މިފަހަކަށް އައިސް ތަފާތު ރަށްރަށުގެ
ރައްޔިތުން ރަށަށް ވަންނަން އޮންނަ ނެރު ބައްދާ ވާހަކަ އަޑުއިވެއެވެ. ނަމަވެސް
ސަރުކާރުން ރަށެއްގެ ނެރު (ކަނޑިންމަ) ބެއްދި އަޑު އެހި އަދި އެފަދަ މަންޒަރެއް
ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
އައްޑޫ އަށް ދިޔަ އެމްޑީޕީގެ ވަފްދު 30 ސެޕްޓެމްބަރ
2006 ވީ ދުވަހުގެރޭ މާލޭ އެއް ނަންބަރު ޖެޓީއާވީ ސަރަހައްދަށް ވަނަނުދީ ކަނޑިންމައިގެ
ހުރަހަށް ކޯސްގާޑް ލޯންޗެއް ބާއްވައި ހުރަސް އަޅައިފިއެވެ. މިހެން ހެދުމުން އެމްޑީޕީގެ
މަންދޫބުން ތިބި ލޯންޗްވެސް ކަނޑުމަތީގައި ގަޑިއެއްހާއިރު މަޑުކޮށްގެން ތިއްބެވެ.
އައްޑޫއިން ދަތުރުކޮށްފައި އައި
އެމްޑީޕީގެ މި ވަފްދަށް މަރުޙަބާ ދެންނެވުމަށް އެތަށް ސަތޭކަ ދިވެހިރައްޔިތުންނެއް
އެއްނަންބަރު ޖެޓީއާވީ ސަރަހައްދަށް ޖަމާވެފައި ވަނިކޮށް ސަރުކާރުން ހިންގި
މިޢަމަލުގެ ސަބަބުން ވަރަށް ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރިއެވެ. އެތާނގައިހުރި
ހަރުކުލައިގެ މީހަކު، ނެރުމަތީގައި އޮތް ކޯސްޓްގާޑާދިމާއަށް އަތްދިއްކޮށްފައި ބުނީ
"ސަރުކާރުން ވައުދުވެފައި ހުންނަ ކަންތައްތައް ނުކޮށްދޭތީ ރަށެއްގެ
ރައްޔިތުން ވެގެން ނެރުބައްދައިފިއްޔާ އެވޭ ހިސާރުކުރުމަށް، ނޫނީ
ޣައިރުގާނޫނީ ޢަމަލެއް ހިންގިކަމަށް، މިޖެހެނީ ވަކި ކޮންތާކު''
މިފަދައިންނެވެ. އެތަނުގައި އެތަނުގައި ތިބި ގިނަ މީހުން ބުނިގޮތުގައި މިކަމުން މި ދޭހަކޮށްދެނީ
ސަރުކާރަށް ގޮތް ހުސްވެފައިވާ ކަމުގެ ނިޝާނެކެވެ. ''މިހާރުދެން ހެދޭ ނުހެދޭ، ކުރެވޭ
ނުކުރެވޭ ވެސް ނޭނގެނީ، މިވެސް ދެން ކަމެއްނު'' ލާނަތް ހިނިގަނޑަކާއެކު މީހަކު ކޮށްލީ
މަލާމާތެވެ.