މިނިސްޓްރީ
އޮފް ލީގަލް، ރިފޯމް އިންފޮމޭޝަން އެންޑް އާޓްގެ ފަރާތުން ޝާއިޢުކޮށް އާންމުކުރި
"ފެހި ކަރުދާސް" ކޮންޓެންޓް ތައްޔާރުކުރުމުގެ މަސައްކަތްކުރީ
އަޅުގަނޑެވެ. އެ މަސައްކަތް ބިނާވެފައިއޮތީ އަލަށް އެކުލަވާލަމުންދިޔަ ބިލްތައް
ތަންފީޒުކުރުމާއެކު، އަންނާނޭ ބަދަލުތައް އާންމުންނަށް އަންގައިދިނުމުގެ
މައްޗަށެވެ. އެބިލަކުން ރައްޔިތުންނަށް ކުރާނެ ފައިދާއާއި ކަން ހިނގަމުންދާ ގޮތަށް
އަންނާނޭ ތަފާތު އަންގައި ދިނުމުގެ މައްޗަށެވެ.
2008-09-21
2008-08-12
ފެހި ގާނޫނުއަސާސީގެ ފަހިކަން ރައްޔިތުންނަށް ހޯދައިދެވޭނެބާ؟
މި އޯގަސްޓް މަހުގެ 7 ވަނަ ދުވަހަކީ
ތާރީޚީގޮތުން ފާހަގަކުރެވޭނެ ވަރަށް މުހިންމު ދުވަހެކެވެ. ދިވެހި
ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް މުޅިން އަލަށް ގެނެވުނު ގިނަ ބަދަލުތަކަކާއެކު، ޤާނޫނުއަސާސީ
ތަސްދީގު ކުރެވުނު ދުވަހެވެ. އެއްބަޔަކުގެ ވާހަކައިން މިއީ އިސްލާހުކުރެވުނު ގާނޫނުއަސާސީ
އެވެ. އަނެއްބައެއްގެ ވާހަކައިން މިއީ އާ ގާނޫނުއަސާސީ އެވެ.
ޤާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ
ދަރުބާރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެ
ދަރުބާރަށް ވަޑައިގެން ތިއްބެވި ބޭފުޅުން ވަޑައިގެން އެތިއްބެވީ، ޒަމާނީ
ޑިމޮކްރަސީއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ އާ ޤާނޫނު އަސާސީ ބަލައިގަތުމަށްޓަކާ ކަމުގައެވެ.
އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް، ދުނިޔޭގެ ޒަމާނީ ހަމަތަކުގެ ތެރެއިން،
ބައްޓަންކުރެވިފައިވާ، ދައުލަތް ހިންގުމުގެ މުޅިން އާ ނިޒާމެއް
އުފަންކުރުމަށްޓަކާ ކަމުގައެވެ. ދިވެހިރާއްޖެ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ
މުޅިން އާ ދައުރަކަށް ފަށާފެށުމަށް އިސްތިޤްބާލު ކުރުމަށްޓަކާ ކަމުގައެވެ.
2008-08-08
މާފުށީޖަލު އޭރުވެސް މިހާރުވެސް އިސްލާހުކުރަންޖެހިފައި
ދާދިފަހުން މާފުށީ ޖަލަށް ޒިޔާރަތް
ކުރުމުގެ ފުރުސަތު ބައެއް ނޫސް ތަކަށް ދީގެން އެނޫސްތަކުގެ ނޫސްވެރިން ޖަލަށް ޒިޔާރަތް
ކޮށްފިއެވެ. އެދުވަހު އަޅުގަނޑުގެ ރަހުމަތްތެރިއަކާ ދިމާވެގެން އޭނާ އަޅުގަނޑަށް
އެހީ ''ކޮބާ ޖަލަށް ދާކަށް ޗާންސެއް ނުލިބޭތަ؟'' އެވެ. ރަހުމަތްތެރިޔާގެ ސުވާލުގެ
ޖަވާބު
އަޅުގަނޑު ދިނީ ''އަހަރުމެން ޖަލަށް ގެންދާނީ ހައްޔަރު ކޮށްގެންނޭ'' ބުނެއެވެ.
ނޫސްވެރިކަމުގައި މިހާތަނަށް
އަޅުގަނޑަށް ލިބުނު އެންމެބޮޑު ތަޖުރިބާއަކީ ލިޔުނު ލިޔުމަކާ ގުޅިގެން ފުލުސް
އޮފީހުގެ ކުޑަގޮޅީގައާއި މާފުށީ ޖަލުގައި ހައްޔަރުގައި ހުންނަން ޖެހުމެވެ.
އެތާނގައި ކުށްވެރިން ދުވަސްތައް ހޭދަކުރަމުންދާ ހިތްދަތި ގޮތުގެ ތަޖުރިބާ
ކުރަން ޖެހުމެވެ.
2008-07-11
ރައީސް މައުމޫންގެ ކެބިނެޓުން ޑޮކްޓަރުން ހުސްވުން
ފުރަތަމަ ޕީއެޗްޑީ ހައްދަވައިގެން
ޑޮކްޓަރ ކަމުގެ ލަގަބާއެކު، ރާއްޖެ ވަޑައިގެންނެވި ބޭފުޅާއަށް ރައީސް
މައުމޫންގެ ކެބިނެޓުން ޖާގަ ލިބިވަޑައި ނުގަތްނަމަވެސް، އޭގެ ފަހުން ވަޑައިގެންނެވި ބައެއް
ބޭފުޅުންނަށް ވަނީ ޖާގަ ލިބިވަޑައިގެންފައެވެ. ތިރީސް އަހަރު މައުމޫން ވެރިކަން ކުރައްވާއިރު
ކެބިނެޓާ ގުޅިވަޑައިގަންނަވާ ޕީއެޗްޑީ ހޯލްޑަރުންނަށް މަގާމުގައި މާގިނަދުވަހު ދެމިތިއްބެވޭ
ގޮތެއް ނުވެއެވެ.
2008-06-27
ސަރުކާރާއި ވެރިންގެ މުސާރަތައް ބޮޑުވާއިރު، ޕްރައިވެޓް ސެކްޓަރގެ މުސާރަތައް އެއްވަރެއްގައި ހިފެހެއްޓިފައި
މިހާރު އިވޭ އެންމެ އާންމުއަޑަކީ
ތަކެތީގެ އަގުއުފުލޭ އަޑެވެ. ޚިދުމަތުގެ އަގު އުފުލޭ އަޑާއި ކާބޯތަކެތީގެ އަގު އުފުލޭ
އަޑެވެ. އާންމު ދިރިއުޅުމަށްޓަކައި، އާންމުން ކުރަންޖެހިފައިވާ ހޭދަ މިއަދު
މިވަނީ ބޮޑު ވެފައެވެ. ނުތަނަވަސްކަން މިވަނީ އިތުރުވެފައެވެ. މިހެންކަމާއެކު، އެންމެންގެވެސް
ކަންބޮޑުވުމަކަށް ވެފައިވަނީ ލިބޭ ފައިސާ އިތުރުކުރާނެގޮތަކާ މެދުއެވެ.
ޚިދުމަތް ދެއްވާފަރާތްތަކުން
ޚިދުމަތުގެ އަގުބޮޑުކުރެއެވެ. ވިޔަފާރި ކުރައްވާ ފަރާތްތަކުން އެމީހުން
ވިއްކާތަކެތީގެ އަގުބޮޑުކުރެއެވެ. މުސާރަ ބޮޑުކުރެވޭ ހިސާބުގައި ތިއްބެވި
ބޭފުޅުން، އެބޭފުޅުންގެ މުސާރަ އަމިއްލަފުޅަށް ބޮޑުކުރައްވައެވެ.
ގޮތެއް ނެތީ މެދު ފަންތިއާއި ދަށު ފަންތީގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށެވެ.
ސަރުކާރު މުވައްޒަފުންނަށްވުރެވެސް ބޮޑަށް ޕްރައިވެޓް ސެކްޓަރގައި ވަޒީފާ
އަދާކުރާ ފަރާތްތަކަށެވެ.
2008-06-20
ޑިމޮކްރަސީއަކީ މިއީ ނޫންތޯ
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި
ވާދަކުރެއްވުމަށްޓަކައި ޑިމޮކްރެޓިކް ޕާޓީގެ ދެކެންޑިޑޭޓުން ކުރެއްވި މަސައްކަތް ނިމުމަކަށް
އައިއްސިއެވެ. ހުރިހާ ސްޓޭޓެއްގައި ޕާޓީގެ ރިއާސީ ޕްރައިމަރީ ބާއްވައިފިއެވެ. ޕާޓީގެ ރިއާސީ
ޓިކެޓް ކާމިޔާބު ކުރުމަށް އެންމެ މަދުވެގެން ބޭނުންވާ 2118 ޑެލިގޭޓުން ބަރަކް އޮބާމާ
ހޯއްދަވައިފިއެވެ. ޑިމޮކްރޭޓުންގެ ރިޔާސީ ކެނޑިޑޭޓަކީ ޚުދު އޭނާ ކަމުގައި
އޮބާމާ އިއުލާން ކުރައްވައިފިއެވެ. ހިލަރީ ކްލިންޓަން ބަލި ގަބޫލުކުރައްވައިފިއެވެ. އޮބާމާއަށް
ވެރިކަން ހޯދައިދިނުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ހިލަރީ
އިއުލާންކުރައްވައިފިއެވެ. ޑިމޮކްރެސީ އަކީ މިއީ ނޫންތޯއެވެ؟
2008-06-15
މިފަހަރަކީ އަހަރެމެންގެ ފަހަރުކަން ޔަގީންކޮށްދީފި
ސްރީލަންކާގެ ކޮލަންބޯގައާއި
ދިވެހިރާއްޖޭގެ މާލޭގައި ސާފް ޗެމްޕިއަންޝިޕް 2008 ފުޓްބޯޅަ މުބާރާތް ބޭއްވުމުގެ
ތައްޔާރީތައް ވަމުންދިޔައިރުވެސް ދިވެހިން ބުނަމުންދިޔައީ ''މިފަހަރަކީ އަހަރުމެންގެ
ފަހަރު'' ކަމުގައެވެ. މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ގައުމީ ޓީމްގެ
ބައެއް ކުޅުންތެރިންނާއި މެނޭޖްމަންޓާމެދު ހިތްހަމަނުޖެހުންތަކެއް އުޅޭ ވާހަކަ
މީޑިއާގައި އާންމުވިއެވެ. މިއަޑުތަކުން ފުޓްބޯޅައަށް ތާއީދުކުރާ އެތައްބަޔަކު
މާޔޫސްވިއެވެ. މިފަހަރަކީ އަހަރުމެންގެ ފަހަރަށް ނުވެދާނެތީ އެތައްބަޔަކު ކަންބޮޑު
ވިއެވެ.
ޖޫން 3 ގައި މުބާރާތް މާލޭގައި
ފެށިގެން، ކުޅުނު ދެވަނަ މެޗްގައި ދިވެހި ގައުމީޓީމް ޕާކިސްތާނާ ބައްދަލުކޮށް
މޮޅުކުޅުމެއް ދެއްކިއެވެ. 0-3 ކުން ކާމިޔާބު ހޯދިއެވެ. ގަލޮޅު ދަނޑުގެ
ހަތަރު ބިތުގައި ފޯރިނަގަމުންދިޔަ ދިވެހި ސަޕޯޓަރުންނަށް އުފަލާއި ފޯރި ގެނެސްދިނެވެ.
ތަފާތު ތަންތަނުގައި ތިބެގެން ތަފާތު ގޮތްގޮތުން މެޗްގެ ސްކޯރ އެނގުނު ކޮންމެ
ދިވެއްސަކަށްވެސް ހިތްހަމަޖެހުން ގެނެސްދިނެވެ.
2008-03-07
ކުރައްވާ މަސައްކަތެއް، އެމަސައްކަތުގެ ނަތީޖާއެއް ފެންނާކަށް ނެތެވެ.
ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރިޔާސީ ބަޔާނަކީ ވަރަށް މުހިންމު ބަޔާނެއްގެ ގޮތުގައި
ފާހަގަކުރެވުނު ނަމަވެސް، ތަފާތު އަހަރުތަކު މަތިން އެދެއްވާ ބަޔާންތަކުގައި
އާންމުގޮތެއްގައި ހުންނަނީ އެއް ވާހަކަތަކެކެވެ. ހަރުދަނާ ކުރާ ވާހަކައާއި ފިޔަވަޅު
އަޅާނެ ވާހަކައާއި މަސައްކަތް ކުރާ ވާހަކައެވެ. ވާހަކަ ކިތަންމެ އޮމާންވެފައި
ފުރިހަމަޔަސް ކުރެވޭ ހަރުދަނާއެއްވެސް އެޅޭ ފިޔަވަޅެއްވެސް، ކުރެވޭ
މަސައްކަތެއްވެސް ފެންނާކަށް ނެތެވެ. ފެންނަން އޮތީ ދެކެވުނު ވާހަކައެވެ.
ހެއްދެވި އިތުރުފުޅުތަކެވެ.
ފާއިތުވި ފެބްރުއަރީ މަހުގެ 28 ވަނަ
ދުވަހު، އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ ކުރީގެ އަހަރުތަކުގައި އިއްވެވި
ރިޔާސީ ބަޔާންތަކުގައިވެސްވާ ވާހަކަތަކެވެ. އެވާހަކަތައް ތަކުރާރު ކުރެއްވިއިރު،
އެކަންތައްތައް ދުވަހެއް ދުވަހަކަށް އަންނަނީ ގޯސްވަމުންނެވެ. އެހެންވުމާއެކު،
ކަނޑައެޅި އެނގެންއޮތް ހަގީގަތަކީ ރިޔާސީ ބަޔާނުގައި އިއްވަވާ ވާހަކަތަކުން އެދެވޭ
ނަތީޖާއެއް ނުނުކުންނަ ކަމެވެ. ރައްޔިތުން އެކަމުން މަންފާއެއް ނުކުރާ ކަމެވެ.
2008-01-04
އެމްޑީޕީ އާއި ކޮންޒަވޭޓިވް ޕާޓީގެ ގުޅުމާމެދު ދިވެހި ސަރުކާރު މޭކެރުން
ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން
ކޮމިޝަނަރ އޮފް އިލެކްޝަންއަށް މީގެ އަހަރެއްހާ ދުވަސް ކުރިން ފޮނުވާފައިވާ
ސިޓީއެއް ވަނީ ދާދިފަހަކުން ލީކު ވެފައެވެ. މި ސިޓީގައި ޕޮލިސް ކޮމިޝަނަރ
އާދަމް ޒާހިރު، ސަމާލުކަމަށް ގެންނަވާފައިވަނީ އެމްޑީޕީ އާއި އިނގިރޭސިވިލާތުގެ ކޮންޒަވޭޓިވް
ޕާޓީއާ ގުޅިގެން ރަސްމީ ގޮތުން މަސައްކަތްތަކެއް ފެށި ވާހަކައެވެ. މިވާހަކަ ތަކުގެ
އަސްލަކަށް ބައްލަވާފައިވަނީ އެމްޑީޕީގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެކެވެ. އެމްޑީޕީން
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުނު ނޫސްބަޔާނަކާ ގުޅިގެން، މިދިޔަ އަހަރުގެ
ފެބްރުއަރީ 18 ގައި އާދަމް ޒާހިރު ސޮއިކުރައްވައި ފޮނުއްވި މި ސިޓީގައި
ވިދާޅުވެފައި ވަނީ "އެމްޑީޕީން ހިންގުމަށް ރާވަމުންދާ އަމަލަކީ ބޭރު
ބައެއްގެ އަތްމައްޗަށް މި ލޮބުވެތި އަމާން ދިވެހިރާއްޖޭގެ މުސްތަގިއްލުކަން ހިނގައިދާނެފަދަ
އަމަލެއް ކަމަށް މި ސާވިސް އިން ދެކެމެވެ." މިފަދައިންނެވެ.
2007-12-28
ދެޕާޓީ އެއްމޭޒު ދޮށުގައި: މަންޒަރު ރީތި ނަމަވެސް ނަތީޖާ ސުމެއް
ސިޔާސީ ޕާޓީ ހިންގަން ފުރުސަތު
ލިބުމާއެކު ފުރަތަމަ ރަޖިސްޓްރީ ކުރި ދެ ޕާޓީ، އެމްޑީޕީއާއި ޑީއާރުޕީގެ މެދުގައި
ބޮޑު ވާދަވެރިކަމެއް އުފެދުނެވެ. ސަރުކާރުގެ ހިންގެވުމުގައި އިސްކޮށްތިއްބެވި
ބޭފުޅުން ނިސްބަތްވާ ޕާޓީ އަކީ ސަރުކާރު ހިންގާ ޕާޓީއަށް ވިއެވެ. ސަރުކާރުގެ
ސިޔާސަތުތަކަށް ފާޑުކިޔައި ސަރުކާރާ ދެކޮޅަށް ހަރަކާތްތައް ހިންގާ އެމްޑީޕީ އަކީ
އިދިކޮޅު ޕާޓީގެ ގޮތުގައި ނިސްބަތްކުރެވުނެވެ. ދެޕާޓީގެ ދެމެދުގައި ދެވެމުންދިޔަ
ބަހުގެ ހަމަލާތަކާއި ކުރެވެމުންދިޔަ ކަންތައްތަކުގެ ހިޔަނި ގާނޫނުއަސާސީ
އިސްލާހުކުރުމުގެ މަސައްކަތަށް އޮތީ އެޅިފައެވެ.
ޤާނޫނުއަސާސީގެ މަސައްކަތް
ލަސްކުރަނީ ޑީއާރުޕީން ކަމަށް އިދިކޮޅުފަރާތްތަކުން ބުނަމުންދިޔައެވެ. ސަބަބަކީ،
ރައްޔިތުންގެ މަޖިލީހާއި ޚާއްސަ މަޖިލީހުގެ އަގުލަބިއްޔަތު ޑީއާރުޕީއަށް އޮތުމެވެ.
އެހެނަސް ސާރުކާރާއި ޑީއާރުޕީން ބުނަމުންދިޔައީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ
މަސައްކަތަށް ހުރަސްއަޅައި އެމަސައްކަތް ލަސްކުރަމުންދަނީ އިދިކޮޅު ފަރާތްތަކުން
ކަމަށެވެ. ޚާއްސަކޮށް އެމްޑީޕީން ކަމަށެވެ.
2007-11-02
ދިވެހި ސިވިލްސާވިސް ކޮމިޝަން
ދިވެހި ސިވިލްސާވިސް ކޮމިޝަންގެ
ބިލް، 27 އޮކްޓޯބަރު 2005 ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ
ޖަލްސާއަށް ހުށަހެޅިއެވެ. ބ.އަތޮޅު މެންބަރު އަޙްމަދު ތަސްމީން ޢަލީ އާއި ސ.އަތޮޅު
މެންބަރު އިބްރާޙީމް ޝަރީފްގެ ތާއީދާއެކު މިބިލް ހުށަހެޅުއްވީ މ.އަތޮޅު މެންބަރު
އަޙްމަދު ނާޒިމެވެ.
މި ބިލް ފާސްކުރެއްވީ، ބިލް
ހުށަހެޅުއްވިތާ 524 ދުވަސްފަހުން، 4 އެޕްރީލް 2007 ވީ ބުދަ ދުވަހުއެވެ.
އެދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާއަށް
ހާޒިރުވެވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ.
2007-10-30
ރިފޯމާ ބީރައްޓެހި ރިފޯމް މިނިސްޓަރާއި ރިފޯމް ކޮމިޝަނަރު
ރައީސް މައުމޫންގެ ވެރިކަން ދިގުލައި،
ރައްޔިތުންގެ ގިނަބަޔަކު އެވެރިކަމުގެ މަތިން ފޫހިވެ، މައުމޫން އިސްތިއުފާއަށް ގޮވަން
ފެށުމާއެކު ހެއްދެވިގޮތަކީ ތައުލީމީ ޒުވާން ބޭފުޅުންކޮޅެއް ކެބިނެޓަށް ގެންނެވުމެވެ.
އިސްލާހީ އެޖެންޑާއާއި މަގުޗާޓުގެ ނަން ގިނައިން ވިދާޅުވާން ފެއްޓެވުމެވެ. ހަމައެޔާއެކު
ޒުވާން ކެބިނެޓް ވަޒީރުން މައުމޫން ދިފާއުކުރެއްވުމަށްޓަކައި ކުރިއަށް ނެރުއްވުމެވެ.
މައުމޫންގެ ސިފަ ރީތިކުރައްވައި އޭނާގެ
ގާބިލްކަމާއި މޮޅުކަމާއި އިޚްލާސްތެރިކަމުގެ ވާހަކަދެއްކެވުމުގައި
އިސްރޯލެއް އަދާކުރެއްވި ބައެއް ވަޒީރުން ''މިއީ ވާވަރުކަމެއް ނޫނޭ ހީވުމުން''
މައުމޫން ދޫކުރައްވައި ހިނގައްޖެއެވެ. އެޔާއެކު ގެނެވުނު ބަދަލުތަކުގައި ރިފޯމް މިނިސްޓަރާއި
ރިފޯމް ކޮމިޝަނަރު ކަނޑައެޅުއްވިއެވެ. ރިފޯމް މިނިސްޓަރުގެ ގޮތުގައި ހަމަޖެއްސެވީ
މިނިސްޓަރ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުގައި ހުންނެވި އަލްއުސްތާޛު
މުހައްމަދު ނަޝީދު އެވެ. ރިފޯމް ކޮމިޝަނަރަކަށް ހަމަޖެއްސެވީ އެޓާނީޖެނެރަލް އޮފީހުގައި
މަސައްކަތް ކުރައްވަމުންގެންދެވި މުހައްމަދު އަނިލް އެވެ.
2007-10-04
ނަފްސު އިސްލާހުކުރުމުގެ އެޖެންޑާ
މިފަހަކަށް އައިސް އެންމެ ގިނައިން
އިވޭ އަޑަކީ އިސްލާހުގެ އަޑެވެ. އެންމެ ގިނައިން އިވޭ ވާހަކައަކީ ހެޔޮ ބަދަލުގެ
ވާހަކައެވެ. ކަންކަން އިސްލާހުކުރުމަށްޓަކައި މުރާޖަޢާ ކުރުމާއި މަޝްވަރާކުރުމުގެ
ފޯވަހި މިއޮތީ އައިސްފައެވެ. މިފޯވަހީގައި އިސްލާހީ މަޝްވަރާ ތަކާއި ބައްދަލުވުންތައް
ދަނީ ބޭއްވެމުންނެވެ. ކަންކަމާމެދު ޚިޔާލުފާޅުކޮށް ފާޑުކިޔުމުގެ ދޮރުތައް ދަނީ ހުޅުވެމުންނެވެ.
އިސްލާހީ ބަދަލުތަކަށް އެދުންވާ މީހުންގެ އުންމީދުތައް ދަނީ ހާސިލްވަމުންނެވެ. މިހެންގޮސް
ހުރިހާ ކަމަކަށްވެސް އިސްލާހު އަތުވެދާނެއެވެ. މުޅި ގައުމު އިސްލާހު ކުރެވިވެސް ދާނެއެވެ.
ސިޔާސީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުތައް ގެނެވިދާނެއެވެ. ރައީސް
މައުމޫންގެ އިސްލާހީ އެޖެންޑާ އާއި އެއްގޮތަށް ގައުމުގެ ސިޔާސަތު ބައްޓަން ކުރެވި އެސިސްޓަމް
ގާއިމް ކުރެވިވެސް ދާނެއެވެ.
އެކަމަކު އެފަދަ އެޖެންޑާއަކުން،
ނުވަތަ އިސްލާހީ ބަދަލަކުންވެސް ބަދަލު ނުވާނެ ކަމަކީ ތިމާގެ އަމިއްލަ ނަފުސު ގެ
ބަދަލުވުމެވެ. ކޮންމެ ބަދަލެއްވެސް ގެނެވެނީ ރައްޔިތުންނަށް ޓަކައެވެ. އެތަނެއްގައި
ދިރިއުޅެމުންދާ ބަޔަކަށްޓަކައެވެ. އެއީ ގާނޫނާއި ގަވާއިދެއްނަމަ އެއަށް
އަމަލުކުރަން ތިބޭނީ އެތަނެއްގައި އުޅޭ ބައެކެވެ. އެއީ އެތަނަކަށް
އިގްތިޞާދީގޮތުން އަންނަ ފުދުންތެރިކަމެއްނަމަ އެފުދުންތެރިކަމުގެ ފައިދާއެއް
ލިބޭނީވެސް ހަމަ އެރައްޔިތުންނަށެވެ.
2007-08-09
ދެ ވަޒީރުންގެ ކުއްލި އިސްތިއުފާ
އެޓާނީ ޖެނެރަލް ޑރ.ހަސަން ސައީދާއި ޖަސްޓިސް މިނިސްޓަރު
މުޙައްމަދު ޖަމީލް އަޙުމަދު، ކުއްލިގޮތަކަށް
ސަރުކާރުން އިސްތިއުފާ ދެއްވީ 5 އޮގަސްޓް 2007 ވީ އާދީއްތަދުވަހުއެވެ.
އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމަށްފަހު، އެދުވަހުގެ މެންދުރުފަހު ދެބޭފުޅުން
އެކުގައި ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ.
ދަރުބާރުގޭގައި، ގިނަ އަދަދެއްގެ އާންމުންނާއެކު އޮތް މި
ނޫސްކޮންފަރެންސްގައި އެދެބޭފުޅުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން
ވާހަކަދެއްކެވިއެވެ. "އަޅުގަނޑުމެން މިއަދު މި އިސްތިއުފާ މިދިނީ ކޮންމެހެން މިއަދު،
އިއްޔެގެ ނުވަތަ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ކުރީގައި ހިނގާދިޔަ ކަމަކާ ގުޅިގެނެއް
ނޫން. އަޅުގަނޑުމެން އިސްތިއުފާ ދިނީ ތަފާތު އެކި ސަބަބުތަކާ ހުރެ، ހައްލުކުރަން ވަރަށް
ގިނަ މަސައްކަތްތަކެއް ކުރުމަށްފަހު، އެއަށް އެކަށީގެންވާ ހައްލު ނުގެނެވުމުން،"
ޑރ.ހަސަން ވިދާޅުވިއެވެ.
2007-08-05
ހަވީރު ބަހުސް – ތާރީޚީ ބަހުސެއް
ވެރިކަމުގެ ނިޒާމާމެދު ގޮތެއް
ނިންމުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ
އެކަށީގެންވަނީ ރިޔާސީ ނިޒާމުތޯ ނޫނީ ބަރުލަމާނީ ނިޒާމްތޯ ކަނޑައެޅުން އޮތީ
ރައްޔިތުން ދޭ ވޯޓަކުންނެވެ. އެހެންކަމާއެކު، މައި ދެޕާޓީންވެސް ގެންދިޔައީ
އެބަޔަކަށް ކަމުދާ ނިޒާމަކަށް ތާއީދު ހޯދުމަށް ގިނަ މަސައްކަތްތަކެއް
ކުރަމުންނެވެ. ޑީއާރުޕީން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ. އެމްޑީޕީން ތާއީދުކުރީ
ބަރުލަމާނީ ނިޒާމަށެވެ.
ކެމްޕޭން ފޯރި ވަރަށް ގަދަވެފައި
ވަނިކޮށް ހަވީރު ނޫހުން ބަހުސެއް އިންތިޒާމްކުރިއެވެ. ރިޔާސީ ނިޒާމާއި ބަރުލަމާނީ
ނިޒާމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށެވެ. ދެނިޒާމުގެ ތެރެއިން
ރައްޔިތުންނަށް އެންމެ ފައިދާހުރީ ކޮން ނިޒާމެއްކަން ސާފުކޮށްދިނުމަށް ބޭއްވި މި ބަހުސް
އޮތީ 4 އޮގަސްޓް 2007 ވީ ހޮނިހިރު ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި
މާލަމްގައެވެ.
Subscribe to:
Posts (Atom)
