީއެވެ. ދެން އެބޭފުޅަކު ރައީސުލްޖުމްހޫރިއްޔާކަން ގަބޫލުކުރެއްވިކަން
ރައްޔިތުންގެ މަޖިލީހަށް އެންގެވުމުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން
އެބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބް ކުރަނީއެވެ.
2013-09-06
އަމާނާތަށް ޚިޔާނާތްތެރިވެފައި، ދެން އަމާނާތުގެ ވާހަކަ ނުދައްކަވާށެވެ
މިލިޔުން މިލިޔަނީ އެމްޑީޕީގެ
ކެމްޕޭން ފަހު ޖަލްސާ ބަލައިލަން ރާޅުގަނޑު ސަރަހައްދުގައި ހުރެފައި،
ރައްޓެއްސަކާއެކު ކޮފީއަކަށް އިންސާފްކޮށްލާފައި ގެއަށް އައިސްވަތްއިރު ފެނުނު
ޚަބަރަކާ ގުޅިގެންނެވެ. "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ފަރާތުން
ހދ.ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި، ޑިމޮކްރަސީ ދެމެހެއްޓުމަކީ ރައީސްވަހީދުގެ އަމާނާތެއް ކަމަށް ޚުދު އެމަނިކުފާނު ވިދާޅުވުމުންނެވެ.
ރަނގަޅު ވާހަކަފުޅެކެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ދެމެހެއްޓުމުގެ އަމާނާތް ރައީސް
ނަޝީދު އެކޭ އެއްވަރަށް ޑރ.ވަހީދުއާވެސް ހަވާލުވިއެވެ. އެހެންނަމަވެސް ޑރ.ވަހީދު
ކަންކުރެއްވީ ކިހިނަކުންތޯއެވެ؟ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ގޮތުގައި
ހުންނަވައި، ޤާނޫނުއަސާސީގައި ބުނާ އެއްބާރުލުން ރައީސް ނަޝީދަށް ދެއްވިތޯއެވެ؟
2013-08-18
މީޑިއާއަށް ހުރަސްއަޅާ ވެރިއަކު އިސްކުރުމުގައި އެންމެ އިސްރޯލެއް ކުޅުނީ ޕީޕީއެމް
16
އޮގަސްޓް 2013 ދުވަހުގެރޭ ޓީވީއެމުން ގެނެސްދިން "ސިޔާސަތު"
ޕްރޮގްރާމްގައި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް އާ
ސުވާލުކުރެއްވުމުގައާއި ޓީވީއެމް ސްޓޫޑިއޯގައި ހޭދަކުރެއްވި ވަގުތުގައި އަމަލުކުރީ
ވަރަށް ދަށުދަރަޖައިގެ ގޮތަކަށް ކަމަށް ޖުމްހޫރީޕާޓީގެ ފަރާތުން މީޑިއާގައި
ހާމަކުރިއެވެ. މިކަމަށް ޚާއްސަކޮށް އެޕާޓީން ބޭއްވި ނޫސްކޮންފަރެންސްގައި ޓީވީއެމަށް
ވަރަށްބޮޑަށް ފާޑުކިޔައި އިންޒާރު ދިނެވެ. އަދި ޓީވީއެމްގެ ސިޔާސަތު ޕްރޮގްރާމަށާއި
އެ ޕްރޮގްރާމް ހުށަހަޅައިދިން އައިޝަތު ލީޒާއަށްވެސް ފާޑުކިޔައި ރިޕޯޓެއް ތައްޔާރުކުރިއެވެ.
ވީމީޑިއާއިން އާންމުވެސް ކުރިއެވެ.
މިއީ ރާއްޖޭގެ މީޑިއާ މިހާރު ބައްޓަންވެފައި އޮތްގޮތުން ކޮންމެވެސް ވަރަކަށް
ކަންހިނގަމުންދާ ގޮތެކެވެ. އެއް ޓީވީ ޗެނަލަކުން ކުރާ ކަމަކަށް ނުވަތަ ދައްކާ ޕްރޮގްރާމަކަށް
އަނެއްޓީވީ ޗެނަލަކުން ނުވަތަ ޗެނަލެއް ބޭނުންކޮށްގެން ރައްދު ދިނުމެވެ. ފާޑުކިއުމެވެ.
އަޅުގަނޑު ފާހަގަކޮށްލަން މިއުޅެނީ، ޖުމްހޫރީ ޕާޓީން ނުވަތަ ވީމީޑިއާ އިން
ޓީވީއެމްއަށް ފާޑުކިއީމަ އެވާހަކައެއް ނޫނެވެ. އަޅުގަނޑަށް އަޅައިގަތީ
ޖުމްހޫރީޕާޓީން ކަންކުރިގޮތާ ގުޅޭގޮތުން "މީޑިއާއަށް ހުރަސްއެޅުމުގެ ވިސްނުންގެންގުޅޭ ވެރިއަކު އައުމަކީ ނުރައްކަލެއް" ކަމަށް ބުނުމުންނެވެ. މިއީ ހަތް ގުދު
އޮތް މީހާ، އެއް ގުދު އޮތް މީހާއާ ދިމާއަށް ގުދޯގުދޯ ގޮވުން ކަހަލަ ކަމެކެވެ.
2013-08-14
އިލެކްޝަންސް ކޮމިޝަން، ޕީޕީއެމަށް ކަމުނުދިޔުން
އިއްޔެ (13 އޮގަސްޓް 2013) ޕީޕީއެމުން ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ
ދައްކަވަމުން އެޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު
ދާއިރާގެ މެންބަރު އަޙްމަދު މަހްލޫފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ
މެންބަރުންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުންނަށް އިތުބާރު ނުކުރެއްވޭ
ކަމަށެވެ. ޚާއްސަގޮތެއްގައި ފާހަގަކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި
ނައިބްރައީސް އަޙްމަދު ފަޔާޒް ޙަސަން އާއި މެންބަރު އަލީ މުޙައްމަދު މަނިކު އެވެ.
2013-08-13
އެމްޑީޕީ – އަމާން ބަނދަރަކަށް
ދުވަސްވަރަކީ، 17 އަހަރުން އިސްލާހުކުރި ނޫގާނޫނު އަސާސީގެ ދަށުން ދިވެހި
ދައުލަތް ހިންގަމުން އައި ދުވަސްވަރު. ތިންބާރު މައްސުނިވެ، ހުރިހާ ބާރެއްގެ ފުލް
ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ނަންގަވައިގެން ހުންނެވި ދުވަސްވަރު. ގާނޫނުއަސާސީން
ރައީސަށް ލިބިދީފައިވާ ގިނަގުނަ ބާރުތަކުގެ އިތުރުން، ގާނޫނުއަސާސީން
ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިހުރި ހައްގުތައްވެސް އޮބަހައްޓާފައި އޮތް
ދުވަސްވަރު. މައުމޫން ޢަބްދުލްޤައްޔޫމްގެ ޚުދުމުޚްތާރު، އަނިޔާވެރި ވެރިކަމުގެ
ޞަފްހާތައް އުކެމުން އައި ދުވަސްވަރު...
2013-08-12
ފެނުނު މަންޒަރު – 12 އޮގަސްޓް 2013
މިއަދު މާލޭ، އަމީނީމަގުން ފެނުނު މަންޒަރަކީ، ހ.ޖަވާހިރު އައްސޭރީ ގައި
ބަހައްޓާފައިހުރި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ބިޔަ ފޮޓޯއަކަށް ކުއްޖަކު
ގާއުކާ މަންޒަރެވެ. ޓީންއޭޖްގެ އަހަރުތައް ނިމުމަކަ ހަމައަށް އައިސްފައިވާނެ
ކަމަށް ބެލެވޭ އެކުއްޖާއަކީ މުޅިއަކުން ބުއްދި ހަމަޖެހޭ ކުއްޖެއް ކަމަކަށްވެސް
ނުބެލެވެއެވެ. އޭނާ ހުރީ ބެކްޕެކެއް އަޅުވައިގެންނެވެ. އާންމުކޮށް އަތުގައި
ގެންގުޅޭވަރުގެ ދިވެހިރާއްޖޭގެ ގައުމީ ދިދައެއް އޭނާގެ އަތުގައި އޮތެވެ. އެ ދިދަ
މައިކެއްގެ ގޮތުގައި ބޭނުންކޮށްގެން އަޑުހަރުކޮށް އޭނާ ކިޔަމުންދިޔައީ "މަ
ޗިސް ޗިސް ކޮށްލިޔަސް، މަ ފިސް ފިސް ކޮށްލިޔަސް ނެތޭ ވެވޭކަށް ބާގީއަކަށް" މިހެންނެވެ.
"ބާގީއަކަށް" ގޮވާ ކޮންމެ ފަހަރަކުމެ އޭނާގެ އިނގިލިން އިޝާރާތްކުރަނީ
މައްޗަށް ހިއްލާފައިހުރި ޑރ.ވަހީދުގެ ކެމްޕޭން ފޮޓޯއަށެވެ. އަދި އެހެން ކިޔާ
ނިންމާ ކޮންމެފަހަރަކުމެ ގާބުރިއަކުން އެފޮޓޯގައި ޖަހައެވެ. އެވަގުތު އެސަރަހައްދުން ދިޔަ ގިނަ ބަޔަކު
އެމަންޒަރުބަލަން ތިއްބެވެ. ފަސްވަރަކަށް މިނިޓް ވަންދެން އޭނާ އެހެން އުޅެލާފައި
ހިނގައްޖެއެވެ.
2013-07-28
ކެންޑިޑޭޓް ނަންބަރު ތަރުތީބު ކުރުމުގައި އިއްތިފާގެއް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެންޑިޑޭޓު
ނަންބަރު ތަރުތީބުކުރުން އޮތީ މިއަދު އެވެ. މި އަދު އިލެކްޝަންސް ކޮމިޝަންގައި
ބޭއްވި ގުރުއަތުލުމުން، ކެންޑިޑޭޓް ނަންބަރު 1 ލިބިވަޑައިގަތީ ޖުމްހޫރީ ކޯލިޝަންގެ
ކެންޑިޑޭޓް ގާސިމް އިބްރާހީމަށެވެ. 2 ލިބިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ
ކަމުގައި ހުންނަވައި އަމިއްލަ ގޮތުން ވާދަކުރައްވާ މުޙައްމަދު ވަހީދު ހަސަން
މަނިކަށެވެ. 3 ލިބިވަޑައިގަތީ ޕީޕީއެމްގެ އަބްދުﷲ ޔާމީނަށެވެ. 4 ލިބިވަޑައިގަތީ އެމްޑީޕީގެ
މުޙައްމަދު ނަޝީދަށެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ އަޅާކިޔާއިރު ކެންޑިޑޭޓް ނަންބަރު
ތަރުތީބު ވުމުގައި އެއްގޮތް ކަމެއް އެބަހުއްޓެވެ. އެފަހަރުގެ އިންތިޚާބްގައި
ވާދަކުރެއްވި އަދި މިފަހަރުގެ އިންތިޚާބުގައިވެސް ވާދަކުރައްވާ ދެ
ކެންޑިޑޭޓުންނަކީ ގާސިމް އިބްރާހީމާއި މުޙައްމަދު ނަޝީދެވެ. އެ ދެބޭފުޅުންނަށްވެސް
ލިބިވަޑައިގަތީ ހަމަ ކުރީ ފަހަރުވެސް ލިބިވަޑައިގަތް ނަންބަރެވެ. 2008 ވަނަ
އަހަރުގެ އިންތިޚާބްގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 1 އެވެ.
ނަޝީދަށް 4 އެވެ.
2013-07-26
މިނިވަން ދުވަސް – އަޅުވެތި ކަމުގެ އިހްސާސް
މިއަދަކީ ރާއްޖޭގެ 48 ވަނަ
މިނިވަން ދުވަހެވެ. މިނިވަން ދުވަހުގެ ޚާއްސަ ރަސްމިއްޔާތު އޮތީ ޖުމްހޫރީ
މައިދާނުގައެވެ. މީޑިއާ ކައުންސިލްގެ މެންބަރެއްގެ ހައިސިއްޔަތުން، އެ
ރަސްމިއްޔާތަށް އަޅުގަނޑަށްވެސް ދައުވަތު ލިބިފައި އޮތެވެ. އެހެންނަމަވެސް އެފަދަ
ރަސްމީ ހަފުލާއަކަށްވުރެ ބޮޑަށް އަޅުގަނޑަށް ޝައުގުވެރިވެވުނީ ރާއްޖެޓީވީގެ
ފަރާތުން އިންތިޒާމުކުރި "ދެފިޔަވަޅު ފަހަތަށް" މައުރަޒަށެވެ.
ނޭޝަނަލް އާޓް ގެލެރީގައި 9:30
ގައި ފަށަން ހަމަޖެހިފައި އޮތް އެ ހަފްލާއަށް ދިޔައީ އަޅުގަނޑުގެ ގާތް
ރަހްމަތްތެރިއެއް ކަމަށްވާ މައުރޫފް ޚަލީލް (މާޕު) އާ އެކުއެވެ. މެދުޒިޔާރަތްމަގާއި
ނޫރާނީގޯޅި ގުޅުނު ހިސާބުން އޮތީ ފުލުހުން ކޯޑްން ކޮށްފައެވެ. ސައިކަލު
ޕާކްކޮށްފައި ގޮސް އާޓް ގެލެރީއަށް ދާން ކަމަށް ބުނުމުން ފުލުހުން ބުނީ އާޓް
ގެލެރީގައި ބާއްވާގޮތަށް އޮތް އިވެންޓް ކެންސަލްކޮށްފި ކަމަށާއި އެސަރަހަށްދަށް
ނުވަދެވޭނެ ކަމަށެވެ. އެކަމަކު އެހެން ދިމަދިމާލުން އޭރުވެސް އާޓް ގެލެރީ
ކައިރިއަށް މީހުން ދެއެވެ. އަދި އެސަރަހައްދުގައި ހުރި ރައްޓެއްސަކަށް ގުޅުމުން
އެތަނުގައި ބައިވަރު މީހުން އެބަ ތިބިކަމަށް ބުންޏެވެ. އެވާހަކަ އެގޮތަށް
ބުނުމުންވެސް މިދެންނެވި ފުލުހުން ބުނީ ހަމަ ކުރިންވެސް ބުނި ގޮތަށެވެ.
2013-05-09
މައުމޫންގެ ފިކުރަކީ މާޒީވެފައިވާ ފިކުރެއް
މިލިޔުން ލިޔެލާ ހިތްމިވީ ދެންމެއަކު (9 މެއި 2013
ދުވަހުވީ ބުރާސްފަތި ދުވަހުގެ ގާތްގަނޑަކަށް ހަވީރު 16:50 ހާއިރު) ހަވީރު ނޫސް
ބަލައިލިއިރު، އެނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ސަބަބުންނެވެ. ރައްޔިތުންގެ
މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު
ވިދާޅުވި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެކެވެ.
ނިހާން މިހާރު ހުންނެވި ޕްރޮގްރެސިވް ޕާޓީ އޮފް
މޯލްޑިވްސް (ޕީޕީއެމް) ދޫކުރައްވައި އެހެން ޕާޓީއަކާ އޭނާ ގުޅިވަޑައިގަންނަވަން
އުޅުއްވާ ކަމަށް ފެތުރޭ ވާހަކަތަކާ ގުޅިގެން
ވިދާޅުވެފައިވަނީ، ބަޔަކު ގަބޫލުކުރިޔަސް އަދި ނުކުރިޔަސް ރާއްޖެ އިން މިހާރު ފެންނަން އޮތީ މައުމޫންގެ 30 އަހަރުގެ
ތަރައްގީ ކަމަށެވެ. އަދި ޒުވާނުންނަށް
ފުރުސަތު ހޯއްދަވައި ދެއްވައި ޑިމޮކްރެސީގެ މަގު ހުޅުވައި ދެއްވީ މައުމޫން ކަމަށެވެ.
ތިރީސް އަހަރުގެ ތަރައްގީގެ ވާހަކަ ދައްކާއިރު
އެތަރައްގީ އައިސްފައިވަނީ "ފިނިހަކަ ސްޕީޑް" ގައެވެ. އެ ސްޕީޑުން
ނެއްޓި ކިރިޔާވެސް ހަލުއި ސްޕީޑަކަށް ދާނީ ރިޔާސީ އިންތިޚާބް ކައިރިވާ ދުވަސް
ވަރުއެވެ. އިމާރާތްތަކުގެ ބިންގާ އެޅުމާއި ކޮންނަންޖެހޭ ފަޅުތަކުގައި ކަޑަޖެހުމާއި
އެވެނި ކަމެއް، މިވެނި ކަމެއް ކޮށްދޭނަމޭ ބުނެ ވައުދުވުމާ މިކަންކަމަކީ
އިންތިޚާބްތަކާ ގުޅުވައިގެން ހިންގާ ކަންކަމެވެ. މާބޮޑު ތައްޔާރީތަކެއް ނުވެމެ،
ހަމައެކަނި ކަންދެއްކުމަށް ކުރާ ކަންކަމެވެ. ހެޔޮނިޔަތުގައި އިޚްލާޞްތެރިކަމާއެކު
ރައްޔިތުންގެ ލާބައާއި މަންފާއަށް މައުމޫން މަސައްކަތް ކުރެއްވިނަމަ، އެއަށްވުރެ
މާ ފާގަތި ދިރިއުޅުމެއް ދިވެހީން އުޅުނީހެވެ. އެއަށްވުރެ މާ ފުދުންތެރި
ދިވެހިރާއްޖެއެއް ދުނިޔެއަށް ފެނުނީހެވެ.
2012-05-03
ނޭޝަނަލް އިންކުއަރީ ކޮމިޝަން ކަމުނުދަނީ ކީއްވެ؟
- އިސްމާޢީލް ޝަފީޢުއަކީ، ރައީސް މައުމޫންގެ
ޕަޕެޓެއް: އިލްޔާސް ހުސައިން އިބްރާހީމް
2012 ފެބްރުއަރީ 7 ވަނަ ދުވަހު، ހިންގި
ބަޣާވާތަށްފަހު، ބަޣާވާތުގެ ބައިވެރިން އެކުލަވައިލި ނެޝަނަލް އިންކުއަރީ
ކޮމިޝަނަކީ އެއްވެސް އިތުބާރެއް ނެތް ކޮމިޝަނަކަށް މިއަދު މިވަނީ ވެފައެވެ. އެ
ކޮމިޝަނަށް އިތުބާރު ނުކުރަނީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނެވެ. ކޮމިޝަން
ބަދަލުކުރުމަށް، ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕުން (ސީމެގް) ވެސް،
ވަނީ ގޮވައިލާފައެވެ. ސީމެގްގެ ރިޕޯޓްގައި ގޮވައިލާފައިވަނީ ރައްޔިތުންގެ އިތުބާރު
ލިބޭ ފަދަ ކޮމިޝަނެއް ގާއިމް ކުރުމަށެވެ.
2012
ޖެނުއަރީ 14 އިން 8 ފެބްރުއަރީއާ ހަމައަށް ރާއްޖޭގައި ހިނގައިދިޔަ ކަންތައްތައް "މިނިވަންކަމާއެކު"
ތަހުޤީގުކުރުމަށް އުފެއްދި ކޮމިޝަންގައި ހިމެނެނީ 3 މެންބަރުންނެވެ. އެ
މެންބަރުންނަކީ އިސްމާޢީލް ޝަފީޢު އާއި ޑރ.އިބްރާހީމް ޔާސިރު އާއި ޑރ.އަލީ ފަވާޒެވެ.
މި 3 މެންބަރުންނާމެދު ރައްޔިތުން އިތުބާރު ނުކުރުމުގެ ސަބަބުތަކެއް އެބަހުއްޓެވެ.
ޚާއްސަގޮތެއްގައި ކޮމިޝަންގެ ރައީސް އިސްމާޢީލް ޝަފީޢުއާ ގުޅޭގޮތުންނެވެ.
2012-02-09
ފެބްރުއަރީ އަށެއް – އެންމެ އަނިޔާވެރި ދުވަސް
ނައިބްރައީސް ޑރ.މުޙައްމަދު ވަހީދު ޙަސަންމަނިކުއާ
އިދިކޮޅު ފަރާތްތައް ގުޅިގެން، ބަގާވާތް ކޮށް ވެރިކަން ބަދަލުކުރުމަށްފަހު
ޖެހިގެން މި އައި ފެބްރުއަރީ 8 ވަނަ ދުވަސް ވެގެން މިދިޔައީ ލޭއޮހޮރުވުމުގެ
ދުވަހަކަށެވެ. ސިޔާސީ އެއްވުންތައް ރޫޅައިލުމުގައި ފުލުހުން ބާރުގެ ބޭނުން
ކުރުމަކީ އާންމު ކަމެކެވެ. ޕެޕަސްޕްރޭ ޖެހުންވެސް މެއެވެ. އެހެންނަމަވެސް އެއްވެސް
ހަމައެއް ލަމައެއްނެތި، މުޒާހަރާގައި ބައިވެރިވި މީހުންނަށް ގަސްތުގައި އަނިޔާ
ދިނުމަށް ފުލުހުން ވަނީ ލާއިންސާނީ އަމަލުތަކެއް ހިންގާފައެވެ.
2012-02-07
ފުލުހުންނާއި ސިފައިން ގުޅިގެން ސަރުކާރު ވައްޓާލުން
މިއަދު (7 ފެބްރުއަރީ 2012) ހެނދުނު
ހޭލެވުނީ އަންހެނުން ގޮވާތީއެވެ. ހޭލެވިފައިވެސް އޮވެވުނީ ވިސްނާށެވެ. އޭރު
ފެންނަމުންދިޔަ ހުވަފެނާ ދޭތެރޭގައެވެ. އަންހެނުން ބުންޏެވެ. "ވަރަށްގިނަ
ފުލުހުން އެބައުޅޭ ޖުމްހޫރީ މައިދާނަށް ޖަމާވެގެން، ރައީސްވެސް އެމީހުންނާ އެބަ ބައްދަލުކުރައްވާ."
އަންހެނުންގެ ވާހަކައިން އަހަންނަށް ލިބުނީ ސިހުމެކެވެ. ހަމައެކަނި އެ ޚަބަރުގެ
ސަބަބުންނެއް ނޫނެވެ. ކުޑައިރުކޮޅެއް ކުރިން ފެނުނު ހުވަފެނާއި ގައުމަށް
މެދުވެރިވެފައިއޮތް ހާލަތާ ގުޅުން ބޮޑުވީމައެވެ. ހުވަފެނުގައި ފެނުނީ ރައީސް
ނަޝީދު، ކުއްލި ނޫސްކޮންފަރެންސެއް ދެއްވާތަނެވެ. އެމަންޒަރު އަޅުގަނޑަށް ފެންނަނީ
ޓީވީންނެވެ. ގިނަ އަދަދެއްގެ ނޫސްވެރިން އެތަނަށް އެއްވެފައިއޮތެވެ. ލައިވްކުރާ
ޗެނަލުގެ ކެމެރާ ތެޅޭކަންވެސް މަންޒަރުތަކުން އެނގެއެވެ. އަޑުވެސް އަންނަނީ ކެނޑިކެނޑިގެންނެވެ.
ކޮންމެއަކަސް އެ ހުވަފެނުގެ ޚުލާޞާއަކީ ކުއްލިއަކަށް ދިމާވެގެންއުޅޭ ބޮޑު ކަމަކާ
ގުޅޭގޮތުން ރައީސް ނަޝީދު މީޑިއާއަށް މައުލޫމާތު ދެއްވުމެވެ.
Subscribe to:
Posts (Atom)






