ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން
ކޮމިޝަނަރ އޮފް އިލެކްޝަންއަށް މީގެ އަހަރެއްހާ ދުވަސް ކުރިން ފޮނުވާފައިވާ
ސިޓީއެއް ވަނީ ދާދިފަހަކުން ލީކު ވެފައެވެ. މި ސިޓީގައި ޕޮލިސް ކޮމިޝަނަރ
އާދަމް ޒާހިރު، ސަމާލުކަމަށް ގެންނަވާފައިވަނީ އެމްޑީޕީ އާއި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް
ޕާޓީއާ ގުޅިގެން ރަސްމީ ގޮތުން މަސައްކަތްތަކެއް ފެށި ވާހަކައެވެ. މިވާހަކަ ތަކުގެ
އަސްލަކަށް ބައްލަވާފައިވަނީ އެމްޑީޕީގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެކެވެ. އެމްޑީޕީން
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުނު ނޫސްބަޔާނަކާ ގުޅިގެން، މިދިޔަ އަހަރުގެ
ފެބްރުއަރީ 18 ގައި އާދަމް ޒާހިރު ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައި
ވިދާޅުވެފައި ވަނީ "އެމްޑީޕީން ހިންގުމަށް ރާވަމުންދާ އަމަލަކީ ބޭރު
ބައެއްގެ އަތްމައްޗަށް މި ލޮބުވެތި އަމާން ދިވެހިރާއްޖޭގެ މުސްތަގިއްލުކަން ހިނގައިދާނެފަދަ
އަމަލެއް ކަމަށް މި ސާވިސް އިން ދެކެމެވެ." މިފަދައިންނެވެ.
2008-01-04
2007-12-28
ދެޕާޓީ އެއްމޭޒު ދޮށުގައި: މަންޒަރު ރީތި ނަމަވެސް ނަތީޖާ ސުމެއް
ސިޔާސީ ޕާޓީ ހިންގަން ފުރުސަތު
ލިބުމާއެކު ފުރަތަމަ ރަޖިސްޓްރީ ކުރި ދެ ޕާޓީ، އެމްޑީޕީއާއި ޑީއާރުޕީގެ މެދުގައި
ބޮޑު ވާދަވެރިކަމެއް އުފެދުނެވެ. ސަރުކާރުގެ ހިންގެވުމުގައި އިސްކޮށްތިއްބެވި
ބޭފުޅުން ނިސްބަތްވާ ޕާޓީ އަކީ ސަރުކާރު ހިންގާ ޕާޓީއަށް ވިއެވެ. ސަރުކާރުގެ
ސިޔާސަތުތަކަށް ފާޑުކިޔައި ސަރުކާރާ ދެކޮޅަށް ހަރަކާތްތައް ހިންގާ އެމްޑީޕީ އަކީ
އިދިކޮޅު ޕާޓީގެ ގޮތުގައި ނިސްބަތްކުރެވުނެވެ. ދެޕާޓީގެ ދެމެދުގައި ދެވެމުންދިޔަ
ބަހުގެ ހަމަލާތަކާއި ކުރެވެމުންދިޔަ ކަންތައްތަކުގެ ހިޔަނި ގާނޫނުއަސާސީ
އިސްލާހުކުރުމުގެ މަސައްކަތަށް އޮތީ އެޅިފައެވެ.
ޤާނޫނުއަސާސީގެ މަސައްކަތް
ލަސްކުރަނީ ޑީއާރުޕީން ކަމަށް އިދިކޮޅުފަރާތްތަކުން ބުނަމުންދިޔައެވެ. ސަބަބަކީ،
ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގެ އަގުލަބިއްޔަތު ޑީއާރުޕީއަށް އޮތުމެވެ.
އެހެނަސް ސާރުކާރާއި ޑީއާރުޕީން ބުނަމުންދިޔައީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ
މަސައްކަތަށް ހުރަސްއަޅައި އެމަސައްކަތް ލަސްކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން
ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީން ކަމަށެވެ.
2007-11-02
ދިވެހި ސިވިލްސާވިސް ކޮމިޝަން
ދިވެހި ސިވިލްސާވިސް ކޮމިޝަންގެ
ބިލް، 27 އޮކްޓޯބަރު 2005 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާއަށް ހުށަހެޅިއެވެ. ބ.އަތޮޅު މެންބަރު އަޙްމަދު ތަސްމީން ޢަލީ އާއި ސ.އަތޮޅު
މެންބަރު އިބްރާޙީމް ޝަރީފްގެ ތާއީދާއެކު މިބިލް ހުށަހެޅުއްވީ މ.އަތޮޅު މެންބަރު
އަޙްމަދު ނާޒިމެވެ.
މި ބިލް ފާސްކުރެއްވީ، ބިލް
ހުށަހެޅުއްވިތާ 524 ދުވަސްފަހުން، 4 އެޕްރީލް 2007 ވީ ބުދަ ދުވަހުއެވެ.
އެދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާއަށް
ހާޒިރުވެވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ.
2007-10-30
ރިފޯމާ ބީރައްޓެހި ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރު
ރައީސް މައުމޫންގެ ވެރިކަން ދިގުލައި،
ރައްޔިތުންގެ ގިނަބަޔަކު އެވެރިކަމުގެ މަތިން ފޫހިވެ، މައުމޫން އިސްތިއުފާއަށް ގޮވަން
ފެށުމާއެކު ހެއްދެވިގޮތަކީ ތައުލީމީ ޒުވާން ބޭފުޅުންކޮޅެއް ކެބިނެޓަށް ގެންނެވުމެވެ.
އިސްލާހީ އެޖެންޑާއާއި މަގުޗާޓުގެ ނަން ގިނައިން ވިދާޅުވާން ފެއްޓެވުމެވެ. ހަމައެޔާއެކު
ޒުވާން ކެބިނެޓް ވަޒީރުން މައުމޫން ދިފާއުކުރެއްވުމަށްޓަކައި ކުރިއަށް ނެރުއްވުމެވެ.
މައުމޫންގެ ސިފަ ރީތިކުރައްވައި އޭނާގެ
ގާބިލްކަމާއި މޮޅުކަމާއި އިޚްލާސްތެރިކަމުގެ ވާހަކަދެއްކެވުމުގައި
އިސްރޯލެއް އަދާކުރެއްވި ބައެއް ވަޒީރުން ''މިއީ ވާވަރުކަމެއް ނޫނޭ ހީވުމުން''
މައުމޫން ދޫކުރައްވައި ހިނގައްޖެއެވެ. އެޔާއެކު ގެނެވުނު ބަދަލުތަކުގައި ރިފޯމް މިނިސްޓަރާއި
ރިފޯމް ކޮމިޝަނަރު ކަނޑައެޅުއްވިއެވެ. ރިފޯމް މިނިސްޓަރުގެ ގޮތުގައި ހަމަޖެއްސެވީ
މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުގައި ހުންނެވި އަލްއުސްތާޛު
މުހައްމަދު ނަޝީދު އެވެ. ރިފޯމް ކޮމިޝަނަރަކަށް ހަމަޖެއްސެވީ އެޓާނީޖެނެރަލް އޮފީހުގައި
މަސައްކަތް ކުރައްވަމުންގެންދެވި މުހައްމަދު އަނިލް އެވެ.
2007-10-04
ނަފްސު އިސްލާހުކުރުމުގެ އެޖެންޑާ
މިފަހަކަށް އައިސް އެންމެ ގިނައިން
އިވޭ އަޑަކީ އިސްލާހުގެ އަޑެވެ. އެންމެ ގިނައިން އިވޭ ވާހަކައަކީ ހެޔޮ ބަދަލުގެ
ވާހަކައެވެ. ކަންކަން އިސްލާހުކުރުމަށްޓަކައި މުރާޖަޢާ ކުރުމާއި މަޝްވަރާކުރުމުގެ
ފޯވަހި މިއޮތީ އައިސްފައެވެ. މިފޯވަހީގައި އިސްލާހީ މަޝްވަރާ ތަކާއި ބައްދަލުވުންތައް
ދަނީ ބޭއްވެމުންނެވެ. ކަންކަމާމެދު ޚިޔާލުފާޅުކޮށް ފާޑުކިޔުމުގެ ދޮރުތައް ދަނީ ހުޅުވެމުންނެވެ.
އިސްލާހީ ބަދަލުތަކަށް އެދުންވާ މީހުންގެ އުންމީދުތައް ދަނީ ހާސިލްވަމުންނެވެ. މިހެންގޮސް
ހުރިހާ ކަމަކަށްވެސް އިސްލާހު އަތުވެދާނެއެވެ. މުޅި ގައުމު އިސްލާހު ކުރެވިވެސް ދާނެއެވެ.
ސިޔާސީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުތައް ގެނެވިދާނެއެވެ. ރައީސް
މައުމޫންގެ އިސްލާހީ އެޖެންޑާ އާއި އެއްގޮތަށް ގައުމުގެ ސިޔާސަތު ބައްޓަން ކުރެވި އެސިސްޓަމް
ގާއިމް ކުރެވިވެސް ދާނެއެވެ.
އެކަމަކު އެފަދަ އެޖެންޑާއަކުން،
ނުވަތަ އިސްލާހީ ބަދަލަކުންވެސް ބަދަލު ނުވާނެ ކަމަކީ ތިމާގެ އަމިއްލަ ނަފުސު ގެ
ބަދަލުވުމެވެ. ކޮންމެ ބަދަލެއްވެސް ގެނެވެނީ ރައްޔިތުންނަށް ޓަކައެވެ. އެތަނެއްގައި
ދިރިއުޅެމުންދާ ބަޔަކަށްޓަކައެވެ. އެއީ ގާނޫނާއި ގަވާއިދެއްނަމަ އެއަށް
އަމަލުކުރަން ތިބޭނީ އެތަނެއްގައި އުޅޭ ބައެކެވެ. އެއީ އެތަނަކަށް
އިގްތިޞާދީގޮތުން އަންނަ ފުދުންތެރިކަމެއްނަމަ އެފުދުންތެރިކަމުގެ ފައިދާއެއް
ލިބޭނީވެސް ހަމަ އެރައްޔިތުންނަށެވެ.
2007-08-09
ދެ ވަޒީރުންގެ ކުއްލި އިސްތިއުފާ
އެޓާނީ ޖެނެރަލް ޑރ.ހަސަން ސައީދާއި ޖަސްޓިސް މިނިސްޓަރު
މުޙައްމަދު ޖަމީލް އަޙުމަދު، ކުއްލިގޮތަކަށް
ސަރުކާރުން އިސްތިއުފާ ދެއްވީ 5 އޮގަސްޓް 2007 ވީ އާދީއްތަދުވަހުއެވެ.
އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމަށްފަހު، އެދުވަހުގެ މެންދުރުފަހު ދެބޭފުޅުން
އެކުގައި ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ.
ދަރުބާރުގޭގައި، ގިނަ އަދަދެއްގެ އާންމުންނާއެކު އޮތް މި
ނޫސްކޮންފަރެންސްގައި އެދެބޭފުޅުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން
ވާހަކަދެއްކެވިއެވެ. "އަޅުގަނޑުމެން މިއަދު މި އިސްތިއުފާ މިދިނީ ކޮންމެހެން މިއަދު،
އިއްޔެގެ ނުވަތަ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ކުރީގައި ހިނގާދިޔަ ކަމަކާ ގުޅިގެނެއް
ނޫން. އަޅުގަނޑުމެން އިސްތިއުފާ ދިނީ ތަފާތު އެކި ސަބަބުތަކާ ހުރެ، ހައްލުކުރަން ވަރަށް
ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، އެއަށް އެކަށީގެންވާ ހައްލު ނުގެނެވުމުން،"
ޑރ.ހަސަން ވިދާޅުވިއެވެ.
2007-08-05
ހަވީރު ބަހުސް – ތާރީޚީ ބަހުސެއް
ވެރިކަމުގެ ނިޒާމާމެދު ގޮތެއް
ނިންމުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ
އެކަށީގެންވަނީ ރިޔާސީ ނިޒާމުތޯ ނޫނީ ބަރުލަމާނީ ނިޒާމްތޯ ކަނޑައެޅުން އޮތީ
ރައްޔިތުން ދޭ ވޯޓަކުންނެވެ. އެހެންކަމާއެކު، މައި ދެޕާޓީންވެސް ގެންދިޔައީ
އެބަޔަކަށް ކަމުދާ ނިޒާމަކަށް ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް
ކުރަމުންނެވެ. ޑީއާރުޕީން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ. އެމްޑީޕީން ތާއީދުކުރީ
ބަރުލަމާނީ ނިޒާމަށެވެ.
ކެމްޕޭން ފޯރި ވަރަށް ގަދަވެފައި
ވަނިކޮށް ހަވީރު ނޫހުން ބަހުސެއް އިންތިޒާމްކުރިއެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ
ނިޒާމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށެވެ. ދެނިޒާމުގެ ތެރެއިން
ރައްޔިތުންނަށް އެންމެ ފައިދާހުރީ ކޮން ނިޒާމެއްކަން ސާފުކޮށްދިނުމަށް ބޭއްވި މި ބަހުސް
އޮތީ 4 އޮގަސްޓް 2007 ވީ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި
މާލަމްގައެވެ.
2007-06-27
ރައީސް މައުމޫންގެ ނަޒަރުގައި ވަޒީރުންނަކީ ރާޒުވާ ކުޅިބައެއް؟
ރާއްޖޭގެ ވެރިކަމުގައި ރައީސް މައުމޫން
28 އަހަރު ހޭދަކުރެއްވި އިރު، އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލެއްވުމުގައި ތަފާތު އުކުޅުތަކާއި
ހިކުމަތްތައް ބޭނުން ކުރައްވާފައި ވެއެވެ. 1978 ވަނަ އަހަރު ވެރިކަމާ
ހަވާލުވެވަޑައިގަންނަވާ ވަޒީރުކަމުގެ މަގާމަށް ގެންނެވީ އާއިލީ ބޭފުޅުންނާއި 'މިސްރު
މޭޓުން' ނެވެ. އެބޭފުޅުންނަށް ނުފޫޒާއި ބާރު ލިބި އެތައް މަގާމެއް ފުރުއްވި ފަހުން މުސްކުޅި
ކުރައްވައި 'އެޑްވައިޒަރުން' ގެ ލަގަބު ދެއްވީ ރައީސް މައުމޫންގެ ވެރިކަމާ
ދެކޮޅަށް ފައުޅުގައި ނުކުމެ ރައްޔިތުންގެ އަޑު އުފުލަން
ފެށުމުންނެވެ. އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، އަބްދުﷲ ހަމީދު މުސްކުޅި
ކުރައްވައި ގެއަށް ފޮނުވާލެއްވިއިރުވެސް، އެބޭފުޅާގެ ތުއްތޮންބޭ ހުންނެވީ
ހަމަ ރައީސް ކަމުގައެވެ.
މައުމޫން ރައީސް ކަމުގައި
ހުންނެވުމަށްޓަކައި ކެބިނެޓަށް އެގެންނަވާ ބަދަލުތަކަކީ ފާހަގަ ކުރުން ވަރަށް
އެކަށޭނަ އަދި އެހާމެ ހެއްވާ ބަދަލު ތަކެކެވެ. ވަޒީރެއްގެ ފަރާތްޕުޅުން ނުވަތަ ވުޒާރާއަކުން
ރައްޔިތުންނަށް ދޭންވާ ޚިދުމަތް އެކަށޭނަ ގޮތުގައި ރައްޔިތުންނަށްދީ އެދާއިރާއެއް ހަރުދަނާ
ކަމާއި ޝައުގުވެރިކަމާއެކު ހިންގަވާނެ ވަޒީރެއް އައްޔަން ކުރެއްވުމުގެ ބަދަލުގައި މައުމޫން
ޚިޔާރު ކުރައްވަނީ ވަގުތު ނަގާލުމާއި ދިރާސާ ކުރުމާއި އަޖުމަ ބަލައިލުމުގެ
ވަޒީރެކެވެ. މިފަދަ ވަޒީރުން އައްޔަނު ކުރެއްވުމުގެ ބޭނުމަކީ
ރައްޔިތުންނަށް ތަފާތު މޫނެއް ދެއްކެވުމެވެ. މައުމޫންގެ
ސަރުކާރުން އެހެން މޫނެއް، އާވާހަކަ ތަކަކާއެކު ރައްޔިތުންނާ ހަމައަށް ފޮނުއްވުން އެއީ
ރައްޔިތުންނަށް އާ އުންމީދު ތަކެއް ދިނުމެވެ. ކުރިން އެވުޒާރާއެއްގައި ހުންނެވި
ވަޒީރު
ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދު އަދާނުކުރައްވައި ވަނިކޮށް އެވައުދު
އެއަށްވުރެވެސް މޮޅަށް އާކުރެއްވުމެވެ. ކުރުގޮތަކަށް ދަންނަވާނަމަ
މައުމޫން ކެބިނެޓަށް ގެންނަވާ ބަދަލުތަކަކީ ރައްޔިތުންގެ ލޮލުގައި އަނދުން
އެޅުއްވުމަށް ކުރައްވާ ކަމެކެވެ. ރާޒުވާ ކުޅޭއިރު ކުޅިބައި ބަދަލު ކޮށްލާ
ފަދަ ގޮތަކަށް ކުރައްވާ ކަމެކެވެ.
2007-05-06
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރިއިރު ދިވެހި ނޫސްވެރިން އަޅުވެތިކަމުގައި
ބައިނަލް އަގްވާމީ ނޫސްވެރިކަމުގެ
މިނިވަންކަމުގެ ދުވަސް މި މަހުގެ 3 ވަނަ ދުވަހު ސަރަހައްދީ ފެންވަރުގައި
ފާހަގަކުރީ ދިވެހިރާއްޖޭގައެވެ. މިއީ
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރި ފުރަތަމަ ފަހަރެވެ.
ސަރަހައްދީ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް
ފާހަގަކުރިއިރު ދިވެހި ނޫސްވެރިން އަދިވެސް ތިބީ އަޅުވެތިކަމުގައެވެ.
ނޫސްވެރިކަން އޮތް ހާލަތު
ނޫސްވެރިންވެސް މާނަކުރަނީ އެކި ނޫސްވެރިން އެކި ގޮތަށެވެ. ނޫސްވެރިކަމުގެ
މިނިވަން ދުވަހާ ގުޅިގެން ބޭއްވި ބައްދަލުވުންތަކަށްފަހު ނޫސްވެރިންކުރެ ބައެއް
މީހުންނާ ކުރެވުނު ސުވާލުތަކަށް އެބޭފުޅުން ދެއްވި ޖަވާބުންވެސް މިކަން ސާބިތު ވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އޮތް ހާލާތާ ގުޅޭގޮތުން ދިވެހިރާއްޖޭގެ އަޑުގެ ނިއުސް އެންޑް
ކަރަންޓް އެފެއާޒްގެ ޑިރެކްޓަރ އިބްރާހިމް މަނިކު ވިދާޅުވީ ''މިއަށްވުރެ ވަކިން
މިނިވަންކޮށް ނޫސްވެރިކަން ކުރެވޭނެ ގައުމެއް އޮތެކޭ ނުދަންނަވާނަން'' ކަމުގައެވެ. ނަމަވެސް
ހަވީރު ނޫހުގެ އެޑިޓަރ އަލީ ރަފީގް ވިދާޅުވީ ''ގާނޫނީ ގޮތުން ނޫސްވެރިކަމަށް ލިބެންވާ
ބާރު އަދި ނުލިބޭ'' ކަމަށެވެ.
2007-04-02
ކިނބިދޫ ރައްޔިތުންނާދޭތެރޭ ފުލުހުން އަމަލުކޮށްފައިވަނީ ވަރަށް އިހާނެތިގޮތަކަށް
އާދަމް ޒާހިރުގެ މައްޗަށާއި އަހުމަދު
ތަސްމީން އަލީގެ މައްޗަށް މައްސަލަ ހުށަނާޅާނެ ގޮތެއް އެއީ ނެތްގޮތެއް: ހުސްނުއްސުއޫދު
ތ.ކިނބިދޫ އަށް ފުލުހުން އަރައި ހިންގި
ލާއިންސާނީ އަދި އިންސާނިއްޔަތާ ޚިލާފް އަމަލުތައް ހިނގާދިޔަގޮތް ބެލުމަށްޓަކައި
އެމްޑީޕީން ފެކްޓް ފައިންޑިންގ މިޝަނެއް އެރަށަށް ފޮނުވިއެވެ. އެމްޑީޕީގެ
ފަރާތުން މި މިޝަންގައި ބައިވެރިވެ ވަޑައިގަތީ ހިޔަނި ކެބިނެޓްގެ ވަޒީރު ޑރ.އިބްރާހިމްދީދީ
އާއި ޚާއްސަ މަޖިލީހުގެ މެންބަރު ހުސްނުއްސުއޫދު އެވެ. މިދެބޭފުޅުން މިހާދިސާ ހިނގާދިޔަގޮތް
ބެއްލެވުމުގެ ގޮތުން ރައްޔިތުންނާ ބައްދަލުކުރައްވައި އިންޓަވިއު ކުރައްވައި ބައެއް
ފަރާތްތަކުން ބަޔާންވެސް ނެންގެވިއެވެ.
މިކަންކަމާބެހޭ މައުލޫމާތު ނޫސްވެރިންނަށް
ދެއްވުމަށް ބޭއްވި ނޫސްކޮންފަރެންސް 1 އެޕްރީލް 2007 ވީދުވަހު އެމްޑީޕީގެ
އޮފީހުގައި ބޭއްވިއެވެ. މި ނޫސް ކޮންފަރެންސްގައި ޕާޓީގެ ފަރާތުން ނައިބްރައީސް
އިބްރާހިމް ހުސައިން ޒަކީ އާއި ތ.އަތޮޅުގެ ދެމެންބަރުން ކަމަށްވާ ހަސަން އަފީފާއި
ޑރ.ހުސައިން ރަޝީދު ހަސަން އަދި ފެކްޓް ފައިންޑިން މިޝަންގައި ހިމެނިވަޑައިގެންނެވި
ޑރ.އިބްރާހިމް ދީދީ އާއި ހުސްނުއްސުއޫދު ބައިވެރިވެ ވަޑައިގަތެވެ.
2007-02-08
މުހިންމު މުއާހަދާއެއްގައި ރާއްޖޭން ސޮއިކުރުން
ވާނުވާ ނޭނގޭ ގޮތަށް މީހުން ހިފާ ހައްޔަރުކޮށް، އެ
މީހުންގެ އާއިލާތަކަށް އެއްވެސް މައުލޫމާތެއް ނުލިބޭ ގޮތަށް
ބަންދުކޮށް ބޭތިއްބުން މަނާކުރާ މުއާހަދާގައި
ރާއްޖޭން ސޮއިކޮށްފިއެވެ. 6 ފެބްރުއަރީ 2007 ދުވަހު، ފްރާންސްގެ ފޮރިން މިނިސްޓްރީ
އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި މުއާހަދާގައި
ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދެވެ.
ފްރާންސްގެ ރައީސް ޖެކްޝިރާކްގެ ހާޒިރުގައި ސޮއިކުރެއްވި
މުއާހަދާ "އިންޓަނޭޝަނަލް ކޮންވެންޝަން
ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް ފްރޮމް އެންފޯސްޑް
ޑިސަޕިއަރެންސް" ގައި ރާއްޖެއިން ބައިވެރިވެފައި ވަނީ، އިންސާނީ
ހައްގުތައް ހިމާޔަތްކުރުމަށް ކުރަމުން އަންނަ މަސައްކަތް ހަރުދަނާކޮށް
އިތުރަށް ފުރިހަމަކުރުމަށާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް
ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން
ކުރައްވަމުން ގެންދަވާ މަސައްކަތުގެ ބައެއްގެ ގޮތުން ކަމަށް ފޮރިން
މިނިސްޓްރީން ހާމަކުރިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 13ގައި އދ.ގެ މެންބަރު ގައުމުތަކުގެ
އަޣުލަބިއްޔަތުން ފާސްކޮށްފައިވާ މުއާހަދާ އަށް އަމަލުކުރަން
ފެށޭނީ 20 ގައުމަކުން މުއާހަދާ ތަސްދީގުކުރުމުން ކަމަށެވެ.
2006-12-22
އިނގިރޭސި ސަފީރު، އެމްޑީޕީ ގައުމީ މަޖިލީހުގައި
އިނގިރޭސި ވިލާތުން ރާއްޖެއަށާއި
ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޑޮމިނިކް ޗިލްކޮޓް އެމްޑީޕީގެ
ގައުމީ މަޖިލީހުގައި ތަޤުރީރު ކުރެއްވިއެވެ. 3 ޑިސެމްބަރު 2006 ވީ އާދީއްތަ ދުވަހު
ސޯޝަލް ސެންޓަރުގައެވެ. ޚާއްސަ މެހްމާނެއްގެ ގޮތުން ޗިލްކޮޓް ތަގުރީރުކުރެއްވި،
ގައުމީ މަޖިލީހުގެ 17 ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޗެއާޕާސަން މުޙައްމަދު
ނަޝީދު (އަންނި) އެވެ. މިބައްދަލުވުމުގައި ގިނަ އަދަދެއްގެ އާންމު މެންބަރުންވެސް
ބައިވެރިވިއެވެ. މިބައްދަލުކުރެއްވުމުގައި ޗިލްކޮޓް ވަނީ ރާއްޖެއަށް އިސްލާހީ
ބަދަލުތައް ގެނައުމަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ހިތްވަރުދެއްވާނެކަމަށް
ވިދާޅުވެ އެންމެން އެކުވެގެން މިމަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.
'' ޑިމޮކްރަސީ ތައާރަފްކުރުން ވެގެންދާންވާނީ ސިޔާސީ ނުވަތަ ޕާޓީތަކުގެ
ކަމަކަށްނޫން. އެކަމަކު ގައުމީ ކަމަކަށް. އިސްލާހީ އެޖެންޑާގެ ނާޖާއިޒު ފައިދާ
ނެގުމަށް ސަރުކާރުންވެސް އަދި އިދިކޮޅު ޕާޓީންވެސް މަސައްކަތް ކޮށްފިނަމަ އެކަމުގެ
ނަތީޖާއަކަށްވާނީ ހުރިހާ ކަމެއް ގޯހުން
ގޯހަށް ދިއުން'' ޗިލްކޮޓް ވިދާޅުވިއެވެ. ތިރީގައި މިބަލައިލަނީ ޗިލްކޮޓްގެ
ވާހަކަފުޅުން ފާހަގަކުރެވުނު މުހިންމު ނުކުތާ ތަކަށެވެ.
2006-11-24
އޭއް! އޯއި! ކުޑަކުދިން ސިޔާސީ ކަންކަމުން ދުރުކުރާށޯއި!
ކުޑަކުދިން ސިޔާސީ ކަންކަމުގައި
ހަރަކާތްތެރިވުމަކީ އާކަމެއް ނޫނެވެ. އަދި އެވާހަކައަކީ އާވާހަކައެއްވެސް ނޫނެވެ.
ދޭތެރެ ދޭތެރެއިން ސަރުކާރުގެ އިސްވެރިން އެކަން ހަނދާން ކޮށްދެއްވައެވެ.
ސިޔާސީ ކަންކަމުގައި ކުޑަކުދިން ބައިވެރި ނުކުރުމަށް އިލްތިމާސްވެސް ކުރައްވައެވެ.
ނަމަވެސް މިކަމަށް ހުއްޓުމެއް ނައެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މިކަމަކީ
ކޮންބަޔަކު ކުރުވާ ކަމެއް ހެއްޔެވެ؟
2006 ވަނަ އަހަރުގެ ޖުމްހޫރީ
ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސިޔާސީ
އޮއިވަރުގައި ކުޑަކުދިންގެ ސިކުނޑިތައް ޖެއްސުމަށް ބަޔަކު މަސައްކަތް
ކުރާ ވާހަކައެވެ. ވަރަށް ރަނގަޅު ވާހަކަ ފުޅެކެވެ. އެއީ ޒަމާނުއްސުރެވެސް މިގައުމުގައި
ކަންހިނގަމުން އައިސްފައިވާ ގޮތެވެ. އަޅުގަނޑަށް ނޭނގިގެން މިއުޅެނީ ރައީސް
މައުމޫން އެވިދާޅުވާ ބަޔެކެވެ. އެބަޔަކީ ކޮން ބައެއް ކަމެވެ. ރައީސް
މައުމޫންގެ ވާހަކަފުޅުގައިވެސް އެބަޔަކީ ކޮންބައެއް ކަމެއް ވިދާޅެއް ނުވެއެވެ.
ނަމަވެސް އެބައިމީހުންނަށް ޚާއްސަ ވެފައިވާ ދެސިފައެއް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެބަޔަކީ ދުރުވިސްނުމެއް ނެތް ބަޔެކެވެ. ނުވަތަ އަމިއްލަ
އެދުމުން ފުރިގެންވާ ބަޔެކެވެ.
2006-11-11
އަހަރެން - އަހަރެން - އަހަރެން
ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ
އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މި މަހުގެ 10
ވީ ހުކުރު ދުވަހު އިމާމުވެ ހުކުރު ކުރެއްވިއިރު ވަނީ ވަރަށް މުހިންމު އެހާމެ
ބޭނުންތެރި ވާހަކަތަކެއް ވިދާޅުވެފައެވެ. މައުމޫން ޢަބްދުލްޤައްޔޫމް އަޒުހަރު
ޔުނިވަރސިޓީން ކިޔަވާވިދާޅުވެގެން ވަޑައިގަތް ދުވަސްވަރުވެސް ވަނީ ދީނީ
ހޭލުންތެރިކަން ދިވެހި ރައްޔިތުން ގައި އަށަގެންނެވުމަށްޓަކައި މަސައްކަތްތަކެއް
ކުރައްވާފައެވެ. އެމަނިކުފާނުގެ ދަރުސްތަކާއި ފަތުވާތައް މުހިންމުވެ ގިނަބަޔެއްގެ
ސަމާލުކަން އެމަނިކުފާނަށް ލިބިވަޑައިގަތީ އެ ސަބަބާހުރެއެވެ.
މިފަހަކަށް އައިސް ކުރީގެ ފަތުވާތަކާއި
ދަރުސްތައް ބަދަލުކުރައްވައި ''ޒަމާނަށް ފައްތަވައިގެން'' ބޭނުން ކުރައްވާ ކަމުގެ
އިލްޒާމު ބައެއް ރައްޔިތުން އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައެވެ.
އެވާހަކަ ދައްކާކަށް ނެތީމެވެ. މިވާހަކައެވެ. ނޮވެމްބަރު 10 ވަނަ ދުވަހުގެ ހުކުރު ޚުތުބާގެ
ވާހަކައެވެ.
އެމަނިކުފާނަކީ ގަނޑުބެއްލެވުމެއްނެތި
ހުކުރު ޚުތުބާ ވިދާޅުވާ ބޭފުޅެއް
ނަމަވެސް، އެދުވަހުގެ ޚުތުބާ ވިދާޅުވީ ގަނޑު ބައްލަވައިގެންނެވެ. އެ ވާހަކަތަކަކީ
ވަރަށްވެސް މުހިންމު ވާހަކަތަކަކަށް ވެފައި އެ ޚުތުބާއަށް ލިބޭ ކުޑަވެސް
އުނިކަމަކީ ބޮޑު ގެއްލުމަކަށް ވެދާނެތީވެ ގަނޑު ބައްލަވައިގެން ވިދާޅުވީ
ކަމުގައި ގަބޫލު ކުރަމާހެވެ. މިކަންތައްތައް ހަނދާން ނައްތާލައިފާ ޚުތުބާގައި
ވިދާޅުވި ބައެއް ވާހަކަތަކަށް ސަމާލުކަމެއް ދެމާހެވެ.
2006-10-18
ސިފައިންގެ ބެލުމުގެ ދަށަށް މިޤައުމު ގެނައުމަށް މިއީ ރަނގަޅު ދަނޑިވަޅެއް: ޢަދާލަތުޕާޓީ
2006 އޮކްޓޯބަރު 16 ވީ ދުވަހު
ޢަދާލަތު ޕާޓީގެ ނޫސްކޮންފަރެންސެއް އެޕާޓީގެ އޮފީހުގައި އޮތެވެ. މި ނޫސްކޮންފަރެންސްގައި
ޕާޓީގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
ނޫސްކޮންފަރެންސް ފައްޓަވައިދެއްވުމުގެ
ގޮތުން އަދާލަތުޕާޓީގެ ތަރުޖަމާނު އައްޝައިޚް މުޙައްމަދު ޝަހީމް އަލީ ސައީދު
ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެޕާޓީން އަބަދުވެސް ދިވެހިރާއްޖޭގައި އޮންނަ
ވެރިކަމެއް ބަދަލުކުރަން މަސައްކަތްކުރާނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ
އެއްގޮތަށް އިންތިޚާބުތަކުގައި ވާދަކޮށްގެން ކަމުގައެވެ. އަދި ރާއްޖޭގައި
އުފެދިފައި އޮންނަ އެއްވެސް ވެރިކަމެއް އިންޤިލާބުކޮށްލަން
އަދާލަތުޕާޓީން މަސައްކަތް ނުކުރާނެ ކަމަށާއި ސަބަބަކީ މިގޮތަށް މަސައްކަތް
ކޮށްފިނަމަ ދިވެހިދައުލަތުގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލި
މުޖްތަމައުގެ ފޭރާމާއި ފަތިތަކުގައި ބައިބައިވުމުގެ ސިފަތައް މޫލައި ޒަމާންތަކަކަށް
އެކަންތައް ދެމިގެންގޮސް މިގައުމު ވިއްސިވިހާލިވެގެން ހިނގައިދާނެ ކަމަށްޓަކައި ކަމުގައިވެސް
ވިދާޅުވިއެވެ.
Subscribe to:
Posts (Atom)






