މިފަހަކަށް އައިސް އެންމެ ގިނައިން
އިވޭ އަޑަކީ އިސްލާހުގެ އަޑެވެ. އެންމެ ގިނައިން އިވޭ ވާހަކައަކީ ހެޔޮ ބަދަލުގެ
ވާހަކައެވެ. ކަންކަން އިސްލާހުކުރުމަށްޓަކައި މުރާޖަޢާ ކުރުމާއި މަޝްވަރާކުރުމުގެ
ފޯވަހި މިއޮތީ އައިސްފައެވެ. މިފޯވަހީގައި އިސްލާހީ މަޝްވަރާ ތަކާއި ބައްދަލުވުންތައް
ދަނީ ބޭއްވެމުންނެވެ. ކަންކަމާމެދު ޚިޔާލުފާޅުކޮށް ފާޑުކިޔުމުގެ ދޮރުތައް ދަނީ ހުޅުވެމުންނެވެ.
އިސްލާހީ ބަދަލުތަކަށް އެދުންވާ މީހުންގެ އުންމީދުތައް ދަނީ ހާސިލްވަމުންނެވެ. މިހެންގޮސް
ހުރިހާ ކަމަކަށްވެސް އިސްލާހު އަތުވެދާނެއެވެ. މުޅި ގައުމު އިސްލާހު ކުރެވިވެސް ދާނެއެވެ.
ސިޔާސީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުތައް ގެނެވިދާނެއެވެ. ރައީސް
މައުމޫންގެ އިސްލާހީ އެޖެންޑާ އާއި އެއްގޮތަށް ގައުމުގެ ސިޔާސަތު ބައްޓަން ކުރެވި އެސިސްޓަމް
ގާއިމް ކުރެވިވެސް ދާނެއެވެ.
އެކަމަކު އެފަދަ އެޖެންޑާއަކުން،
ނުވަތަ އިސްލާހީ ބަދަލަކުންވެސް ބަދަލު ނުވާނެ ކަމަކީ ތިމާގެ އަމިއްލަ ނަފުސު ގެ
ބަދަލުވުމެވެ. ކޮންމެ ބަދަލެއްވެސް ގެނެވެނީ ރައްޔިތުންނަށް ޓަކައެވެ. އެތަނެއްގައި
ދިރިއުޅެމުންދާ ބަޔަކަށްޓަކައެވެ. އެއީ ގާނޫނާއި ގަވާއިދެއްނަމަ އެއަށް
އަމަލުކުރަން ތިބޭނީ އެތަނެއްގައި އުޅޭ ބައެކެވެ. އެއީ އެތަނަކަށް
އިގްތިޞާދީގޮތުން އަންނަ ފުދުންތެރިކަމެއްނަމަ އެފުދުންތެރިކަމުގެ ފައިދާއެއް
ލިބޭނީވެސް ހަމަ އެރައްޔިތުންނަށެވެ.