އުމުރުން ދުވަސްވީ މީހުންނަށް ނުވަތަ 65 އަހަރުން މަތީ މީހުންނަށް
ދައުލަތުންދޭ އިނާޔަތާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެއެވެ. ރައީސް
މައުމޫނަށް ތާއީދުކުރާ މީހުން ބުނާގޮތުން އެ އިނާޔަތް ހަމަޖެއްސެވީ ރައީސް
މައުމޫނެވެ. އިނާޔަތް ދެއްވަން ނުފެއްޓެވި އުޅުއްވަނިކޮށް އެމަނިކުފާނުގެ ވެރިކަން
ނިމުމަކަށް އައީ އެވެ. އަނެއްބަޔަކު
ދެކޭގޮތުގައި އެ އިނާޔަތް ދޭންފެށީ އެކަން ކުރުމަށް ލާޒިމްކޮށް ރައްޔިތުންގެ
މަޖިލީހުން ފާސްކުރި ޤާނޫނެއްގެ ސަބަބުންނެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ
ތެރޭގައި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވީ، އެ އިނާޔަތަކީ ވަކި
މީހަކު ދޭންފެށި އެއްޗެއް ނޫންކަމަށާއި އެކަން އެގޮތަށް ކުރުމަކީ ޤާނޫނުއަސާސީން
ލާޒިމްކުރާ ކަމެއް ކަމަށެވެ. މި ދެންނެވި ތިންގޮތަށް އެކި މީހުންގެ ވާހަކަ
ހުރިނަމަވެސް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ރައީސް ނަޝީދުގެ ސަރުކާރުން
ޚުދު އެމަނިކުފާނު ހަމަޖައްސަވައިދެއްވި އިނާޔަތެކެވެ.